އުއްމީދު - 31

(26 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިސްލާމް ދީނާ ބެހޭ ގޮތުން އޭނާގެ ހިތަށް އެންމެ ފުރަތަމަ އެއްޗެއް ވަނީ އުމުރުން އެންމެ ހަ އަހަރުގައި މައިންބަފައިންނާއެކު ލަންޑަނަށް އައިސް އުޅުމުގެ ތެރޭގައެވެ. މަންމަޔާއެކު ކްރިސްޓިއަން ފައްޅިއަކަށް ދިޔަ ދުވަހަކު ފާދިރީއަކު ތަގުރީރުކުރަމުން ގޮސް ލުބްނާނާއި ދުނިޔޭގެ އެހެން ގައުމުތަކުގައި މުސްލިމުންގެ ފަރާތުން ކްރިސްޓިއަނުންނަށް ލިބެމުންދާ އަނިޔާގެ ވާހަކަ ދެއްކިއެވެ. އެ އަނިޔާގެ ވާހަކަ ފާދިރީ ދެއްކި ގޮތުން އެ ވަގުތު ފައްޅީގައި ތިބި ބައެއް އަންހެނުންގެ ލޮލުން ކަރުނަ ފޭބިތަން ޑެނިއަލަށް ފެނުނެވެ. ބާރަށް ރުއި އަންހެންނުންގެ ތެރޭގައި އޭނާގެ މަންމަ ސިބިލް ހިމެނެއެވެ.

ޑެނިއަލް ހައިރާންވެފައި މަންމަޔާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު އޭނާގެ ހިތަށްވެސް އުދާސްކަން ވެރިވިއެވެ.

"މަންމާ. އިސްލާމުން އެހެން ހަދަނީ ކީއްވެގެން؟" ފައްޅިން ނުކުމެގެން މަންމަގެ އިނގިލީގައި ހިފައިގެން ހިނގައިގަންނަމުން އޭނާ ސުވާލުކޮށްލިއެވެ.

"އެއީ އެމީހުންގެ ސަގާފަތް އޮންނަ ގޮތް. އިސްލާމުން ނޫން އެހެން ބަޔަކު ދުނިޔޭގައި އުޅުމަކީ އެމީހުންނަށް ބަރުދާސް ކުރެވޭ ކަމެއް ނޫން." މަންމަ ބުންޏެވެ.

މަންމަ އެ ބުނި އެއްޗަކާ މެދު އޭނާ ވިސްނަމުން ގެންދިޔައެވެ.

"މީހުން މަރައި ތަޅާފޮޅައި އުޅުމަކީ ނުބައިކަމެއްނު؟" އޭނާ އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.

"އާނ. އެއީ ވަރަށް ނުބައި ކަމެއް. އެކަމަކު އިސްލާމުން އެކަމަކާ ނުވިސްނާ. އެ ނޫނަސް ވަރަށް ވިޔާނުދާ ކަންތައް އެމީހުން ކުރޭ. ގެއަށް ގޮސް މަންމަ ކިޔައިދޭނަން." މަންމަ ބުންޏެވެ.

އެ ދުވަހު ގެއަށް ގޮސް ސިބިލް އޭނާގެ ދަރިފުޅަށް މައުލޫމާތު ދިނީ ފޮތެއް ހުޅުވައިގެން އިނދެ އެ ފޮތުގެ އެހީގައެވެ. އެ ފޮތުގައި ބަޔާންކޮށްފައި އޮތީ މުސްލިމުން ސްޕެއިން ފަތަޙަކުރި ކުރުމާއި އެ ގައުމުގައި ހިންގި ކަމަށް ބުނާ އަނިޔާވެރި އަމަލުތަކުގެ ވާހަކައެވެ. ވިދިގެން އައި ހަފުތާއެއްހައި ދުވަހު ޑެނިއަލަށް ލިބުނީ މުސްލިމުން ޞަލީބީ ހަނގުރާމައިގައި ހިންގި އަނިޔާވެރި އަމަލުތަކުގެ މައުލޫމާތެވެ.

އެއް ހަފުތާ ފަހުން އިސްކޫލުގައި ކުރަމުން ދިޔައީ އޭޝިއާގެ ގައުމުތަކުގައި އުޅޭ ކްރިސްޓިއަން މިޝަނަރީންނާއި އެ ގައުމުތަކުގައި އުޅޭ ކްރިސްޓިއަންނުނަށް އެހީވާން ފައިސާ އެއްކުރުމުގެ މަސައްކަތެވެ.

