(16 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކަޝަފާއި ޒަރޫންއަކީ އެކަކު އަނެކަކަށް އެހާ ދެކޮޅުވެރި ، އެކަކު އަނެކަކުދެކެ ފޫހިވާ ދެމީހުންނެވެ. އެވަރުގެ ބަޔަކަށް ކައިވެންޏެއް ކޮށްގެން ހަމަޖެހިލައިގެން ދިރިއުޅުމެއް އުޅެވޭނީ ކިހިނެއް ހެއްޔެވެ ؟ ކަޝަފް އިނީ ހިތްހަމަ ނުޖެހިފައެވެ. ރުޅި އައިއްސައެވެ. އަދި އެއަށްވުރެ ބޮޑަށް އަބްރާރް ސާރގެ ކުރިމަތީ އެކަހަލަ ވާހަކަތަކެއް ދައްކަން ޖެހޭތީ ލަދުގެންފައެވެ. އެހެންނަމަވެސް އަބްރާރްގެ ނަޒަރުގައި ޒަރޫން ، ކަޝަފާ ޤަބޫލެވެ. ޒަރޫން ޤަބޫލު ނުކުރެވެނީ ކަޝަފަށެވެ. ކަޝަފް ޤަބޫލު ނުކުރާނަމަ ، ކަޝަފްދެކެ ރުޅި އަންނަ ނަމަ ، ކައިވެނީގެ ވާހަކަ ދައްކައިދިނުމަށް އަބްރާރް ގާތު އެދެންވީ ކީއްވެ ހެއްޔެވެ ؟ އެކަހަލަ ކަމަކު ދުވަހަކުވެސް ، އަބްރާރް ގާތު ޒަރޫން އެދިފައެއް ނުވެއެވެ. އަބްރާޜް ގާތު ޒަރޫން އެވާހަކަ ދެއްކީ ލަދުވެތިކަމާއި ކަންބޮޑުވުމާ އެކުގައެވެ. އެހެންގޮތެއް ނެތިގެންނެވެ.
ޒަރޫންއަކީ ، އަންހެން ކުދިން ހިތި މީހެކެވެ. ކޮންމެ ގޮތެއް ހަދާފަވެސް އަން ކިޔައިފިއްޔާ އެކުއްޖަކަށް ލަނޑެއް ނުދީ ދޫކޮށެއް ނުލާނެއެވެ. ކައިވެނީގެ ވާހަކަ ދައްކައި ދޮގު ވަޢުދުތައްވެސް ވާނެއެވެ. އުޑުން ތަރިވެސް ބާލައި ދޭނެއެވެ. އެއީ ރުފިޔާ ހުރީމަ ކުރެވިދާނެ ކަންކަމެވެ. އެހެނަސް ، އެންމެފަހުން ނަތީޖާވެގެންދާނީ ޒަރޫންގެ ޙަޤީޤަތް އެނގިގެންނެވެ. ލޯތްބަކީ ފައިސާއަށް ގަނެވޭނެ އެއްޗެއް ނޫނެވެ. އެހެންނަމަ ، ޒަރޫންގެ ގޭގެ ސިޓިންރޫމް ފުރިފައި އޮންނާނީ އެއިންނެވެ. ލޯތްބަކީ ކޮން އެއްޗެއްކަން ޒަރޫން އަކަށްނޭނގޭނެއެވެ. ގަޔާ ވުމާ އަތުއަޅުވައިލުމާ ، ހައްލައިލުމާ އެއީ ލޯތްބާ ތަފާތު ގުޅުމެކެވެ. ކޮންމެ ކުއްޖަކާއެކީވެސް ޒަރޫން އުޅެމުން ގެންދަނީ އޭނާގެ މުއްސަނދިކަމުގެ ބޭނުންހިފައިގެން އެކުދިން ހައްލައިލައިގެންނެވެ. އެއީ ޒަރޫންގެ އާދައެވެ. ޒަރޫން އިންނަން ނުއަހާ ކުއްޖަކު ، ޔުނިވަރސިޓީގައި ކިޔަވަން އުޅޭނެހެންނެއް ހިއެއް ނުވެއެވެ. ޒަރޫން އެތަނުން ނުކުތްއިރު ، ޒަރޫންގެ މަޅީގައި ނުޖެހި ސަލާމަތުން ހުރި މީހަކީ ހަމައެކަނި ކަޝަފެވެ. މިހާރު އެދިމާކުރީ ކަޝަފް ހައްލައިލާށެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންނެވެ. އެހެންނަމަވެސް ، އަދިވެސް ކަޝަފް ހުރީއަކީ ، ޒަރޫންއަށް ކުޅެލެވޭނެ ފަދަ ގޮތަކަށް ނޫނެވެ. އޭނާގެ ގޮތެއް ބަދަލެއް ނުކުރާނެއެވެ.
