ދެކުނުގެ އެކި ހިސާބުތަކަށް އުދައަރައިފާނެ: މެޓު

އައްޑު އަތޮޅުގެ އިރުދެކުނުން ގާތްގަޑަކަށް 3000 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ތޫފާން 'ފްލެމްބޮޔަން'ގެ ސަބަބުން، އައްޑޫ އަތޮޅު ހިމެނޭ ސަރަޙައްދުގައި ބާނިބޮޑުވެ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް އޭގެ އަސަރުކުރާނެކަމަށް ލަފާ ކުރައްވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އޮފީހުން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި، ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް އުދަ އަރާނެކަމަށް ލަފާކުރައްވާ ކަމަށެވެ. އެހެން ކަމުން ހުރިހާ މީހުން މިކަމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މާދަމާ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކަށް ބަލާއިރު އުތުރުގެ ސަރަހައްދު ތަކަށް ދިޔަވަރު އެންމެބޮޑުވާނީ    0034 ގައެވެ. ރާއްޖޭގެ މެދުތެރޭގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ   0154 ގައެވެ. ދެކުނުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ    0237 ގައި ކަމަށްވެސް މޫސުމާ ބެހޭ އޮފީހުންވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު ވ. އަތޮޅުންފެށިގެން ސ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ. އެސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގައި މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި  އެހެންހިސާބުތަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.