ދެކަފި - 55

(8 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރާފިޢާއަށް ހީވަނީ ، ކަޝަފަކީ ﷲ އަށް ޝުކުރުވެރިނުވާ ކުއްޖެއް ކަމުގައެވެ. އެކަމާ ކަޝަފް ވަރަށް ކަން ބޮޑުވެއެވެ. ﷲ ލައްވާ ރަޙުމަތަށް ޙަމްދުކޮށް ، ކަޝަފް ވެސް ޝުކުރުވެރި ވެއެވެ. ކަޝަފްގެ ވިސްނުމާއި ފިކުރު މަންމަޔަށް ވިސްނައިދޭނެގޮތެއް އޭނާއަކަށް ނުފެނެ އެވެ.  ދިރިއުޅުމުގައި ދިމާވާ ޙަޤީޤަތްތައް އޭނާވެސް ޤބޫލު ކުރެއެވެ. މިންވަރަށް އީމާންވެސް ވޭ މެއެވެ. ﷲ ތަޢާލާ ކަޝަފަށް ދެއްވާފައިވާ ނިޢުމަތްތައް އޭނާއަށް ވިސްނެ އެވެ. ހެޔޮހިތުން އެކަން ޤބޫލުވެސް  ކުރެވެ އެވެ. އެހެންނަމަވެސް ، ތަކުލީފާއި ހިތާމަވެސް ކުރިމަތި ކުރެއްވުމާ އެކުގައެވެ. ކަޝަފަށް ޙާޞިލްކުރެވިފައިވާ ކޮންމެ ކާމިޔާބީއަކަށް ބުރަ މަސައްކަތްކޮށް ، އެތައް ހަނގުރާމައެއް ކުރަން ޖެހުނެވެ. އެއީ ދުނިޔެ ހިނގަމުންދާގޮތް ކަމަށްވެސް ވެދާނެއެވެ. ދިރިއުޅުމުގެ ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. ކަޝަފް ކައިވެންޏެއްކުރަން މަންމަ ބޭނުން ވެއެވެ. އެހެނަސް ، ބަދުނަޞީބުގެ އެދޮރު ހުޅުވާކަށް ކަޝަފް ބޭނުމެއް ނުވެއެވެ. އެއީ އެތައް ތަކުލީފަކާއި އުނދަގުލެއް އުފުއްލައިގެން ބަންދުކޮށްގެން ކަޝަފް ގެންގުޅޭ ދޮރެކެވެ. އެދޮރު އެހާ ފަސޭހައިން ހުޅުވިގެންދާކަށް ކަޝަފް ނޭދެއެވެ.

މަންމަޔަށް ހީވާގޮތުގައި ، ޞިދްރާއަށް އެހާ ރަނގަޅު ފިރިޔެއް ލިބުނުގޮތަށް ކަޝަފަށްވެސް ހަމަ އެހާ ރަނގަޅު ފިރިއެއް ލިބިދާނެއެވެ. ޞިދްރާއަކީ އަބަދުވެސް ނަޞީބު ރަނގަޅު ކުއްޖެއްކަން މަންމަ ހަނދާން ނެތެނީއެވެ. ޞިދްރާއަކަށް ކަޝަފް އެއުޅޭގޮތަށް ވަޒީފާއެއް ހޯދަން އުޅޭކަށް ނުޖެހެއެވެ. އަދި ވަޒީފާގައި ބުރަ މަސައްކަތް ކުރަން އުނދަގުލުގައި އުޅޭކަށްވެސް ނުޖެހެއެވެ. ޞިދްރާއަށް އަރާމުގައި ގޭގައި އިނދެވޭނެއެވެ. ކައިވެނި ކުރެވުނީ އެހާ ރަނގަޅު ޢާއިލާއެއްގެ ކުއްޖަކާއެވެ. ނުލާހިކު ޚުލްޤު ރަނގަޅު ، ޤާބިލް ފިރިއެއް އެހުރީ ލިބިފައެވެ. ކަޝަފްގެ ދިރިއުޅުމުގައި ތަބަކަކަށްލާފައި ދިއްކޮށްލެވުނު އެއްވެސް އެއްޗެއް ނުވެއެވެ. ކަޝަފަށްޓަކައި ކޮންމެ އެއްޗަކީވެސް މުޞީބާތަކާއެކު އަންނަ އެއްޗެކެވެ. އެމުޞީބާތަކާ ހަނގުރާމަ ކޮށްގެން ބުރަމަސައްކަތުން ކަޝަފަށް އެކަމެއް ކާމިޔާބު ވަނީއެވެ. ކައިވެންޏަކީވެސް އެފަދަ ގޮތަކަށް ކަޝަފާ ދިމާއަށް އަތުވެދާނެ މުޞީބާތެއްކަމަށް ކަޝަފް ދެކެއެވެ. ކައިވެންޏެއް ކުރުމާމެދު ، ކަޝަފްގެ ޚިޔާލު ތަފާތުވަނީ އެހިސާބުންނެވެ.