ކޮންމެ ގޮތެއްވިޔަސް ، ރަނގަޅަށް ވިސްނާފަ ނޫނީ އެއްވެސް މީހަކު ، އަންހެންކުއްޖެއްގެ ކައިވެންޏަށް ނޭދޭނެކަމުގައި އަބްރާރް އަށް ޤަބޫލު ކުރެވެއެވެ. އަދި އެކަން ކަޝަފަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. ޒަރޫންއަކީ ، ކަޝަފް އެހީކުރާހާ ގޯސް ، އަދި އަޚުލާޤެއް ނެތް މީހެއް ނޫނެވެ. ޒަރޫންއަކީ ކޮންމެ ކަހަލަ މީހެއްކަމަށް ވިޔަސް ، ކަޝަފް ހުރީ ޒަރޫންއާ ކައިވެނިކުރާ ގޮތަށް ނޫންކަން ވަރަށް ސާފުކޮށް އަބްރާރް އަށް ، ކަޝަފް ސާފުކޮށް ދެއެވެ. ޒަރޫން އަކީ ކިތަންމެ ރަނގަޅު މީހެއްކަމަށް ވިޔަސް ޒަރޫން އަކާ ކަޝަފެއް ނީންނާނެއެވެ. އަދި އެކަމާ ކަޝަފްގެ ބަހަކީ ނޫނެކެވެ. އެކަމާ ވިސްނަން ކަޝަފްގެ ވަގުތުން އެންމެ ސިކުންތެއް ހޭދަކުރަންވެސް ، ކަޝަފް ބޭނުމެއް ނުވެއެވެ. އެހުރިހާ ވާހަކައެއް ދެއްކި އިރުވެސް އެމައްސަލައިގާ ކަޝަފްގެ ހުރި ސާބިތުކަން އަބްރާރް ދެނެގަތެވެ. އަދި އެއީ ކަޝަފް ޤަބޫލުކުރާނެ ހުށަހެޅުމެއް ނޫންކަމުގައި ނިންމިއެވެ. ކަޝަފްގެ ހިތުގައި ޒަރޫންގެ މައްޗަށް އޮތް ނަފުރަތަކީ ދުވަހަކުވެސް ބަދަލުވާނެ އެއްޗެއް ނޫނެވެ. އަބްރާރް އާ ވާޙަކަ ދައްކަމުން ދިޔައިރު ކަޝަފްގެ ފަރާތުން ފެނުނު ރުޅިވެރިކަމާއި ބުނި ބަސްތަކުގެ ސާދާކަމާ އަދި ސާބިތުކަމުން ، އަބްރާރްއަށް އިތުރަށް ބުނާނެ އެއްޗެއް ނުފެނުނެވެ. އެއީ ވަރެއްގެ ކުއްޖެކެވެ. ގޮތް ދޫނުކުރުމުގެ އިންތިހާއެވެ. އެވާހަކަ ކަޝަފާ ދެއްކުނު މޮޔަ އަބްރާރްއަށް އިޙްސާސް ކުރެވުނެވެ. އަދި އެކަމާ ކަން ބޮޑުވިއެވެ. އަބްރާރާ ދޭތެރޭ ކަޝަފްގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ ؟ އޭނާއަށް ނުހަނު އިޙްތިރާމްކޮށް ޤަދަރުކުރާ ، ދަރިއެއްފަދަ ކުއްޖެއްގެ ކުރިމަތީގައި އޭނާގެ އަގު މުޅިން ގެއްލި ދިޔައީއެވެ. ކަޝަފް ނުކުމެގެން އެދިޔައީ ހާސްކަމާއި ރުޅިވެރިކަމުގެ އިޙްސާސްތަކަކާ އެކީގައެވެ. އެނޫން ކޮންމެ ފަހަރަކު އަބްރާރްގެ ގާތަށް އައިސް ކަޝަފް ނުކުމެގެންދަނީ ހިތްހަމަ ޖެހުމާއެކު ހިނިތުންވަމުންނެވެ. އަލުން ، އަބްރާރް ސާރއާ ބައްދަލުވަނީ ކޮންއިރަކުންބާއޭ ހިތަށް އަރަމުންނެވެ. މިފަހަރު ކަޝަފް އެތަނުން ނުކުމެގެން އެދިޔައީ އެކަހަލަ އުއްމީދެއްގައެއް ނޫނެވެ. އަބްރާރް ސާރއާ ބައްދަލުވެވުނީތީ ލަދުން ހުރެއެވެ. އޭނާގެ ހިތުގައި ހުރި އުދާސްތަކާއި ރުޅިވެރިކަމުގެ ދެކޮޅުވެރި ބަސްތައް އަބްރާރް ސާރ ގާތު ބުނެވުނީތީ ދެރަވެ ލަދުގެންފައިވާ ޙާލުގައެވެ. ދެން އަބްރާރ ސާރ އާ ބައްދަލުވެދާނެ ކަމުގެ އެއްވެސް އުއްމީދެއް ހިތުގައި ބޭއްވުމަކާ ނުލައެވެ.
------------------------
މުރުތަޟާ ، ރާފިޢާމެންގެޔަށް ޒިޔާރަތްކުރި ދުވަހެކެވެ. ރާފިޢާ ފުރަތަމަވެސް ފެށީ ޝެހްނީލާގެ ކައިވެނީގެ ވާހަކައިންނެވެ. ކަމެއް ކޮށްދިނަސް ނުދިނަސް އެއްޗެއް ދިއްކޮށްލިޔަސް އަދި ދިއްކޮށް ނުލިޔަސް ، މުރުތަޟާއާ އެވާހަކަ ދައްކަން ޖެހޭނެކަމުގައި ރާފިޢާއަށް ފެންނާތީއެވެ. ޝެހްނީލާގެ ކައިވެންޏަށް އެދިފައިވަނީ ވަރަށް ރަނގަޅު ޢާއިލާއަކުންނެވެ. އެކުއްޖާޔަކީވެސް ވަރަށް ރަނގަޅު ކުއްޖެކެވެ. ޞިދްރާގެ ފިރިމީހާ ޝާޒިޒްވެސް އެމީހުން ދަނެއެވެ. ޞިދްރާގެ ފިރިމީހާގެ ޢާއިލާއަކީވެސް އެމީހުން ދަންނަ ބަޔެކެވެ. ހުރިހާ ވާހަކައެއް އަޑުއަހަން މުރުތަޟާ އިނެވެ. މުރުތަޟާ ކަންބޮޑުވީ ، ކަޝަފް މީހަކާ ނީނދެ ހުއްޓާ ޝެހްނީލާގެ ކައިވެނި ކުރެވޭތީއެވެ.
އެމީހުން އެހާ އަވަހަށް އިންނާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ބޭނުންވަނީ އެ ހުށަހެޅުން ދެފަރާތުންވެސް ޤަބޫލުކޮށްގެން ތިބުމެވެ. ރާފިޢާވެސް އެދޭ ގޮތަކީ އެއީއެވެ. އެމީހުން ބޭނުންވަނީ އަންހެންދަރިފުޅުގެ ކައިވެނި ފުރަތަމަ ކުރުވާށެވެ. އެކުއްޖާ މީހަކާ އިންނަން އަހަރެއްހާ ދުވަސް ވާނެއެވެ. ފިރިހެން ކުއްޖާގެ ކައިވެނިކުރަން ބޭނުންވަނީ އޭގެ ފަހުންނެވެ.
