ދެކަފި - 72

(26 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެންމެފަހުން ކަޝަފް ނިދަންވީއިރުވެސް ، ޒަރޫންގެ ޚަބަރެއް ނުވުމުން ޒަރޫންއާ ގުޅައެވެ. ޒަރޫން ހިތަށް އެރީ އޭނާގެ މަތިން ކަޝަފް ހަނދާންވީ ކަމަށެވެ. އެކަމަކު އެހެންނެއް ނޫނެވެ. ކަޝަފް ގުޅީ ، މަންމަ ބުނެގެންނެވެ. މަންމަ ނުބުނިނަމަ ކަޝަފެއް ނުގުޅާނެއެވެ. ކަޝަފް މަޑުކުރީ ޒަރޫން ގެޔަށްދެވުނީމަ ގުޅާލާފަ ޚަބަރެއް ކޮށްލާނެ ކަމަށެވެ. އެކަމަކު ޒަރޫންގެވެސް ޚަބަރެއް ނުވެއެވެ. އެންމެފަހުން މަންމަ ބުނެގެންނަމަވެސް ގުޅަލެވުނީ ކަޝަފަށެވެ.

ޒަރޫން އެއޮތީ ކަޝަފްގެ މަތިން ހަނދާން ވެފައެވެ. އެކަމަކު ކަޝަފަކަށް އެހެންކަމަކަށް ހިއެއް ނުވެއެވެ. ޒަރޫން ކީއްތޯ ކުރަނީ ކަޝަފް އަހައިލުމުންވެސް ، އޭނާގެ އަންހެނުންގެ މަތިން ހަނދާންކުރަނީ ކަމަށް ޒަރޫން ބުންޏެވެ. އެކަން ކަޝަފް ޤަބޫލެއް ނުކުރެއެވެ. ޒަރޫން ފިލްމުބަލަނީކަމުގައި ކަޝަފް ނިންމައެވެ. އެހެންނަމަވެސް ، ޒަރޫން ފިލްމެއް ނުބަލައެވެ. އޭނާއޮތީ ކަޝަފްގެމަތިން ހަނދާން ކުރުމަށް އެނދުގައި އޮށޯވެލައިގެންނެވެ. ކަޝަފާމެދު ވިސްނުމުގައެވެ. ކަޝަފްމެންގެޔަށް ދިޔައިމަ ކަޝަފް އޭނާއާ އަޅައިނުލިކަމަށް ބުނެ ޒަރޫން ޝަކުވާ ކުރިއެވެ. އަދި އޭނާއާ ވަކިން ބައްދަލުވެ ނުލިވާހަކަ ބުންޏެވެ. މަޑުކޮށްލާށޭވެސް އެންމެ ފަހަރަކުވެސް ނުބުނެއެވެ. ޒަރޫން މަޑުކޮށްލަން ބޭނުންވެފައިހުރިކަމެއް ކަޝަފަކަށް ނޭނގެއެވެ. ކަޝަފް ނުބުންޏަސް ، ޒަރޫން ބޭނުމިއްޔާ މަޑުކުރެވެން އޮތްކަން ކަޝަފް ހަނދާންކޮށްދިނެވެ.

