ދެކަފި - 35

(18 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެކަމަކު ކަޝަފަކާ ނުކުޅެވުނެއް ނޫން ހެއްޔެވެ؟" އުސާމާ ބުންޏެވެ.

"އާނއެކެވެ! އަދި އެއް ނުކުޅެވެ އެވެ. އެކަމަކު ކާރާއި ގެދޮރު ހުންނަ މުއްސަނދި ފިރިހެނުންނަށް ހައްލައި ލެވޭނެ ކިތަންމެ ކުދިންނެއް ޔުނީގައި އެބަ އުޅެއެވެ. ކަޝަފަކީވެސް މެދު ފަންތީގެ އެފަދަ އެހެންކުދިންނާ ތަފާތު ކުއްޖެއް ނޫނެވެ. އެންމެ ސުކުންތަކުންވެސް ކުއްޖަކު އަތުއަޅުވާލަ ފާނަމެވެ. ގޮން ޖަހާފައި ބުނަމެވެ. އެކަން ކޮށްފާނަމެވެ." ޒަރޫން ބުންޏެވެ.

"އޭގައި ޒަރޫންއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟" އުސާމާ ބުންޏެވެ.

"ފައިދާއެއް ނެތްއިރު ގެއްލުމެއްވެސް ނެތެއް ނޫން ހެއްޔެވެ؟ އަތުއަޅުވައިލެވިއްޖިއްޔާ އެއޮތީވެފައި ނޫން ހެއްޔެވެ؟" ޒަރޫން ހިނިއައިސް އިނދެ ބުންޏެވެ.

ކަޝަފާ ބެހޭގޮތުން ޒަރޫން އާއި އަސްމަރާ އަދި އުސާމާ އާ ތިން މީހުން ދައްކަމުންގެންދިޔަ ހުރިހާ ވާހަކައެއްގެ އަޑުއަހަން، ލައިބްރަރީ ތެރޭ، އެތާ ކައިރީހުރި ރެކަކާ ނިވާވެގެން ކަޝަފް ހުއްޓެވެ. އެމީހުން ވައި އަޑުން ދައްކާ ވާހަކަޔަށް ދާނދެން، ވަރަށް ރީތިކޮށް ކަޝަފަށް އަޑު އިވެއެވެ. އެންމެފަހުން އޭނާއަށް ނުހުރެވިގެން އެމީހުން ގާތަށް އާދެއެވެ.

ކަޝަފް ރުޅިއައިސް ރަތްވެގެން ހުރެ ޒަރޫން ލިޔަމުންގެންދިޔަ ނޯޓުތައް ވީދާ ކުދި ކުދި ކޮށްލައެވެ. އަދި ޒަރޫން ކުއްލިޔަކަށް ތެދުވެ، ތީ ކޮންފަދަ ގޯސް ޢަމަލެއް ހެއްޔޭ އަހައެވެ. ޒަރޫންގެ ނޯޓުތައް ވީދައިލީމަ އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ.

"ތިކަހަލަ ޖާހިލުންނަށް ގޯސް ޢަމަލަކީ ކޮބައިކަމެއް ނޭނގޭނެއެވެ. އަހަރެންނަކީ އެހެން ކުދިންކަހަލަ މީހެއް ނޫނެވެ. ޒަރޫން ޖަހާހާ ބެރަކަށް އަހަރެންނެއް ނުނަށާނަމެވެ. ޒަރޫން ބޭނުމިއްޔާ އެހެން ކުދިން ޒަރޫންގެ މަޅިދަށުގައި ލާން އުޅޭށެވެ. ތިއުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ތިއީ އަހަރެންގެ ޙަޔާތާ ބޭނުންގޮތަކަށް ކުޅެލަން ކާކު ހެއްޔެވެ؟  ﷲ ގެ ރަޙުމަތުން، ދޮޅު ރުފިޔާބައި އަތަށް އެރީމަ ހިތްމައްޗަށް އަރައިގެން ތިއުޅެނީ ކޮން ގޮތަކަށް ހެއްޔެވެ؟" ކަޝަފް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ކަޝަފް ރޮވިފައިހުރެ ޒަރޫންއާ ދިމާއަށް އެއްޗެހި ކިޔަމުން ގެންދިޔައެވެ. ޒަރޫން ރުޅިއައިސް ކަޝަފްގެ އަތުގައި ހިފައެވެ. އެހެންނަމަވެސް، ކަޝަފް އޭނާގެ އަތް ފޮޅުވާލައެވެ.

