ދެކަފި - 9

(27 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބައްޕާއެވެ! ބައްޕަވެސް ތިދައްކަނީ ޒަރޫން ދައްކާ ކަހަލަ ވާހަކައެވެ. އެއީ ފަރުޙާނާ އަހަރެންގެ އަމިއްލަ ޒާތީ މައްސަލައެކެވެ. މީގެތެރެޔަށް ޒަރޫން ވަންނަންވީ ކޮންސަބަބަކާ ހުރެ ހެއްޔެވެ؟" ސާރާ، ބައްޕަގެ ނަޞޭޙަތަށް ހިތްހަމައެއް ނުޖެހުނެވެ.

"އެއީ ފަރުޙާނާ ސާރާގެ އަމިއްލަ މައްސަލައެއް ނޫނެކޭ މަށެއް ނުބުނަމެވެ. އެކަމަކު ފަރުޙާން މިގެޔަށް އައިސް ގަޑިދެގަޑިއިރު ވަންދެން ގޯތި ތެރޭގައި ހުރި ގޮނޑިގަނޑެއްގައި އެކަނި އިނުމަކީ ގޭގެ ޢިއްޒަތާއި އަހަރެމެންގެ އަޚުލާޤާ ގުޅުން ހުރި ކަމެކެވެ." ޒަރޫންގެ ރުޅިގަނޑުވެސް ގަދަވަމުން ދިޔައެވެ.

"ދެން ތިވާހަކަ ހުއްޓާލާށެވެ! އޭނާ އިރުކޮޅަކު އިންތިޒާރުކޮށްލުން އެއީ އެހާބޮޑުކަމަކަށް ހަދަން ތިއުޅެނީ ކީއްވެ ހެއްޔެވެ؟ މިއުޅެނީ ޤިޔާމަތް ވެގެން ހެއްޔެވެ؟ ފިރިހެނުންގައި ކުޑަކޮށް އިންތިޒާރު ކުރުމުގެ އާދަ ހުންނަން ޖެހޭނެއެވެ." ޣަޒާލާއަށް ނީނދެވިގެން ޒަރޫންއާ ދިމާއަށް ބުންޏެވެ.

ޒަރޫން އޭނާ ސާފުކޮށްދެވޭތޯ ބަލަމުން އައި އޭނާގެ ޕޮއިންޓަށް ބާރުއަޅައި ވާހަކަ ކުރިޔަށް ގެންދިޔައެވެ. މިދައްކަނީ ކުޑައިރުކޮޅަކު މަޑުކޮށްލުމާ ގަޑިދެގަޑިއިރު އިންތިޒާރުގައި އިނުމުގެ ތަފާތުކަމުގެ ވާހަކައެވެ. އަންނާނެ އިރަކުން އަންނަންދެން މަޑުކޮށްގެން އިންނަން ފަރުޙާނަކީ، މީނާގެ ޑްރައިވަރެއް ނޫންކަމުގައި ޒަރޫން ބުނެއެވެ. ޒަރޫންގެ ވާހަކަ އެހިސާބަކުން ނިންމައެއް ނުލިއެވެ. ފިރިހެނުންނަށް އެހެން ހަދަންޏާ ވަރަށް ފޫހި ވާނެއެވެ. މާދަމާ ސާރާ އެގެޔަށްދިޔައިމަ އެގޭމީހުންގެ ފަރާތުން އެކަހަލަ ކަމެއްދިމާވެއްޖިއްޔާ ހަދާނީ ކިހިނެއްތޯ ޒަރޫން ސުއާލުކުރިއެވެ. އެދެބެންގެ ޒުވާބުގެ އަޑުއަހަން ޖުނައިދާއި ޣަޒާލާ ތިއްބެވެ. އެންމެފަހުން ރުޅިއަރައިގަނެގެން ސާރާ އެތަނުން ނުކުމެގެން ދެއެވެ. އެގޭގެ ޙާލަތާއި ކުދިން ބޮޑެތިވެފައިތިބީ ކިހިނެއްކަން ޖުނައިދަށް އެނގެއެވެ. އެފެންނަނީ އެމީހުން ބަލައި ބޮޑުކޮށް ތަރުބިއްޔަތު ކުރެވިފައިވާ ގޮތުގެ މިސާލުތަކެވެ. މިކަހަލަ ކިތަންމެ ކަމެއް ކުރިޔަށް އޮތްތާނގައި ފެންނާނެއެވެ. އިންސާނާ މަރުގަންނަވާނީ ދައްކަވަންހުރި ތަނެއް ދައްކަވާފައެވެ. ޖުނައިދަށް ހަމައެކަނި ބުނެލެވުނީ، ޙައްލެއްނެތް ކަމެއްގައި ބޭނުމެއްނެތި ކަލޭމެން ތިކުރަނީ ކޮންޒުވާބެއްހޭ އެވެ. އެއަށްވުރެ އިތުރަށް އެއްޗެއް ބުނެފިއްޔާ ޣަޒާލާ ފުންމައިގަންނާނެކަން އޭނާއަށް އެނގެއެވެ.

