(25 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަޖްނީ ދުވާލު ހަތަރުދަމު އެގޮތަށް ސަލާން ޖަހަން އުޅެފައި ރޭގަނޑު އަންނަނީ އެމީހުން އުޅެމުން އައި ޖިފުޓިއަށެވެ. ކުޑަކޮއްކޮ ގޮވައިގެން އެތާނގައި ނިދާށެވެ. މިހާރު އޭނާގެ ދިރިއުޅުމުގައި އޮތް ހުރިހާވެސް ބާރަކީ އެޖިފުޓިއެވެ. ރޭގަނޑުގެ ފިނިވަޔާއި ޠޫފާނުގެ ބޯވާރެއިން، އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ ހަމައެކަނި އެ ޖިފުޓިއެވެ. ރޭގަނޑު އޭނާ ރޯ ރުއިންތަކާއި ގިސްލުންތައް އެޖިފުޓި އަޑުއަހައެވެ. އަދި ހިމޭންކަމުގެ
"ދުލުން" އޭނާގެ ހިތް ހަމަޖައްސައިދެއެވެ. ބައެއް ބައެއްފަހަރު އެ ޖިފުޓީގައި އޮންނައިރު، އޭނާގެ ބައްޕަމެންގެ ދުނިޔޭގައި ތިބިއިރު ބުނެފައިހުންނަ ބައެއް ވާހަކަތައް އޭނާގެ ހިތް އޭނާއަށް އިއްވާދެއެވެ.
"އަހަރެންގެ ދަރިފުޅު ނުރޮއި، އެއްދުވަހަކު ދަރިފުޅު، ބޮޑު ކުއްޖަކަށްވާނެ... ދަރިފުޅުގެ ކޮއްކޮވެސް ބޮޑު މީހަކަށްވާނެ..އޭރުން ދެން ދަރިފުޅުގެ ހުރިހާ ހިތާމައެއް ފިލައިގެން ހިނގައިދާނެ. ދަރިފުޅުގެ ދިރިއުޅުމަށް އުފާތަކުގެ ވާރޭވެހެނޭ. ކޮންމެވެސް މީހަކު އައިސް ދަރިފުޅަކީ އޭނާގެ އަލަތު އަނބިކަމުގައި ހަދައިގެން ގެންގޮސްފާނެ. އަދި ކޮއްކޮ ގޮވައިގެން، އޭނާގެ ޖިފުޓި ކައިރިއަށް އައިއިރު އޭނާއަށް ފެނުނީ އޭނާގެ ދިރިއުޅުމުގެ އެންމެފަހު ބާރުވެސް އޭނާއާ ވަކިވެފައި ވަނިކޮށެވެ. ވާރޭ ވެހިގެން ފެންބޮޑުވެގެން އުފެދުނު އޮއިވަރުގައި އޭނާ ޖިފުޓިވެސް ހަލާކުވެގެން ގޮސްފައިވާ ތަނެވެ. އެ ޖިފުޓި ހުރިތާނގައިވަނީ އުނަގަނޑާ ހަމައަށް ފެންހެދިފައެވެ. އޭނާގެ ޖިފުޓި ހަލާކުވެފައި ވަނިކޮށް ފެނުމުން ރަޖްނީއަށް ކުރީ ވަރަށް ފުން އަސަރެކެވެ. އޭނާގެ ޙާލު ހިތަށް އަރާފައި އަޑުން އަޑުނަގާ ރޯންފެށުނެވެ. މިހާރު ދެން ދާނީ ކޮންތާކަށްބާވައޭ ހިތަށް އެރިއެވެ. ރޭގަނޑު އަނދިރިކަން ވޭތުކުރާނީ ކާކުގެ ހިޔާވައްސެއްގެ ދަށުގައި ބާވައޭ ހީކޮށްލެވުނެވެ. އޭނާގެ ވިސްނުމަށް މިއިން އެއްވެސް ސުވާލެއްގެ ޖަވާބެއް ނުގެނުވުނެވެ. އެވަގުތ އޭނާގެ ހިތަށް އެޖިފުޓި ގެނެވުނީ އޭނާގެ ބައްޕަކަމުގައެވެ. އޭނާގެ ބައްޕަ މަރުވުމަށްފަހު އޭނާ ބަލަމުން ގެނައި މީހާގެ ގޮތުގައެވެ. މިހާރު އޭނާވެސް ވަކިވީއެވެ. މިހާރު މިދުނިޔޭގައި އޭނާގެ އެކަކުވެސް ނެތީއެވެ. އެކައްޗެއްވެސް ނެތީއެވެ. އޭނާ ރޮމުން ރޮމުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ގެއްލިގެން ދިޔައީއެވެ.
