ދެކަފި - 8

(24 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މަސައްކަތު މީހުން އެމީހުންގެ މަސައްކަތް ކުރަނީ ރަނގަޅަށްތޯވެސް ގޭގައުޅޭ ކޮންމެވެސް މީހަކު ބަލައިލަން ވާނެ ނޫން ހެއްޔެވެ؟" ޖުނައިދުގެ ރުޅި އިތުރު ވެގެންދިޔައެވެ.

"ތިބުނި އެއްޗެއްގެ މަޤްޞަދަކީ ކޮބައި ހެއްޔެވެ؟ އަހަރެން ގޭގެ އެއްވެސް މަސައްކަތެއް ނުކުރަނީ ހެއްޔެވެ؟" ޣަޒާލާވެސް ހިތްހަމަނުޖެހުމާއެކު ބުންޏެވެ.

"މަޤްޞަދުގެ ވާހަކަ ނުދައްކާ އަހަރެންގެ ބްރައުން ޝޫޓް ހޯދައިދޭށެވެ ! އަހަރެން ބައްދަލުވުމަކަށް ދާން އެބަ ލަސްވެއެވެ." ޖުނައިދު ބުންޏެވެ.

ޣަޒާލާ ރުޅިއައިސްހުރެ އެތަނުން ނުކުމެގެން އައިސް ނޯކަރަކަށް ފޯނުކުރިއެވެ. އަދި ދޮންނަން ދިން ހެދުންތައް ގެނެސްފިތޯ ސުއާލުކުރިއެވެ. ތިމަންނަ ހަނދާން ނެތުނީމަ ކަލޭމެންގެ ވަޒީފާގެ ޒިންމާ އެހިސާބުން އެނިމުނީ ހެއްޔޭ ސުއާލުކުރިއެވެ. އަދި ހަމަ މިހާރު ސާހިބާގެ ހެދުންތައް ގެނެސްދޭން އަމުރުކުރިއެވެ. އަބަދު ކިޔައިގެން ނޫނީ އެމީހުންލައްވާ ކަމެއް ނުކުރެވޭކަމަށް ބުނެ އެއްޗެހި ކިޔައިގަތެވެ. ފޯނުބޭއްވުމަށްފަހު ، ލޯންޑަރީން މިއަދު ހެދުން ގެންނާނޭ އަދި ތިމަންނަ އެހެން ޝޫޓެއް ނަގައިދޭނަމޭ ޣަޒާލާ ބުންޏެވެ. ޖުނައިދުގެ ހިތްހަމަނުޖެހުމަށް ނިމުމެއް ނައެވެ. ދެން އަޅާނުލާށޭ ޣަޒާލާއާ ދިމާއަށް ބުންޏެވެ.

"ކަމެއް ދިމާވީމާ މާ ބަހަނާ ދައްކައި މައްސަލަ ބޮޑުކުރުމަކީ ޖުނައިދުގެ އާދައެކެވެ. އަހަރެންގެ ކާމިޔާބީއަށް ޖުނައިދު އުފަލެއް ނުވަމެއް ނޫން ހެއްޔެވެ؟ އުފާވެރިކަމުގައިހުރި މޫޑްވެސް ޚަރާބުކޮށްލައިފިއެވެ. ޢާންމު ފިރިހެނުން ހަދާގޮތަށް ކަންތައްގަނޑު މާބޮޑުކުރަން ތިއުޅެނީ ކީއްވެގެން ހެއްޔެވެ؟" ޣަޒާލާ ބުންޏެވެ. ޣާޒާލާ ވާހަކަ ދައްކަމުން ގެންދިޔައިރު ކަޅިޖަހާނުލާ އޭނާއާ ދިމާއަށް ޖުނައިދު ބަލަހައްޓައިގެން ހުއްޓެވެ. އަދި އެއްވެސް އެއްޗެކޭ އިތުރަށް ނުބުނެ ، އެތަނުން ނުކުމެގެން ހިނގައްޖެއެވެ. ޣަޒާލާވެސް އެއައި ރުޅިގަނޑުގައި މޫނުކުނިކޮށްގެން ހުއްޓެވެ.