------------------------

އަހަރެމެންގެ ދިރިއުޅުމުގައި އަހަރެމެންގެ ބައްޕަ ދުވަހަކުވެސް އުފަލެއް ނުވާނެއެވެ. އެއީ އަހަރެމެންނަށް ލިބެން ލިޔުއްވާފައި އޮތް އެއްޗެއް ނޫނެވެ. ކަޝަފް އޭނާގެ ޑައިރީގައި ލިޔަމުން ގެންދިޔައެވެ. އަހަރެމެން ވެފައި އޮންނަނީ އޭނާއަށް ބޮޑު މުޞީބާތަކަށެވެ. އެކަމުގައި އަހަރެމެންގެ ކުށަކީ ކޮބައި ހެއްޔެވެ. އަހަރެމެން ދުނިޔެއަށް މިއައީ އަމިއްލަޔަށް ހެއްޔެވެ ؟ މިއީ ﷲ ގެ ކުޅަދުންވަންތަކަމާ ގުޅިފައިވާ، އެބައްޕަގެ އުފެއްދުމެއް ނޫން ހެއްޔެވެ؟ ފިރިހެން ދަރިޔަކަށް ނުވެއްޖިއްޔާ ލިބޭކުދިންވާންވީ މުޞީބާތަކަށް ހެއްޔެވެ ؟ ބައްޕައަށްޓަކައި ޤުރުބާންވާން ތައްޔާރަށް ތިބެނީ ކޮން ފިރިހެންދަރިންނެއް ހެއްޔެވެ ؟ އަހަރެންގެ ބައްޕަ އެވަނީ ދިރިއުޅުމުގެ ހުރިހާ ތަކުލީފެއް މަންމަޔަށް ޖައްސާފައެވެ. އޭގެ ފަހުން އަހަރެންގެ ބޮލަށް ހުރިހާކަމެއް ކަނޑާފައެވެ. ބައްޕަނެތް ޔަތީމު ކުދިންނަށްވުރެ އަހަރެމެންގެ ޙާލު ވަކި ދެރައެއްނޫނެވެ. ޤަލަމަށް ބާރުލާފައި ކަޝަފްގެ ހިތުގައިހުރި އުދާސްތައް ޑައިރީގެ ގަނޑުތަކަށް ބާލަމުން ގެންދިޔައެވެ. އެއިން އެއްވެސްކަމަކީ، ޙައްލެއް ހޯދެން އޮތްކަމެއް ނޫނެވެ. އެއީ، ކަޝަފްމެންގެ ދިރިއުޅުމުގެ ޙާލަތެވެ.