"އެންމެ ޗޮކުލެޓެއްގެ އަގު ދެއްވާ. އެންމެ ޗޮކުލެޓެއްގެ އަގަށްވާ ވަރުގެ ފައިސާކޮޅެއް ދެއްވީމާ ޗޮކުލެޓެއް ކީއްކުރަންތޯ ކައިލާނޭ އެއްވެސް އެއްޗެއް ނެތް ކުއްޖަކަށް ކާން ދެއްވުނީ."

އެހެން ކުދިންނެކޭ އެއްފަދައިން ޑެނިއަލްވެސް ހިމޭނުން އިނދެގެން އިސްކޫލުގައި ވާހަކަދެއްކި ކްރިސްޓިއަން ފާދިރީގެ ވާހަކަ އަޑު އަހަމުން ގެންދިޔައެވެ. އަދި އެ ދުވަހު އޭނާއަށް ޖީބު ޚަރަދަށް ލިބުނު ފައިސާކޮޅު ޚާއިރާތު ފޮށްޓަށް ލައިފިއެވެ. އެ ދުވަހު ކަންތައް ކުރި ގޮތް ކިޔައި ދިނީމާ އޭނާގެ މަންމަ ވަރަށް ބޮޑަށް އުފާކޮށްފިއެވެ.

"އެކުދިންނަށް ކާނޭ އެއްޗެއް ނުލިބެނީ ކީއްވެގެން؟" އެރޭ އޭނާ މަންމަޔާ ސުވާލުކޮށްލިއެވެ.

"އެއީ އެ ކުދިން އިސްލާމީ ގައުމުތަކުގައި ދިރިއުޅޭތީ. އިސްލާމުންނަކީ އެމީހުންގެ ދީން ނޫން އެހެން ދީނެއްގައި އުޅޭ މީހުން ދެކެ ރުޅި އަންނަ ބައެއް. އެހެންވީމާ އިސްލާމީ ގައުމުތަކުގައި އުޅޭ ކްރިސްޓިއަނުންނާ މެދު އެމީހުން އަމަލު ކުރަނީ ވަރަށް ނިކަމެތިކޮށް. ކްރިސްޓިއަނުންގެ އަދަދު މަދުކަމުން އެމީހުންނާ މުގާބިލާ ނުކުރެވޭނޭކަން އިސްލާމުން ދަނޭ. އެހެންވީމާ އެ މީހުން ބިރެއް ނުގަނޭ. މި ކޮޅުގައި އެއްކުރާ ފައިސާ ފޮނުވާނީ އެ ގައުމުތަކަށް. އެ ފައިސާގެ ބޭނުން ކޮށްގެން ކްރިސްޓިއަން ކުދިންނަށް އިސްކޫލު އަޅައިދޭނެ. ދަނާލު އަޅާނެ. ކެއުމާއި ތިބުމުގެ ޚަރަދު ބަލަހައްޓާނެ." ސިބިލް އޭނާއަށް ކިޔައިދިނެވެ.

އެ ދުވަހު މަންމަ ކިޔައިނުދީ ހުރި ބައެއް ވާހަކަ އޭނާއަށް އެނގުނީ އޭގެ ފަނަ ވަރަކަށް އަހަރު ފަހުންނެވެ. އެ މައުލޫމާތު އޭނާއަށް ލިބުނީ ނޫހެއްގައި ލިޔެފައި އޮތް މަޒުމޫނަކުންނެވެ. އެ މަޒުމޫނުގައިވާ ގޮތުގައި ކްރިސްޓިއަނުން އެއްކުރާ ފައިސާގެ ވަރަށް ބޮޑު ބައެއް ހޭދަކުރަނީ އިސްލާމީ ގައުމުތަކުގައި ނިކަމެތި ފަގީރުން އުޅޭ އަވަށްއަވަށަށް ގޮސް އެމީހުންނަށް އެހީތެރިވެދީގެން ކްރިސްޓިއަން ދީނަށް ވެއްދުމުގެ މަސައްކަތް ކުރާށެވެ.