------------------------

ކަޝަފް ޔުނިވަރސިޓީއަށް ދާންފެށީމަ އޭނާ ޓިއުޝަން ނަގައިދޭ ކުދިންނަށް ހަދާނެގޮތަކާ ބެހޭގޮތުން ކަޝަފާ ޞިދްރާއާ ދެބެން ވާހަކަ ދައްކަމުން ގެންދިޔައެވެ. ޞިދްރާ ބުނިގޮތުގައި އެންމެ ރަނގަޅުވާނީ މަންމައާ އެކުދިން ޙަވާލުކުރުމެވެ. އޭރަށް ކަޝަފަށް ކިޔަވަން ވަގުތު ހޯދޭނެއެވެ. އެހެންނަމަވެސް ކަޝަފް އެގޮތަކަށް އެއްބަހެއް ނުވިއެވެ. މަންމަ އެހާ ލަސްކޮށް ސްކޫލުން އައިސް މަންމަ ޓިއުޝަން ނަގައިދޭ ކުދިންނަށް ވަގުތު ދެވެނީ އެހާ އުނދަގުލުން ކަމަށް ކަޝަފް ބުންޏެވެ. އަދި މަންމައަށް އިތުރު ބުރައެއް ޖައްސަން ބޭނުންނުވާކަމަށް ބުނެ ، އެކަން އޭނާ ކޮންމެވެސް ގޮތަކުން އަމިއްލަޔަށް ޙައްލުކުރާނެކަމަށް ބުންޏެވެ. ޔުނިވަރސިޓީ ކިޔެވުން ވަރަށް އުނދަގޫވާނެ ވާހަކަ ބުނެ އެކަމުން ކަޝަފްގެ ކިޔެވުމަށް އަސަރުކޮށްފާނެތީ ޞިދްރާ ހުރީ ދެރަވެފައެވެ. އެކަމަކުވެސް ، ކަޝަފް އެއުނދަގޫ އަމިއްލަޔަށް އުފުއްލައި މަންމަޔަށް އިތުރު ބުރައެއް ނުޖައްސާނެކަމުގައި ބުންޏެވެ. ޞިދްރާއަށް މަސައްކަތެއްނުކޮށް ގޭގައި އަރާމުގައި ހުރެވޭނެ ދުވަހެއް އަންނާނީ ކޮންއިރަކުން ބާއޭ ބުނެ ކަޝަފާ ސަމާސާ ކޮށްލިއެވެ.

"ކާކާއެކީ އަރާމުކުރަން ގޭގައި ކަމެއްނުކޮށް އޮންނަން ލިބޭނެކަމަށް ހެއްޔެވެ؟" ކަޝަފް ސުއާލުކުރިއެވެ.

"ކޮންމެ ފިރިހެނަކީ ބައްޕަ ކަހަލަ މީހަކަށް ނުވެދާނެ ނޫން ހެއްޔެވެ. އަރާމާއި އުފަލުގައި ދިރިއުޅެވޭނެ މީހަކު އަހަރެންނަށްވެސް ލިބިދާނެ ކަންނޭނގެ ނޫން ހެއްޔެވެ؟" ޞިދްރާ ބުންޏެވެ. ޞިދްރާ އެބުނި ވާހަކަޔަކުން ކަޝަފް ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އަދި ބައްޕަ ކަހަލަ ނޫން ފިރިހެނަކީ ކޮބައިތޯ ޞިދްރާކުރެން އެހިއެވެ. އަދި މާގިނަ ފޮނި ހުވަފެންތައް ނުދެކެ ކިޔެވުން ނިންމާށޭ ކަޝަފް ބުންޏެވެ. ކަޝަފާ ވާކައެއް ދައްކަން ފަށައިފިއްޔާ މޫދަށްއެރި އަމިއްލަޔަށް މަރުވާނީއޭ ހީވާ ވަރުކޮށްލާނެކަމަށް ޞިދްރާ ބުންޏެވެ.  މޫދު އޮންނަނީ އެގެޔާ އެތައް ސަތޭކަ މޭލެއްގެ ދުރުގައި ކަމަށާއި އެހިސާބަށްދާން އެތައް ޚަރަދެއް ކުރަން ޞިދްރާއަށް ޖެހޭނެކަމަށް ބުނެ ކަޝަފް ސަމާސާކޮށްލިއެވެ.

