ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް 20 ދަރިވަރަކު ފުރިހަމަކޮށްފި

ފޮޓޯ: ވަން އޮންލައިން

ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދިން "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ" ކޯސް 20 ދަރިވަރަކު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފިއެވެ.

މި ކޯހަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު ޝަހީބު މީޑިއާއިން ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދިން ކޯހެކެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ނިންމުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ އެވެ.

ކޯހުގެ ބައިވެރިންގެ ތެރެއިން 100 ޕަސަންޓް ހާޒިރީ ހޯދި ނުވަ ދަރިވަރަކަށް ހަނދާނީ ލިއުން ދެއްވީ އެ މަނިކުފާނެވެ. އަދި ކޯހުގައި ކިޔަވައިދެއްވި ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިންނަށް ހަނދާނީ ލިއުން ދެއްވީ ވެސް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ އެވެ.

މި ހަފުލާގައި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ގެ އިތުރުން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވާހަކަ ދެއްކެވިއެވެ.

މި  ހަފުލާގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން ދެއްކެވި ވާހަކައިގައި ނޫސްވެރިން ތަމްރީނު ކުރުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލުން ނުހަނު ޝައުގުވެރިވާ އަދި އިސްކަންދެއްވާ އެއްކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކޯހެއް، ކާމިޔާބުކަމާއެކު މި ނިންމާލެވުނީ އެފަދަ އަހައްމިއްޔަތެއް ދެވިގެން ކަމުގައިވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ނޫސްވެރިކަމަށް ވަރަށް ބޮޑު ބަދަލެއް ބޭނުންވާކަމަށާއި، އަޚްލާގީ ހަމައަށް ރިޢާޔަތްކުރެވިގެން ޒިންމާދާރުކަމާއެކު ޙަރަކާތްތެރިވާ ނޫސްވެރިކަމެއް ރާއްޖެއަށް އެބަ ބޭނުންވާކަމަށް މީޑިއާ ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ.

ހަމަ މިއާއިއެކު ޒަމާން ބަދަލު ވެއްޖެކަމަށާއި، މި ޒަމާނުގައި ނޫސްވެރިކަންކުރުމަށް އެއްވެސް ހުރަހެއް ނާޅުއްވާ މި ސަރުކާރުން އެފަދަ ފުރުޞަތުތައް ހަނި ކުރުމުގެ ބަދަލުގައި ނޫސްވެރިންނަށް ފަހިވާގޮތަށް އެކަށޭނަ ބަދަލުތަކަކާއި މާޙައުލެއް ނޫސްވެރިކަމުގެ އާ ޒަމާނެއް މި ސަރުކާރުން ގެނެސް ދެއްވުމަށް ގޮވާލެއްވިއެވެ.

"ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ނިންމުމުގެ ހަފުލާގެ ޝަރަފުވެރި މެހުމާނު ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އަދުލުވެރިކަމާނުލާ ނޫސްވެރިކަން ކުރެވިއްޖެނަމަ ކޮންމެވެސް ދުވަހަކުން އޭގެ ޒިންމާ އަމިއްލައަށް ނަންނަގަވަން ޖެހޭނެކަމަށެވެ. އަދި ސަރުކާރުން އޮތީ މީޑިއާ މިނިވަންކަމާއެކު ތަންމިނަށް ހުޅުވާލައިގެންކަމަށާއި، އިންސާފުވެރިކަމާއެކު ރަނގަޅަށް ބައްލަވައިފިނަމަ އެކަން އެނގިވަޑައި ގަންނަވާކަމަށާއި ސަރުކާރުން މީޑިއާގެ މިނިވަންކަން ހަނި ނުކުރައްވާނެކަމަށް ވިދާޅުވިއެވެ.

މީގެކުރީގެ ސަރުކާރުތަކުންވެސް އަދި ފަހުން އަންނާނެ ސަރުކާރުތަކުންވެސް މީޑިއާއަށް ނުދޭހާ މިނިވަންކަމެއް މިއަދުގެ ސަރުކާރުން މިތިބީ ދީގެންކަމަށާއި، އެވަރުގެ މިނިވަންކަމެއް ސަރުކާރުން ދިނީމާ މީޑިއާތަކުން އޭގެ ޒާތުގައި ފުރިހަމައަށް ފައިމައްޗަށް ތެދުވެ މީޑިއާ ވަރުގަދަކުރުން އެއީ މީޑިއާގެ އަހުލުވެރިންގެ ޒިންމާއެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދީ ވަސީލަތްތައް، ގާއިމުކުރުމީ މިކަމަށްޓަކައި ހަދަންޖެހޭ ޤާނޫނުތަކާ، އެކަށަ އަޅަންޖެހޭ ހަމަތައް އެކަށައަޅުއްވާކަމަށާއި، އެކަމަކު އަދިވެސް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަން ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ވަކިކަމެއް ނުކުރިއްޔޭ ބުނެ ދޫކޮށްލާވަރަށްވުރެ ބޮޑަށް މީޑިއާއަށް ބާރުތަކާ ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދީ ފައިވާކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ އޯގަސްޓް 21 އިން ސެޕްޓެމްބަރު 6 އަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްދިޔަ މި ކޯހަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިން ތަމްރީނު ކޯހެކެވެ.

ފޮޓޯ: ވަން އޮންލައިން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.