ނަމާދުގެ ކަންތަކުގައި މިއަދު ޒަރޫން ބޭޒާރުނުވީ ކިރިޔާއެވެ. ޢީދު ނަމާދު ފިޔަވައި ޒަރޫން ކުރާ ނަމާދެއް ނޯވެއެވެ. އަޞްލުވެސް ، ޒަރޫން ނަމާދަށް އެހާ ފަރުވާކުޑަކަން ކަޝަފަށް މީގެކުރިން އެނގިފައެއް ނެތެވެ. އެއީ ވަރަށް ދެރަ ކަމެކެވެ. ކަޝަފް ހުރީ ނިދަން ތައްޔާރު ވެގެންނެވެ. ޒަރޫންއާ ނުލައި ވަކިން ނިދުމަކީ ކަޝަފަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެންމެ ދެރެޔަކުން މީހަކާ ނުލައި ނިދަން އުނދަގޫ ވާވަރެއް ނުވާނެއެވެ. އެކަމާ ޒަރޫން ޝަކުވާ ކުރިއެވެ. އަދި ކަޝަފަކީ ހާދަ އަނިޔާވެރި މީހެއްކަމުގައި ޒަރޫން ބުނެއެވެ. އެކަމަށް ކަޝަފްވެސް އެއްބަސް ވެއެވެ. އަދި އޭނާ ނިދަން ބޭނުންވާ ވާހަކަވެސް ބުނެއެވެ. އެހެންނަމަވެސް ޒަރޫން އެކަމަކަށް އެއްބަހެއް ނުވިއެވެ. ޒަރޫންއާ ވާހަކަ ދައްކަން އިރުކޮޅަކު އަދި އިނުމަށް ޒަރޫން އެދެއެވެ.

ކަޝަފް އެހިސާބުން ގޮތެއް ނިންމައެވެ. ޒަރޫން ވާހަކަ ދައްކާނީއެވެ. އޭނާ އިންނާނީ އަޑުއަހާށެވެ.

" ކަޝަފް އަހަރެންދެކެ ލޯބިވޭ ހެއްޔެވެ ؟ " ޒަރޫން ވަރަށްބޮޑު ސުއާލެއް ކަޝަފާ ކޮށްލިއެވެ.

ކަޝަފް ދިޔައީ ސިއްސައިގެންނެވެ. އެއީ ، މީގެކުރިން އެއްވެސް މީހަކު ކަޝަފާ ކޮށްފައިވާ ސުއާލެއް ނޫނެވެ. އަދި ޒަރޫންދެކެ ކަޝަފް ލޯބިވާކަން ނުވަތަ ނޫންކަން އޭނާއަކަށް އަދިއެއް ނޭނގެއެވެ. ޒަރޫންގެ ސުއާލުގެ ޖަވާބު ލިބޭތޯ ޒަރޫން މަޑު ކުރިއެވެ. ކަޝަފްގެ ޖަވާބެއް ނުލިބުނީތީ ޒަރޫން ގޮވައިލައެވެ. އެއީ ޖަވާބުދޭން ކަޝަފަށް ވަރަށް އުނދަގޫ ސުއާލެކެވެ. އެކަމަކު އެއީ ޒަރޫންއަށް ޤަބޫލުކުރެވޭކަމެއް ނޫނެވެ. ކަޝަފް ދެކޭގޮތުގައި އެންމެ ދެދުވަހުން މީހަކު ލޯބިވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ނުވަތަ އެކަމާމެދު ކަޝަފަށް ޝައްކެވެ. އެހެންނަމަވެސް ، އެއީ ނުވާނެ ކަމެއް ނޫންކަމަށް ދެމީހުންނަށްވެސް އެއްބަސް ވެވެއެވެ. އެކަމަކު ކަޝަފަށް އެއީ ވަރަށް އުނދަގޫ ކަމެކެވެ. ޒަރޫންގެ ވިސްނުމުގައި ކަޝަފް އޭނާދެކެ ލޯތްބެއް ނުވެއެވެ. އެކަމަކު ކަޝަފް އެހެންނެއް ނުބުނެއެވެ. ކަޝަފަށް ބުނެވުނީ ލޯބިވާކަން ބުނެދޭން އޭނާއަށް ނޭނގޭ ކަމުގައެވެ.  އެވާހަކަ އިހަށް ބާއްވާފައި ، އެހެން ވާހަކައެއް ދައްކަން ކަޝަފް ބޭނުން ވިއެވެ. އެކަމަކު ޒަރޫން ބޭނުންވީ އެވާހަކަ ދައްކައި ނިންމާފައި އެހެން ވާހަކައެއް ދެއްކުމަށެވެ.