------------------------

ފަރުޙާން އައިސް ސަމާރާމެންގޭގައި ބޭރުގައިހުރި ގޮނޑިއެއްގައި އެކަނި އިންނަތާ އެތައް އިރެއް ވެއްޖެއެވެ. އޭނާއަކާ އެގެއިން އެއްވެސް މީހަކާ ދިމަލެއްނުވެއެވެ. އެހެން އިންދާ ޒަރޫން އައިސް ފަރުޙާނަށް ގޮވާލައި ސަލާމް ކޮށްލިއެވެ. އަދި ޙާލު އަޙުވާލު އަހައި ހެދުމަށްފަހު ، އޭނާ މަޑުކޮށްލައިގެން އެއިނީ ސާރާއަށްކަމުގައި ފަރުޙާން ބުންޏެވެ. ސާރާއަށް ގޮވުމަށްޓަކައި ޒަރޫން ތެދުވިއެވެ. އެހެންނަމަވެސް އެކަން ފަރުޙާން މަނާކުރިއެވެ. އަދި އޭނާ ، ސާރާ އަންނަންދެން މަޑުކޮށްލާނީ ކަމަށާއި ސާރާއަށް ގޮވާނެކަމެއް ނެތްކަމަށް ބުންޏެވެ. އެއަށްފަހު ، ޒަރޫންގެ ކިޔެވުމާބެހޭގޮތުން ދެމީހުން ވާހަކަދައްކަން އިރުކޮޅަކު ތިއްބެވެ. އެހެންނަމަވެސް މާގިނައިރުވާން ފެށީމަ ޒަރޫނަށް ނީނދެވިގެން ގޮސް ސާރާގެ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު ވަނެވެ. އޭރު ސާރާހުރީ ތިރިޔަށްދާން ލާނެހެދުމެއް ނޭނގިގެން އަލަމާރީގައިހުރި ހެދުންތައް ހާވާށެވެ. ފަރުޙާން އައިސް ތިރީގައި އިންނަތާ އެތައް އިރެއްވެއްޖެ ވާހަކަ ޒަރޫން ބުންޏެވެ. ސާރާގެ ޖަވާބަކަށްވީ ފަސް މިނިޓެއްހާއިރު މަޑުކޮށްލިޔަސް އެއީ އެހާވަރުގެ ކަމެއްނޫން ކަމުގައެވެ.

"ފަސްމިނިޓެއް ނޫނެވެ. އަހަރެންވެސް މިއައީ އޭނާއާއެކީ ބައިގަނޑިއެއްހާއިރު އަނގަތަޅަން އިނދެފައެވެ. އެހެން ހަދާކަށް ނުވާނެ ނޫން ހެއްޔެވެ. އަދި އޭނާ އެއިނީ ގެއިން ބޭރުގައި ގޯތިތެރޭގައިހުރި ގޮނޑިއެއްގައި އިށީނދެލައިގެން އެކަނިމާ އެކަންޏެވެ." ޒަރޫން ހިތްހަމަނުޖެހިފައިހުރެ ބުންޏެވެ.

ސާރާއަކަށް އެއީ މައްސަލަޔަކަށް ނުވިއެވެ. އަދި އިރުކޮޅަކު އިންތިޒާރުކޮށްލުން އެއީ އެހާބޮޑުކަމަކަށް ނުހަދާށޭ ބުންޏެވެ. ސާރާ އޭރު ލާނެ ހެދުމެއް ހޯދަމުން ގެންދެއެވެ. އަދި ހެދުން ލައިގެން ދާނެވާހަކަ ބުންޏެވެ. ސާރާއަށް ފޯނުކޮށްފައި ފަރުޙާން އައިއިރު ، ހެދުން ނަގާ ތައްޔާރުވެގެން ނުހުރީތީ ޒަރޫން ހުރީ ކަންބޮޑުވެފައެވެ. އަދި އެއީ ސާރާ ކޮށްގެންވާނެ ކަމެއްނޫންކަމަށް ބުންޏެވެ. ދެންވެސް ގޮސް ސާރާ ދަންދެން ފަރުޙާންގާތު މަޑުކޮށްލާށޭ ބުނެ ޒަރޫން ފޮނުވާލައެވެ. ޒަރޫން ރުޅިއައިސްހުރެ ސާރާގެ ކޮޓަރިން ނުކުމެގެން ދިޔައީ ސާރާއާ ދިމާއަށް އެތިވަރު ގޮވަމުންނެވެ.