------------------------

ޒަރޫން އިނީ ފުޓްބޯޅަ މެޗެއް ބަލާށެވެ. އެކަނިއިނދެ މެޗްބަލަމުންގޮސް ފޫހިވެގެން އޭނާގެ ލެޕްޓޮޕް ހުޅުވާލައި މަސައްކަތެއް ކުރަން ފެއްޓިއެވެ. އަދި އޭނާގެ ޚިޔާލު އަންހެންވެރިންގެ މައްޗަށް ގޮސް ހުއްޓުނެވެ. ދިރިއުޅުމުގައި ދިމާވާ ބައެއް މައްސަލަ ޑައިރީއެއްގެ ގޮތުގައި ލިޔެ ނޯޓުކޮށް ލެޕްޓޮޕްގައި ރައްކައުކުރުމަކީ ޒަރޫންގެ އާދައެކެވެ.  ފިރިހެނުންނަކީ އެމީހުންނަށްވުރެ ދަށް ބައެއްކަން ދެއްކުމުގައި އަންހެނުންގެ މަޤްޞަދަކީ ކޮބައިބާވައެވެ. ފިރިހެނުންނަކީ އަންހެނުންގެ ފައިދޮއްވަން ތިބޭ ބައެއް ހެއްޔެވެ ؟ ސާރާއާއި މަންމަގެ ވިސްނުންހުރިގޮތް ފެނިފައި ޒަރޫން އަށް ޙައިރާންކަން ލިބުނެވެ. މިނިވަން އަންހެނަކަށް ވުމަކީ، ފިރިހެނުންނާ ޚިލާފަށް ތާއަބަދު މަސައްކަތް ކުރުމެއްނޫނެވެ. ފިރިހެނުންނަށްވެސް އެމީހުންގެ ޙައްޤު މަޤާމް ދޭންވާނެއެވެ. ޙައްޤު އިޙްތިރާމް އަދާކުރަން ވާނެއެވެ. ފަހަރެއްގައި އަސްމަރާގެ ނަޒަރުގައި އަހަރެންނަކީ ރުޅިގަދަ އަދި ރުންކުރު މީހަކީކަމަށް ވެދާނެއެވެ. އެއީ އަދި އަންހެނެއްގެ ޢިޝާރާތަށް ނެށުމާ ތަފާތު ކަމެކެވެ.

------------------------

މުރުތަޟާގެ ގެޔަށް އޭނާގެ ބޭބެ ވައްހާބު އައި ދުވަހެކެވެ. އެމީހުން ސައްލާ ކުރަމުން ގެންދަނީ ކަޝަފް ޔުނިވަރސިޓީއަށް ވެއްދި މައްސަލައިގައެވެ. ވައްހާބުގެ ނަޒަރުގައިވެސް މުރުތަޟާ އެކަމަށް ހުރަސް އަޅަން ޖެހޭނެއެވެ. އެއީ މުރުތަޟާގެ އިޚްތިޔާރުގައި އޮތްކަމެއްނޫނެވެ. އެއީ ކަޝަފްގެ މަންމަގެ ނިންމުމެކެވެ. ކަޝަފް ބަލައި ބޮޑުކުރަމުން ގެންދަނީ މުރުތަޟާގެ އެއްވެސް އެހީތެރިކަމަކާ ނުލައި އޭނާގެ މަންމަ އެކަންޏެވެ. ރާފިޢާއަކީ މުރުތަޟާގެ އަނތްބެއްގެ ގޮތުގައި ނަމެއްގައި އިންނަ މީހެކެވެ. ނިޤާރުވެސް އެމީހުންގެ ވާހަކައިގެ ތެރެޔަށް އަނގަބާނައެވެ. ކަމެއްކުރުމުގެ ކުރިން ލަފައެއް އަހާލަން ރާފިޢާ ނުއުޅޭނެކަމަށް ނިޤާރު ބުންޏެވެ. ހުރިހާކަމެއްވެސް ކުރަނީ، މަންމައާއި ދަރިން ބޭނުންވާ ގޮތަކަށެވެ. މުރުތަޟާގެ ބަހެއް އެމީހުންގެ މައްޗަކަށް ނުވިކެއެވެ. ނިޤާރު، އަނދަ އަނދާހުރި ހުޅުކޮޅަށް ތެޔޮ އަޅަމުން ގެންދިޔައެވެ. އެގޮތަށް ފިރިހެންކުދިންނާ މަސްހުނިވާން އަންހެންދަރިން ދޫކޮށްލުމަކީ ވައްހާބުގެ ނަޒަރުގާ ވަރަށް ސީރިއަސް ކަމެކެވެ. ފިރިހެނުންނާ މަސްހުނިވެގެން އެމީހުންގެ ޢާއިލާގެ އެއްވެސް ކުއްޖަކު ނޫޅޭކަމަށް ވައްހާބު ބުންޏެވެ.