"އަންހެންކުދިން ކަލެޔަށް ޖާނުދޭން ތީ ކާކު ހެއްޔެވެ؟ އެއީ އެމީހުންގެ ފަރުޟަކަށްވާން ޖެހެނީ ކޮން ހަމަޔަކުން ހެއްޔެވެ؟" ކަޝަފް ބުންޏެވެ.

"ތި ދެއްކޭ ވާހަކަ ކަލެޔަށް އެނގޭ ހެއްޔެވެ؟ ވިސްނައިގެން ވާހަކަ ދައްކާށެވެ؟" ޒަރޫން، ކަޝަފާ ދިމާއަށް ހަޅޭއްލަވައި ގަތެވެ.

"ތީ ހާދަ ރަނގަޅު ހަމައެކެވެ. ޒަރޫން ބޭނުން ވީމަ އެހެން މީހުންނާ ބެހޭގޮތުން ހިތަށް އެރި ވާހަކައެއް ދެއްކެއެވެ. އެކަމަކު، އެހެން މީހަކު ޒަރޫން އާ ބެހޭގޮތުން ވާހަކަ ދައްކައިގެން ނުވާނެއެވެ. މީދަ ފެންނަ އަންހެންކުއްޖާ ކަލެޔާ ހެދި މޮޔަވެގެން އުޅުނަކަސް އެހެންކުދިންނެއް ކަލެޔަކަށް އެކުދިންގެ ހަށިގަނޑެއް ނުދޭނެއެވެ. މީނާ ހައްލާލައިގެން އުޅެވޭތީ އެހެން ކުދިންވެސް މީނާއާ އެއްގޮތަށް ކަލޭ ފަހަތުން މުގޯޅި އަޅާނެކަމަށް ހީކުރަނީ ހެއްޔެވެ؟ ތިހާ ލަދު ޙަޔާތް ކުޑަ އިންސާނަކަށް މޮޔައަކު ނޫނީ ނުހެއްލޭނެ އެވެ." އަސްމަރާއާ ދިމާއަށް އަތް ދިއްކޮށް ޢިޝާރާތް ކުރަމުން ކަޝަފް ބުންޏެވެ.

"އަހަރެންގެ ނަންވެސް ނުގެންނާށެވެ! ކަލޭގެ ތި ހަޑި އަނގައިން އަހަރެންގެ ނަން ނުކިޔާށެވެ! އެނގިއްޖެ ހެއްޔެވެ؟" އަސްމަރާ އޭނާއާ ބެހުނީމަ، ރުޅި އައިސް ކޮޅަށް ތެދުވެ ހަޅޭއްލަވައިގަތެވެ.

"ކަލޭގެ ނަން އަހަރެން ނުކިޔަންވީ ކީއްވެ ހެއްޔެވެ؟ ތީ އަހަރެންގެ ރޭގަނޑުގެ ކެއުމަށް ބިލް ދައްކާ މީހާ ހެއްޔެވެ؟ އަހަރެން ކަލޭގެ ނަން ނުކިޔަންވީ ސަބަބެއް ބުނެބަލާށެވެ!" ކަޝަފް ވެސް އަސްމަރާއަށް ޖަވާބު ދިނެވެ.

"އެއްވެސް ކަމަކުން ކުރެ ކަމަކާ ނުލާ ތި، މައްސަލަ ބޮޑު ކުރަނީއެވެ. ކަލޭ އަމިއްލަޔަށް ތިޔަ އަބުރު ނަގައިލަނީއެވެ. ހަމަޖެހިލާށެވެ!" ޒަރޫން ބުންޏެވެ.

