އެމްޑީޕީގެ ކެމްޕޭނަށް ރައީސް އިބްރާހީމާއި، ރައީސް ނަޝީދު ދޮރުންދޮރަށް

އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭނަށް  އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ސާލީހާއި، އެޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދޮރުން ދޮރަށް ހިންގަވަން ފަށްޓަވައިފިއެވެ.

މާލޭގެ ގެތަކަށް ވަޑައިގެން އެބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުގެ ވަޢުދުތައް ފުއްދެވުމަށް ލޯކަލްކައުންސިލް އިންތިޚާބު މުހިންމު ކަމަށެވެ. އެހެންކަމުން އެމްޑީޕީއަށާއި ސަރުކާރަށް ފުރިހަމައަށް އިތުބާރު ކުރައްވައި ލޯކަލް ކައުންސިލް އިންތޚާބުވެސް އެމްޑީއަށް ދިނުމަށް ދެ ރައީސުން ގެންދަވަނީ އެދިވަޑައިގަންނަވަމުންނެވެ.

އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންދަނީ "ރަށްވެހި ފަތީސް" ގެ ނަމުގައެވެ. މިއަދު ފެށި ދޮރުންދޮރަށް ހިނގުމުގެ ޙަރަކާތުގައި ގޭގެއަށް ވަޑައިގެން އެގެތަކުގެ މީހުންގެ ކަންބޮޑުވުންތައް ބައްލަވައި އޮޅުން ފިލުއްވާނެ ކަމަށް އެންޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީން މާލޭގައި މިއަދު ފެށި ދޮރުން ދޮރަށް ހިނގުމުގެ ޙަރަކާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ އެޕާޓީގެ ހަރުގޭގައެވެ.

ރިޔާސީ އިންތިޚާބުގައި ރައްޔިތުންވަނީ އެމްޑީޕީއަށް ސަރުކާރު ނުވަތަ ވެރިކަން ދީފައެވެ. އެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުންވަނީ ބޮޑުތަފާތަކުން އެމްޑީޕީއަށް އާއެނކޭ ބުނެފައެވެ. މަޖިލީހުގައި ހިމެނޭ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުނަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އެ އިންތިޚާބުގައި އެހާބޮޑު ތަފާތަކުން އެމްޑީޕީއަށް ކުރި ލިބުނީ އެޕާޓީއަށް ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އިތުބާރާއި ތާއިދެއްގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ޙަސަލް ލަތީފު ހިމެނޭ ގޮތަށް އެމްޑީޕީން ވަނީ ކެމްޕޭން ކުރުމަށް ހުވަދުއަތޮޅަށް ވަޑައިގެން ބައެއް ރަށްރަށުގައި ކެމްޕޭން ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.