"ބޭބެ އެގެޔަށްގޮސް އެކުދިންނަށް ރަނގަޅުވާނެގޮތް ރާފިޢާއަށް ވިސްނައިދޭންވީ ނޫންހެއްޔެވެ؟ މުރުތަޟާގެ ބަހެއް ރާފިޢާގެ މައްޗަކަށް ނުވިކެއެވެ. އެކަންވާނީ ބޭބެއަށެވެ." އެކަމުގެ ޙައްލަކީ އެއީކަމުގައި ނިޤާރު ލަފާދިނެވެ.

ކަޝަފާ ބެހޭ ވާހަކަ ދައްކަން ވައްހާބާއެކު މުރުތަޟާވެސް އެގެޔަށް ދާންޖެހޭނެކަމަށް ވައްހާބު ބުންޏެވެ. އަދި ކަޝަފް މީހަކާ ދެވުމުގެ ވާހަކަވެސް ގޮސް ދެމީހުންވެގެން ދައްކާނީ ކަމުގައި ވައްހާބު ބުންޏެވެ. ކަޝަފްގެ ކައިވެނީގެ ކަންތައް ހަމަޖެހުނީމަ އޭނާގެ ޒިންމާ މުރުތަޟާގެ ކިބައިން އެދިޔައީ ކަމަށާއި އެކަން ލަސްނުކޮށް ކުރެވޭނީ މިހާރުއްސުރެ އެކަމާ އުޅެގެންކަމަށް ބުނެ ނިޤާރު އަނެއްކާވެސް ވާހަކައިގެ ތެރެޔަށް އަނގަ ބާނައެވެ. އަދި ނިޤާރު އެބުނަނީ ހަމަ ރަނގަޅަށް ކަމަށާއި އެއީ ނުކޮށް ދޫކޮށްލައިގެންވާނެކަމެއް ނޫންކަމަށް ވައްހާބު ބުނެއެވެ. އަދި މުރުތަޟާވެސް ވައްހާބުގެ ބަހަށް އާނއެކޭ ބުނެއެވެ. އެތިން މީހުންގެ ބައްދަލުވުން ނިމިގެން ދިޔައީ ކަޝަފް ގެ ޔުނިވަރސިޓީ ކިޔެވުން ހުއްޓުވާ ލުމަށާއި، ވީއެންމެ އަވަހަކަށް ކަޝަފް މީހަކާ ދެވަން ނިންމައި އެކަމުގެ ރޭވުންތައް ރާވާފައެވެ. ކަޝަފްގެ ތަޤްދީރުގައި އެކަންކަން ރޭވި ހަމަޖެހިފައި އޮތްގޮތް އެމީހުންނަށް ބަދަލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ރާފިޢާގެ ހަރުދަނާ ވިސްނުމާއި ކުދިންނަށް ދީފައިވާ ހަރުދަނާ ތަރުބިއްޔަތުގެ ކުރިމަތީގައި ހަމައެކަނި ނަމެއްގައި ތިބޭ ބަޔަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ކަޝަފްމެންގެ އަމިއްލަ ދިރިއުޅުމުގެ ތެރެޔަށް ވަދެ ގޮތްކިޔަން އެމީހުންނަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

------------------------

ޔުނީގެ ފުރަތަމަ ދުވަހު ޒަރޫން ދިޔައީ އޭނާގެ ކާރުގައި އަސްމަރާމެންގެޔަށްގޮސް އަސްމަރާ ނަގައިގެންނެވެ. ޒަރޫން ކާރުދުއްވަމުން ދިޔައިރު، އޭނާގެ އަމިއްލަ ލަވައެއް ކިޔަމުން ގެންދިޔައެވެ. އަސްމަރާއިނީ ފަހަތު ޝީޓުގައެވެ. ޒަރޫންގެ އެހާ ރީތި އަޑެއް އޮތްއިރު، ކިޔެވުން ދޫކޮށްލާފައި މިޔުނިޝަނަކަށް ނުވީކީއްވެތޯ އަސްމަރާ ސުއާލު ކުރިއެވެ. އޭނާގެ ރަޙުމަތްތެރިޔާ ސޯފިޔާވެސް ޒަރޫނާ އަޅައިގަނެގެން އުޅޭވާހަކައާއި ސޯފީއާ ޒަރޫން ބައްދަލުކުރަންވާނެކަމަށް  އަސްމަރާ ބުންޏެވެ. އަދި އެކަން ޔަޤީންކުރަންވެގެން، ހިނިއައިސް އިނދެ، ހަމަ އެހެންތޯ ޒަރޫން ސުއާލުކުރެއެވެ. ސޯފިޔާ އުޅެނީ ޒަރޫންއާ އަޅައިގަނެގެން ކަމަށާއި ހަމައެކަނި ސޯފިޔާ ނޫންކަމަށާ،  އޭނާނޫނަސް އެތައް ކުދިންނެއް ޒަރޫންއާ އަޅައިގެންފައިތިބި ކަމަށް އަސްމަރާ ބުންޏެވެ. އަދި ވަގުތު ޖެހުނީމަ އެކުދިންގެ ލިސްޓް ޒަރޫނަށް ދައްކާނެކަމަށްވެސް ބުންޏެވެ.

