މިއަދުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދިއްޖެ އެވެ.
މެޓް އޮފީހުގެ މޫސުމީ ބުލެޓިންގ ގައި، އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާކަމަށް ވެސް ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓު އޮފީހުން ބުނެފައި ވެއެވެ.
" އުތުރާއި މެދުރާއްޖޭގައި އާއްމުގޮތެއްގައި ކަނޑުތައް ގަދަވާނެ. ދެކުނުގައި އާދައިގެވަރަކަށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ. ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކުރެވެނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގަ." މެޓް އޮފީހުން ބުނެފައި ވެއެވެ.
އެ އޮފީހުން އިތުރަށް ބުނީ ރާޅުގެ މި އުސްމިނަކީ ރާއްޖޭގެ ބައެއް ރަށްރަށަށް ކުރިން އުދައިގެ އަސަރުކޮށްފައިވާ އުސްމިނެއް ކަމަށެވެ.