ކަޝަފް އޭނާއަށް ވަގުތުކޮޅެއް ދިނުމަށް ޒަރޫންގެ ކިބައިން އެދެއެވެ. އެއީ ޒަރޫން ދެކެ ލޯބިވާން ހެއްޔޭ ބުނެ ޒަރޫން ސުއާލު ކުރިއެވެ. ނޫނެކެވެ. ޒަރޫންއަށް އިތުބާރު ކުރުމަށެވެ. ކަޝަފަކަށް އަދި ޒަރޫންއަކަށް އިތުބާރެއް ނުކުރެވެއެވެ.

" ކަޝަފް ތިހުރީ އަހަރެންނާ ކައިވެނިކޮށްގެންނެވެ. އަހަރެންނަކަށް އިތުބާރެއް ނުކުރެވޭ ހެއްޔެވެ ؟ " ޒަރޫން ބުންޏެވެ.

ކަޝަފް އެބުނީ މުޅިޔަކުން އެވާހަކައެއް ނޫނެވެ. ފިރިޔަކަށްވާން ފުރުޞަތުދޭނީ ކޮންމެވެސް ވަރަކަށް އިތުބާރުވެސް ކުރެވިގެންތާއެވެ. ދެމީހުން ސަމާސާކުރަމުން ގޮސް ، ކަޝަފް ކޮންއިރަކުންތޯ އަންނަނީ ޒަރޫން އަހައިލައެވެ. މިހާރު ދަން ހެއްޔެވެ ؟ ކަޝަފް ކުއްލިޔަކަށް އަހައިލިއެވެ. ބަލައިދަން ހެއްޔެވެ ؟ ޒަރޫންގެ ޖަވާބުވެސް އެހާ ސާދާއެވެ.

ދެމީހުން ދެމީހުންނަށް އެތައް އިރަކު ސަމާސާ ކުރުމަށްފަހު ، ދެންއޮތީ ދެމީހުންވެސް ފޯނަށް ނަންބަރު ސޭވް ކުރުމެވެ. ކަޝަފް އެތައް އިރަކު ވިސްނުމަށްފަހު ޒަރޫންގެ ފޯނު ނަންބަރު ސޭވް ކުރީ " ފިރިމީހާ " ގެ ނަމުގައެވެ. ޒަރޫންވެސް ވަރަށް ވިސްނިއެވެ. ޒަރޫން އޭނާގެ އަންހެނުންގެ ފޯނު ނަންބަރު ސޭވް ކުރީ " ޗުރައިލް މުރުތަޟާ " ގެ ނަމުގައެވެ. ކަޝަފަށް އޭނާގެ ފިރިމީހާ ، އޭނާގެ ފޯނު ނަންބަރު ސޭވްކުރި ނަން ފެނިއްޖިއްޔާ ދެންވާނެ ގޮތަކާމެދު ޒަރޫންއަށް ވިސްނައި ލެވިފައެއް ނެތެވެ.

ކަޝަފް އޭނާގެ އިނގިލީގައި އަޅާފައި އޮތް ރީތި އަނގޮޓިއަށް ބަލަހައްޓައިގެން އޮވެ ، އުއްމީދީ ޚިޔާލީ ދުނިޔެއަކަށް ގެއްލިގެން ދިޔައެވެ. އެ ދުނިޔޭގައި އޭނާ ދުށީ އުފަލާއި އަރާމެވެ. ދިރިއުޅުމުގައި ކުރިން ލިބިފައިހުރި ތަކުލީފާއި ހާސްކަން ނެތިގޮސް ، ބާއްޖަވެރިކަމުން ފުރިގެންވާ އުފާވެރި ދުނިޔެއެކެވެ. އެއީ އޭނާގެ އަމިއްލަ ދުނިޔެއެއް ނޫނެވެ. ޒަރޫން އާއި އޭނާއާ ދެމީހުންގެ ދުނިޔެއެވެ. ޚިޔާލީ ދުނިޔެއަށް ކަޝަފް ގެއްލިފައި އިންދާ ޞިދްރާ އައިސް ކޮފީތަށްޓެއް ދިއްކޮށްލިއެވެ.