"އެލިސްޓްގައި އަސްމަރާގެ ނަންވެސް ހިމެނިފައި އެބައޮތް ދޯއެވެ؟ އަހަރެންނަށްވުރެ ވަކި ރަނގަޅުމީހަކު އަސްމަރާއަކަށް ނުލިބޭނެއެވެ." ޒަރޫން ސަމާސާ ކޮށްލިއެވެ. އެހިސާބުން، އޭނާއާ އަޅައިގަނެގެން ނުއުޅުމަށް ޒަރޫންގާތު އަސްމަރާ ބުނެއެވެ. އަދި ޒަރޫން ބޭނުންވަނީ އޭނާ ޒަރޫންއަށް ތަޢުރީފްކުރަންހޭ ބުނެ އިތުރަށް ސުއާލުކުރެއެވެ.

"އަހަރެންގެ އޮތީ ކޮންއުނިކަމެއް ހެއްޔެވެ؟" ޒަރޫން އިތުރަށް ސުއާލުކުރެއެވެ.

"ޒަރޫންގެ އުނިކަމެއް ހުރިވާހަކައެއް އަހަރެންނެއް ނުބުނަމެވެ؟ އެކަމަކު ތިކުޅިވަރު ކުޅެންކަމަށް ވަންޏާ އަހަރެންގެ ނެތީ ކޮން ރަނގަޅުކަމެއް ހެއްޔެވެ؟" އަސްމަރާ ބުންޏެވެ. އަދި ދެމީހުން އެމަވްޟޫޢުގައި ބަހުސް ކުރަމުން ގެންދިޔައެވެ.

------------------------

މުރުތަޟާގެ ވާހަކަތަކުން އަސަރުކޮށް އިސްޖަހައިގެން އިން ރާފިޢާ، އިސްއުފުލާލައި ކަޝަފާ ދިމާއަށް ބަލައިލަމުން ބުންޏެވެ. ދަރިފުޅަކީ، ފިރިހެންކުދިންނާ މަސްހުނިވެ ކިޔެވުމުގެ ދައުރު ފުރިހަމަކުރާ، މިޢާއިލާގެ ފުރަތަމަ އަންހެން ކުއްޖާއެވެ. މަންމަ އެތަނަށް، އެމާޙައުލަށް ދަރިފުޅު މިފޮނުވަނީ ވަރަށް ފަޚުރުވެރިކަމާއެކުގައެވެ. މަންމަގެ އެލޯބި ވާހަކަތަކުން، ކަޝަފްގެ މޫނުމަތިން އުފާވެރިކަމުގެ އުއްމީދުތައް ދިރިގެން ދިޔައެވެ. އަދި އޭނާއަށް އެކަން އެނގޭކަމަށް ބުންޏެވެ.

"ދަރިފުޅާއެވެ! މުސްކުޅި މިމަންމަ ދޫކޮށްނުލައްޗެވެ. ކަންދިމާވާގޮތަކުން ދެރަގޮތެއްވެއްޖިއްޔާ ދަރިފުޅުގެ ދެކޮއްކޮއަށް މަންމަ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އެހެން ވެއްޖިއްޔާ ދިރިއުޅުމުގެ ހުރިހާ މުޞީބާތެއް ދަރިފުޅުގެ ކޮއްކޮމެންނާ ކުރިމަތިވާނެއެވެ." ރާފިޢާ އޭނާގެ ދަރިފުޅަށް ނަޞޭޙަތްތެރިވިއެވެ.