"އަހަރެން ހަމައެކަނި އަހަރެންގެ އަބުރު ނަގާލަނީކީ ނޫނެވެ. ކަލޭގެ އަބުރާވެސް މި ބެހެނީ އެވެ. ނިކަން، ކެރެންޏާ ހުއްޓުވަ ބަލާށެވެ!" ކަޝަފް، ޒަރޫންއަށް ބުންޏެވެ.

"އަބުރާ ބެހެންޏާ ރަނގަޅަށް ބެހިލަމާ ހިނގާށެވެ! މެދުފަންތީގެ ދިރިއުޅުން އުޅޭ ކުދިންނަށް ކަލޭމެން މުއްސަނދިންގެ އަބުރާ ނުބެހެވޭނެކަމަށް ހީކުރަނީ ހެއްޔެވެ. އެފަންތީގެ ކުދިންގެ އަބުރަށް އަރައިގަނެ، ހިތަށް އެރިހާ އެއްޗެއް ކިޔާއިރު އެކުދިންގެ އަބުރު އޮންނަނީ ކޮންތާކު ހެއްޔެވެ؟ އެއީ ކަލޭގެ ކުށެއް ނޫނެވެ. ކަލެޔަށް ލިބިފައިހުރި ތަރުބިއްޔަތުގެ މައްސަލަ އެކެވެ." ކަޝަފް ގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"އަހަރެންގެ ތަރުބިއްޔަތާ ނުބެހޭށެވެ!" ޒަރޫން ކަޝަފާ ދިމާއަށް ހަޅޭއްލަވައި ގަތެވެ.

ޒަރޫން ރުޅިއައިސް ރަތްވެގެން ހުރެ ކަޝަފް އާ ދިމާއަށް އަތްމަޅައިގެން ފުންމައި ގަތެވެ. އެވަގުތު އުސާމާވެސް އައިސް ޒަރޫން މައިތިރިކުރަން މަސައްކަތް ކުރިއެވެ. ކަޝަފްވެސް ޒަރޫންގެ މޭގައި އަޅާ ކޮއްޕައިލިއެވެ. ކަޝަފް، ޒަރޫންއާ ދިމާއަށް ހަޅޭއްލަވައި ގަތުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. ޒަރޫން ކަޝަފްގެ ފަހަތުން ދުއްވައިގަތެވެ. އެހެން ނަމަވެސް އުސާމާގެ މަސައްކަތުން ޒަރޫން މައިތިރި ކުރިއެވެ. ކަޝަފް ބޭރަށް ނުކުމެ ފުން މާނޭވާއެއް ލުމަށްފަހު، ދޯޕައްޓާއިން އޭނާގެ ދެލޯ ފުހެލިއެވެ.

މިދިމާދީ ކަޝަފްގެ މުޅި ޙަޔާތުގައިވެސް ދިމާނުވާފަދަ ކަމެކެވެ. ޒުވާން ފިރިހެން ކުއްޖަކު އޭނާގެ ޙަޔާތާއި ހިތާކުޅެ، ހިތަށް އެރިހައި އެއްޗެއް ކިޔާފާނެކަމަށް ކަޝަފް ހުވަފެނުންވެސް ހިތަކަށް ނާރައެވެ. ކަޝަފަކީ، އެހެން ކުދިންގެ ކަންތަކާ ބެހެމުން ބޭނުމެއް ނެތް ކަންކަމަށް އަނގަބާނަމުން ދުވާ ކުއްޖެއް ނޫނެވެ. އަދި އަމްދުން ފިރިހެން ކުދިންނާ އޭނާ އުޅެނީ ވީހާ ދުރެއްގައި އުޅެވޭތޯއެވެ. އެވަރުން އުޅުނު އިރުވެސް، ޒަރޫންގެ ނުފޮރުއްޕާން އެއޮތީ އޭނާއަށް ލައްވާލާފައެވެ. އެކަމަކު ޒަރޫން ނޫން އެހެން އެއްވެސް ކުއްޖަކު އެގޮތަށް ކަޝަފާ ދިމާކޮށްފައެއް ނުވެއެވެ. ޒަރޫންގެ ނުލަފާކަން އިންތިހާއަށް ބޮޑީއެވެ.