އުމުރުން ހަ އަހަރުގައި އޭނާއަކަށް މި ކަމެއް އެނގިފައެއް ނެތެވެ. އެހެންވީމާ އިސްކޫލުގެ އެހެން ކުދިންނެކޭ އެއްފަދައިން އޭނާގެ ޖީބުފައިސާގެ ބައެއް ޚަރަދު ކުރަމުން ގެންދިޔައީ ކުޑަކުދިންނަށް އެހީވާން މަސައްކަތްކުރާ މީހުންނަށް މަދަދުވެރިކަން ފޯރުކޮށްދޭށެވެ. މަންމަޔާ އެކީ ފައްޅިއަށްދާ އެންމެ ދުވަހަކުވެސް ޚައިރާތު ފޮށްޓައް ފައިސާލާން އޭނާ ހަނދާން ނައްތައެއް ނުލައެވެ.

"އިސްލާމުންނަކީ މައްކާރު، ވަހުޝީ، ހީލަތްތެރި ބައެއް." ޔަހޫދީ ފައްޅިއެއްގައި 1967 ގެ ހަނގުރާމަޔާ ބެހޭ ގޮތުން ވާހަކަދައްކަމުން ރާހިބަކު ބުންޏެވެ. އެ ޖުމުލަ އޭނާގެ ސިކުނޑީގައި ހަރުލީ ގޮތަށް އެތައް ދުވަހެއް ވާންދެން ތާޒާކޮށް ހުއްޓެވެ. އެއީ އޭނާ ބައްޕަޔާއެކު ޔަހޫދީ ފައްޅިއަކަށް ދިޔަ ދުވަހަކު އިވުނު ވާހަކައެކެވެ. އެ ދުވަހު ރާހިބު އެ ވާހަކަ ދައްކައިފައި ފައިސާގެ އެހީތެރިކަމަށް އެދުނެވެ. ބައްޕަ ޗެކެއް ލިޔެފައި ރާހިބަށް ދިނީ އޭނާގެ ކުރިމަތީގައެވެ. އޭނާވެސް ޖީބުގައި އޮތް ޕައުންޑު ރާހިބަށް ދިއްކޮށްލިއެވެ.

"މިއީ އިޒްރޭލާއި ޔަހޫދީންގެ ކުރިމަގު." ރާހިބު އޭނާއަށް ޝުކުރު އަދާކުރަމުން ބުނެލިއެވެ. އޭނާ ބަލައިލީ ބައްޕަގެ މޫނަށެވެ. ބައްޕަގެ މޫނުމަތީން ފައުޅުވަނީ އުފަލާއި ފަޚުރުވެރިކަމުގެ އަސަރެވެ. އެ ދުވަހުން ފެށިގެން ޔަހޫދީ ފައްޅިއަށް ގޮސް އެހީވުންވެސް އާދައަކަށް ވެއްޖެއެވެ. ޔަހޫދީ ފައްޅިއަށް ދާ ދުވަހެއް ވިއްޔާ އެނބުރި އަންނަނީ ޖީބުޚަރަދު ޚައިރާތު ފޮށްޓައް ލައިފައެވެ. މަންމަޔާއެކު ކްރިސްޓިއަން ފައްޅިއަށް ދާދުވަހުވެސް ކަންތައްކުރާ ގޮތަކީ އެއީއެވެ.