"މަންމާއެވެ! މަންމަގެ މިދަރިފުޅަށް އިތުބާރު ކުރާށެވެ. އެއްވެސް އިންސާނެއްގެ ކުރިމަތީ މަންމަ، ލަދުން އިސް ތިރިކޮށްލަންޖެހޭނެފަދަ އެއްވެސްކަމެއް، އިރާދަކުރެއްވިއްޔާ މިދަރިފުޅެއް ނުކުރާނަމެވެ." ކަޝަފް ޖަވާބު ދިނެވެ.  ޖަވާބުގައި، ކަޝަފަށް އޭނާ އިތުބާރު ކުރާވާހަކަ ލޯތްބާއެކު ބުންޏެވެ. އަދި ކަޝަފް ޔުނިވަރސިޓީއަށް ފޮނުވަނީ، ފުރިހަމަޔަށް އިތުބާރުކުރާތީކަމުގައިވެސް ބުންޏެވެ. އިތުބާރު ނުކުރާނަމަ ނުފޮނުވާނެކަމަށް ރާފިޢާ ބުންޏެވެ.

ކަޝަފް އުއްމީދުކުރާގޮތުގައި މާލަހެއްނުވެ އޭނާގެ އެމްބީއޭ ފުރިހަމަކޮށް ވަޒީފާއެއް ހޯދާނެއެވެ. އެއީ، މަންމަޔަށް ހަމަނޭވާލެވިގެން އަރާމުކޮށްލެވޭނެ މަގެއް ހޯދުމަކީ އޭނާގެ ދިރިއުޅުމުގެ މަޤްޞަދެވެ. އެހެންނަމަވެސް، މަންމަ ބޭނުންވަނީ ކޮންގޮތެއްކަން ކަޝަފަށް އެނގޭތޯ ރާފިޢާ ސުއާލުކުރިއެވެ. ރާފިޢާ ބޭނުންވަނީ، ކަޝަފްގެ ކޯސް ފުރިހަމަކުރުމަށްފަހު ވަޒީފާއެއް ހޯދައި، ރަނގަޅު ޢާއިލާއެއްގެ ރަނގަޅު ކުއްޖަކާ ކައިވެނި ކުރުމެވެ. ކަޝަފުގެ އުއްމީދަކީ، ރަނގަޅުގޮތުގައި ހިނގައިގޮސްފައިވާ އޭނާގެ ޙަޔާތަށް ރަނގަޅުގޮތް މިންވަރު ކުރެއްވުމެވެ. ކައިވެންޏަކަށް ކަޝަފް ޝަޢުޤުވެރިނުވާކަމަށް އޭނާ ބުންޏެވެ. އަދި، ކައިވެންޏެއް ކޮށްގެން ކަރުގައި ދަންމަޅިއެއް އެޅުވެން އޭނާ ބޭނުންނުވާކަންވެސް މަންމަޔަށް ހާމަކޮށްދިނެވެ.

"ދަރިފުޅާއެވެ! ދުނިޔޭގައިއުޅޭ ހުރިހާ ފިރިހެނުންނަކީ އެއްވައްތަރެއްގެ ބަޔެއްނޫނެވެ. ތިޔަހާބޮޑަށް ދިރިއުޅުމުގެ އުއްމީދު ފަނޑުކޮށް ނުލާށެވެ!" ރާފިޢާ އޭނާގެ ދަރިފުޅަށް މަޑުމައިތިރިކަމާއި ލޯތްބާއެކު، ނަޞޭޙަތްތެރި ވަމުން ގެންދިޔައެވެ. ދުނިޔޭގައި ދިރިއުޅުމަށް ފިރިއެއްގެ ގޮތުގައި ރަނގަޅު މީހަކު ލިބިއްޖެނަމަ، ދިރިއުޅުން ވެގެންދާނީ މާމެލާމެލީގެ ފުރިހަމަ ބަގީޗާއަކަށެވެ. ގޯސް ބައިވެރިޔެއްކަމަށް ވަންޏާ ދެންވާނީ ކިހިނެއްކަމާމެދު ކަޝަފްގެ ކަންބޮޑުވުން ހާމަކުރިއެވެ. މާމެލާމެލީގެ އެލޯބި ރާސްތާ ކަށިކުނބުރު ޖަންގައްޔަކަށް ބަދަލުވާނެއެވެ. އެންމެ ރަނގަޅުގޮތަކީ، މާމަލުގެ ބަގީޗާވެސް އަދި ކަށިކުނބުރު ޖަންގަލީގެ ރާސްތާވެސް އިޚްތިޔާރުނުކޮށް، މިންވަރުކުރެއްވި ގޮތަކަށް ސީދާ ސާދާ ރާސްތާއެއްގައި ދިރިއުޅުން ވޭތުކުރުމެވެ. ދަރިފުޅުގެ ވިސްނުން ތިހުރީ ކިހިނެއްހޭ ބުނެ، ކަޝަފް ގާތްކޮށްލައި ފިރުމާލަމުން ބައްދައިލިއެވެ. އަދި ކަޝަފްގެ ނިތްކުރީގައި ބޮސްދިނެވެ.