------------------------

ކަޝަފް މަސައްކަތްކުރާ ޕްރޮޖެކްޓްގެ ތެރެޔަށް ޒަރޫން އައުމުން ، ޞިދްރާހުރީ ވަރަށް އުފަލުންނެވެ. ޒަރޫންގެ ވާހަކަ ދެއްކޭ ކޮންމެ ފަހަރަކުވެސް ޞިދްރާގެ ފަރާތުން ކަޝަފަށް ފެންނަނީ ، ޞިދްރާގެ މޫނުމަތި އުފާވެރިކަމުން ފުރިގެން ދާތަނެވެ. ކަޝަފް ފޯނުން ގުޅައިލުމުން އެންމެ ފުރަތަމަވެސް ޞިދްރާ ސުއާލުކުރީ ޒަރޫންއާ ބެހޭގޮތުންނެވެ. އެއީ ގަދަ މީހެއްކަމަށް ބުނަމުންނެވެ. އަދި މިހާރު ކައިވެނިކޮށްފިތޯ އަހައިލަމުންނެވެ. ޒަރޫން މީހަކާ އިނަސް ނުއިނަސް އެއީ ކަޝަފާ ބެހޭކަމެއް ނޫނެވެ. އަދި ޒަރޫން މީހަކާ އިންކަމެއްވެސް އަދި ނީންނަ ކަމެއްވެސް ކަޝަފަކަށް ނޭނގެއެވެ. އެކަން ބަލާކަށް ކަޝަފް ބޭނުމެއްވެސް ނޫނެވެ. ޒަރޫންއަށް ތަޢުރީފް ކުރާތީ ކަޝަފަށް އެނގޭ އެއްޗެއް ޞިދްރާގާތު ނުބުނާކަށް ނޫނެވެ. ޙަޤީޤަތުގައިވެސް ، ޒަރޫން މީހަކާ އިންތޯ ނުވަތަ ނޫންތޯ ބަލާކަށް އޭނާ ބޭނުމެއް ނޫނެވެ.

ޒަރޫންގެ ވާހަކައިން ޞިދްރާ އިތުރަށް ސުއާލުކުރަން ފެށުމުން ކަޝަފްގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. އެވާޙަކަ ނުދެއްކުމަށް ޞިދްރާގާޓު ބުނާކަށްވެސް ކަޝަފް ބޭނުމެއް ނޫނެވެ. އެއީ އޭނާއާ ބެހޭ ވާހަކަޔަކަށް ނުވާތީއެވެ. އެހެންނަމަވެސް ޞިދްރާގެ ސަމާސާތަކުން ކަޝަފްގެ ހިތްހަމަނުޖެހުން އިތުރުވެގެން ދިއުން ނޫންކަމެއް ނުވިއެވެ. ކަޝަފްގެ ނަޒަރުގައި އެއީ ދުނިޔޭގައިހުރި އެންމެ ނުލަފާ މަކަރުވެރި އިންސާނާއެވެ. ސަރުކާރުގެ ވަޒީފާއެއްގައި ނޫންނަމަ ، ޒަރޫންގެ މޫނުދެކިލަންވެސް ކަޝަފް ބޭނުމެއް ނޫނެވެ. ޞިދްރާވެސް ކަޝަފްގާތުގައި ޒަރޫންގެ ވާހަކަ އިތުރަށް ދައްކާކަށް ކަޝަފް ބޭނުމެއް ނޫނެވެ. ހުރިހާ ވާހަކައެއް ދެކެވެމުންދިޔައިރުވެސް ، ޞިދްރާ ގެންދިޔައީ ހެމުން ހެމުން ކަޝަފާ ސަމާސާ ކުރަމުންނެވެ.