އިސްލާމުންނާ ދެކޮޅަށް އޭނާގެ ސިކުނޑިއަށް ވައްދަމުން ގެންދިޔަ ވާހަކަތައް ނަފުރަތުގެ ހުޅުގަނޑަކަށް ބަދަލުނުވެ ސަލާމަތްވީ އޭނާގެ ބައްޕަޔާއެކު މިސުރަށް ދެވުނީމައެވެ. މިސުރުގައި އޭނާ އެތައް އަހަރެއް ހޭދަކުރިއެވެ. އޭނާޔާއެކު އެއް ކުލާހުގައި އުޅޭ ކުދިންގެ ތެރޭގައި ގިނައީ އިސްލާމުންނެވެ. އެ ކުދިންނާއި މުދައްރިސުން އޭނާއަށް ފެނުނީ ވަރަށް ހިތްހެޔޮ އޯގާތެރި ބައެއްގެ ގޮތުގައެވެ. ކުންފުނީގެ ފަރާތުން އެމީހުން ދިރިއުޅެން ހިފައިފައި ހުރި ގެއަކީ ހުވަފަތް އިސްލާމް އަންހެނަކުގެ ގެއެެކެވެ. އެމީހާ ދިރިއުޅެނީ އެމީހުންނަށް ކުއްޔަށް ދީފައި ހުރި ބަޔާ ޖެހިގެން ހުރި ބައިގައެވެ. އެއީވެސް ގޭގެ ބައެކެވެ. އެއްބައި ކުއްޔަށް ދިނީ އެމީހާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ. އެ މީހާގެ ނަމަކީ ޙާމިދާ އަސަދުއްޒުހައިރީއެވެ. އެއީ ތުރުކީ މީހެކެވެ. މިސުރު މީހަކާ އިނދެގެން އައިސް މިސުރުގައި ދިރިއުޅެން ފެށްޓި މީހެކެވެ. އެ ގޭގައި އުޅެން ފެށުމާއެކު ސިބިލާއި ޙާމިދާއާ ދެމެދު ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިއްޖެއެވެ. ޙާމިދާގެ ދަރިއަކު ނެތުމާއެކު އޭނާ ޑެނިއަލް ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ޑެނިއަލް ގޭގައި ބަހައްޓައިފައި ބޭރަށް ދާން ޖެހިއްޖެ ނަމަ ސިބިލް ދަނީ ޙާމިދާއާ ހަވާލުކޮށްފައެވެ. ޙާމިދާ އޭނާ ބަލަހައްޓަމުން ގެންދިޔައީ ވަރަށް ރަނގަޅަށެވެ. އޭނާއަށް އަބަދުވެސް ޙާމިދާ ފެންނަނީ ބޮލުން ފެށިގެން ފައިތިލަޔާ ހަމަށް ނިވައިވާ ކަހަލަ ހެދުމެއް ލައިގެން ހުއްޓައެވެ. ގިނައިން އިންނަނީ ޤުރްއާން ކިޔަވާށެވެ. ޙާމިދާއާ އޭނާ ހަވާލުކޮށްފައި މަންމަ ދިޔައީމާ އިރުކޮޅަކު އޭނާޔާ ވާހަކަދައްކަން އިނދެފައި އޭނާ ކޮންމެވެސް ކަމެއްގައި މަޝްޣޫލުކުރުވައިފައި ޙާމިދާ ފަށްޓަނީ ޤުރްއާން ކިޔަވާށެވެ. ދުވަސްކޮޅަކަށް ފަހު އޭނާއާއި ޙާމިދާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިއްޖެއެވެ. ކުރީކޮޅު ޖެހިލުންވެފައި ހުރި ނަމަވެސް ފަހުން އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ. އިސްލާމުންނާ މެދު އޭނާގެ ހިތުގައި އުފެދިފައި ހުރި ސުވާލުތަކުގެ ޖަވާބު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އޭނާގެ ބައެއް ވާހަކަ އަޑު އަހައިފައި ޙާމިދާ ހަމައެކަނި ހީނލަނީއެވެ. ބައެއް ފަހަރު ވަރަށް ބާރަށް ހީނގަނެއެވެ. އެޔަށް ފަހު އޭނާ ކިޔަވާ އާޔަތެއްގެ އިނގިރޭސި ތަރުޖަމާ ކިޔައިދެއެވެ.

"މިއީ އަހަރެމެންގެ ﷲއާއި ރަސޫލާގެ އަމުރުފުޅު ހުންނަ ގޮތް. އަހަރެމެން އަމަލު ކުރަމުން ގެންދަނީ ﷲ ގެ ޙުކުމްފުޅާއި ރަސޫލާގެ އަމުރުފުޅު އޮންނަ ގޮތަކަށް." ކޮންމެ ވާހަކައެއް ނިންމައިލަމުން ޙާމިދާ ބުނެލައެވެ. "ކޮއިފުޅަށް އިވިފައި ތިޔަހަރީ މުސްލިމުން ކުރި ކަމަށް ބުނާ ވިޔާނުދާ ކަންތައްތަކުގެ ވާހަކަ. މުސްލިމުންނާ މެދު އެހެން މީސްމީހުން އަމަލުކުރި ގޮތްގޮތުގެ ވާހަކައެއް ނީވެއެއްނު؟ ފަލަސްތީނުގައި މުސްލިމުންނަށް މެދުވެރިވެފައިވާ ހާލަތު ކޮއިފުޅަކަށް ނޭނގޭ." ޙާމިދާ ކިޔައިދިނެވެ. "ކްރިސްޓިއަން އިއްތިހާދީ ގައުމުތަކުން ތުރުކީގައި ކުރި ކަންކަމެއް ކޮއިފުޅަކަށް ނޭނގޭ." ފުރަތަމަ ބޮޑު ހަނގުރާމައިގެ ވާހަކަވެސް ޙާމިދާ ކިޔައިދިނެވެ. "އިންޑިއާގައި އިނގިރޭސިން އިސްލާމުންނަށް ކުރި އަނިޔާތަކުގެ ވާހަކައެއް ކޮއިފުޅަކަށް ނޭނގޭ."