------------------------

މުރުތަޟާ އިނީ ހަގު އަނތްބަށް ވަޢުދުވީ ފަދައިން ރާފިޢާމެންގެޔަށް އައިސް ކަޝަފްގެ ވާހަކަ ދައްކާށެވެ. ކަޝަފް ޔުނިވަރސިޓީއަށް ވައްދައިގެން އޭނާހުރީ ހިތްހަމަ ނުޖެހިފައެވެ. ފުރަތަމަ ޑިގްރީ ނިމުނީމަ އެހިސާބުން ނިންމާލަންވީ ނޫންހެއްޔޭ މުރުތަޟާ ބުންޏެވެ. މުރުތަޟާ އެހެން ބުނިއަޑު ކަޝަފަށް އިވުނެވެ. ރާފިޢާ މުރުތަޟާއަށް ވިސްނައިދެވޭތޯ ބަލަމުން ގެންދިޔައެވެ. ކަޝަފް އެކިޔަވަނީ ސްކޯލަރޝިޕެއްގެ ދަށުންކަމަށާ އެމީހުންގެ އަތުން އެކުއްޖާފުޅުގެ ކިޔެވުމަށް ޚަރަދެއްކުރަން ނުޖެހޭނެކަން ރާފިޢާ ސާފުކޮށްދިނެވެ. އަދި އެ ސްކޯލަރޝިޕަކީ އަހަރަކު ހަތްކުދިންނަށް ލިބޭ ފުރުޞަތެއްކަމަށާއި އެތައް ސަތޭކަ ކުދިންނެއްގެ ތެރެއިން ކަޝަފް އެކަމަށް ހޮވުނީތީ ﷲ އަށް ޝުކުރުކުރަން ޖެހޭނެކަން މުރުތަޟާއަށް ވިސްނައިދޭން ރާފިޢާ މަސައްކަތް ކުރިއެވެ. ރާފިޢާގެ އެއްވެސް ވާހަކައެއް މުރުތަޟާއަކަށް ނުވިސްނުނެވެ. އޭނާގެ ވިސްނުމުގައި އޮތީ ހަގުއަނބި އޭނާގެ ބޮލަށް ވައްދައިދީފައި އޮތް އެއްޗެކެވެ. އަދި ކަޝަފްގެ ކައިވެނި ކުރުމާމެދު ވިސްނާށޭ ތަކުރާރުކޮށް މުރުތަޟާ ބުނަމުން ގެންދިޔައެވެ. މިވާހަކަތައް އަޑުއެހުމަކީ ކަޝަފަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. އެހެންނަމަވެސް މަންމަގެ ތަރުބިއްޔަތުގައި އޭނާއަށް ދަސްވެފައި އޮތީ ބައްޕައާއި މަންމަ ދައްކާ އެކަހަލަ ވާހަކަތަކުގެ ތެރެޔަށް ނުވަނުމުގެ ރީތި އާދައެވެ. ހިންދިރުވާލާފައި ފާރުގައި ލެގިލައިގެން ހުރުން ނޫންގޮތެއް އޭނާއަކަށް އެވަގުތަކު ނެތެވެ. ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ގޮސް ބައްޕައާ ދިމާއަށް އެއްޗެތި ގޮވައިގަންނަން ކިތަންމެ ފަހަރަކު ކަޝަފްގެ ހިތަށް އެރިއެވެ. އެހެންނަމަވެސް މަންމައަށްޓަކައި ކެތްކޮށްލައިގެން މަޑުކުރިއެވެ.

އެހާމައްޗަށް ކިޔަވައިގެން ކުރާނީ ކީއްތޯ މުރުތަޟާ ސުއާލުކުރެއެވެ. އެއީ ކަޝަފަކީ ތޫނުފިލި ކުއްޖަކަށްވާތީ ކިޔެވުމަށް ޝަޢުޤުވެރިކަން ހުންނާތީ ދޭންޖެހޭ ފުރުޞަތެއްކަން ސާފުކޮށްދެވޭތޯ ރާފިޢާ ބެއްޔެވެ.