ކަޝަފް  އޭރުހުރީ އަދި ރޭގަނޑު ނުކައެވެ. ކައިގެން ފެންބޯލީމާ ކަޝަފްގެ ރުޅިގަނޑު މައިތިރިވެދާނެކަމަށް ބުނެ ޞިދްރާ ، ކަޝަފް ހެއްވާލައެވެ. ޞިދްރާމެން ޗުއްޓީގައި އަންނަވާހަކަ އޮތީ ކުރިން ދެކެވިފައެވެ. އެކަމާބެހޭގޮތުން އަދި ވަކިގޮތެއް ޞިދްރާމެންނެއް ނުނިންމައެވެ. ފިރިމީހާ އުޅެނީ ވަރަށް އަވަދި ނެތިއެވެ. ކަޝަފެކޭ އެއްގޮތަށް ، ޞިދްރާގެ ފިރިމީހާއަކީވެސް މަސައްކަތާހުރެ އަވަދިވެފައި ހުންނަ މީހެކެވެ.

------------------------

ޒަރޫން ކަރާޗީއަށް އައިސް ބައްދަލުކޮށްލަން މިހާރު ހުންނަ މީހަކީ ހަމައެކަނި އުސާމާއެވެ. އެކަމަކު އެންމެފަހުން ލާހޯރަށް ދިޔައިރުވެސް އުސާމާއަށް އަންގައެއް ނުލައެވެ. ވަޒީފާގެ ކަންތައްތައް ހުންނަ ގޮތުން ބައެއްފަހަރު ރައްޓެއްސަކަށްވެސް އަދި ބައްޕަމެންނަށްވެސް އަންގައިނުލާ ދާންޖެހޭ ފަހަރު އާދެއެވެ.  މިފަހަރު ޒަރޫން އެއައީ ، ޔޫއެން އިން ދެގްރޫޕަކާއެކު ބަދީންގައި އުޅެފައެވެ. ލާހޯރުގައި އުޅެފައެވެ. ލާހޯރުގައި އުޅެފައި ޒަރޫން އައިއިރު ކަޝަފާ ދިމާވާނެކަން އުސާމާއަށް އެނގެއެވެ. އެހެންނަމަވެސް އެވާހަކައެއް ޒަރޫންއެއް ނުބުނެއެވެ. ބަދީންއަކީ ، ޕާކިސްތާނު ފަޅިން ސިންދު ޕްރޮވިންސްގެ ބަދީން ޑިސްޓްރިކްޓްގެ ވެރިކަންކުރާ އަވަށެވެ. ކަޝަފް ބަދީންގައި މަސައްކަތްކުރާކަން އުސާމާއަށް އޮތީ އެނގިފައެވެ.

" ބަދީންއަށް ދިޔަކަމަށް ވަންޏާ  ކަޝަފާ ދިމާވާނެ ދޯއެވެ ؟ " އުސާމާގެ ސުއާލުން ޒަރޫން އަށް ސިހުން ލިބިގެން ދިޔައެވެ.

އުސާމާއަށް ކަޝަފާބެހޭ މަޢުލޫމާތު އެނގޭކަމާމެދު ކުރިންވެސް ޒަރޫން ހުރީ ޝައްކުމަތީގައެވެ. އެކަމަކު ކަޝަފާއި އުސާމާ ވާހަކަ ދައްކާކަމެއް ޒަރޫންއަކަށް ނޭނގެއެވެ. ކަޝަފްގެ ވާހަކަ ދެކެވުމުން އުސާމާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމުން އެކަން ހިނގާކަން ޒަރޫންއަށް ޔަޤީން ކުރެވުނެވެ. އުސާމާ އެހާގިނައިން ކަޝަފާ ވާހަކައެއް ނުދައްކައެވެ. އެކަމަކު ، މަދުމަދުން ފޯނުން ވާހަކަ ދެކެވެއެވެ. ކަޝަފުވެސް އުސާމާގެ ވާހަކަ ޒަރޫންގާތަކު ނުބުނެއެވެ. އެހެން ނޫނަސް ކަޝަފަކީ ޒަރޫންގާތު ބޭކާރު ވާހަކަ ދައްކާނެ މީހެއް ނޫނެވެ. ބުނަންޖެހޭ ކޮންމެ ވާހަކައެއްވެސް ބުނަނީ މަޖްބޫރު ވެގެންނެވެ.

