ދެކަފި - 10

(29 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހެދުން އިސްތިރިކޮށްގެން އަޔަސް އިސްތިރިނުކުރާ އެއްޗަކަށް ހެދުންއޮތީ ބަދަލުވެފައެވެ. މީ މަންމަގެ ކަންތަކެވެ. މުއްސަނދި ކުދިން އަންނަ ތަނަކަށް އަހަރެން ފޮނުވަންވީ ކީއްކުރަން ހެއްޔެވެ؟ ބަހުންފައިބައިގެން ޔުނީއަށް ދާން ހިނގަމުންދިޔައިރު، ކަޝަފްގެ ހިތައް އަރަމުންދިޔަ ބައެއް ޖުމްލަތައް އޭނާގެ ދުލުންވެސް ބޭރުވަމުންދިޔައެވެ. މަޑުމަޑުން ހިނގަމުންގޮސް ޢިމާރާތުގެ ތެރެޔަށްވަދެ އޭނާއަށް ދާން އެންގިފައިވާ ކްލާހަށް ދާން މިސްރާބު ހިފިއެވެ. މުޅިތަން އޮތީ ކުދިންތަކުން ފުރިފައެވެ. ޒުވާން ޅަކުދިންނެވެ. އެންމެ ކުއްޖަކުވެސް ކަޝަފް އަޅައިގެންހުރި ވައްތަރުގެ ޕާކިސްތާނު ހެދުމެއްލައި ބޯނިވާކޮށްލައިގެންހުރިތަނެއް ނުފެނެއެވެ.

ކަޝަފްގެ ހިނގުމަށް ހުއްޓުން އެރީ ފަހަތުން އައި ކުއްޖަކު ހަލޯއޭ ބުނެ ދެފަހަރަކު ގޮވައިލުމުންނެވެ. އެކުއްޖާ އުޅެނީ އޭނާދާންވީ ކްލާހެއް ނޭނގިގެންނެވެ. އެކުއްޖާ އައިސް ކަޝަފާ ސަލާމް ކޮށްލައި މާރިއާ ޚާން ގެ ނަމުގައި ތައާރުފް ވެލިއެވެ. އެކުއްޖާވެސް ހުރީ ޔުނީގެ ފުރަތަމަ ދުވަސްވީމަ ވަރަށްބޮޑަށް ހާސްވެފައެވެ. ކުރާނެ ނުކުރާނެކަމެއް ނޭނގިފައެވެ. ހުރިހާ ކުދިންނާއެކު ކަޝަފްވެސް ކްލާހަށް ވަނެވެ. ސަހަރުގެ ހުރިހާ ރީތިކުދިންތައް މިއޮތީ މިޔުނިވަރސިޓީއަށް އައިހެވެ. އެވެސް އަހަރެންގެ ކްލާހަށެވެ. ﷲ ތަޢާލާވެސް މުއްސަނދިންނަށް ރީތިސޫރަވަނީ ދެއްވާފައެވެ. ކަޝަފްގެ ވަށައިގެންތިބި ކުދިންގެ ގައިންދުވާ މީރު ވަހުން ހީވަނީ ބަނޑުފުރި އަރައިފާނެ ހެންނެވެ. ފިރިހެނުންނަށް އަންހެނުން ދުލެއް ނުކުރެއެވެ. އަންހެނުންނަށް ފިރިހެނުން ދުލެއް ނުކުރެއެވެ. ކަޝަފް ގެ ގައިގާ އުނގުޅާލަން ލިބުނީ އާދައިގެ ލޯޝަން ކޮޅެކެވެ. ޖަހައިލާނެ ސެންޓްކޮޅެއް އަތުގައި ނެތްތާނގައި ތުންފަތުގައި ކާއްތާލާނެ ލިޕްސްޓިން ކޮޅެއްހާ ހިސާބުވެސް އޭނާގެ އަތަކު ނުހުރެއެވެ. ހުރިހާ އެއްޗެއްވެސް މުއްސަނދިންނަށެވެ. ފަޤީރުންނަށް ހުތުރު ސިފައާއި ނިކަމެތިކަމެވެ.