ކަޝަފްގެ އިނގިލީގައި އެޅިފައިވާ އަނގޮޓީގެ މައްޗަށް ޞިދްރާގެ ނަޒަރުވެސް ގޮސް ހުއްޓުނެވެ. އެއީ ވަރަށް ރީތި އަނގޮޓިއެކެވެ. އަނގޮޓި އަޅުވައިދިން އިރު ، ހަމަ ގައިމުވެސް ޒަރޫން ކޮންމެވެސް ލޯބި ވާހަކައެއް ބުނާނެއެވެ. ޞިދްރާ އޭނާގެ ދައްތައާ ސަމާސާ ކޮށްލިއެވެ.

" ވަރަށް ބޮޑު ވަޢުދެއް ވިއެވެ." ކަޝަފް ބުންޏެވެ. އެއީ ކޮން ވަޢުދެއް ބާވައެވެ.

" މަރުވަންދެން ދޫކޮށްނުލައި އެކުގައި އުޅުމުގެ ވަޢުދެވެ. " ކަޝަފް ބުންޏެވެ.

ޞިދްރާގެ މޫނުމަތި ،  ހިތްހަމަ ޖެހުމާއި އުފާވެރިކަމުން ވިދައި ބަނބުޅައިގެން ދިޔައެވެ. ދައްތަގެ ދިރިއުޅުމުގެ ހާސްކަން ފިލައި ދިރުންހުރި އުއްމީދެއް ލިބުނުކަމުގެ އިޙްސާސްތަކާ އެކުގައެވެ. ކަޝަފްވެސް އިނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމުން ފުރިފައެވެ.

ޒަރޫން ގާތަށް ނިދިނައިސްގެން އޭނާގެ ލެޕްޓޮޕް ހުޅުވައި ޑައިރީ ލިޔަން ފެށިއެވެ. އަހަރެން ހާދަވަރަކަށް ވިސްނައިފީމެވެ. ވިސްނާ ވިސްނާ ވަރުބަލި ވެއްޖެއެވެ. އެއީ އަހަރެންނަށް އަޅައިނުލާ ދޫކޮށްލެވޭނެ ކުއްޖެއް ނޫނެވެ.

ކަޝަފްގެ ޙާލަކީވެސް އެއީއެވެ. ކަޝަފްވެސް އިނީ އޭނާގެ ޑައިރީ ހިފައިގެންނެވެ. ޒަރޫންއަކީ މިހާރު ، އޭނާ ނަފުރަތުކުރަން އެދޭ މީހެއްނޫނެވެ. އޭނާއެއް މިތާކު ނެތެވެ. އެކަމަކު ހުރިހާ ތަނަކުންވެސް އިޙްސާސްކުރެވެނީ ޒަރޫންއެވެ. އޭނާގެ އަޑު ، ކަޝަފްގެ ކަންފަތުން ނުފިލައެވެ. އޭނާގެ އަތްތިލައިގެ އިޙްސާސްތައް އަހަރެންގެ އަތުގެ އިޙްސާސްތަކާ އެކުވެފައެވެ. އެވަގުތު ކުއްލިޔަކަށް ޒަރޫންގެ ފޯނެއް އައެވެ.

