ރާއްޖޭގައި އޮންލައިން މީޑިއާ އެތިކްސް ކޯހެއް ފަރުމާކޮށް ހިންގުމަށް ފަހުމުނާމައިގާ ސޮއެ ކޮށްފި

ރާއްޖޭގައި އޮންލައިން މީޑިއާ އެތިކްސް ކޯހެއް ފަރުމާކޮށް ހިންގުމަށް ފަހުމުނާމައިގާ ސޮއެ ކޮށްފިއެވެ.

ބްރިޓިޝް ހައި ކޮމިޝަންގެ އެހީގައި ހިންގާ މި ކޯހަކީ ކެނަޑާގެ ކުންފުންޏެއް ކަމަށްވާ އެލިނިއަރ އިންޓަރނެޝަނަލް އިން މޯލްޑިވްސް ސްޓްރެންތްނިންގ ކޮމިއުނިކޭޝަންސް އެންޑް ގަވަރނަންސް ޕްރޮޖެކްޓްގެ ދަށުން ފަރުމާކޮށް ހިންގުމަށް ނިންމާފައިވާ ކޯހެކެވެ.

މި ކޯސް އަންނައަހަރު ފެށުމަށް އަމާޒުހިފާފައިވާއިރު، މި އެއްބަސްވުން އެކުލަވާލާފައިވަނީ އެލިނިއަރ އިންޓަރނޭޝަނަލް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، ޕީ.އެސް.އެމްގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި ދެމެދުއެވެ.

އެލިނިއަރ އިންޓަރނޭޝަނަލްގެ ފަރާތުން އެއްބަސްވުމުގައި އެތަނުގެ ނައިބު ރައީސް ޗާލްސް ޑަފް، ސޮއެ ކުރެއްވިއިރު، އައި.ޔޫ.އެމްގެ ފަރާތުން ސޮއެ ކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޒަކަރިއްޔާ މޫސާއެވެ. އަދި އެމް.އެމް.އައިގެ ފަރާތުން ހެޑް އޮފް އިންސްޓިޓިއުޓް މުޙައްމަދު ޖިނާޙު ސޮއެ ކުރެއްވިއިރު، ބްރޯޑްކޮމްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސެކެޓްރީ ޖެނެރަލް މަރިޔަމް ޒީނިޔާއެވެ. އަދި އެމް.އެމް.ސީގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޝަފާއު ހަސަނެވެ.

މި ފަހުމުނާމައިގެ މަޤްޞަދަކީ މީޑިއާ، ކޮމިއުނިކޭޝަންސް ބިއުރޯސް، ސިވިލް ސޮސައިޓީ އަދި ޝައުގުވެރިކަން ހުންނަ އެހެން ފަރާތްތަކަށް ޓްރެއިނިންގ ޓޫލްއެއްގެ ގޮތުގައާއި ޤަބޫލުކުރެވޭ ފެންވަރެއްގެ ކޮލިފިކޭޝަނަކަށް އަދި އެތިކަލް ބޭސްލައިނަކަށް ބޭނުންކުރެވޭނެ އޮންލައިން މީޑިއާ އެތިކްސް ކޯހެއް އުފެއްދުމެވެ.

މަލްޓިމީޑިއާ ބޭނުންކޮށްގެން ފަރުމާ ކުރެވޭ މި ކޯހަކީ އެންމެނަށްވެސް ބައިވެރިވެވޭނެ، ރާއްޖޭގެ ވެއްޓައް އެކަށޭނެ، އަދި ޖަރނަލިސްޓިކް ބެސްޓް ޕްރެކްޓިސްގެ އިންޓަރނެޝަނަލް ސްޓޭންޑަޑަށް ފެތޭނެ ގޮތަށް ފަރުމާކުރެވޭ ކޯހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.