ކަޝަފަށް ލިބިފައިވާ މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަމެވެ. މަންމަގެ އަގުހުރި ތަރުބިއްޔަތާއި އޭނާގެ ތޫނުފިލިކަމާއި ސާދާ ކަމެވެ. މުއްސަނދިންގެ ދަޅަތަކަށް ހިތްނުކިޔާފަދަ ކެތްތެރި، ޤަޟާ ޤަދަރަށް އީމާންވެ ޝުކުރު ކުރުމުގެ މަތިވެރި އާދައެވެ.

------------------------

ޒަރޫން، ކަޝަފާ ގާތަށް ޖެހިލައި ވަރަށް އިޙްތިރާމާއެކު ހިނިތުންވެލައިހުރެ ހަލޯއޭ ބުނެ ތިމަންނަގެ ނަމަކީ އަރުން ޖުނައިދުކަމުގައި ބުނެއެވެ. އަދި ނަމަކީ ކޮބައިތޯ ކަޝަފް ކުރެން އަހައިލިއެވެ. ކަޝަފް އޭނާގެ ނަމަކީ ޗުރައިލް އައްވަލް ކަމުގައި ބުނެއެވެ. ޗުރައިލަކީ، ހިންދީ ފޯކްލޯރ ތަކުގައި އަންހެން ގޯސްޓުން ނުވަތަ ޑަކައިތުންގެ ގޮތުގައި ސިފަކޮށްދޭ އެއްޗެކެވެ. ކަޝަފްގެ ޖަވާބުން ޒަރޫން ލަދުގަތެވެ. އެޑްމިޝަން ލިސްޓް ބެލިދުވަހު، އެއްވަނައިގާ އޮތީ ޗުރައިލެކޭ ބުނެވުނު ހަނދާނެއް ޒަރޫންގެ ނެތެވެ. އަދި މަޢާފްކުރާށޭ ބުނެއެވެ. ކަޝަފްވެސް މަޢާފްކޮށްފީމޭ ބުންޏެވެ. އެވަގުތު އެތާ ވަށައިގެންތިބި ކުދިންތައް ހޭންފެއްޓިއެވެ.

"ކަލޭމެން ތި ހީ މަލާމާތްކުރަނީ އަހަރެންނަށް ހެއްޔެވެ ؟ ނޫނީ ކަލޭމެންނަށް ތިކުރެވޭ ކަމަކަށް ހެއްޔެވެ؟" ކަޝަފްގެ ކުރިމަތީ އިން ފިރިހެން ކުއްޖާ އުސާމާއާ ސުއާލުކުރެއެވެ.

"އެއްވެސް ސަބަބެއްނެތި ތިބާ ތިދެއްކީ ވަރަށް އަޚްލާޤީގޮތުން ދަށް ސިފައެއްކަމަށް އަހަރެން ދެކެމެވެ." ޒަރޫން ބުންޏެވެ. އަދި އެހެން ހެއްޔޭ ބުނުންފިޔަވައި، އިތުރު ވާހަކައެއް ކަޝަފް ނުދައްކައެވެ.

"އެހެންވީމާ ތިބާ އެހެންމީހުންނާ މެދު ދެކޭގޮތާއި ކުރަންޖެހޭ އިޙްތިރާމް ރަނގަޅުކޮށްލަން ޖެހޭކަމަށް އަހަރެންނަށް ފެނެއެވެ." ޒަރޫން ލަދުންހުރެ ބުނެލިއެވެ.

އަހަރެން ތިބާއަށް ދޭ މަޝްވަރާއަކީވެސް އެއީކަމުގައި ކަޝަފް ބުންޏެވެ. އަދި ކަޝަފް އެބުނި އެއްޗެއް ދޭހަނުވިވާހަކަ ޒަރޫން ބުންޏެވެ. އަހަރެންގެ ގޮތާއި ފޮތް ތިބާއަށް އެނގޭކަށް ކޮންމެހެން މަޖުބޫރެއް ނޫނެވެ. ކަޝްފް ބުންޏެވެ. ޒަރޫން ލަދުވެތި ހިނިތުންވުމެއްގައި ބަސްހުއްޓިފައި އަދިވެސްހުރީ ކަޝަފް ކައިރީ ކޮއްޅަށެވެ. އެތާހުރެގެން އޭނާގެ ވަގުތު ބަރުބާދު ކުރެވެނީކަމަށް އޭނާއަށް ހީވާވާހަކަ ބުންޏެވެ. ކަޝަފްގެ ޖަވާބަކީ އިތުރަށް ޒަރޫންގެ ލެޔާކުޅެލި ޖަވާބެކެވެ. ނޫނެކެވެ. ތިބާ ތި ބަރުބާދު ކުރަނީ ތިބާގެ ވަގުތެއްނޫނެވެ. އަހަރެންގެ ވަގުތެވެ.