ޒަރޫން ރުޅިއައިސް ރަތްވެފައި ހުރެ، ލައިބްރަރީން ނުކުމެގެން ގޮސް ފާރުގައި ބޫޓުން ޖެހުމުން އޭނާގެ ރުޅި ގަދަވެފައި ހުރި މިންވަރު ދޭހަވިއެވެ.

"ހުރިހާ ގޯހެއް ހެދީ ޒަރޫން އެވެ. ޒަރޫން ދެއްކި ވާހަކަ ކަޝަފަށް އަޑު ނީވުނު ނަމަވެސް އެހެން ކުދިންނަށް އެވާހަކަތައް އިވޭނެއެވެ. ކްލާހުގެ ކުއްޖަކާ ބެހޭގޮތުން އެހާ ހަޑިވާޙަކަތަކެއް އަޑުއަހާކަށް އެއްވެސް ކުއްޖަކަށް ކުޅަދާނައެއް ނުވާނެއެވެ. އެ ހުރިހާ ވާހަކަ އެއް އެއޮތީ ކަޝަފަށް އިވިފައެވެ. އާޚިރު ނަތީޖާ އެއޮތީ ފެންނާށެވެ. ވިސްނާލަ ބަލާށެވެ. ކަޝަފާ ބެހޭގޮތުން ޒަރޫން ދެއްކި ވާހަކަޔަކީ ވަރަށް ހުތުރު ވާހަކަ ތަކެކެވެ. ކަޝަފް ރުޅި އައިލެއް އަދި މަޑެވެ. އަސްމަރާ އާ ބެހޭގޮތުން، އެކަހަލަ ވާހަކައެއް ކުއްޖަކު ދައްކައިފި ނަމަ، އަސްމަރާ ކީއްކުރަން ހެއްޔެވެ. ޒަރޫންއަށްވެސް އެފަދަ ވާހަކަ ތަކެއް ޙަޖަމެއް ނުކުރެވޭނެ އެވެ." އުސާމާ ބުންޏެވެ.

"އުސާމާއެވެ! ސާބަހެވެ. ހުރިހާ ވާހަކައެއްގައި އަދި ކޮންމެ ކަމެއްގައިވެސް އުސާމާ، ކަޝަފްގެ ކޮޅު ތިނަގަނީ ކީއްވެ ހެއްޔެވެ؟ އަހަރެމެން އެހާ ގޯސްކަމަށް ވަންޏާ އުސާމާ އަހަރެމެންނާއެކު ތިއުޅެނީ ކީއްކުރަން ހެއްޔެވެ ؟ ކަޝަފްގެ ފޫބުޑަށް ވެއްޓި، ގޮސް އޮންނަންވީ ނޫން ހެއްޔެވެ؟" އަސްމަރާ ބުންޏެވެ.

"މިއީ އަސްމަރާއާ ބެހޭކަމެއް ނޫނެވެ. އަހަރެން މި މަސައްކަތް ކުރަނީ ޒަރޫންއަށް ވިސްނައި ދެވޭތޯއެވެ. އަހަރެން މިކުރާ މަސައްކަތް ކުރަން ފުރުޞަތުދީ، އަސްމަރާ އަނގަ ހިމޭނުން ލައިގެން މަޑުން ހުންނާށެވެ!" އުސާމާ ރުޅިވެރިކަމާއެކު ބުންޏެވެ.

އުސާމާ ވާހަކަ ދެއްކި ރާގަށް އަސްމަރާ ހިތްހަމައެއް ނުޖެހުނެވެ. އަސްމަރާއާ ދިމާއަށް ނަޞޭޙަތެއްގެ ގޮތުގައިވެސް ބާރަށް މީހަކު އެއްޗެކޭ ބުނުމަކީ އެމީހަކަށް ކުރެވޭ ކުށެކެވެ. ހިތް އޮންނަނީ ޞިދްރަތުލް މުންތަހާއަށް އަރާފައެވެ.

"ޒަރޫން ތިކުރީ، ކަޝަފްގެ ކިބައިން ޒަރޫން މާފަށް އެދެން ޖެހޭ ވަރުގެ ކަމެކެވެ."

