އެމްއެންޕީގެ ޤައުމީ ޖަލްސާ ލޯގޯ އިފްތިތާހު ކޮށްފި

އެމްއެންޕީގެ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގެ ލޯގޯ އިފްތިތާޚުކޮށްފިއެވެ.

މިސެޕްޓެމްބަރ މަހުގެ 23 އިން 24 އަށް ތާޖުއްދީން ސްކޫލްގައި ބާއްވާ މި ކޮންވެންޝަންގެ ލޯގޯ ފަރުމާކުރުމުގައި އިސްކަންދީފައިވަނީ، ޤައުމިއްޔަތު، ދީން އަދި އެއްބައިވަންތަކަން ރަމްޒުކޮށް ދިނުމަށެވެ.

އެގޮތުން:

  • ލޯގޯގައިވާ މިސްކިތް ރަމްޒުކޮށްދެނީ އިސްލާމްދީނެވެ.
  • ލޯގޯގައިވާ ދިވެހި ދިދަ ރަމްޒުކޮށްދެނީ ޤައުމިއްޔަތެވެ.
  • ލޯގޯގައިވާ 3 މީހުން ރަމްޒުކޮށްދެނީ އެއްބައިވަންތަކަމެވެ.
  • ލޯގޯގައިވާ އަންހެން އަދި ފިރިހެން މީހުން ރަމްޒުކޮށްދެނީ މިންތީގެ ހަމަހަމަކަމެވެ.
  • ލޯގޯގައިވާ މީހުންގެ ހަރަކާތުން ރަމްޒުކޮށްދެނީ ޤައުމިއްޔަތު ކޮޅަށްޖަހަން ކުރާ މިންނެތް މަސައްކަތެވެ.
  • ލޯގޯގައިވާ ރުކާއި، މޫދު އަދި ގޮނޑުދޮށް ރަމްޒުކޮށްދެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާގެ ޒިންމާތަކަކީ ޕާޓީގެ އަސާސީ ޤަވާއިދު އިސްލާހުކުރުމާއި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމެވެ. އިތުރު މަސައްކަތެއްގެ ގޮތުން އެމްއެންޕީގެ އަސާސީ ޤަވާއިދުގެ ދަށުން އިންތިޚާބުކުރަން ޖެހޭ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމެވެ.

މި ޤައުމީ ޖަލްސާ އިފްތިތާޚްކުރުމަށް 23 ވާ ހުކުރު ދުވަހުގެ ރޭގަނޑު ބާއްވާ ބައްދަލުވުމަށްފަހު، ޤައުމީ ޖަލްސާ ދެމިގެންދާނީ 3 ސެޝަންއަކަށެވެ.

  • ސެޝަން 1: އެމްއެންޕީގެ އަސާސީ ޤަވާއިދުގެ ދަށުން އިންތިޚާބުކުރަން ޖެހޭ މަޤާމުތަކަށް މީހުން އިންތިޚާބުކުރުން އަދި އަސާސީ ޤަވާއިދު އިސްލާހު ހުށަހެޅާ އެހުށަހެޅުންތަކަށް ބައިވެރިންގެ މެދުގައި މަޝްވަރާކުރުން
  • ސެޝަން 2: އެމްއެންޕީގެ ސިޔާސަތުތައް ހުށަހަޅާ ބައިވެރިންގެ މެދުގައި މަޝްވަރާކުރުން
  • ސެޝަން 3: އެމްއެންޕީގެ ދަ ނެޝަނަލްސް ކޮންވެންޝަން 2022 ނިންމާލުން

އެމްއެންޕީގެ ޤައުމީ ޖަލްސާގައި ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ މެންބަރުންގެ އިތުރުން، އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ބައިވެރިވާނެއެވެ. އޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރައީސުން އަދި ގޮފިތަކުގެ ރައީސުންވެސް ބައިވެރިވާނެއެވެ. އަދި އެމްއެންޕީއަށް ނިސްބަތްވާ ސިޓީ/ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، އެމްއެންޕީއަށް ނިސްބަތްވާ ސިޓީ/ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންވެސް ބައިވެރިވާނެއެވެ.

އެމްއެންޕީގެ ކުރިމަގު ބައްޓަންވެގެންދާނީ މިޤައުމީ ޖަލްސާ ބައިވެރިން ނިންމާ ނިންމުންތަކުގެ މައްޗާށެވެ. އަދި މިޤައުމީ ޖަލްސާ ނިމިގެންދާނީ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލުގެ ފަރާތުން ޕާޓީގެ މައި ސިޔާސަތުތަކަށް އެއްބަސްވެވިގެންނެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާ ދަ ނެޝަނަލްސް ކޮންވެންޝަން 2022 އާ ބެހޭ އިތުރު މައުލޫމާތު އޮޅުންފިލުވުމަށް އެމްއެންޕީގެ އޮފީސް ނަންބަރު 9708080 ނުވަތަ 9301177 އާއި ގުޅުއްވުން އެދެމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.