އޭރު އޭނާގެ އުމުރުން އެންމެ އަށް އަހަރެވެ. ޙާމިދާގެ ވާހަކަ އަޑުއަހައިފައި އޭނާ ކަންބޮޑުވިއެވެ.

"އިސްލާމުންނަކީ ކޮއިފުޅު ތިޔަ ހީކުރާ ކަހަލަ ބައެއް ނޫން. އަހަރެމެންގެ އަމިއްލަ ދީނެއް އެބައޮތް. އަމިއްލަ ސަގާފަތެއް އޮވޭ. ތަފާތު އާދަތަކެއް ހުރޭ. އަހަރެމެން ދިރިއުޅެނީ އަހަރެމެންގެ ދީނާއި ސަގާފަތާއި އާދަކާދައިގެ ތެރޭގައި. އެޔަކު ނުބައެއް ނެތް. ކޮއިފުޅުމެންވެސް ހަދާ ގޮތަކީ އެއީ. މި ބުނީ ކޮއިފުޅުގެ މަންމަޔާ ބައްޕަޔާ ދެމީހުންގެ ވާހަކަ. އެކަކީ ކްރިސްޓިއަނެއް. އަނެކަކީ ޔަހޫދީއެއް. ދެ މީހުން އެ އުޅެނީ އެ ދެމީހުން އުޅެން ބޭނުންވާ ގޮތަށް. އަހަރެމެން އެކަމަކަށް ހުރަހެއް ނާޅަން. ދެކޮޅެއް ނުހަދަން. އެހެން މީސްމީހުންގެ ހައްގުތަކަށާއި މިނިވަންކަމަށް އަހަރެމެން އިހުތިރާމުކުރަން. އެހެން މީސްމީހުން އަހަރެމެންގެ މިނިވަންކަމާއި ހައްގުތަކަށް އިހުތިރާމު ނުކުރަނީ ކީއްވެގެން؟"

ޙާމިދާ އޭނާޔާ ވާހަކަދައްކަނީ އަށް އަހަރު ނުވަތަ ނުވަ އަހަރުގެ ކުއްޖަކާ ވާހަކަދައްކާ ގޮތަކަށް ނޫނެވެ. އަށާރަ އަހަރު ނުވަތަ އޮނަވިހި އަހަރު ވެފައިވާ ޒުވާނަކާ ވާހަކަދައްކާ ގޮތަށެވެ. އެއީ ޑެނިއަލަށް ވަރަށް ކަމުދިޔަ ކަމެކެވެ. ކޮންމެ ވާހަކައެއް އޭނާއަށް ކިޔައިދީފައި އޭނާގެ ޚިޔާލަކީ ކޮބައިތޯ އޮޅުންފިލުވުމަކީވެސް ޙާމިދާ ކުރާ ކަމެކެވެ. އެހެންވީމާ އޭނާއަށް ޖެހެނީ އޭނާގެ އަމިއްލަ ޚިޔާލުވެސް ފައުޅުކުރާށެވެ.

މިސުރުގައި ދެ އަހަރު ދުވަސްވީއިރު ލަންޑަނުގައި އޭނާގެ ސިކުނޑިއަށް ވެރިވެފައި ހުރި ވިހަ ޚިޔާލުތަކާއި ތައައްސުބު ފުހެވި ސާފުވެއްޖެއެވެ. އޭނާގެ ވިސްނުން ވަކި އަތަކަށް ބުރަނުވާ ވިސްނުމަކަށް ބަދަލުވެގެން ހިނގައްޖެއެވެ.