އުސާމާއަށް އެނގިފައިވާ ގޮތުގައި ޒަރޫންގެ މައްޗަކަށް ކަޝަފްގެ އެއްވެސް ޝަޢުޤުވެރިކަމެއް ނޯންނާނެއެވެ. އެކަމަކުވެސް ކަޝަފާ ބެހޭގޮތުން އުސާމާ ސުއާލު ކުރިއެވެ. ކަޝަފް ކިހިނެއްތޯ އާއި އުޅެނީ ކިހިނެއްތޯއެވެ. ޒަރޫން ބުނިގޮތުގައި ، ކަޝަފް ހުންނަނީ ކުރިއެކޭވެސް އެއްގޮތަށް ސިކުނޑި ގޮވާފައެވެ. ޒަރޫން އެބުނީ ކަޝަފާ ބެހޭގޮތުން ޒަރޫން ބުނާނެކަމަށް އުސާމާ ހަމަ ހީކޮށްގެންހުރި ގޮތަށެވެ. ބައްދަލުވެލީމަ ރަނގަޅަށް ސަލާމްވެސް ކޮށްނުލާކަމަށް ޒަރޫން ބުނެއެވެ. އަދި ވަޒީފާގެ މަސައްކަތެއްގައި އެކުގައި މަސައްކަތްކޮށް ބައްދަލުވެ އުޅެވުނީކަމަށްވެސް ޒަރޫން ބުނެއެވެ. ކަޝަފަށް ވެގެން ވިއްޔާ ޒަރޫންގެ މޫނުފެންނަންވެސް ބޭނުމެއް ނުވާނެކަން ޒަރޫންއަށްވެސް އެނގެއެވެ. އެކަމަކު އެއީ ޒަރޫންއާ ދިމާއަށް ކަޝަފް ބުނި ވާހަކައެއް ނޫނެވެ. ކަޝަފްގެ މޫނުމަތިން ޒަރޫންއަށް ފެނުނު ގޮތެވެ. އުސާމާއަކީ އަބަދުވެސް ކަޝަފްގެ ކޮޅަށް ޖެހިފައި ހުންނަ މީހެކެވެ. އެކަން ޒަރޫންއަށް އެނގެއެވެ. އެއީ ކަޝަފަކީ ކޮންކަހަލަ ކިހާވަރެއްގެ މީހެއްކަން ދެނެގެން ، އުސާމާ އުޅެގެން ކަޝަފްގެ ހިތުގައި އުސާމާއާމެދު އުފެދިފައިވާ އިޙްސާސެކެވެ.

------------------------

މުރުތަޟާ އިނީ ނޫސްކިޔާށެވެ. ނިޤާރު ސައިތަށްޓެއް ހިފައިގެން އައިސް މުރުތަޟާ ގާތު ޖައްސައިލިއެވެ. ނިޤާރު އައިސް އިށީންގޮތުންވެސް ޙިލަތްތެރިކަމެއް ފާޅުވެގެން ދިޔައެވެ. ފުރަތަމަ ވާޙަކަ ދައްކަން ފެށީ ނިޤާރެވެ. ރާފިޢާ އަނބުރާ އައިއްސި ހެއްޔޭ އަދި ބައްދަލުވެއްޖެ ހެއްޔޭ އަހަމުން މުރުތަޟާ ކޮނެލުމަށް މަސައްކަތް ކުރަމުންނެވެ. ރާފިޢާ އައީ އިއްޔެއެވެ. އަދި މުރުތަޟާ ވަނީ ރާފިޢާ އައިފަހުން އޭނާއާ ބައްދަލުވެސް ކޮށްފައެވެ. ޤަދަރު އުފުލިގެންވާ މަޤާމެއްގައިހުރި ދަރިފުޅުގެ މަންމަ ހައްދައިގެން ގުޅުން ރަނގަޅަށް ޤާއިމްކުރަންވާނެތާއެވެ. ނިޤާރުގެ ހިތުގައިވާ ޙަސަދަވެރިކަމުގެ އަސަރު ފާޅުވިއެވެ. މުރުތަޟާ އެކަމަކާ އަޅައެއް ނުލައެވެ. އެކަހަލަ ކަމެއް މުރުތަޟާއަށް އިޙްސާސެއް ނުވެއޭ ބުނުން ފިޔަވައި އިތުރު އެއްޗެއް ނުބުނެއެވެ.