ޒަރޫން ބޭނުންވީ ކަޝަފަށް ނިދުނީތޯ ބަލައިލުމަށެވެ. ކަޝަފެއް ނުނިދައެވެ. އޭނާގާތަށް ނިންޖެއް ނައެވެ. އެއީ ވެދާނެ ކަމެކެވެ. ޒަރޫންއަށް ކަޝަފާ ނުލައި ނިދި ނައިސްގެން އުޅޭގޮތަށް ، ކަޝަފް ގާތަށްވެސް ޒަރޫންއާ ނުލައި ނިންޖެއް ނާންނާނެއެވެ. ޒަރޫންއަށް ވެގެން ވިއްޔާ މިވަގުތުވެސް ކަޝަފްގެ ގާތަށް ދާނެއެވެ. ކަޝަފްގެ އަތުގައި ހިފައި ފިތައި ގަންނާނެއެވެ. ކިތަންމެވަރަކަށް އަތް ނެރެން އުޅުނަސް ޒަރޫންގެ އަތުން ކަޝަފްގެ އަތް ދުލެއް ނުކުރާނެއެވެ. ކަޝަފްގެ ލޮލާ ޒަރޫންގެ ލޯ ސީދާކޮށް ، ޒަރޫންއާމެދު ނުވިސްނާތޯ ނުވަތަ ނޫންތޯ ބަލައިލާނެއެވެ. ކަޝަފްގެ އަތްތިލަ ޒަރޫންގެ އަތުތެރެއިން ނެރެލާނީ ކިހިނެއްތޯ ބަލައިލާނެއެވެ. ޒަރޫން އެވަގުތު ކަޝަފްގާތަށް ދަންތޯ ސުއާލު ކޮށް ސަމާސާ ކޮށްލިއެވެ. އެހެންނަމަވެސް ، ކަޝަފްމެންގެ ގެ ހުންނަނީ އެހައި ރައްކާތެރި ހިސާބެއްގައެއް ނޫނެވެ. ބޭނުންވިޔަސް އެގަޑީގައި ޒަރޫން އެހިސާބަށް އަންނާކަށް ކަޝަފް ބޭނުމެއް ނޫނެވެ.

" އެހެންވީމާ އަހަރެންނާމެދު ކަޝަފް އެބަ ފިކުރުކުރަމެއް ނޫން ހެއްޔެވެ ؟ " ޒަރޫން ބުންޏެވެ.

" އެހެންވިއްޔާ ޚިޔާލުނުކުރަންވީ ހެއްޔެވެ ؟ " ކަޝަފްގެ ޖަވާބު ސުއާލަކުން ނިންމައިލިއެވެ.

ކަޝަފް އެދިނީ ޒަރޫން ކުރި ސުއާލުގެ ޖަވާބެއް ނޫނެވެ. އެކަން ކަޝަފަށްވެސް އެނގެއެވެ. އެކަމަކު އެއީ ކަޝަފްގެ ޖަވާބުކަމަށް ބެލުމަށް ކަޝަފް ބުންޏެވެ.

------------------------

އެދުވަހަކީ ކަޝަފް އެނބުރި ޒަރޫންމެންގެޔަށް ދާން އޮތް ދުވަހެވެ. ހެނދުނު ތެދުވެ ، ކަޝަފް ގެންދިޔައީ ފޮށްޓަށް ހެދުންތައް އަޅައި ތައްޔާރު ވަމުންނެވެ. ރާފިޢާ ، ކަޝަފްގެ ހެދުމެއް އިސްތިރިކޮށްދީގެން ގެނެސް އޭނާއާ ޙަވާލު ކުރެއެވެ. އަދި ޖެހިގެންހުރި އެނދުގައި އިށީނދެލިއެވެ.

" ދަރިފުޅާއެވެ ! ޒަރޫން އާމެދު ވަރަށް ބޮޑަށް ޚިޔާލު ބަހައްޓައިގެން އަޅައިލައިގެން އުޅެއްޗެވެ. " ރާފިޢާ ބުންޏެވެ.