"މާތް ކަލާކޯއެވެ. ބައެއް އަންހެންކުދިން، ފިރިހެންކުދިންނަށް މިދައްކަނީ ކޮންފަދަ އަޚުލާޤެއް ހެއްޔެވެ؟" ޒަރޫނަށް ބުނެވުނެވެ.

"އަޚުލާޤޭ ހެއްޔެވެ؟ އަހަރެންނަކީ ތިކަހަލަ ފިރިހެންކުދިންގެ ދަޅައިގާ ޖެހިގެން އަހަރެންގެ ވަގުތު ބޭކާރުކުރާ މީހެއްނޫނެވެ. އަދިވެސް އިތުރަށް އަހަރެންގެ ސިކުނޑި ގޮއްވަން، މިތާ ހުންނަނީ ހެއްޔެވެ. ދާށެވެ! ގޮސް ކޮންމެވެސް ގޮނޑިއެއްގައި އިށީންނާށެވެ." ކަޝަފް ބުންޏެވެ.

ކަޝަފްގެ މިޖަވާބުން ޒަރޫން އަށް ނުވާކަމެއް ނެތެވެ. އިތުރަށް ލަދުގަތުމާއެކު ރުޅިއައެވެ. އަދި މިއީ ވަރެއްގެ އަންހެނެކޭ ހިތަށް އެރިއެވެ. އެކީގައި އުޅޭ ކުދިންނާ ވާހަކަ ދެއްކުމުގައިވެސް ކޮންމެވެސް އަދަބެއް އޮންނަންވާނެއެވެ. އެއްވެސް މިންވަރެއްގެ އަދަބެއް ސަދަބެއް ނެތެވެ. ފަހަރެއްގައި މިއީ ފިރިހެންކުދިންނާ މަސްހުނިވެ އުޅުމުގެ ފުރުޞަތު ނުލިބިހުރި ކުއްޖަކީ ކަންނޭނގެއެވެ. މީނާގެ ކޮންމެވެސް މައްސަލަތަކެއް އެބަހުއްޓެވެ. އެއީ ސިކުނޑީގެ މައްސަލައެއްކަމެއް ނުވަތަ އަޚުލާޤީ މައްސަލައެއް ކަމެއް ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް، ޒަރޫންހުރީ މިދިމާވި ކަންތައްގަނޑާ ގުޅިގެން ސިކުނޑިގޮވާވަރަށް ރުޅިއައިސް ރަތްވެފައެވެ. އޭނާގެ މޫނުމަތިން ދެރަވުމާއި ލަދުގަތުމާ އަދި ރުޅިވެރިކަމުގެ އަސަރު ފާޅުވާން ހުއްޓެވެ. ޔުނީގެ ފުރަތަމަދުވަހުވެސް މިކުއްޖާގަނޑު ޒަރޫން ލަދުގަންނުވައިލީއެވެ. އެކުއްޖާއާ އޭނާ ވާހަކަދައްކަންފެށީ އެއްވެސް ނުބައި ނިޔަތެއް އޮވެގެންނެއް ނޫނެވެ. އެކަން ކުރެވުނު މޮޔަ އޭނާގެ ހިތަށް އެރިއެވެ. އަދި، މިއީ ކިހާވަރަކުން ދާނެކަމެއް ބާއޭ ޒަރޫންގެ ހިތަށް އެރިއެވެ.  މިކުއްޖާއާއެކު މިކްލާހުގައި އަދި ދެއަހަރު ހޭދަކުރަން ޖެހޭނެއެވެ. ކުރިޔަށް އޮތްތާނގައި ވާނެގޮތެއްވެސް ނޭނގެއެވެ. އެކުއްޖާއާ ވީވަރަކުން ދުރުހެލިވެގެން އުޅުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ޒަރޫނަށް ފެނުނެވެ. މިއީ އެއްފުރައިގެ އަންހެންކުއްޖަކު، ޒަރޫން ލަދުގަންނުވައިލި ފުރަތަމަ ފަހަރެވެ. ޒަރޫން ހުރީ އެކުއްޖާގެ ވާހަކަތަކުން ބަސް ހުއްޓިފައެވެ. ޒަރޫނާ ދިމާވެފައިވާ  ގިނަ އަންހެންކުދިންނަކީ، އޭނާގެ ކިބައިން ފެންނަ ޒުވާންކަމާއި ރީތި ސިފައާއި މުއްސަނދިކަމުން އޭނާއަށް ތަޢުރީފު ކުރާ ކުދިންނެވެ. އަސްމަރާ އެގެންގުޅޭ ލިސްޓުންވެސް އެކަން އެނގޭނެއެވެ. ޒަރޫން މަޑުމަޑުން ފަހަތަށްޖެހި، ހުސްގޮނޑިއެއް ހޯދަމުން އެތަނުން ދުރަށް ޖެހިލިއެވެ. ޒަރޫންވެސް ކުއްޖަކު ހަމަ ފެންނައިރަށް ގޮސް ވާހަކަދައްކަން ވެއްޖެ ވިއްޔާއެވެ.