ނިޤާރުގެ ހާސަރުބޮނޑިއެއް ނުހުއްޓެއެވެ. ނިޤާރު ޤަބޫލުކުރާ ގޮތުގައި ، ނިޤާރުއަށް އަންގައިނުލިޔަސް ، އެކަހަލަ އިޙްސާސްތައް މުރުތަޟާއަށް މިހާރު ކުރެވޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ރާފިޢާ މެންނާ ބެހޭގޮތުން ، އަނބިމީހާގާތު މިހާރު އެއްވެސް ވާހަކައެއްވެސް ނުބުނެއެވެ. ހުރިހާ ވާހަކަތަކެއް ހުންނަނީ ފޮރުވާފައެވެ. ނިޤާރުގެ އަނގަ ގަދަކަމުން އަހާލައިގެން ނޫނީ އެއްވެސް ވާހަކައެއް މުރުތަޟާއެއް ނުބުނެއެވެ. ނިޤާރުގެ އެތައް ސުއާލުތަކެއް ހުއްޓެވެ. ޙައްމާދު ޔުނިވަރސިޓީއަށް ވެއްދުމާ ބެހޭގޮތުން ކަޝަފް ބުނި ވާހަކަވެސް ސާފުކުރަން ބޭނުންވިއެވެ. މުރުތަޟާ އެގޭގައި މަޑުކޮށްލީ އެންމެ ފަސް މިނިޓުއެވެ. ކަޝަފްގާޓު އެވާހަކަ ދެއްކިކަމެއްވެސް އަދި އެކަމާބެހޭގޮތުން ކަޝަފް ބުނީ ކީކޭކަމެއްވެސް މުރުތަޟާއަކަށް ނޭނގެއެވެ. ރާފިޢާ ގާތު އެވާހަކަ އަހާލާކަށް މުރުތަޟާއަކަށް ނުކެރުނެވެ. އެގެޔަށް ވަންނަ ގޮތަށްވަދެ ، ރާފިޢާކުރެން އެވާހަކަ އަހާކަށް މުރުތަޟާއަކަށް ނުކެރުނެވެ.

ނިޤާރު އިނީ މުރުތަޟާ އެވާހަކަ ރާފިޢާގާތު ނާހައިގެން ރުޅި އައިއްސައެވެ. މުރުތަޟާގާތަށްވެސް އެންމެ ފަހުން ރުޅިއަތުވެއްޖެ އެވެ. ނިޤާރާއި ޙައްމާދުގެ ކެތްތެރިކަމެއް ނެތީތޯ ސުއާލު ކުރިއެވެ. ކަޝަފް ބުނީ ކީކޭތޯ ބަލާނެކަމުގައި މުރުތަޟާ ބުނެއެވެ. އެއްވެސްކަމެއްގައި ނިޤާރުގެ ކެތްތެރިކަން ނުހުންނަކަމަށް މުރުތަޟާ ބުނުމުން ނިޤާރު ގާތަށް އައިސްފައިހުރި ރުޅިވެރިކަން އިތުރު ވިއެވެ. ހުރިހާކަމެއްކުރަން ޖެހެނީ މުރުތަޟާ އަށެވެ. ފިރިހެންދަރި އެހުރީ ބޮޑުވެފައެވެ. ހައްދަވައިގެން އަތުންފައިންކަމެއް ކުރަނީކީ ނޫނެވެ. އަބަދު ގޭގައި އިނދެގެން ކެއުން ނޫންކަމެއް ނޯވެއެވެ. އެއަވަށުގައި ޙައްމާދުމެން ޢުމުރުގެ ގިނަކުދިން މިހާރު މަސައްކަތްކޮށްގެން އާމްދަނީ ހޯދަން ފަށައިފިއެވެ. މުރުތަޟާ މިހާރު އެހުރީ ޕެންޝަން ލިބިގެން މަސައްކަތް ނުކުރާ ޢުމުރަށް ގޮހެވެ. ގެޔަށް ކުރަންޖެހޭހާ ޚަރަދެއް ކުރަނީ މުރުތަޟާއެވެ. ފިރިހެންދަރީގެ ޙާލަތު ދެންތިބި ދެއަންހެންދަރިންނަށްވުރެ ބޮޑެވެ. އެއިން އެކަކުވެސް އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރަނީކީ ނޫނެވެ. ހުރިހާ ބުރައެއް އޮންނަނީ މުރުތަޟާ އަށެވެ. ފިރިހެން ކުއްޖަކު ހޯދަންވެގެން ނިޤާރާ އިނދެގެން މުރުތަޟާއަށް ލިބުނު ދިރިއުޅުމުގައި ނަޞީބުގެ ކަންފުޅެއްވެސް ނެތެވެ.