ޒަރޫންއަށް އަޅައިލާކަށް ނުޖެހޭނެއެވެ. އޭނާއަށް ކަންކަން ކޮށްދޭން އެތައްބަޔަކު އެބަތިއްބެވެ. ކަޝަފްގެ އެޚިޔާލަށް ރާފިޢާ ވަގުތުން ނޫނެކޭ ބުނެ ދެކޮޅު ހެދިއެވެ. އަދި ފިރިމީހާގެ ކަންކަން އެއީ އެހެން މީހުންކުރަންޖެހޭކަންކަމެއް ނޫންކަން އޭނާގެ ދަރިފުޅަށް ވިސްނައި ދިނެވެ. ކަޝަފް ބަލާގޮތުގައި ، ޒަރޫންއަށް ނޯކަރެއްގެ ބޭނުމެއް ނޯންނާނެއެވެ. އެގޭގައި އެތައްބަޔަކު އެމީހުންގެ ޚިދުމަތުގައި އެބަ އުޅެއެވެ. އެކަމަކު ، ފިރިމީހާގެ ކަންކަން ވާންޖެހޭނީ އަނބިމީހާގެ އަމިއްލަ ކަންކަން ކަމުގައި ކަޝަފަށް ވިސްނާކަށް ނޭނގެއެވެ. އެކަން ކަޝަފަށް ވިސްނައިދެވޭތޯ ރާފިޢާ މަސައްކަތް ކުރިއެވެ. ކަޝަފް ދެކޭގޮތުގައި ދެމަފިރިއެއްގެ ގުޅުމަކީ ހަމައެކަނި ކޮށްދޭ ކަންކަމުން އުފެދޭ ގުޅުމެއް ނޫނެވެ. އެއީ ،  އެކަކު އަނެއކަކަށް އެނގި ދަސްވުމާއި  ގޮތް ދޫކުރުމުން އުފެދޭ ގުޅުމެކެވެ. މަންމަމެންގެ ދުވަސްވަރު ، ކައިވެންޏެއް ދެމެހެއްޓެނީ އަނބިމީހާ ކޮށްދޭ ކަންކަމުން ކަމުގައި ވެދާނެއެވެ. އެކަމަކު ، މިހާރު އެކަން އޮންނަނީ އެގޮތަކަށް ނޫނެވެ.

ޚިޔާލު ކުރުމާއި އަޅައިލުމާ ނުލައި އެކަކު އަނެކަކަށް އެނގި ދަސްވެދާނެ ހެއްޔެވެ ؟ ވަރަށް ވިސްނަން އިނދެފައި ރާފިޢާ ސުއާލު ކުރިއެވެ. އަޅައިލުމާއި އޯގާތެރިވުމަކީ ކޮންމެ ޒަމާނަކަށްވެސް ބޭނުންވާނެ ޚިދުމަތެކެވެ. އެއީ ލޯބީގެ ނިޝާނެކެވެ. ކޮންމެ އިންސާނަކަށްވެސް ، ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ކަމެއްގައިވެސް އަޅައިލުމާއި އޯގާތެރިކަމަކީ މުހިންމު ސިފައެކެވެ.

ކަޝަފްގެ މުރާދަކީ ޒަރޫންއަށް ކަމޭނުހިތުމެއް ނޫނެވެ. ކަޝަފަކީ ވަޒީފާ އަދާކުރާ މީހެކެވެ. އޭނާއަކަށް ޒަރޫންގެ ހުރިހާ ކަމެއް ފުރިހަމަކޮށްދޭން ވަގުތެއް ނުލިބޭނެއެވެ. އިސްލާމްއާބާދަށް ދިޔައިމާ އަމްދުން ކަޝަފަށް ލިބޭ ވަގުތު ކުޑަވާނެއެވެ. ޒަރޫން ބޭނުންވާވަރަށް ވަގުތެއް ނުދެވޭނެއެވެ. ރާފިޢާއަށްވެސް އެކަންކަން ވިސްނެއެވެ.  ރާފިޢާ ބުނަން ބޭނުންވީ ، ފިރިމީހާ ކަޝަފްގާތު ހުންނައިރު އޭނާއަށް އަޅައިލުމުގެ މުހިންމު ކަމެވެ. ޒަރޫންގެ ހުރިހާކަމެއްވެސް ކަޝަފްގެ ދެއަތުން ކުރެވޭތޯ ބެލުމަށެވެ. ރާފިޢާ އޭނާގެ ދަރިފުޅަށް ދެމުންގެންދިޔަ ނަޞޭޙަތް ކުރިޔަށް ގެންދިޔައެވެ. މިއީ ދެމީހުންނަށްވެސް އެކަކު އަނެކަކަށް އަޅައިލާން ފުރުޞަތު ލިބޭނެ ހަމައެކަނި ވަގުތެވެ. އެކަކު އަނެކަކު ދަސްކުރަން މަސައްކަތް ކުރަންވީ ވަގުތެވެ. ދުވަސްކޮޅަކުން ކުއްޖަކު ލިބުނީމަ ދެމަފިރިން ، އެކަކު އަނެކަކަށް ދޭން ބޭނުންވާ ވަގުތެއް ނުހޯދޭނެއެވެ. ގޭތެރޭގެ ކަންކަން އެތައް ގުނަޔަކަށް އިތުރު ވެގެންދާނެއެވެ. އެކަކު އަނެކަކަށް ހިނިތުންވެލައި ލޯބިވާކަން އަންގާލަދޭން ބޭނުންވާ ވަގުތުވެސް އޮންނާނީ ނުފެނިފައެވެ.  ކަޝަފް އޭނާގެ މަންމަ ދެއްކި ހުރިހާ ވާހަކައެއް އަޑުއެހިއެވެ. އަދި ބުންޏެވެ. ދަރިޔަކު ލިބުނީމާ އެކަމަށް ވިސްނާނީއެވެ.