ޔުނީ ނިމިގެން ނުކުމެ ނުކުމެހުއްޓާ، ކަޝަފާ ފުރަތަމަ ދިމާވި އަންހެންކުއްޖާ މާރިއާ ފަހަތުން އާދެއެވެ. އަދި ޒަރޫން ޖުނައިދަކީ، ކަޝަފް ދަންނަ ކުއްޖެއްތޯ ސުއާލު ކުރިއެވެ. ކުރިން ޒަރޫން ނުދަންނަ ކަމަށް އަދި މިއަދު ވަރަށް ރަނގަޅަށް ދަސްވެއްޖެ ކަމުގައި ކަޝަފް ބުނެއެވެ. އެމީހުން ދެއްކީ ކޮންވާހަކައެއްތޯ އާއި ވަރަށް ގިނައިރު ވާހަކަ ދެއްކިން ނޫންހޭ މާރިއާ ސުއާލުކުރިއެވެ. ދިގު ހާސަރު ދެމުމަކީ އޭނާގެ އާދައެއްކަންވެސް މިއަދު އެނގިއްޖެއެވެ. ދެރަނުވާށެވެ ! މާރިއާއާވެސް އޭނާއާ ދިގުވާހަކަތަކެއް ދައްކަން ފުރުޞަތު ލިބޭނެއެވެ. މާރިއާގެ ހިތް ޒަރޫންގެ ކިބައިން ނެއްޓޭގޮތެއް ނުވިއެވެ. ހާދަ ރީތި ކުއްޖެކޭ ބުނެ ޒަރޫނަށް ތަޢުރީފް ކުރަމުން ގެންދިޔައެވެ. ޒަރޫންގެ ރީތިކަން ފެންނާނީ މާރިއާ އާ ޒަރޫނާ ހަތަރުކަޅި ހަމަކޮށްލެވުނީމާ ކަމުގައި ކަޝަފް ބުނެއެވެ. މާރިއާއާއި ކަޝަފް، ޒަރޫނާބެހޭގޮތުން ދައްކަމުންގެންދިޔަ ވާހަކަ އެންމެ ފަހު ސިޑިން ފޭބުމާ ހިސާބަކަށް ވެސް ނުނިމެއެވެ. ދެމީހުން ވަކިވެގެންދިޔައީ ސަލާމްވެސް ކޮށްނުލައެވެ.

