ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތްކުރި ފްލެޓުތައް ނިންމައި، މުވައްޒަފުންނަށް ހަވާލުކޮށްފި އެވެ.
އޭރޯ ރެޒިޑެންސް ގެ ނަން ދީފައިވާ މި ފްލެޓުތަކުގެ ވެރިންނަށް ތަޅުދަނޑި ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުން ހިންގި މަޝްރޫއުތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެ ތަންތަނަށް ގަވައިދުން ފައިސާ ނުދައްކާ 31-41 ޕަސެންޓު މީހުން އުޅެމުންދާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުން ނަމަ ގަވައިދުން ކުލި ދައްކަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކުލި ނުދެއްކުމުގެ ސަބަބުން މާލީ ގޮތުން ދަތިވެ، މިފަދަ މަޝްރޫއުތައް ހިންގަން އުނދަގޫވާ ކަމަށެވެ.
ދެ ޓަވަރުގެ މެދުގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ކުންފުންޏަކަށް އެމްއޭސީއެލް ވާނެ ކަމަށެވެ
" އެމްއޭސީއެލްގެ މުވައްޒަފުން، ގައުމަށް ދިމާވާ އެކި ކާރިސާތަކާ ގުޅިގެން ބުރަކޮށް މަސައްކަތްކޮށްފައިވޭ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި މުވައްޒަފުން ކުރި މަސައްކަތާއި، އަލިފާނުގެ ބައެއް ހާދިސާތަކުގައި ސިފައިންނާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ވަނީ މަސައްކަތް ކޮށްފަ." މަހްޖޫބު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެހެންކަމުން، އެ ހުރިހާ މަސައްކަތްތަކަށް ބެލުމަށް ފަހު މުވައްޒަފުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އެކި އިނާޔަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މީގެ ހަތަރު އަހަރު ކުރިން ފްލެޓު އެޅުމުގެ މަސައްކަތް ފެށީ ވެސް އެ ވިސްނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކޮށްގެން އިމާރާތްކުރި ފްލެޓްތަކަށް ފައިސާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށް، ޑައުންޕޭމަންޓު ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހޯދައިދީފަ އެވެ.
އެ ކުންފުނިން އިމާރާތްކޮށްފައި ވަނީ 14 ބުރީގެ ދެ ޓަވަރުގައި 384 އެޕާޓްމަންޓެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 240 އެޕާޓްމަންޓެވެ.