އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި  އޮތް ލޯންޗެއް ފެނިއްޖެ - އެކަކު ވަނީ ގެއްލިފަ

އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި  އޮތް ލޯންޗެއް ފެނިއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ  އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށާއި އިތުރު މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ.

އިއްޔެ މެންދުރު އެކެއްޖަހާކަންހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް ވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ލޯންޗު ފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމަށާއި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިވިފައިވާ ކަމަށެވެ.

އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ އއ. މާޅޮސް ކައިރިން މިއަދު ފެނިފައިވާއިރު، އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައިވާކަމަށާއި އެމީހާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެމީހާ ފެނިއްޖެނަމަ ނުވަތަ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 119 އަށް ނުވަތަ 3322111 އަށް ހިއްސާކޮށްދެއްވުމަށް އެދޭ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.