ޒަރޫން ކާރަށް އަރައި ދުއްވާލަން ތައްޔާރުވި ވަގުތު ، ކަޝަފް އެތަނަށް އައިތަން ފެނިގެން ކާރުން ފާބައި ކަޝަފަށް ސަލާމް ގޮވައިލައެވެ. ކަޝަފް އެތަނުން ފެނުމުން ޒަރޫން އަށް ޙައިރާންކަން ލިބިގެންދިޔަކަން ދައްކަން މަސައްކަތް ކުރިއެވެ. އޭނާ އެ އިންތިޒާރު ކުރަނީ އަބްރާރ ސާރ އަށްކަމުގައި ކަޝަފް ގާތު ޒަރޫން ބުނެއެވެ. ކަޝަފް އެތަނަށް އެއައީ އަބްރާރް ސާރ އާ ބައްދަލުކޮށްލުމަށް އައިސްދިނުމަށް އެދުމުންނެވެ. އެހެންވީމާ ޒަރޫން ކޮންމެ ވާހަކައެއް ދެއްކިޔަސް އަބްރާރ ސާރ އެތާ ހުންނާނެކަން ކަޝަފަށް އެނގެއެވެ. އަދި އަބްރާރ ސާރގެ ކާރުވެސް އެތާ އޮއްވާ ކަޝަފަށް ފެނެއެވެ. އެހެންނަމަވެސް އަބްރާރ ސާރ އެއިންތަނަކުން ފެނަން ނެތީމަ އަދި ޒަރޫން ކުރިން އައިއިރު ޒަރޫންއާ އަބްރާރ ސާރ ދިމާނުވީމާ ކަޝަފަށް ޙައިރާންކަމެއް ލިބުނެވެ. ވެގެން އެއުޅޭގޮތެއް ދެނެގަންނަން ކަޝަފަށް ދަތި ވިއެވެ.

ކަޝަފަށް ލަސްނުވަންޏާ ކޮފީއެއް ބޯލައި ، އަބްރާރ ސާރ ގެ އިންތިޒާރުގައި ކުޑަކޮށް މަޑުކޯށްލައި ، އޭގެ ފަހުން މެންދުރުގެ ކެއުން އެތަނުން ނެގުމަށް  ޒަރޫން ދަޢުވަތު ދިނެވެ. މިއަދަކީ ޒަރޫންގެ ފުރަތަމަ މުސާރަ ލިބުނު ދުވަހެވެ. ޒަރޫން ބޭނުންވީ އެކަމުގެ މުނާސަބަތު އަބްރާރ ސާރ އާއި ކަޝަފާއެކު ފާހަގަ ކުރުމަށެވެ. ކަޝަފަށްވެސް މިއަދު މުސާރަ ލިބޭނެ ނޫންހޭ ބުނެ އޭނާ ކަޝަފާ ސަމާސާ ކޮށްލިއެވެ.

" އަހަރެންގެ ޑްރައިވަރު މިތާ އަހަރެންގެ ކުރިމަތީ ނެތްނަމަ އޭގެ ޖަވާބު އަހަރެން ނިކަން ރީތިކޮށް ޒަރޫންއަށް ދޭނަމެވެ. " ކަޝަފް ބުންޏެވެ.