މުރުތަޟާ ބޭނުންވަނީ ފުރަތަމަ ، ކަޝަފްގެ ކައިވެންޏާމެދު ވިސްނާށެވެ. ކަޝަފް މީހަކާ ނީނދެ ހުއްޓާ ޝެހްނީލާގެ ކައިވެންޏާމެދު ވިސްނާނީ ކިހިނެއް ހެއްޔެވެ ؟ މުރުތަޟާގެ ބޮލަށް އެހެން ވިސްނުމެއް އައެވެ. އެއީ މުރުތަޟާ އާއި ނިޤާރުމެންފަދަ މީހުންގެ ބޮލަށްނޫނީ ނުވަންނާނެފަދަ ވިސްނުމެކެވެ. އަމްދުން ރާފިޢާމެންފަދަ މަކަރާއި އޮޅުވައިލުމުގެ ވިސްނުމެއް ބޮލަށް ނުވަންނަ ބަޔަކަށް އެކަހަލަ ވިސްނުމެއް ވިސްނާކަށް ނޭނގޭނެއެވެ.
" ތި މީހުންގާތު ، އެފިރިހެންކުއްޖާ ކަޝަފާ ދެވަންވީ ނޫންހޭ ބުނާށެވެ ! " އެއްވެސް ޖެހިލުމެއްނެތި މުރުތަޟާ ބުންޏެވެ.
އެމީހުން އެދުނީ ޝެހްނީލާގެ ކައިވެންޏަށެވެ. ކަޝަފާމެދު އެމީހުން ވިސްނިނަމަ ، ޔަޤީނުންވެސް ދައްކާނީ ކަޝަފްގެ ވާހަކައެވެ. ފިރިހެން ކުއްޖާގެ ކޮއްކޮވެސް ކިޔަވަނީ ޝެހްނީލާއާ އެކުގައެވެ. އެހެންވީމާ އެމީހުންގެ ޢީޝާރާތް ހުރީ ޝެހްނީލާގެ މައްޗަށެވެ. ކަންއެހެން އޮއްވާ ، ޝެހްނީލާގެ ބަދަލުގައި ކަޝަފްގެ ވާހަކަ އެމީހުންގާތު ދައްކާނީ ކިހިނެއް ހެއްޔެވެ ؟ އެއީ ރާފިޢާއަށް ކުރަން ކެރިދާނެކަމެއް ނޫނެވެ. މުރުތަޟާގެ ބަސް ހުއްޓުމަކަށް އައެވެ. ރާފިޢާއާ ދެކޮޅަށް އެކަމުގައި އިތުރު އެއްޗެއް ބުނާކަށް މުރުތަޟާއަކަށް ނުކެރުނެވެ. ޝެހްނީލާގެ ވާހަކަ އެމީހުން ދެއްކިކަމަށް ވަންޏާ ދުވަސްކޮޅަކު އިންތިޒާރު ކޮށްލުމަށް އެމީހުންގާތު ބުނުމަށް މުރުތަޟާ އެދުނެވެ. އަދި އޭގެ ކުރިން ކަޝަފް ދެވާނެ ކުއްޖަކު ހޯދުމުގެ މަސައްކަތް ފަށަންވެސް މުރުތަޟާ އެދުނެވެ. ކަޝަފްގެ ކައިވެންޏާ ބެހޭގޮތުންވެސް ، މިހާރު މީހުން ސުއާލު ކުރާނެއެވެ. ކަޝަފާ އިންނާނެ ކުއްޖަކު ވަރަށް ފަސޭހައިން މިހާރު ހޯދިދާނެއެވެ. ކަޝަފް ، ކައިވެންޏެއް ކުރަން ބޭނުންނުވާ ވާހަކަ ބުނާކަށް ރާފިޢާ ބޭނުމެއް ނުވިއެވެ. އެވާހަކަ އެހިސާބުން ނިންމައިލައެވެ.
