އިމްރާން ޚާންގެ ޕާޓީ ޕީޓީއައިގެ ރައީސު ހައްޔަރުކޮށްފި

ޕީޓީއައިގެ ރައީސު އަދި ޕަންޖާބްގެ ކުރީގެ ޗީފް މިނިސްޓަރު ޗައުދަރީ ޕަރްވޭޒް އިލާހީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިޔާސީ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ރައީސު ޗައުދަރީ ޕަރްވޭޒް ހިލާހީ ހައްޔަރުކޮށްފިއެވެ.

އެންޓި ކޮރަޕްޝަން އެޖެންޓުންނާއި، ފުލުހުން ޕަންޖާބް ޕްރޮވިންސުގެ ކުރީގެ ޗީފް މިނިސްޓަރު އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ ލާހޯރުގައި ހުންނަ އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށެވެ. އިމްރާން ޚާންގެ ގާތް އެކުވެރިއެއް ކަމުގައިވާ ޕަރްވޭޒް އިލާހީގެ މައްޗަށް ސަރުކާރުން ކުރަނީ ކޮރަޕްޝަންގެ ތުހުމަތެވެ.

"ސަރުކާރުގެ ޚުދުމުޚްތާރުކަން ނުހުއްޓި ކުރިއަށް ދާކަމީ ހިތާމަކުރި ކަމެއް. އިންފްލޭޝަން ވަނީ %38 އަށް އަރައިގެން ގޮސްފައި. އެކަމަށް ސަރުކާރުން އިޖާބަ މިދެނީ ކުރީގެ ޗީފް މިނިސްޓަރު ހައްޔަރުކޮށްގެން." ޕީޓީއައިން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ޕަންޖާބުގެ އެންމެ ބާރުގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕަރްވޭޒް އިލާހީ ހައްޔަރުކޮށްފައި މިވަނީ، އިދިކޮޅު މައި ސިޔާސީ ޕާޓީގެ ބާރު ކަނޑުވާލުމަށް ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި މޭ މަހުގެ 9 ވަނަ ދުވަހު ޕީޓީއައިން ކުރި އިހުތިޖާޖުގެ ތެރޭގައި ސިފައިންގެ ބައެއް ތަންތަނުގައި ރޯކޮށްލި ފަހުން، އެ ޕާޓީގެ 100 ވަރަކަށް އިސް ބޭފުޅުން ވަނީ ޕާޓީން ވަކިވެ ވަޑައިގެންފައެވެ. ޕީޓީއައިން ތުހުމަތުކުރާ ގޮތުގައި ޕާޓީން މީހުން ވަކިވަނީ ސަރުކާރުން ބިރުދައްކައި މަޖުބޫރުކުރާތީއެވެ. މޭ 9 ވަނަ ދުވަހުގެ އިހުތިޖާޖުގައި ސިފައިންގެ ލާހޯރު ކޯ ކޮމާންޑަރުގެ ރަސްމީ ގެކޮޅު، ޖިނާހް ހައުސްއާއި، މިއާންވާނީގައި އޮންނަ ވައިގެ ސިފައިންގެ މަރުކަޒުގެ ބައެއް އިމާރާތްތަކުގައި ވަނީ ރޯކޮށްލާފައެވެ.

"އެންޓި ކޮރަޕްޝަން އެސްޓެބްލިޝްމަންޓް (އޭސީއީ) އިން ލާހޯރުގައި ހުންނަ އޭނާގެ ގެއިން ޕަރްވޭޒް އިލާހީ ހައްޔަރުކުރީ މަގު ހެދުމުގެ ބައެއް މަޝްރޫއުތަކުގައި މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ކޮރަޕްޝަން އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުގައި." އޭސީއީގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަހުގެ ވަގުތެއްގައި ޕަރްވޭޒް އިލާހީ ކޯޓަށް ހާޒިރުކުރެވޭނެއެވެ.

ޕީޓީއައިގެ ރައީސު އިމްރާން ޚާނާ ދެކޮޅަށް 100 އަށްވުރެ ގިނަ މައްސަލަ ސަރުކާރުން ތަހުގީގުކުރަމުން ދާއިރު، ސަރުކާރުން ދަނީ އޭނާ ސިޔާސީ މައިދާނުން އެއްފަރާތްކޮށް އޭނާ ޕާޓީ ބަލިކަށިކޮށްލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ދާދި ޕާކިސްތާނުގެ ޖިއޯ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފު ވަނީ އިމްރާން ޚާނަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށްވުރެ ނުރައްކާތެރިކަން ބޮޑު ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިމްރާން ޚާން ސިޔާސި މައިދާނުން އެއްފަރާތްކޮށް އެކަހެރިކުރުމަށް ސަރުކާރުން މަސައްކަތްކުރި ނަމަވެސް، އޭނާއާއި މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމުގެ އިޝާރާތެއް ބޮޑުވަޒީރު ޝެހެބާޒް ޝަރީފު ވަނީ ދާދިފަހުން ކުރައްވާފައެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.