އެކުދިންގެ ހިތަށް ކޮންފަދަ ވަސްވާސްތަކެއް ވައްދާފައިތޯ ތިއިނީ މުރުތަޟާ ، ރާފިޢާއާ ސުއާލުކުރިއެވެ. އެސުއާލަށް ދޭނެޖަވާބެއް ރާފިޢާއަކަށް ނުފެނުނެވެ. އަނގަހިމޭނުންލައިގެންނެއް ނީނދެވުނެވެ. ކުދިންނަށް ފުރިހަމަ ތަޢުލީމެއް ދެވުނީމަ އެކުދިން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވި ، އެހެންމީހުންގާތަށްގޮސް ސަލާން ޖަހަން ނުޖެހޭނެވާހަކަ ރާފިޢާ ބުންޏެވެ. އަދި ދަތި އުނދަގޫ ޙާލަތުގައި އެމީހުންގެ ބައްޕަ އެމީހުންނާ އަޅާނުލާނެކަން އެކުދިންނަށް އެނގެއެވެ. އެހެންވީމާ ، ކުދިން އެއުޅޭ ދަތިޙާލުން ސަލާމަތް ވުމަށްޓަކައި އެކުދިންގެ ކިޔެވުމަކީ ކިހާ މުނިންމުކަމެއްކަން އެކުދިންނަށް އެނގެއެވެ. ރާފިޢާގެ ހިތްހަމަ ނުޖެހުމުގެ ބަސްތައް އެންމެފަހުން ބަންޑުން ކޮށްލިއެވެ.

"ތި ވިސްނާގޮތް އެކުދިންގެ ހިތަށް ވައްދައި އަހަރެންނާ ދެކޮޅު ވިސްނުން އުފައްދާށެވެ. އަދި އެއީ މަޤްޞަދަކަށް ހަދައިގެން އެކުދިންނަށް ތަޢުލީމު ދޭށެވެ. ބައްޕައަކީ ދުޝްމަނެއްގެ ގޮތުގައި ތިދަސްކޮށްދެނީ ކަލެއެވެ." މުރުތަޟާއަށް ރާފިޢާގެ ވިސްނުން ނަގައެއް ނުގަނެވުނެވެ. ކަންބޮޑުވެފައި ބުނާނެ އެއްޗެއްވެސް ނޭނގިފައި ހިމޭނުން އިނެވެ. މިހުރިހާ ވާހަކަތަކެއް ކަޝަފާ އަދި ޞިދްރާއަށް ސާފުކޮށް އިވުނެވެ. އޭރު ، ހިތާދެކޮޅަށް ނަމަވެސް ބައްޕަޔަށް ސައިތަށްޓެއް ހަދައިގެން ޞިދްރާ ހިނގައިގަތެވެ. ޞިދްރާ ގެންދިޔަ ތަށީގައި ކަޝަފްގެ ކާމިޔާބީއާ ގުޅިގެން މަންމަ ގަތް ފޮނިކާ ތަކެތިން ބައެއް ހުރިތަން ފެނިފައި ، ކަޝަފް އެތަކެތި ތަބަކުން ނެގިއެވެ. ކަޝަފަށް އެލިބުނު މަތިވެރި ކާމިޔާބީ ވަޒަން ނުކުރާ މީހަކަށް އެތަކެތި ދިނުމަށް ކަޝަފްގެ ހިތެއް ނުރުހުނެވެ. ޞިދްރާގޮސް ބައްޕާއޭ ގޮވާލައި ސައިތަށި ދިއްކޮށްލިތަނުން ، އޭގައި ނުހިފައި މޫނުކުނިކޮށްފައި ޞިދްރާއާ ރާފިޢާއާ ދިމާއަށް ބަލައިލާ ، ފޫ އަނބުރަމުން އެތަނުން މުރުތަޟާ ނުކުމެގެން ހިނގައްޖެއެވެ. ރާފިޢާ އިނީ ކަންބޮޑުވެގެންގޮސް ހަދާނެގޮތް ބޮޑުވެފައެވެ. ލޮލުން ފާއްދަމުންދިޔަ ކަރުނަތައް ސިއްރުކުރެވޭތޯ ބަލަމުންނެވެ.