ޒަރޫންގެ މޫނުމަތީ ހީވީ ކަޝަފްގެ އަތްތިލަ ބަހައްޓާލި ހެންނެވެ. ޒަރޫންއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަބްރާރ ސާރ އައިސް ކަޝަފަށް ގޮވައިލައެވެ. އަދި ކަޝަފްވެސް ސާރ އަށް ސަލާމް ގޮވައިލައެވެ. ޒަރޫން އެހުރީ ތަންކޮޅެއް ކުރިން އައިސް އަބްރާރ ސާރ އާ ބައްދަލުކޮށްފައެވެ. އަބްރާރ ސާރ އާއި ކަޝަފަށް އޭނާ މެންދުރުގެ ކެއުމަށް ދަޢުވަތު ދެއެވެ. ޒަރޫން އެހަދާ އެއްޗެއް އަބްރާރ އަކަށްވެސް ނޭނގުނެވެ. އޭނާއާއެކީ ސައިތަށްޓެއް ބޯން އިނދެފައި ލަސްވަނީއޭ ބުނެ އެތަނުން ނުކުތީ ދާދި ދެންމެޔަކުއެވެ. މިހާރު އެބުނަނީ މެންދުރުކެއުމުގެ ވާހަކައެވެ. ވަގުތު ނެތް މީހަކަށް ކުއްލިޔަކަށް ވަގުތުވާންވީ ސަބަބެއް ކަޝަފަށްވެސް އަދި އަބްރާރ އަކަށްވެސް ނޭނގުނެވެ. މިކަމުގައި ޒަރޫންގެ ކޮންމެވެސް ރޭވުމެއް އެބަ އުޅޭކަން ކަޝަފް ދެނެގަތެވެ.

މެންދުރުގެ ކެއުމަށް މަޑުކުރުމާ ނުކުރުން އަބްރާރ ދޫކޮށްލީ ކަޝަފްގެ އަތް މައްޗަށެވެ. ކަޝަފް އެއައީ ހަމައެކަނި އަބްރާރ  ސާރ އަށް ޓަކައެވެ.  ވަރަށް އުނދަގުލުން 15 ވަރަކަށް މިނިޓް ހޯދައިގެންނެވެ. އެކަމަކު މެންދުރުގެ ކެއުމަށް ދާކަމަށް ވަންޏާ އޭނާއަށް  އަބްރާރ ސާރ އާ ބައްދަލުކުރެވޭނީ އެހެން ފަހަރަކުންނެވެ. އެކަމަކު އަބްރާރ ، ކަޝަފް ދޫކޮށްލާކަށް އެއްބަހެއް ނުވިއެވެ. ޒަރޫންގާތު ދެން އެހެން ފަހަރަކުންނޭ ބުނެ ޒަރޫން ބާކީކޮށްލައެވެ. އަދި ދަރިފުޅާއޭ އަންނާށޭ ބުނެ ކަޝަފް ގޮވައިގެން ކެފޭތެރެޔަށް ވަންނަން ހިނގައިގަތެވެ. ޒަރޫން ، އަނގަހޭވި ރާޑިވެފައި  ހުރެ ކާރަށް އަރައިގެން ނައްޓައިލިއެވެ.

ޒަރޫން ގެޔަށްގޮސް ގޭތެރެޔަށް ނުވަދެވި އުޅެނިކޮށް ކަޝަފް ގެ ފޯނެއް އާދެއެވެ. ވަރަށް އުފަލުން ހިނިއައިސްހުރެ ، ކަޝަފް ސާހިބުކަމަނާގެ ފޯނެކޭ ބުނެ ސަލާމް ގޮވައިލައެވެ.

" ޒަރޫން ތިއުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ ؟ " ކަޝަފްގެ ސުއާލުން ޙާއިރާންވެހުރެ ކަމެއް ވެގެންނެއް ނޫނޭ ބުނެ ޒަރޫން ޖަވާބު ދެއެވެ. ޒަރޫން އަށް އެއްވެސްކަމެއް ނޭނގޭކަމަށް ހަދަން މަސައްކަތް ކުރިއެވެ. ޒަރޫންގެ ޙައިރާންކަން އިތުރުވެގެން ދިޔައީ ކަޝަފް އިތުރަށް ދެއްކި ވާހަކަ ތަކުންނެވެ. ޒަރޫންއަށް އަނެއްކާވެސް އެ ހެދުނީ ގޯހެއްކަން އެނގުމުންނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.