އެ ރެއަށްފަހު ރަޖްނީގެ ދިރިއުޅުން ހަމަޖެހިފައިވަނީ ބަސް ސްޓޮޕްތަކުގައާއި ރޭލްވޭ ސްޓޭޝަންތަކުގައެވެ. އަދި ބަންދުކޮށްފައި ހުންނަ ފިހާރަތަކުގެ ދޮރުމަތީގައި އޮންނަ ތަޅުގަނޑުތަކުގައެވެ. އެ ތަންތާނގައި އޭނާ އެކަނިވާކަށް ނުޖެހެއެވެ. ސަބަބަކީ އޭނާ ފަދަ އަޅާލާނެ މީހެއްނެތް، އަދި އަމިއްލައަށް އުޅެވޭވަރު ނުވާ އެތައްކުދީންނެއް އެތަންތާނގައި ދިރިއުޅެމުންދާ ކަމެވެ. އެ ކުދީންގެ ޒަމީރުތައް ވަނީ މަރުވެފައެވެ. އެ ކުދީންގެ އުއްމީދުތައް ވަނީ ފަޤީރުކަމުގެ ސަންދޯކުގައި ވަޅުލެވިފައެވެ. އޭގެތެރެއިން ބައެއް ކުދީން ސަލާންޖަހަނީއެވެ. އަނެއްބައިކުދީން ދުވާލު ހަތަރުދަމު މަސައްކަތްކޮށްގެން ރުފިޔާއެއް ނުވަތަ ބައިރުފިޔާއެއްވަރު ލިބޭ ކަހަލަ ކޮންމެވެސް މަސައްކަތެއް ކުރަނީއެވެ. އަދި އަނެއްބައި ކުދީން މީހުންގެ ޖީބުން ވައްކަން ކުރަނީއެވެ. އެ ކުދީންތައް އުޅޭގޮތް ދެކެފައި ރަޖްނީ އޭނާގެ ޣެ ޙާލަތާމެދު ހިތްހަމަޖައްސާލިއެވެ. އަދި އޭނާގެ ދިރިއުޅުން ވެސް އެ ކުދީން އެ އުޅޭފަދަ ގޮތަކަށް އުޅެގެން ކުރިޔަށް ގެންދިޔުމަށް ޚިޔާރުކޮށްލިއެވެ.