ރާފިޢާ އޭނާގެ ދަރިފުޅު ކަޝަފްގެ ވިސްނުންހުންނަ ގޮތާމެދު ކަންބޮޑުވެއެވެ. ކަޝަފާ ދައްކަން ޖެހޭ އެކަހަލަ ވާހަކަތަކެއް ޞިދްރާގާތު ދައްކާކަށް ނުޖެހެއެވެ. ދެކުދިންގެ މިޒާޖު އެހާ ތަފާތެވެ. އެހެންނަމަވެސް އޭނާގެ ކުދިންނަށް ﷲ ހެޔޮ ރަޙުމަތް ލެއްވުންއެދި އަބަދުވެސް ހެޔޮ ދުޢާ ކުރެއެވެ.

ޒަރޫން އަންނަންވާއިރަށް ކަޝަފް ތައްޔާރުވަމުންދިޔައިރު ، ޞިދްރާ އެތަނަށް އައިސް ހުއްޓުނެވެ. އަދި ކަޝަފްގެ ނަލަކަމާއި ފަރިކަމަށް ތަޢުރީފް ކުރިއެވެ. ކަޝަފަށް ، ޞިދްރާގެ އެ ތަޢުރީފް ބަލައެއް ނުގަނެވުނެވެ. އަޞްލުވެސް އޭނާ އެހާ ނަލަހެއްޔޭ އަހައި ސުއާލު ކުރިއެވެ. ރީތިވާހަކަ ބުނަނީ ރީތިވެގެންކަމުގައި ޞިދްރާ ބުންޏެވެ. އެހެންނަމަވެސް ޒަރޫން އެވާހަކަ ބުނެގެންނޫނީ މިހާރު ކަޝަފަކަށް އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރެވޭނޭ ބުނެ ޒަމާސާ ކޮށްލިއެވެ.

ކަޝަފްގެ އޭނާގެ ދޮޕައްޓާއިން ބޯ ނިވައިކޮށްލިއެވެ. އެވަގުތު ޞިދްރާ ، ކަޝަފްގެ ބޮލުން ދޮޕައްޓާ ނެގިއެވެ. އަދި ޒަރޫންއަކީ ކަޝަފްގެ ފިރިމީހާކަން ހަނދާން ކޮށްދިނެވެ. އޭރުވެސް ކަޝަފް ގެންދިޔައީ އޭނާގެ މޫނު ރީތި ކުރަމުންނެވެ. ފަހަރެއްގައި މާބޮޑަށް މޭކަޕް ކުރެވިފައި ހުރެދާނެތީއެވެ. އަދި ތުންފަތުގައި ހާކާފައިހުރި ކުލަ މާ ގަދަ ވެދާނެތީއެވެ. އެހެންނަމަވެސް ، އެހުރިހާ ކަމެއް ހުރީ ރަނގަޅަށް ކަމަށް ބުނެ ޞިދްރާ އޭނާގެ ދައްތައާ ސަމާސާ ކޮށްލިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.