އުސާމާގެ ޖުމްލަ ނުބުނެވިގެން އުޅެނިކޮށް، ޒަރޫން އޭނާއާ ދިމާއަށް ސިންގާޔަކު ބަކައްޓަކާ ދިމާއަށް ފުންމައިގަންނަ ގޮތަށް ފުންމައިގަނެ، ކޮން މާފެއްގެ ވާހަކަ ހޭ ތިދައްކަނީ ބުނެ ރުޅިއައިސްގެން ހަޅޭއްލަވައި ގަނެއެވެ. ޒަރޫންގެ ދެލޯހުރީ ނެތްތަނަށް ބޮޑުވެފައެވެ. ދުވަހަކުވެސް އޭނާ އެވަރަށް ރުޅިއައިތަނެއް، އޭނާގެ ދެ ރަޙުމަތްތެރިންނަށް ފެނިފައެއް ނުވެއެވެ.

"ކަޝަފެވެ! އެއްކަމެއް ހަނދާނުގައި ބަހައްޓާށެވެ. މިއަދު މިހިނގި ކަންތައް ޔުނިވަރސިޓީގެ މެނޭޖްމަންޓާ ހަމަޔަށް ހިނގައްޖިއްޔާ ޒަރޫން ޔުނިވަރސިޓީން ވަކި ކުރާނެއެވެ. އަދި ޔަޤީނުންވެސް އެކަން މެނޭޖެމަންޓާ ހަމަޔަށް ދާނެއެވެ. ތިކުރެވުނީކީ އާދައިގެ ކަމެއް ނޫނެވެ." އުސާމާ ބުންޏެވެ.

"އަސްމަރާއެވެ! އަސްމަރާ ތިއީ ޒަރޫންގެ ރަޙުމަތްތެރިޔެކެވެ. އަސްމަރާ، ޒަރޫންއަށް އެކަން ވިސްނައިދޭން ޖެހޭނެ އެވެ." އަސްމަރާއަށް ޢިޝާރާތްކޮށް، އުސާމާ ބުންޏެވެ.

އުސާމާ އެބުނި ވާހަކަ އެއީ ރަނގަޅު ވާހަކައެއްކަމަށް އަސްމަރާވެސް ޤަބޫލު ކުރިއެވެ. އަދި ހަމްދަރުދީއާއެކު ޒަރޫންގެ ކޮނޑުގައި އޭނާގެ އަތް ބާއްވާލައެވެ. އެހެން ނަމަވެސް ޒަރޫން އޭނާގެ އަތް ފޮޅުވައިލައެވެ. އަދި ދުރަށް ޖެހިލައި ހާސްވެގެންގޮސް އޭނާއަށް ހަދާނެގޮތް ބޮޑު ވެއެވެ.

------------------------

ރާފިޢާ އާއި ޞިދްރާ ތިބީ ކުދިންނަށް ޓިޔުޝަން ނަގައިދޭން ގޯތިތެރޭ އެކުދިންނާ އެކުގައެވެ. ބޭރު ދޮރުގެ ރަނގަބީލު ޖެހުމުން ޞިދްރާ ގޮސް ދޮރު ހުޅުވާލައެވެ. އެއީ ކަޝަފެވެ. ކަޝަފް، އެދުވަހު ގެޔަށް އެއައީ އެހެންޏާ އަންނަ ވަރަށްވުރެ މާ އަވަހަށެވެ. ކަޝަފް އޭނާގެ މަންމައަށް ސަލާމް ގޮވައިލުމަށްފަހު ބާރަށް ހިނގައި ގޮސް ގޭތެރެޔަށް ވަނެވެ. ކަޝަފް ގެ ޙަރަކާތް ހުރިގޮތުން، އޭނާ އެއައީ ކޮންމެވެސް ހަނގުރާމަޔަކާ ކުރިމަތިލާފައި ކަން ރާފިޢާ ދެނެގަތެވެ. ޞިދްރާވެސް ހުރީ ކަޝަފް ކަންތައް ކުރިގޮތުން ކަން ބޮޑުވެފައެވެ.