ޞިދްރާ އޭރު ގެޔަކު ނެތެވެ. އޭނާވީ ރައްޓެއްސަކާއެކު އެއްޗެއް ގަންނަން ބާޒާރަށް ގޮހެވެ. ޞިދްރާ ދިޔަތާ ކުޑައިރުކޮޅެއް ވެއްޖެއެވެ. ދެން މާގިނައިރެއް ނުވެ އަތުވެދާނެއެވެ. އަވަހަކަށް މަރެއްވެސް ނުވާނެއެވެ. މަންމާއޭ އަހަރެންގަނެގެން މިއައި އެއްޗެއް ނިކަން ބަލައިލަ ބަލާށޭ ބުނެ ހިނިތުންވަމުން ، ޞިދްރާ އައިސް ގެޔަށް ވަދެއެވެ. މުރުތަޟާ ފެނުމާއެކު ، ޞިދްރާގެ މޫނުމައްޗަށް ވެރިވެފައިހުރި ހިނިތުންވުމާއި އުފާވެރިގޮތް ކުއްލިޔަކަށް ކެނޑިގެން ދެއެވެ.
މުރުތަޟާގެ އެއްވެސް ލަދުވެތިކަމެއް ނެތެވެ. ޞިދްރާއާމެދު އޭނާއަށް ކުރެވުނު އިހާނެތި ގޮތްތައް ހަނދާނެއް ނެތެވެ. ހަމަޖެހިލާފައި ، ދަރިފުޅާއޭ އަންނާށޭ ބުންޏެވެ. ޞިދްރާވެސް ބައްޕަޔަށް ސަލާމް ގޮވައިލައެވެ. އަދި ނުރުހުންތެރިކަމާއެކު މަންމަޔާ ދިމާއަށް ބަލައިލައެވެ. މުރުތަޟާވެސް ޞިދްރާގެ ޙާލު އަހައެވެ. އަދި އޭނާއައީ މެންދުރުގެ ކެއުމަށް ، މުރުތަޟާމެންގެޔަށް ދާން ޞިދްރާއަށް ދަޢުވަތު ދޭންކަމުގައި މުރުތަޟާ ބުންޏެވެ. އެއްވެސް ޖެހިލުމެއް އަދި ލަދުގެ ކަންފުޅެއްވެސް ނެތިއެވެ.
މުރުތަޟާގެ ދަޢުވަތަށް ޞިދްރާ އިންކާރު ކުރިއެވެ. އެކަންކުރުމުގެ ތަކުލީފު އުފުއްލާނެކަމެއް ނެތޭ ބުނެ ޖަވާބު ދެއެވެ. އެއީ ކީއްވެތޯއޭ މުރުތަޟާ އެހުމުން ، ޞިދްރާގެ މޫނު ރާފިޢާއާ ދިމާއަށް އަނބުރައިލިއެވެ. މަންމަޔާ ދިމާއަށް އޭނާ ބަލަހައްޓައިގެން ހުރީ ހިތްހަމަ ނުޖެހޭ ގޮތަކަށެވެ. ފޫހި ގޮތަކަށެވެ. އެވަރަކުންވެސް މުރުތަޟާ ދުލެއް ނުކުރެއެވެ. ބައްޕަމެން ގެޔަށްގޮސް ގެވެސް ބަލައިލާ ކައިގެން އަންނަން ހިނގާށޭ ބުންޏެވެ. އަދި ނިޤާރުވެސް ، ޞިދްރާގެ މަތިން ވަރަށް ހަނދާން ކުރާވާހަކަ ބުންޏެވެ. ޞިދްރާ ވާހަކަ ދައްކަފާނެ ބޭއަދަބީ ގޮތާމެދު ކަންބޮޑުވެ ، ރާފިޢާ އިނީ ކަޅިޖަހައިނުލާ ޞިދްރާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.
" ދިރިއުޅުމުގައި ގުޅުމެއް ޤާއިމް ކުރުމަށް ބައްދަލުކުރުމަކީ ކައިގެން ނޫނަސް ކުރެވިދާނެ ކަމެކެވެ. ދިރިއުޅުމަކީ އެތައްކަމެއް އެކުވެގެން އުފެދޭ ގުޅުމެކެވެ. " ޞިދްރާ ބުނަން އުޅުނު ވާހަކަތައް ނުބުނެވިގެން ހުއްޓާލާފައި ގޭތެރެޔަށް ވަދެގެން ދިޔައެވެ. މުރުތަމާވެސް އަނގަ ނަގައިގެން އިނދެ އިނދެފައި ރަކިވެގެން އެގެއިން ނުކުމެގެން ހިގައްޖެއެވެ.