މަންމަ ހީކުރީ ، ވީއުފަލުން މަލުގެހާރެއް ގަތައިގެން އައިސް އަހަރެންގެ ކަރުގައި ބައްޕަ އަޅުވައިދޭނެ ކަމަށެވެ. ކަޝަފްގެ ޚިޔާލަށް އައި ޝުޢޫރުތައް ޑައިރީގައި ލިޔަމުން ގެންދިޔައެވެ. އެހުރިހާ ކަމަކީ ފިލްމާއި ޑްރާމާތަކުން ފެންނާނެ މަންޒަރެވެ. ދަރިފުޅަށްލިބޭ އުފަލާއި ކާމިޔާބީގައި ދަރިފުޅަށް ތަޢުރީފްކޮށް ވާހަކަ ދައްކާނެއެވެ. އަޞްލު ދިރިއުޅުމުގައި އެއީ އެއާ އިދިކޮޅަށް ހިނގާ ކަމެކެވެ. އަދި އަމްދުން ، އަންހެން ދަރިޔަކު ރަނގަޅަށް ކިޔަވައިފިއްޔާ އެއީ އެކުއްޖާފުޅަށް ކުރެވޭ ބޮޑު ކުށެކެވެ. ކަޝަފްގެ ހިތުގެ އުދާސްތަކުގައި ދެބުމަ ގޮށްޖަހައިގެން ހުއްޓާ ތަބަށް ހިފައިގެން ޞިދްރާ އައިސް ފޮނިއެއްޗެތި ތަބަކުން ނެގީ ކީއްވެތޯ ކަޝަފާ ސުއާލުކުރިއެވެ. އެއީ އަހަރެންގެ އަމިއްލަ ފައިސާއަށް ގަތް އެއްޗެކެވެ. އެތަކެތި ނެގީ އަހަރެން އެނަގަން ބޭނުންވާތީއެވެ. އެކަމުގައި އެހެންމީހެއްގެ ހުއްދައެއް ބޭނުމެއް ނުވާނެއެވެ. ކަޝާފްހުރީ ރުޅި އައިސް ރަތްވެފައެވެ. އަދި ސަޔާއި ފޮނިތަކެތި އެމީހާއަށް ގެންގޮސްދިނީ ކާކުބުނެގެންތޯ ޞިދްރާއާ ސުއާލުކުރިއެވެ.

"އަހަރެން ހީކުރީ ބައްޕައައީ ކަޝަފަށް މަރުޙަބާ ކިޔައި މުބާރަކްބާދީ ކިޔަން ކަމަށެވެ." ޞިދްރާ ބުންޏެވެ.

"ބައްޕަ އަހަރެމެންނަށް މުބާރަކްބާދީ ކިޔަން އަންނާނީ އެންމެ ކަމެއް ދިމާވެގެންނެވެ. އެއީ ، އޭނާއަށް ފިރިހެން ދަރިޔަކު ލިބުނީމައެވެ. އެއްފަހަރަކު އެކަންކުރަން އައިކަން ޞިދްރާ ހަނދާނެއް ނެތްދޯއެވެ؟" ކަޝަފް ބުންޏެވެ.