އެގޮތަށް ގޮތްހުސްވެގެން އުޅުނު ކުދިންގެ ތެރޭގައި ހުރި އެއްކުއްޖެއްކަމަށްވާ މޯތީގެ ހިތުގައި ރަޖްނީގެ މައްޗަށް ވަރަށް ބޮޑަށް ހަމްދަރްދީ އުފެދިއްޖެއެވެ. އަދު ރަޖްނީ އާއި އޭނާގެ ކޮއްކޮ ކާނޭ އެއްޗެތި ނުލިބި ބަނޑުހައިކަން މަތީގައި ތިބޭތަން ފެނުމުން އެ ދެބެންނަށް އެހީވެދޭން ފަށައިފިއެވެ. މޯތީ ނިދާތަނެއްކަމުގައި ހަދައިގެން އުޅެ ފިހާރައެއްގެ ފެންޑާގައި ރަޖްނީއާއި އޭނާގެ ކޮއްކޮވެސް ރޭގަނޑު ނިދަން އޮންނަނީ ކިތައް ރޭކަމެއް އޭނާއަކަށްވެސް ނޭނގެއެވެ. ކޮންމެރެއަކު މޯތީވެސް ނިދަން އޮންނަނީ ރަޖްނީމެން ކައިރީގައެވެ. ރަޖްނީ ދެކޭ ގޮތުގައި އެ ދުވަސްވަރު އޭނާ ބަލަހައްޓައިދޭ މީހަކީ މޯތީ ކަމަށްވާތީއެވެ. އަދި މޯތީގެ ހަމްދަރްދީގެ ސަބަބުން ރަޖްނީއަށް އަސަރުކޮށްފައިވާތީއެވެ. އެ ދުވަސްވަރު ފިނިމޫސުމުގެ ރޭތަކުގައި ނުވަތަ ވިއްސާރަ ރޭތަކުގައި ހީކަރުވާގޮތްވުމުން އޭނާގެ ހަށިގަނޑު މޯތީގެ ހަށިގަނޑުގައި ޖައްސާލައިގެން ހީފިލުވާދީ ހެދިއެވެ. އެގޮތުންވެސް މޯތީ އޭނާއަށް ވަރަށް ހެވެވެ. ރޭގަނޑު ހަތަރުދަމުހެން އެ މީހުން ތިބެނީ ކައިރިކައިރީގައެވެ.
"ދިރިއުޅުމުގެ މި ފިލަން ދުވުމުގައި އަޅުގަނޑަށް ދެވުނީ ކޮންކޮންތާކަށް ކަމެއް، އަދި އަޅުގަނޑަށް ދިމާވީ ކޮންކޮން ކަންތައްތަކެއް ކަމެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގެ. އަޅުގަނޑު ބޮޑުމީހަކަށްވީ ފަހުން އަޅުގަނޑަށް އެނގުނީ އަޅުގަނޑަކީ ބިކުރުވެރި އަންހެންކުއްޖެއް ނޫންކަން …" ރަޖްނީ ގިސްލަމުން ބުންޏެވެ. އޭނާ މިހެން ބުނި އަޑަށް އަޝޯކްގެ ހިތުގައި ކުރެހެމުން ދިޔަ މަންޒަރުތަކުގެ ސިލްސިލާ ކުއްލިއަކަށް މެދުކެނޑޭ ގޮތްވިއެވެ. ރޮއިރޮއި އިން ރަޖްނީއާ ދިމާއަށް ވަރަށް ހިތާމަވެރި ގޮތެއްގައި އަޝޯކް ބަލާލިއެވެ. ރަޖްނީ އަނެއްކާވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"އަޅުގަނޑުގެ އެންމެ އަގުބޮޑުބައި އަޅުގަނޑަށް ގެއްލިފައިވާކަން، އަޅުގަނޑު ބޮޑުވުމާއެކު، އަޅުގަނޑަށް އިޙްސާސް ކުރެވިއްޖެ. އަޅުގަނޑުގެ ހަށިގަނޑުގެ އަގެއް ނެތްކަމާއި އެ ހަށިގަނޑު ވަނީ ވިކިފައިކަން އަޅުގަނޑަށް އެނގިއްޖެ. މޯތީ ބޮޑުވެގެން ކުރަން ފެށި މަސައްކަތަކީ މީހުންނަށް އަންހެންކުދީން ހޯދައިދިނުން. އެ މަސައްކަތުން އޭނާ ފައިސާކޮޅެއް ހޯދައިގެން އޮޓޯ ރެކްޝާއެއްވެސް ގަތް. ނަމަވެސް ޙަރާމް ގޮތްގޮތުން ހޯދާ ފައިސާގެ ތަކެތި ކެއުމަށްފަހު ދެން އަލުން ރަނގަޅު މަގަށް އައުމަކީ ފަސޭހަކަމެއްނޫން- ވީމާ އޭނާ ކުރީއްސުރެ ކުރަމުން އައި މަސައްކަތުގައި ދެމިހުރީ...އަދި އޭނާ އަޅުގަނޑު ވެސް ވިއްކަން ފެށީ އަދި އަޅުގަނޑު ޕަންޓްމަތިން ނަގައިގެން މާރިޔާގެ ގެއަށް ގެނައީ. މި ދިރިއުޅުމަށްވުރެ މަރުވުންވެސް މާރަނގަޅޭ އަޅުގަނޑު ހިތަށްއަރާ. އަދި ކިތަންމެ ފަހަރަކު އަޅުގަނޑު މަރުވާންވެސް ގަސްދުކުރިން. ނަމަވެސް އެހެން ގަސްތު ކުރާ ކޮންމެ ފަހަރަކުވެސް އަޅުގަނޑުގެ ކޮއްކޮ ދީޕަކްގެ މަޢުސޫމް ސޫރަ އަޅުގަނޑުގެ ކުރިމައްޗަށް އަންނަނީ.. ދެން އަޅުގަނޑަށް.. ރަޖްނީއަކަށް ދެން އިތުރަކަށް ވާހަކައެއް ނުދެއްކުނުވެ. ހަމަ ބާރަށް ގިސްލާފައި ރޯން ފެށިއްޖެއެވެ.