ފުރަތަމަ ފަހަރަށް ޔުނިވަރސިޓީއަށް ދާ ދުވަހު ލާނެ ހެދުމަކާމެދު، ކަޝަފް ހުރީ ހާސްވެފައެވެ. އޭނާއަށް ފެނުނު ކުދިން ލައިގެން ޔުނީއަށް އައިސް ތިބީ ޒަމާނީ އެކި ޑިޒައިންތަކުގެ ހެދުމެވެ. ޝެހްނީލާ ހުރީ ކަޝަފްއުޅޭ ނޫޅޭގޮތް ބަލާށެވެ. ކަޝަފް އަތުގައިހުރި ހެދުމަކީވެސް ރީތި ހެދުންކަމުގައި ޝެހްނީލާ ބުންޏެވެ. މިހެދުންލައިގެން ކަޝަފްދާށޭ ބުނެ ޞިދްރާ ހެދުމެއް ގެނެސް ދެއެވެ. ކަޝަފަށް ލިބުނު ޙައިރާންކަމުގައި މިއީ ކޮންތާކުން އައި އެއްޗެއްތޯ ސުއާލުކުރެއެވެ. އެއީ ކަޝަފަށް ހަދިޔާކުރަން ޞިދްރާ ހޯދާފައިވާ ހެދުމެއްކަމަށާއި، ޔުނިވަރސިޓީ އެޑްމިޝަން ލިބުނީމަ ދޭން މަޑުކުރީކަމުގައި ޞިދްރާ ބުންޏެވެ. ކަޝަފް އޭނާގެ ކޮއްކޮގެ އެލޯބި ހަދިޔާ، އުފަލާއެކު ބަލައިގަނެ ޝުކުރު އަދާކުރިއެވެ. ޝެހެނީލާ އައިސް، ދައްތަ މިފައިވާނަށް އަރައިގެންދާށޭ ބުނެ ފައިވާނެއް ދިއްކޮށްލިއެވެ. އަދި ޞިދްރާ އަތްދަބަހެއް ދިނެވެ.

ދައްތަ ޔުނީއަށްގޮސް ވަރަށް މަޖާކުރާނެވާހަކަ ޝެހްނީލާ ބުންޏެވެ. އެކަމަކު އެއީ މަޖާކުރަންދާ ތަނެއްނޫންކަމަށާއި މަޖާކުރަން ތަންތަނަށް ދާނަމަ އެއީ ބޭކާރުވާ ލާރިކަމުގައި ކަޝަފް ބުންޏެވެ. ކަޝަފާ ދިމާކުރުމަށް އޭނާގެ ދެކޮއްކޮ އެތައް ވާހަކައެއް ދެއްކިއެވެ. އެކުދިންގެ މެދުގައި އެކަކު އަނެކަކަށް އޮތް ލޯތްބާއި އަޅައިލުން ނިކަން ރަނގަޅަށް ސާފުވެގެން ދިޔައެވެ.

ކަޝަފް ޔުނީއަށް ދިޔައީ އެހެން ދެމީހަކާއެކު ކުރޮޅިއެއްގައި ބަސް ސްޓޭންޑަށްގޮސް ބަހަށް އަރައިގެންނެވެ.  ކޮންމެވެސް ވަރެއްގެ ހާސްކަމަކާއެކު އޭނާ ހުރީ ދާހިއްލާފައެވެ. ޔުނީއަށް ދެވޭއިރު، މޫނުގައި ޖެހި ފުށްކޮޅުވެސް ހުންނާނީ ގޮހެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.