ބައްޕަޔާ ދިމާއަށް ބުނެވުނު ބަސް ކިތަންމެ ކުޑަވިނަމަވެސް ، މަންމަގެ ފަރާތުން އެކަމުގެ ހަޓުކާ އަންނާނެކަން ޞިދްރާއަށް އެނގެއެވެ.
" އެގޮތަށް ބައްޕަޔާ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ ދަޢުވަތެއްދިނީމަވެސް ވަގުތުން ސީދާ ޖަވާބުދީ ނޫނެކޭ ބުނެފިއެވެ. " ކޮޓަރިޔަށް ވަންނަމުން ރާފިޢާ ، ޞިދްރާއާ ދިމާއަށް އަޑުލައި ގަތެވެ.
އަދި އެއަށްވުރެވެސް ސާފު ޖަވާބެއްދޭން ޞިދްރާގެ ހިތަށް އެރިއެވެ. އެކަމަކު މަންމަ ލޯއަޅައިގެން އިނީމަ ، އޭނާއަށް އެކަން ނުކުރެވުނީއެވެ. ރާފިޢާގެ ކުއްޖަކު މުރުތަޟާއާ ދިމާއަށް އެއްޗެކޭ ބުނާ ކޮންމެ ފަހަރަކުވެސް ، އެއީ އެކުދިންގެ ބައްޕަކަން ހަނދާން ކޮށްދެއެވެ. މިފަހަރުވެސް ޞިދްރާއަށްވެސް އެއީ އޭނާގެ ބައްޕަކަން ، ރާފިޢާ ހަނދާން ކޮށްދިނެވެ. އެވަރަކުން ފުއްދައިލީކީ ނޫނެވެ. ކާން ދާން ދަޢުވަތު ދިނީމަ ގޮސް ކައިލިއްޔާ ވާނީކީއްތޯ އޭ ބުނެ ޞިދްރާއާ ސުއާލުކުރިއެވެ. މަންމަގެ ސުއާލަށް ޞިދްރާ ކުރީ ސުއާލުތަކެކެވެ.
" އަޞްލުވެސް މަންމަޔަށް ފެންނަނީ އޭނާގެ ގެޔަށް ކާން ދަޢުވަތު ދިނީމަ ގޮސް ކާންވީ ކަމަށް ހެއްޔެވެ ؟ އަހަރެންގެ ކައިވެނީގެ ވަގުތު ، ހެޔޮދުޢާކޮށްލަ ނުދިން މީހެއްގެ ގެޔަށް ގޮސް ހެވިފަ އިނދެގެން ކާންވީ ހެއްޔެވެ ؟ ކައިވެންޏަށް އެއްވެސް ޚަރަދެއްނުކުރި ތާނގާއި ، އެހެންމީހުން އަހަރެމެންނާ ދިމާއަށް ކިޔާނެ އެއްޗެހީގެ މަތިން ހަނދާން ކުރަން ބޭނުން ނުވި މީހެކެވެ. އަހަރެމެންގެ ދިރިއުޅުން ހަމަޖެހި ރަނގަޅު އުޅުމެއް އުޅޭތަން ފެނި ، ކާން ގޮވައިލީމަ އެ ބުނަނީ ކީކޭ ހެއްޔެވެ ؟ އަހަރެމެންނަށް ގޮތެއް ފެންނަ ހިނދު ، ހެވިދިލިފަ ދަރިފުޅާއޭ ކިޔައި ގޮވަން އެއީ ކާކު ހެއްޔެވެ ؟ ދަރިފުޅު ފެންނަންވީ މިއަދު ހެއްޔެވެ ؟ ޢުމުރު ހޭދަމިކުރީ އޭނާގެ ދުލުން ދަރިފުޅާއޭ ބުނެލާނެ ވަގުތަކަށް އިންތިޒާކޮށް ކޮށެވެ. އަހަރެމެން ދުނިޔެއަށް ނުކުތީމަ އެދޭ ދަޢުވަތަކުން ހުރިހާކަމެއް ފުރިހަމައެއް ނުވާނެއެވެ. " ޞިދްރާގެ ހިތުގައި ހުރި ހުރިހާ ޝަކުވާއެއް މަންމަގެ ކުރިމައްޗަށް އޮއްސައިލިއެވެ.
