ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަޤްބަލް ފެންނަނީ ވަރަށް އުޖާލާކޮށް: އެމްއެމްސީގެ ރައީސް

ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަޤްބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ރައީސް ހިދާޔަތުﷲ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ނެރުއްވި ޚިތާބުގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއިން 19 ދަރަޖައިއިގެ ކުރިއެރުމެއް ހޯދައިފައިވާކަން ވަނީ ފާހަގަ ކުރައްވައިފައެވެ. މިކުރިއެރުމާއެކު ރާއްޖެއިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ގެ 79 އަށް އަރާފައެވެ.

އެމްއެމްސީގެ ރައީސްގެ ޚިތާބުގައި ވަނީ 2018 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ކުރިއެރުންތައް ހޯދަމުން އަންނަކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މިދިޔަ އަހަރު 22 ދަރަޖައިގެ ކުރިއެރުމެއް ހޯދިކަން ވަނީ ފާހަގަ ކުރައްވައިފައެވެ.  އަދި 19 ދަރަޖައިގެ ކުރިއެރުމާއެކު އެއިންޑެކްސްގެ 79 ވަނަ ދަރަޖައިގައި ރާއްޖެ އޮތް އިރު އެއީ މުޅި ދެކުނުއޭޝިއާއިން ދެވަނަ ދަރަޖަކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

"ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަޤްބަލް މިފެންނަނީ ވަރަށް އުޖޭލާ ކޮށެވެ. މުސްތަޤްބަލުގައި ވެސް މި ކުރިއެރުން  އިތުރު ހަރުފަތަކަށް ގެންދިއުމުގައި ދިވެހި މީޑިއާ ތަކާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް އަބަދުވެސް އޮންނާނެކަން ހަނދާން ކޮށްދެމެވެ." އެމްއެމްސީގެ ރައީސްގެ ޚިތާބުގައި ވެއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިޢާރުން  ދޭހަކޮށްދެނީ ނޫސްވެރިން މަސައްކަތްކުރަންވާނީ ނޫސްވެރިންނަށް ލިބިދީފައިވާ  މިނިވަންކަމުގެ އިމުގެ ތެރޭގައި  ބިރެއް ފަސްޖެހުމެއް ނެތިކަމަށް ހިދާޔަތުﷲ ގެ ޚިތާބުގައި ވެއެވެ. އަދި ހަމަ އެހެންމެ ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއި އިންސާފުންކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. ބިރެއް ނެތި  ނޫސްވެރިކަން ކުރެވޭނެ އަމާން ފަހި މާހައުލެއް ޤާއިމުކޮށް ދިނުމުގެ މުހިންމު ކަންވެސް އެމްއެމްސީގެ ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ. މިހާރު ފެތުރެމުންދާ  ކޮވިޑްގެ ބަލިމަޑުކަމުގެ ޙާލަތުގައި ނޫސްވެރިން މަސައްކަތްކުރަމުންދާއިރު މިގޮތަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ހަނދާނުގައި ބަހަށްޓަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. މިޙާލަތުގައި ނޫސްވެރިންވެސް ފަރުދީ ޒިންމާ އަދާކުރުމަށް އިސްކަން ދިނުމާއެކު، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލު ވުމުގެ މުހިންމު ކަން ވަނީ ފާހަގަކުރައްވައިފައެވެ.

މިނުރައްކާތެރި ބިރުވެރި ޙާލަތުގައި ރައްޔިތުންނަށް ޚަބަރާއި އެންމެ ފަހުގެ މަޢުލޫމާތި  ފޯރުކޮށް ދިނުމަށް ފަސްޖެހުމެއް ނެތި  ދިވެހި ނޫސްވެރިން ކުރައްވަމުން ގެންދަވާ  ބުރަ މިންނެތް މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވާކަށް ވެސް އެމްއެމްސީގެ ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.