ޒަމާނީ ތަމްރީންތަކާއެކު ފުލުހުން ޚިދުމަތަށް ނުކުންނަ އިރު، ވަސީލަތްތައް ހުރުން މުހިންމު: ރައީސް ސާލިހު

ޒަމާނީ ތަމްރީންތަކާއެކު ފުލުހުން ޚިދުމަތަށް ނުކުންނަ އިރު، އެ ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ  34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި އެއްގަމާއި ކަނޑުގެ އިތުރު އުޅަނދުފަހަރު ހޯދައިދިނުމަށް ވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި ވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތް ކަމަށާއި އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ، ބައިނަލްއަޤުވާމީ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް، އެހެން ޤައުމުތަކަށް މިސާލު ދައްކަމުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހަރުކަށި ދީނީފިކުރުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ޚާއްޞަ ގޮތެއްގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވައި އެމަނިކުފާނު ވިދާޅުވީ، އެގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި ކަމަށާއި، އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލުކަން ވެސް އެބަހުރި ކަމަށެވެ. އަދި އެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ  34ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަށް ތަޙްނިޔާ ވިދާޅުވެ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ސާބިތުކަމާއި ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބުމަށް އިލްތިމާސްކުރައްވާފަ އެވެ.

މިޖަލްސާގައި، ފުލުހުންގެ  34ވަނަ އަސާސީ ތަމްރީން ކޯހުން 1 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މިކޯސް ފުރިހަމަކޮށް 164 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.