ރާފިޢާ އިނީ ބުނާނެ ވަކި އެއްޗެއް ނޭނގި ކަން ބޮޑުވެފައެވެ. ޞިދްރާގެ އަނގައިން އެ ނުކުތީ ބައްޕަގެ ޙަޤީޤަތެވެ. ރާފިޢާއަށް މުރުތަޟާގެ ދިފާޢުގައި ބުނެވޭނެ އެއްވެސް އެއްޗެއް ނެތެވެ. ކުދިންވެސް އެތިބީ ހެޔޮނުބައި ވަކިވާ ވަރަށް ބޮޑެތި ވެފައެވެ. މުރުތަޟާ އެކުދިންނަށް ހަދައިލި ގޮތް އެކުދިންގެ ހިތަކުން ފިލައިގެންނެއް ނުދާނެއެވެ. ބައްޕަ ކަމަށްވާތީ ، ބައްޕަޔަށް އަދާކުރަންޖެހޭ އަދަބު އިޙްތިރާމުގެ ވާހަކަ އެކުދިންގާތު ދެއްކިޔަސް މިހާރަކު އެކުދިންނަކަށް އެއަޑެއް ނޭހޭނެ އެވެ. ބައްޕަޔަށް އެކުދިން އެފެނުނީ ، އެކުދިންގެ ފަރާތުން ކަންކަމަށް އެދެވޭ ހިސާބަށް އެކުދިންގެ ބުރަ މަސައްކަތުން ޙާލަތު ބަދަލު ކުރިފަހުންނެވެ. މުރުތަޟާގެ ގެޔަށް ޞިދްރާ ގެންދަން އެއުޅެނީވެސް ޙީލަތްތެރި ރޭވުމަކުންނެވެ. ޞިދްރާގެ އެހީހޯދައިގެން ޞިދްރާގެ ގޭގައި ، އެމެރިކާގައި ޙައްމާދު ބަހައްޓައިދޭށޭ ބުނަން ވެގެންނެވެ. ނިޤާރުގެ ޙީލަތްތެރި ރޭވުމުގެ ދަށުން އެކަން ކާމިޔާބު ވޭތޯ ބަލަން ވެގެންނެވެ.
------------------------
ކަޝަފްގެ ގާތަށް އައިސްހުރި ރުޅީގައި ގެޔަށްދާން ކާރަށް އެރުމާއެކު ޒަރޫންއަށް ފޯނު ކުރިއެވެ. ބައްދަލުވުމެއްގައި އިނީމަ ޒަރޫންއަކަށް ފޯނެއް ނުނެގުނެވެ. ބައްދަލުވުން ނިމިގެން ފޯނު ބަލައިލިއިރު ، އޭރުވެސް ކަޝަފް ގުޅަނީއެވެ. ޒަރޫންވަނީ އަބްރާރް އާ އެވާހަކަ ދައްކާފައެވެ. ޒަރޫންއަށް ، ކަޝަފް އެގުޅަނީ ކީއްވެ ބާވައެވެ. ކަޝަފް ނޫނެކޭ ބުނީކަން ، ޒަރޫންއަށް އެނގުނެވެ. އެފޯނު ނަގާކަށްވެސް ޒަރޫންއަކަށް ނުކެރުނެވެ. އެ ފޯނު ނަގައިފިއްޔާ އޭނާއަށް އިވޭނީ ކަޝަފްގެ ނުރުހުމާއި ނަފުރަތުގެ ބަސްތައްކަން ޒަރޫންއަށް ޔަޤީން ކުރެވެއެވެ. ދެބުމަ ގޮށްޖެހި ، ބޯ ހާސްވެފައި ފޯނު ނުނަގާ ޒަރޫން އަށް އިދެވުނީ ބިރުންނެވެ.
(ނުނިމޭ)
haadha reychey