------------------------

ޒަރޫން އޭނާގެ ބައްޕަގެ ގާތް ރަޙުމަތްތެރިޔާ އަބްރާރުއާ ބައްދުލުކޮށްލުމަށްޓަކައި، ސަލާމް ގޮވައިލުމަށްފަހު އަބްރާރުގެ ކޮޓަރިއަށް ވަނެވެ. އަބްރާރު އިންތިޒާރުކުރަމުންގެންދިޔައީ ޒަރޫން އަންނާނެ ވަގުތަކަށް ކަމުގައި ބުންޏެވެ. ޝައިޠާނާގެ މަތިން ހަނދާންކޮށްލިތަނާ ޝައިޠާނާ ތިއައީއޭ ބުނެ އަބްރާރު، ޒަރޫނާ ސަމާސާ ކޮށްލިއެވެ. އޭނާއާ ބެހޭގޮތުން، ބޭބެ ވިސްނަނީ ކޮންކަހަލަ ކަންތައްތަކެއްކަމެއްބާވައޭ ބުނެ ޒަރޫންވެސް ސަމާސާ ކޮށްލިއެވެ.

ޒަރޫން އަބްރާރުކުރިމަތީހުރި ގޮނޑީގައި އިށީނދެ މޭޒުމަތީހުރި ތަށްޓަކުން ބިސްކޯދެއްނަގައި ކާލިއެވެ.

"ދަރިޔާއެވެ! އަހާލާފަ ކާލަން އާދަކުރާށެވެ! މިހާރު ތިހުރީ ޔުނިވަރސިޓީ ޢުމުރުގައެވެ. ރަނގަޅު ޢާދަތަކަށް ހޭނެން ވެފައެވެ." ޒަރޫން އެކުރީ ރަނގަޅުކަމެއްނޫންކަން އަންގައިދިނުމަށް އަބްރާރު ނަޞޭޙަތްތެރި ވިއެވެ. ޒަރޫންއަށް ކުރެވުނުކަންތަކަށް އަބްރާރުގެ ކިބައިން މަޢާފަށް އެދުނެވެ. އަދި އަނެއްބިސްކޯދު ނަގައި ކާންފެއްޓިއެވެ.

"މީކީ އެހާ ފަސޭހައިން ރަނގަޅުވާނެ ގޮލައެއްނޫނެވެ. މީހުންދޭ ނަޞޭޙަތް އަޑުއަހާބަލާށެވެ!" އަބްރާރު އެހެން ބުނުމުން ޒަރޫން ކާންއިން ބިސްކޯދުން ނުކައި އޮތްބައި އަނބުރާ ތަށްޓަށްލައެވެ. އަދި ބޭބެ، އަހަރެން ރަނގަޅުކުރަންވީ ނޫންހެއްޔޭ ބުންޏެވެ. އެކަމުގެ ޒިންމާ ނަގައިގެން އަބުރާރު ހުރިވާހަކަވެސް ޒަރޫން ހަނދާންކޮށްދެއެވެ.  އަދި އިރުއިރުކޮޅުން ބޭބެއޭ ކިޔުން ހުއްޓާލާށޭ، ޚާއްޞަކޮށް ޔުނިވަރސިޓީ ތެރޭގަ ބޭބެއޭ ނުކިޔާ ސާރ އޭ މުޚާތަބުކުރާށޭ އަބްރާރު ބުންޏެވެ. އަދި ޒަރޫން ގެންނަން އޭނާބޭނުންވީ، ކަމެއް ހަނދާންކޮށްލަދޭންކަމަށް ބުންޏެވެ. އަބްރާރު ކިޔަވައިދޭ ކްލާހަށް ލަހުން އައިސްފިނަމަ، އޭނާ އެކަން ބަލައިނުގަންނާނެކަމަށް ބުންޏެވެ. އަދި އޮތް ޢާއިލީ ގުޅުމަށް ނުވިސްނާ، ދޭންޖެހޭ ޙައްޤު އަދަބެއް ދޭނެކަމަށް އަބްރާރު ބުނެއެވެ. އަދި އެހެން ޓީޗަރުންނަށް ޒަރޫންއަށް ދޭން މަޖްބޫރުވާ އަދަބެއް ނުހުއްޓުވާނެކަމަށްވެސް އަބްރާރު ބުނެއެވެ.

