ސިޔާސީ ޕާޓީ އުފައްދާ އެންމެބޮޑު ބޭނުމަކީ ވެރިކަމަށް އައުން – އެމްއާރްއެމްގެ އުއްމީދަކީވެސް އެއީ: ރައީސް މައުމޫން

އެމްއާރުއެމްގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް

ސިޔާސީ ޕާޓީ އުފައްދާ އެންމެބޮޑު ބޭނުމަކީ ވެރިކަމަށް އައުން ކަމަށާއި އެމްއާރްއެމްގެ އުއްމީދަކީވެސް އެއީ ކަމަށް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވެވި ހަމައެކަނި ރައީސް، ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ބޮޑުފެންޑާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަށް 30 އަހަރު ވެރިކަން ކުރެވިއްޖެކަމަށާއި އެހެންވެ، އެ ފުރުޞަތު އެހެން ފަރާތަކަށް ދިނުން އައުލާކަން ބޮޑުކަމަށެވެ.

" އެމްއާރުއެމް އަށްވެސް ވެރިކަން ލިބޭނެކަމަށް އުންމީދު ކުރަނީ. މަސައްކަތް ކުރަމުން އަންނަނީވެސް އެ އަޒުމުގަ. އެއީ ތަބީއީ ކަމެއް، އުންމީދަކީ އެމްއާރުއެމް ވެރިކަމަށް އައުން." ރައީސް މައުމޫން ވިދާޅުވިއެވެ.

ރިޔާސީ ރޭހުގައި އެމްއާރްއެމް އިން ނެރޭނެ ކެންޑިޑޭޓަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމްއަކީ ވަރަށް ޑިމޮކްރެޓިކްކޮށް ހިނގަމުން އަންނަ ޕާޓީއެއް ކަމަށާއި ކޮންމެ ކަމަކާއިމެދު ވެސް ގޮތެއް ނިންމިގެންދާނީ ވަރަށް ފުޅާ ދާއިރާއެއްގައި ޕާޓީގެ ތެރޭގައި މަޝްވަރާތަކެއް ކުރުމަށްފަހުގައި ކަމަށެވެ.

އަންނަ ރިޔާސީ އިނބްތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާއި ގުޅޭގޮތުން އަދިވަކި ގޮތަކަށް ނިންމާފައި ނެތް ކަމަށާއި ޕާޓީގެ ގިނަ މެންބަރުން ތާއީދު ކުރައްވާ ގޮތަކަށް ނިންމަވާނެކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއާރްއެމުގެ ފަރާތުން ކެންޑިޑޭޓެއް ވާދަ ކުރައްވާނެ ކަމަށެވެ.

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހައިތަނަށް ހާމަކުރައްވާފައިވަނީ އެމްޑީޕީ، ޖޭޕީ، އެމްއެންޕީންނެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް އަރުވާފައެވެ.

މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.