ކަޝަފް ވައިސޯރިއެއްހެން ދިޔަގޮތަށް ގޭތެރެޔަށް ވަދެ ކޮޓަރިޔަށްގޮސް، ބޮލުގައި އަތް އަޅާލައިގެން އެނދުގައި އިށީނދެ އިނެވެ. ޞިދްރާއަށް ނުހުރެވިގެން ކަޝަފް ކައިރިޔަށް ގޮސް މިއަދު ހާދަ އަވަހަކަށޭ ތިޔައީ ބުނެ ކަޝަފްގެ ކޮނޑުމަތީ އަތް ބާއްވާލައެވެ. އަދި ޙާލު ރަނގަޅުތޯ އާއި ކަމެއް ދިމާވީތޯ އަހައިލައެވެ. ކަޝަފް އެހާ އަވަހަށް ވާހަކަތައް ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ. ކަޝަފް ބޭނުންވީ، މަންމައާއި އޭނާގެ ދެކޮއްކޮއަށް އެއްވެސް ކަމެއް ވީކަން ނާންގައި އަމިއްލަޔަށް އެކަން ހަމަޖައްސައި ލުމަށެވެ. ކަޝަފް، ޞިދްރާއަށްވުރެ ބޮޑު ނަމަވެސް، އެކަހަލަ ކަންކަމުގައި ކަޝަފަކަށް ވަކި ދުލެއް ނުކުރާނެއެވެ. ކަޝަފަށް ދިމާވާ ހުރިހާ ކަމެއްގައިވެސް އެންމެ އަވަހަށް އެކަމެއް ފާހަގަ ކުރަނީ ޞިދްރާއެވެ. ކަމެއް ހިނގައިފި ކަމަށްވަންޏާ ސިއްރު ނުކޮށް ޞިދްރާ ގާތު އެވާހަކަ ބުނެ ޙިއްޞާ ކޮށްލުމަށް ޞިދްރާ އެދެއެވެ. ހިތުގައި ހުންނަ ހިތަށް އުނދަގޫވާ އުދާސްތައް އެހެން މީހަކާ ޙިއްޞާ ކޮށްލީމަ ހިތަށާއި ސިކުނޑިޔަށް އަރާމާއި ހަމަޖެހުން ލިބޭނެއެވެ.

"ކާން އެއްޗެއް ހުރިއްޔާ އަހަރެންނަށް ކާ އެއްޗެއް ގެނެސްދީ ބަލާށެވެ. ވަރަށް ބަނޑުހައި ވެއްޖެ އެވެ." ކަޝަފް ބުންޏެވެ.

ކަޝަފަށް އެދިމާވީ އާދައިގެ ކަމެއް ނޫނެވެ. މިއަދު މިކަން ދިމާވިޔަސް ކުރިޔަށް އޮތްތަނުގައި ދިމާވާނެ މާ އުނދަގޫ ކަންކަން ހުންނާނެއެވެ. މަންމައާއި ދެކޮއްކޮއިން ކަޝަފާމެދު ކުރަނީ ވަރަށް ފޮނި އުއްމީދެކެވެ.  އަނެއްކޮޅުން، ޔުނިވަރސިޓީގައި ކަޝަފް މިއަދު އެވަނީ ބޭޒާރު ވެފައެވެ. ޒަރޫންގެ ހަޑި މުޑުދާރު ޢަމަލާ ގުޅިގެން، ކަޝަފްގެ ރުޅިގަނޑު މައިތިރި ނުވެ، އޭނާ ކޮންޓްރޯލުން ނެއްޓީއެވެ.

އަނެއްދުވަހު ހެނދުނު ވެސް ކަޝަފްގެ ހިތުން އެކަމުގެ އަސަރު ފިލައިގެންނެއް ނުދެއެވެ. ހެނދުނު ސައި ހަދަން ތަވާ ުދާފައިވެސް ކަޝަފަށް ހުރެވުނީ، އެ ހާދިސާގެ ހާސްކަމުގެ ތެރޭގައެވެ. ސައި ކެކިގެން މަތިން އެރިއިރުވެސް ކަޝަފަށް ހިލަމެއް ނުވިއެވެ. އެތަން ޞިދްރާއަށް ފެނެއެވެ. އަދި އަވަސް އަވަހަށް އައިސް އުނދުން ނިއްވައިލައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.