ޒަރޫންގެ ޢަމަލުތައް ހުންނަގޮތާއި އުޅޭގޮތް އަބްރާރަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން ޒަރޫން އޭނާކައިރިޔަށް އެގެނައީ ވަރަށް މުހިންމު ވާހަކައެއް ދައްކާށެވެ. ކުރިޔަށް އޮތް ދެއަހަރަކީ ޒަރޫންގެ ޙަޔާތުގައި ވަރަށް މުހިންމު ދެއަހަރުކަން އަބްރާރު، ޒަރޫންއަށް ހަނދާންކޮށްދިނެވެ. އެއީ ޒަރޫންގެ ތަޢުލީމީ ޙަޔާތުގެ އެންމެ ފަހު ދެއަހަރެވެ. ވަރަށް ހިތްވަރުކޮށްފައި ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. ޔުނިވަރސިޓީގެ ކިޔެވުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއިރު، ޒަރޫން އޮތީ މޭޒުމަތީ ބޯއަޅާލައިގެންނެވެ. ޒަރޫންއަކީ ވިސްނުންތޫނު އަދި ވިސްނޭ ކުއްޖެކެވެ. އަމިއްލަ ނަފުސު އިޞްލާހުކޮށް މިހާރު ތަރުތީބު ނުކުރިނަމަ، ދެން އެކަންކުރާނީ ކޮންއިރަކުންތޯ އަބްރާރު ސުއާލުކުރިއެވެ. ޒަރޫން އަނެއްކާވެސް ބޭބެއޭ ބުނުމަށްފަހު މަޢާފަށް އެދި ސާރ އޭ ބުނެ ވާހަކަ ދައްކަން ފެއްޓިއެވެ.

"ސާރ އެވެ! ކިޔެވުމަށް ސަމާލުކަންދީގެން ގަދައަޅާ އަހަރެން މަސައްކަތް ކޮށްފާނަމެވެ. ގަޑިއަށް އަންނަން ޖެހޭ ކަމަށް ވަންޏާ އަހަރެންނަށް ދެކަންތައް އެއްފަހަރަކާ ނުކުރެވޭނެއެވެ." ޒަރޫން ބުންޏެވެ.

"ޒަރޫންއަށް ނަޞޭޙަތްތެރިވުމަކީ އަހަރެންގެ ފަރުޟެކެވެ. ޒަރޫންގެ ވާޖިބުއަދާކުރުމަށް ނުކުޅެދިއްޖެނަމަ ދެންލިބޭ އަދަބުން ސަލާމަތް ކޮށްދޭށޭ ބުނެ އަހަރެން ގާތަށް ނާންނައްޗެވެ." އަބްރާރު، ޒަރޫން އަށް އިންޒާރު ދިނެވެ.

ޔުނިވަރސިޓީގެ ފުރަތަމަދުވަހު ދެކަމަކާ ޒަރޫންއަށް ކުރިމަތިލާން ޖެހިއްޖެއެވެ. އެންމެ ފުރަތަމަ، ކްލާސް ހުރިހާ ކުދިންގެ ކުރިމަތީ ފާޑެއްގެ ޑަކައިތަކު އޭނާލަދު ގަންނުވާލައިފިއެވެ. ދެންމިކުރިމަތިވީ ނަޞޭޙަތުގެ އިންޒާރު ތަކަކާއެވެ. ޒަރޫންގެ ހާސްކަން އިތުރަށް ބޮޑުވެގެންދިޔައެވެ. އެއީ އޭނާގެ ޢުމުރުގައިވެސް ފުރަތަމަ ފަހަރަށް ކުރިމަތިވި ދެކަންތަކެވެ. އަބްރާރުގެ ކުރިމަތީ ޒަރޫން މޫނުކުނިކޮށްގެން އިނދެ ކުރިޔަށް އޮތް ދެއަހަރު އޭނާ ތަޙައްމަލުކުރަންޖެހޭނެ ކަންތައްތަކާމެދު ޚިޔާލު ކުރަމުން ގެންދިޔައެވެ.

