މިދިޔަ ބުރާސްފަތި ދުވަހު ހއ. އިންނަފިނޮޅު ފަރަށް އުރުނު ބޯޓުން އުކައިލި ކަމަށް ބެލެވޭ 115 ކިލޯގެ މަސްތުވާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެ ބޯޓާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ފުލުހުންނާއި ސިފައިން ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ މަސްތުވާތަކެތި ފެނިފައިވަނީ ބައެއް ފަޅުރަށްރަށާއި، އުލިގަމާއި މުޅަދުއަށް ލައްގާފައި ހުއްޓައި ކަމަށެވެ.
އޭނާ ވިދާޅުވީ ބޯޓުގައި ތިބި ފަޅުވެރިން ބައެއް އުކާލުމާއި އަދި ބޯޓުގައި ރޯކޮށްލުމުގެ ސަބަބުން އެބޯޓުގައި ހުރީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ސީދާ ދަންނަވަން އަދި ނޭނގޭ ކަމަށެވެ. އެހެން ކަމުން އަދިވެސް އިތުރަށް އެކަން ބަލަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ބޯޓުގައި ތިބި 8 މީހުންގެ ތެރޭގައި ހިމެނެނީ އީރާނުގެ 7 މީހުންނާއި ޕާކިސްތާނުގެ މީހެއް ކަމަށެވެ. ބޯޓު ރޯކޮށްލުމުގެ ތެރޭގައި އޭގެ ތެރެއިން އެކަކުވަނީ ކޮންމެވެސް ވަރަކަށް ފިހި އަނިޔާވެފައި ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޯޓުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި މިކަމާ ގުޅިގެން ވާހަކަ ދައްކަންޖެހޭ ބޭރުގެ ފަރާތްތަކާވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ބޯޓަކީ ސީދާ ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އައި ބޯޓެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ބޯޓުން ގެނައި މަސްތުވާތަކެއްޗާއި އެއްވެސް ފަރާތަކާ ގުޅުމެއްވޭތޯ ވެސް ބަލަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ބޯޓުން ބޭރުވެފައިވާ މަސްތުވާތަކެތި ލައްގައިފާނެ ކަމަށް ބެލެވޭ ހިސާބުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އެމަސައްކަތުގައި ރަށްރަށުގެ ކައުންސިލްތަކުގެ އެހީތެރިކަން ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެ ބޯޓު އުރިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމުން ހޯރަފުށީގައި ބޭނުންކުރާ ސީއެމްބިޔުލާންސްގައި ސިފައިން އެސަރަހައްދަށް ދިޔަ ކަމަށެވެ.
ޔުނީފޯމުގައި ތިބި ސިފައިން ފެނުމުން ބޯޓުގައި ރޯކޮށްލުމަށްފަހު އޭގެ ފަޅުވެރިންވަނީ ލައިފްޖެކެޓު އަޅައިގެން މޫދަށް ފުންމާލައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެވަގުތަކީ ފަރުމަތީގައިވެސް ރާޅު ބޮޑު ވަގުތެއް ކަމުން އެމީހުން ފުންމާލުމަށްފަހު ދިޔައީ ބޭރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުންގެ އަމަލުތައް ހުރިގޮތުން ޝައްކުތަކެއް އުފެދިގެން ފުލުހުންނަށް އެކަން އެންގުމުން އެމީހުން ނަގައިފައިވަނީ ފުލުހުން އައިސް ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯޓުން ފުންމައިލި 8 މީހުންގެ ތެރޭގައި ހާލުބޮޑު އެކަކު އޮތެވެ. އެއީ ފިހުނު މީހާއެވެ. އެހެންކަމުން ފުލުހުން ފުރަތަމަ ނަގައިފައިވަނީ އޭނާ ކަމަށް ސަލީމް ވިދާޅުވިއެވެ. އެމީހާގެ އިތުރަށް އެހެން މީހުންނަށްވެސް ބޭނުންވާ ފަރުވާ ފުލުހުންވަނީ ހޮސްޕިޓަލަށް ގެންގޮސް ދީފައެވެ. އެ އެންމެންވެސް މިވަގުތުތިބީ ފުލުހުންގެ ބަލުމުގެ ދަށުގައެވެ.
މި އެންމެން ވެސް މިހާރުވަނީ މަސްތުވާތަކެއްޗަށް ޓެސްޓް ކުރެވިފައެވެ. ޓެސްޓު ހެދިއިރު މަސްތުވާތަކެތީގެ އެކި ބާވަތްތަކަށް އެންމެންވެސް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މި ބޯޓު މީގެ ކުރިންވެސް ރާއްޖެއަށް އައިސްފައިވާ ކަމަށްބުނެ އަޑު ފަތުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ހުއްދަ ނަގައިގެންވެސް އަދި ނުނަގައިވެސް އެބޯޓު ރާއްޖެއައި ކަމެއް ރެކޯޑު ތަކުން ނުދައްކާ ކަމަށެވެ.
މިފަދަ ހާދިސާތައް ރާއްޖޭ ސަރަހައްދުގައި ހިނގުން ހުއްޓުވުމަށްޓަކައި އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.