މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަހަރުު ޙައްޖަށް ދާން ހޮވުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.
2019 ވަނަ އަހަރު ކޮވިޑާއި ގުޅިގެން، ކުންފުނީގެ ޚަރަދުގައި މުވައްޒަފުން ހައްޖަށް ފޮނުވުން މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން މުވައްޒަފުން ހައްޖަށް ފޮނުވުމަށް ނިންމައި، މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފައިވަނީ ހުޅުލޭ އައިލަންޑް ހޮޓަލުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މި ލިޔުން މުވައްޒަފުންނާއި ހަވާލުކޮށްދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ މަހްޖޫބު ޝުޖާއުއެވެ.
އެމްއޭސީއެލްގެ ޙައްޖު ސްޕޮންސަރޝިޕަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް، ކުންފުނީގައި ގިނަދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެވޭ ސްޕޮންސަރޝިޕެކެވެ. ކޮވިޑާއި ގުޅިގެން މެދުކެޑިފައި އޮތުމަށްފަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެވޭގޮތްވުމާއިއެކު، މިދިޔަ އަހަރުން ފެށިގެން ޙައްޖު ކޯޓާ ހޯދުމަށް އެމްއޭސީއެލް އިން ކަމާބެހޭ ފަރާތްތަކާއެކު ދިޔައީ މަޝްވަރާކުރަމުންނެވެ.
މި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް، ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިން، އެމް.އޭ.ސީ.އެލްއަށް ވަނީ 5 ޖާގަ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ތޯހާ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމާއި ތަރައްޤީއަށް އަދި އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށްވެސް ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން، މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ ސްޕޮންސަރޝިޕަކީވެސް މިގޮތުން ފާހަގަކުރެވޭ ކާމިޔާބީއެއްކަމަށް ތޯހާ ވިދާޅުވިއެވެ.
މިއަހަރު ޙައްޖު ދަތުރަށް ޖާގައިގެ ފުރުޞަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.