އަޝޯކް ރަޖްނީގެ މިހިތާމައިން ފުރިފައިވާ ވާހަކަތައް އަހާފައި ވަރަށް ދެރަވިއެވެ. އަދި ޖީބުގައިވާ ރުމާ ނަގާފައި ރަޖްނީގެ ލޮލުން އޮހެމުންދާ ކަރުނަތައް ފުހެދޭން ފަށައިފިއެވެ. ހަމަ އެތަންވަޅު ހޯލްގެތެރެއިން ބޭރުން އައިސް ވަނީ ޖަޔަންތުއެވެ. އޭނާގެ އަތުގައި ފޮތްތަކާއި ކަރުދާސްތައް ހުއްޓެވެ. ޖަޔަންތު ފެނުމާއެކު އަޝޯކް އާއި ރަޖްނީ ސިއްސައިގެން ދިޔައެވެ. އަދި އަވަސް އަވަހަށް ދެމީހުން ދުރަށް ޖެހިލިއެވެ. ޖަޔަންތު ވަރަށް ލާނެތް ފާޑަކަށް އެދެމީހުންނާ ދިމާއަށް ބަލާލާފައި ހީނލިއެވެ. އަދި އެދެމީހުން ކައިރިއަށް އަންނަމުން ބުންޏެވެ.
"މާފު ކުރައްވާ... ފަހަރެއްގައި މިއާދެވުނީ މާރަނގަޅު ވަގުތެއްގައި ކަމަށް ނުވެދާނެ..." ޖަޔަންތު ހިނގާފައި އައިސް ރަޖްނީ ކައިރިއަށް ހުއްޓިފައި ބުންޏެވެ.
"އެންމެ ފަހުން ކަލޭ އަހަރެންގެ ސީދާ ސާދާ ރަޙްމަތްތެރިޔާވެސް ކަލޭގެ ޒުވާންކަމުގެ ދަލުގައި ޖެއްސީދޯ!؟"
"އަހަރެންނާމެދު ކުށްހީ ނުކުރޭ- ޖަޔަންތު!" އަޝޯކް އަވަސް އަވަހަށް އޭނާގެ ކުށެއްނެތްކަން ސާބިތުކޮށްދޭން އުޅުނެވެ.
"ކުށެއްނެތްކަމުގައި ހަދަން ތިޔައުޅެނީ ކީއްކުރަން. ރަޙްމަތްތެރިޔާ... ޒުވާން ދަވްރުގައި ކުށްވެސް ކުރެވޭނެ... އެންމެންނަށް ވެސް ކުރެވޭނެ... އަދި ކީއް.. ކުރަންވެސް ޖެހޭނެވެސްމެ...އާނ އަހަރެން މިއައީ ކަލޭގެ ނޯޓްފޮތްތައް އަނބުރާދޭން..." އެހެން ބުނެފައި ޖަޔަންތު އެ ފޮތްތަކާއި ކަރުދާސްތައް މޭޒުމަތީގައި ބަހައްޓާފައި ބޭރަށް ނުކުންނަން ހިނގައިގެންފިއެވެ.
(ނުނިމޭ)
Vv.reethi adhi vv.dheravey