ޞިދްރާގެ ނަޒަރުގައި ބައްޕަގެ ކުށެއް ނެތެވެ. ހުރިހާވެސް ކަމަކީ ދޮންމަންމަ ބައްޕަގެ ބޮލަށް ވަދެގެން ބައްޕަގެ ވިސްނުން ބަދަލުކުރުން ކަމުގައި ޞިދްރާ ބުންޏެވެ. އެހެންނަމަވެސް ، ކަޝަފް އެކަމަކާ އެއްބަހެއް ނުވެއެވެ. ދޮންމަންމަގެ ކުށެއް ނެތެވެ. އެކުރާ ހުރިހާ ކަމެއްގެ އިލްޒާމު އޭނާގެ އަންހެނުންގެ ބޮލުގައި އެޅުވުން ހުއްޓާލާށެވެ. ހުރިހާ ގޯހެއް ހަދަނީ ބައްޕައެވެ. އޭނާގެ ހިތުގައި ކުޑަވެސް ރަޙުމެއް ހުރިނަމަ ، ތިގެންދިޔަ ސައިތަށި ޞިދްރާގެ ބޮލަށް ޖަހާފަ ނުކުމެގެން ދާނެ ހެއްޔޭ ބުނެ ކަޝަފް އޭނާގެ ހިތުގެ އުދާސްގަނޑު ބަންޑުން ކޮށްލިއެވެ. މަންމަގާތުވެސް އެވާހަކަ ނުބުނާށޭ ބުނީމަވެސް ބުނުމުގެ ނަތީޖާ ފެނިއްޖެ ނޫން ހެއްޔެވެ. ވީފައިދާއެއް ކޮބައިހެއްޔެވެ ؟ އަހަރެމެންނަށް މިއަދުވެސް ފެނިގެން އެދިޔައީ އޭނާގެ ނުބައި ޚުލްޤާއި އަސްލު ސިފައެވެ. އިންސާނާގެ އަސްލު ސިފަ ފެނިގެންދާނީ ރުޅި އަންނަ ހިނދުއެވެ. އަހަރެމެންގެ މައްޗަށް އޭނާގެ ހިތުގައިއޮތް ނަފުރަތު މިއަދު އެދިޔައީ ފެނިގެންނެވެ. ޞިދްރާއަށް އެތަންތަން ނުފެންނަނީ ކީއްވެ ހެއްޔެވެ ؟ ދެބެން ދެބެންނަށް އެބަހުސްގައި ވާހަކަ ދައްކަމުން ދިޔައިރު ، ރާފިޢާ އިނީ މިއަދު އެކުރިމަތިވި ކަންތަކާމެދު ކަންބޮޑުވެފައެވެ. ރާފިޢާއަށް އަންގައިވެސް ނުލާ ، ކަޝަފްގެ ކައިވެންޏަށް މީހަކު ތައްޔާރުކޮށް އެގެޔަށް ގެނެސް ކަޝަފް ލަދުގަންނުވާލާކަށްވެސް މުރުތަޟާ ފަހަކަށް ނުޖެހޭނެއެވެ.

------------------------

ގެޔަށް އެންމެން ހަމަވެ ، ސިޓިންގރޫމުގައި ހަމަޖެހިލި ވަގުތު ، ފަރުޙާން މިއަދު އެގެޔަށް އައުމުން ސާރާ ކަންތައްކުރިގޮތާމެދު ހިތްހަމަނުޖެހިގެން ، ޒަރޫން ޝަކުވާ ކޮށްގަތެވެ. ފަރުޙާން މައްސަލައެއް ނުޖެއްސިނަމަވެސް ، އެހާގިނައިރު ގެއިން ބޭރުގައި އޭނާ ބޭންދުމަކީ ރަނގަޅުކަމެއް ނޫންކަމަށް ޒަރޫން ދެކެއެވެ. ފަރުޙާނަށް އެއީ އާކަމެއްނޫންކަމަށާއި އެކަމަށް އޭނާ ހޭނިފައިހުންނާނެކަމަށް ސާރާ ބުންޏެވެ. އެކަމަށް ޒަރޫން އެއްބަހެއް ނުވެއެވެ. ފަރުޙާން އެކަމަށް ހޭނިފައިނެތްތަން އޭނާގެ މޫނުމަތިން ފެނުނު ވާހަކަ ޒަރޫން ބުންޏެވެ. އޭނާ އެތާ އިނީ މަޖުބޫރުވެގެން ކަމާއި އެމަޖުބޫރަކީ ސާރާ އޭނާއަށް ކުރިމަތިކުރުވި ކަމެއްކަމަށް ޒަރޫން ދެކެއެވެ. ޖުނައިދާއި ޣަޒާލާ އެމީހުންގެ ދެކުދިންގެ މެދުގައި ހިނގަމުންދިޔަ ބަހުސް އަޑުއަހަން މަޑުން ތިއްބެވެ. އެންމެފަހުން ، ދަރިފުޅާއޭ މީގެފަހުން އެކަހަލަ ކަންކަމަށް ވިސްނާށޭ ބުނެ ޖުނައިދު ، ސާރާއަށް ނަޞޭޙަތްތެރި ވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ވާހަކަ ލިޔާގޮތައް ލިޔެފަ ހުންނަ ބައި ވަރަށް ރީތި، އެކަމް ފިލްމެއްގަ ވާގޮތް ކިޔައިދޭގޮތައް ލިޔެ ހުންނަބައި އެހާ ސަޅިއެއް ނޫން. މުޅި ވާހަކަ، ވާހަކަ ސްޓައިލަށް ބަދަލުކޮށްލަ ދެއްވާ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.