ވިދިގެން އައި ހައެއްކަ އަހަރުވެސް އޭނާ ދިރިއުޅުނީ އިސްލާމީ ގައުމުތަކުގައެވެ. އެހެންވީމާ ވިހަ ފިކުރުތަކާއި ތައައްސުބަކަށް އޭނާގެ ސިކުނޑިއަކުން އިތުރު ޖާގައެއް ލިބޭ ގޮތެއް ނުވިއެވެ. އެ ދުވަސްވަރު އޭނާޔާ އެކުވެރިކަން އުފެދުނީ ދެތިން މުސްލިމް އަންހެންކުދިންނާއެވެ. އެކުދިންގެ ދިރިއުޅުމާއި އޭނާގެ ދިރިއުޅުމަކާ މާ ބޮޑު ތަފާތެއް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ. އޭނާގެ އެކުވެރިންގެ އަންހެން ކޮއްކޮއިން ނުވަތަ ދައްތައިން އޭނާގެ ކުރިމައްޗަށް ނުކުންނާން ޖެހިއްޖެނަމަ ބުރުގާ އަޅައެވެ. އެއީ މީގެ ކުރިން އޭނާއަށް ކަމުދާ ކަމަކަށް ނުވެއެވެ. އެކަމަކު މިހާރު ކަމުނުދާ ކަމަކަށް ނުވެއެވެ. އެއީ ރަނގަޅު ކަމެއް ކަމުގައި ފެންނާން ފަށައިފިއެވެ. އެ ކުދިން އޭނާއަށް ފެންނަނީ މަންމަގެ ހިޔަނީގެ ގޮތުގައެވެ. ކުރު ހެދުން އެޅި ކަމުގައި ވިޔަސް އޭނާގެ މަންމަވެސް ހުންނަނީ ހަށިގަނޑު ވަރަށް ރަނގަޅަށް ނިވައިކޮށްގެންނެވެ. އޭނާގެ އެކުވެރިންގެ މައިންވެސް އޭނާގެ މަންމައެކޭ އެއްފަދައިން މީސްމީހުންނަށް އެހީތެރިވެދޭތަން އޭނާއަށް ފެނެއެވެ.

އުމުރުން ފަނަރަ އަހަރުގައި އެމެރިކާއަށް ބަދަލުވީއިރު އޭނާ ހުރީ އިސްލާމީ އާދަތަކާއި ހަމަތަކަށް ނިކަން ރަނގަޅަށް ހޭނިފައެވެ. އެހެންވީމާ އެމެރިކާއިން އޭނާއަށް ފެނުނު މަންޒަރުތަކަކީ އޭނާގެ ސިކުނޑިއަށް ލޮޅުން އެރި ކަމަކަށް ވެއްޖެއެވެ. ހަށިގަނޑު ނިވައިކޮށްގެން ތިބޭ އަންހެނުނަށް ހޭނިފައި ހުރި ދެލޯ އޮރިޔާމުން އުޅޭ އަންހެނުންގެ މައްޗަށް ހުއްޓުނީމާ އާދަޔާ ޚިލާފު ހާސްކަމެއްގެ ތެރެއަށް ވަދެވިއްޖެއެވެ. ދެބައިމީހުންކުރެ ރަނގަޅަށް އުޅެނީ ކޮން ބައެއް ހެއްޔެވެ؟ ނުބައި މަގަކުން ހިނގަނީ ކޮން ބައެއް ހެއްޔެވެ؟ އޭނާގެ ސިކުނޑީގައި ހަރުލައިފައި ހުރީ މުޅީން އެހެން ތަސްވީރެކެވެ. ފެންނަނީ މިސުރުގައި ހަށިގަނޑު ނިވައިކޮށްގެން އުޅޭ އަންހެނުންނެވެ. ދެން ފެންނަނީ ހަމަ އެ ގައުމުގައި ހަށިގަނޑު މުޅީން ނިވައި ނުކޮށް އުޅޭ އަންހެނުންނެވެ. އެފަދަ އަންހެނުންނަކީ މުސްލިމުން ނޫން ކަމަށް ނުވަތަ މުސްލިމުން ކަމުގައި ވިޔަސް ރަނގަޅު އާއިލާއެއްގެ ބަޔަކު ނޫން ކަމަށް އޮންނަނީ ގަބޫލު ކުރެވިފައެވެ.