------------------------

ބޭރުދޮރުގެ ރަނގަބީލު ޖެހުމުން ޞިދްރާގޮސް ދޮރުހުޅުވައިލިއިރު އެއީ ކަޝަފެވެ. އޭނާއަށް އެދުވަހު އާދެވުނީ ކުޑަކޮށް ލަހުންނެވެ. އެކަމާ ޞިދްރާ ސުއާލުވެސް ކުރިއެވެ. ކަޝަފްވެސް ހުރީ ޔުނީގެ ފުރަތަމަ ދުވަހު ލިބުނު ފިލާވަޅުން ރަނގަޅަށް ހޭއަރާފައެވެ. ރުޅިއިސް ވެފައެވެ. ބަހުގައި އަންނަން ހަދައިގެން ލަސްވީ ކަމަށާއި ހެލިކޮޕްޓަރެއްގައި އާދެވުނުނަމަ އަވަސްވާނެކަމަށް ކަޝަފް ބުންޏެވެ. ކަޝްފްގެ ޖަވާބުން ޞިދްރާ ރުޅިއަންނަގޮތެއް ނުވެއެވެ. ޔުނިވަރސިޓީގެ ފުރަތަމަދުވަސް ކިހިނެއްތޯ ޞިދްރާ އަހައިލިއެވެ. ޞިދްރާގެ ސުއާލު ނުނިމެނިސް، ހުރިހާ ގޯސްކަމެއް ދިމާވިކަމަށް ކަޝަފް ބުނެއެވެ. ޞިދްރާ އިތުރަށް ސުއާލުތައް ކޮށްގަތެވެ. އެންމެފަހުން، ފިރިހެންކުއްޖަކާ ޒުވާބެއް ހިނގިވާހަކަވެސް ޞިދްރާގާތު ކަޝަފް ބުންޏެވެ. ޒުވާބުކޮށް މައްސަލަގަނޑެއް އުފެއްދުމުގެ ބޭނުމަކީ ކޮބައިތޯ ޞިދްރާ ސުއާލުކުރިއެވެ.    ފުރަތަމަ ދުވަހު އޭނާ އަހަރެންހެދީ ޑަކައިތަކަށެވެ. މިއަދު ހިނގި ޒުވާބުގައި އޭނާގެ ކަންކަށިމަތީ ޖަހާނަމޭ ހިތަށް އެރިއެވެ. އޭނާ ދެކެ އައިސްފައިހުރި ރުޅިން ބާކީއޮތްބައި އަހަރެންނަށް ބާލާށެވެ. ޞިދްރާ ބުންޏެވެ. އަދި ކާން އަންނާށޭ ކިޔާފަ ޞިދްރާ ބަދިގެޔަށް ދިޔައެވެ. ކަޝަފް ބޯމަތީ އަތްއަޅައިގެން ހިތުގައިހުރި އުދާސްތަކުން އުފެދިފައިވާ ޚިޔާލުތަކުގެ ތެރެޔަށް ގެއްލިފައި އެނދުމައްޗަށް ވެއްޓިފައި އޮތެވެ.

------------------------

ޒަރޫންގެ ޢާއިލާ އެކުގައި ރޭގަނޑުގެ ނާސްތާ ކުރަމުން ގެންދިޔައެވެ. މިރޭގެ މަވްޟޫއަކަށްވެފައި އޮތީ، ޒަރޫންއާ އޭނާގެ ކިޔެވުމާ އަދި ރައްޓެހިންގެ ބާބެވެ. ޒަރޫންގެ ރަޙުމަތްތެރިޔަކީ ކާކުތޯ ޖުނައިދު ސުއާލުކުރެއެވެ. ޖުނައިދުގެ އެސުއާލަށް ޖަވާބުދިނީ ސާރާއެވެ. އެއީ އުސާމާއޭ ކިޔާ ކުއްޖެއްކަމަށް ސާރާ ބުނެއެވެ. ޒަރޫން އަސްމަރާއާ ބެހޭގޮތުން ބުނި ސަމާސާ ވާހަކަޔަކުން ޣަޒާލާ ހިތްހަމައެއް ނުޖެހުނެވެ. އެއީ ވަރަށް ރަނގަޅު ކުއްޖެއްކަމަށާއި އޭނާއާ ބެހޭގޮތުން ސަމާސާ ވާހަކަ ނުދެއްކުމަށް ޒަރޫންގާތު ބުންޏެވެ. އަބްރާރާ ބައްދަލުކުރިކަމަށާ ބައްޕަ ދީފައިވާ ޚާއްޞަ އިރުޝާދުގެ މަތިން މިއަދު ފިލާވަޅު ނަގައިދިންވާހަކަ ޒަރޫން ބުނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.