އިސްލާމްދީނާ ބެހޭ ގޮތުން މުޅީން އައު ވައްތަރެއްގެ ބަހުސެއްގެ ތެރެއަށް ވަންނާން ޖެހުނީ އުމުރުން ސަތާރަ އަހަރުގައި އޭނާ އުޅޭ އިސްކޫލުގައި އުޅޭ އަންހެން ކުއްޖަކު ބޮލުގައި ސްކާފެއް އަޅައިގެން އައީމާ އިސްކޫލުން ވަކި ކުރުމާ ގުޅިގެންނެވެ. އެއީ އޭނާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމެކެވެ. އެކުއްޖާ އިސްކޫލަށް އައުން މަނާކުރީ ސްކާފެއް އެޅީތީ ހެއްޔެވެ؟ އެ މައްސަލަޔާމެދު ވިސްނާނޭ ގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ. އިސްލާމީ ގައުމުތަކުން އޭނާއަށް އެ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. އަންހެންކުދިން ސްކާފް އަޅައިގެން އިސްކޫލަށް އާދެއެވެ. އެއީ އާދައިގެ ކަމެކެވެ. އެކަމަކު މިހާރު އެއީ އާދައިގެ ކަމަކަށް ނުވީތާއެވެ. އެ އަންހެންކުއްޖާގެ މައިންބަފައިން އެ ކުއްޖާގެ ސްކާފް ނަންގާކަށް ނޫޅުނެވެ. ސީދާ ކޯޓަށް މައްސަލަ ހުށަހެޅީއެވެ. ނޫހުގެ ފަލަ ސުރުޚީއަށް އެ ވާހަކަ ވެގެން ހިނގައްޖެއެވެ.

ހައެއްކަ މަސް ދުވަހުގެ ތެރޭގައި ކޯޓުން ފައިސަލާ ކޮށްފިއެވެ. ނިންމީ އިސްކޫލުގެ ނިންމުން ރަނގަޅު ކަމުގައެވެ. އެ ކުއްޖާއަށް އިސްކޫލަށް އާދެވޭނީ ސްކާފް ނާޅައި ކަމަށް ކޯޓުން ނިންމީމާ އެ ކުއްޖާ އެ ހުކުމަށް ބޯލެނބީއެއް ނޫނެވެ. ސްކާފް އަޅައިގެން ދިއުން ހުއްދަ އިސްކޫލަކަށް ވަނީއެވެ. އެ ދުވަސްވަރު ނޫސްތަކުން ކޯޓަށާއި އިސްކޫލަށް ޝުކުރު އަދާކުރިއެވެ. ދީނީ ތައްސަބު ފެތުރުން ހުއްޓުވީތީއެވެ.

"ފަނޑިޔާރު ޔަހޫދީއަކަށް ވެފައި ގައުމު ކްރިސްޓިއަން ގައުމަކަށް ވެފައި، މައްސަލަ ހުށަހެޅި މީހާއަކީ އިސްލާމަކަށް ވީމާ މި ނޫން ގޮތަކަށް މައްސަލަ ނިމިގެންނެއް ނުދާނެއެއްނު." އަނެއް ދުވަހު އިސްކޫލުގެ ކެފެޓޭރިއާއިން ބައްދަލުވީ ޕާކިސްތާނު ކުއްޖަކު މަލާމާތުގެ ރާގަކަށް ބުނެލީ އަޑު އިވުނެވެ.

"މި އިސްކޫލަށް ކުދި އިސްކާޓު ލައިގެން ކުދިން އަޔަސް ދީނީ ތައައްސުބެއް ނުފެތުރޭ. އެކަމަކު މުސްލިމް އަންހެން ކުއްޖަކު ބޯ ނިވައިކޮށްގެން އައީމާ ގިޔާމަތުގެ އަލާމާތަަކަށް ވެއްޖެ. އަހަރެމެންގެ ދީނުގެ އެންމެ އިސް ސިފަޔަކީ ލަދު ހަޔާތް. މުސްލިމް އަންހެންކުދިން ބޯ ނިވައިކުރީމާ އެ ފެންނަނީ އެ ސިފަ. ސްކާފް މަނާކުރީމާ އަހަރެމެންގެ ދީނުގެ މައްޗަށް ގަދަވެގަނެވުނީ ކަމަށް ހީކުރަނީ. އެމީހުން ބިރުގަންނަނީ އަހަރެމެންގެ އަމިއްލަވަންތަ ސިފަތައް ފެނުނީމާ. އެއް ބަޔަކު ބިރުގަންނަނީ އަންހެންކުދިންގެ ބުރުގާ ދެކެ. އަނެއް ބަޔަކު ބިރުގަންނަނީ ފިރިހެނުންގެ ތުބުނޅި ދެކެ."

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.