(11 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މައިންބަފައިންނާއި އާއިލާގެ މީހުނާ އޮތް ގުޅުން ކެނޑުނީމާވެސް އަހަރެންގެ ހިތަށް އެރި އަހަރެންގެ އަތުން މުޅި އާއިލާ ގެއްލިގެން ދިޔައީއެއް ނޫނޭ. ގުޅުން ކެނޑުނު މީހުންގެ ބަދަލުގައި އެހެން ދެ ގުޅުމެއް ﷲ ދެއްވައިފައި އެބައޮތޭ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އާއިލާގެ އެންމެން އެކަލޭގެފާނާވެސް ދެކޮޅުވެރިވިއޭ، އެކަމަކު ﷲ އެކަލޭގެފާނަށްވެސް ދެ ދުނިޔެ ދެއްވިއޭ."
އަނެއްކާވެސް އީމާން އެ ދެއްކީ އެއީ މަކަރާއި އޮޅުވައިލުން ކަމަށް އޭނާ ހީކޮށްގެން ހުރި ކަހަލަ ވާހަކައެކެވެ. ވަގުތުން މަރުވެގެން ވެއްޓޭނެ ނަމައޭ އުއްމީދުގެ ހިތަށް އެރިއެވެ.
"އަހަރެންގެ ދިރިއުޅުމަށް ދީން އައިސް ވަނީ ކުއްލިއަކަށް. އެހެންވީމާ ހުރިހައި ކަމެއް މާ ރަނގަޅަށް ވިސްނައިގަނެވޭ ގޮތެއް ނުވި. އަހަރެން އަބަދުވެސް ހީކޮށްގެން ހުންނަނީ އަހަރެންގެ ދިރިއުޅުމުގައި އެއްވެސް އުނިކަމެއް ނެތް ކަމުގައި. އެކަމަކު ދިރިއުޅުމުގެ ބަޔަކަށް ދީން ރަނގަޅަށް ވުމާއެކު ދިރިއުޅުމުގައި މަދުވެފައިވާ ކަންތައްތައް އިހުސާސް ކުރެވޭން ފަށައިފި. ފާއިތުވެ ދިޔަ ދެ އަހަރަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ރަނގަޅު ދެ އަހަރު. އެކަމަކު މިއަދު އުއްމީދު ތިޔަ ދެއްކި ވާހަކަ އިވުނީމާ އަހަންނަށް މިހާރު އާދެވިފައި މިވަނީ ކިހައި ހިސާބަކަށް ބާވައޭ ހިތަށް އަރައިފި. މިހައިތަނުން ކުރިއަށް ކިތައް އިމްތިހާނު އެބައޮތް ބާވައޭ ހިތަށް އަރައިފި. އިލާހީ ކޮންމެ ދީނަކުންވެސް އިންސާނާއަށް އިމްތިހާނު ކުރިމަތި ކުރުވާ. އިސްލާމް ދީނުން އިންސާނާ އިމްތިހާނު ކުރަނީ ތަފާތު ގޮތަކަށް. އިސްލާމް ދީނުގެ އިމްތިހާނުގެ ނަތީޖާ ނުކުންނަނީ ދެ ގޮތަކަށް. އެއް ގޮތަކުން އިންސާނާ ގޮމަކަސްތޫރިއަށް ބަދަލުކޮށްލާ. އަނެއް ގޮތަކުން ބަދަލު ކޮށްލަނީ އަޅިއަށް. ވޭތުވެދިޔަ ދޮޅު މަހެއްހައި ދުވަސް އަހަރެން ހޭދަކުރީ އެކަހަލަ އިމްތިހާނެއްގެ ތެރޭގައި. ގޮމަކަސްތޫރިއަށް ވާން އަހަރެން އެތައް ދުވަހެއް ކަޑައްތު ކުރަން ޖެހޭނެ. އެކަމަކު އަޅިއަށް ނުވީތީ އަހަރެން އުފާކުރަން."
އުއްމީދަށް އީމާންގެ ތުންފަތްމަތީން ފެނުނީ އާދަޔާ ޚިލާފު ހިނިތުންވުމެކެވެ.
"އެތައް ދުވަހެއްގެ ވަޒީފާއަށް ފަހު އަހަރެންގެ މަސައްކަތް ހަމައަކަށް އެޅިގެން ދިޔައީއޭ ހިތަށް އެރި. އަހަންނަށް ވަޒީފާގެ ކުރިއެރުން ލިބެންވެސް އޮތީ ގާތް ވެފައި. ކުންފުނި މި ސަރަހައްދުގެ މައި ގޮތްޕަށް ވާންވެސް އޮތީ ތައްޔާރަށް. އެކަމަކު އެ ވަގުތު އަހަރެންގެ ކުރިމަތީން ދެ މަގެއް ފެނިއްޖެ. އެ ދެ މަގުންކުރެ އެއް މަގު ޚިޔާރު ކުރަން ޖެހިއްޖެ. އަހަރެން ވަކި މަގެއް ޚިޔާރުކޮށް ވަޒީފާއިން ވަކިވެއްޖައިން. އަޖައިބުވާން ޖެހުނު ކަމަކީ އަހަރެން އެކަމާ ދެރަ ނުވާކަން. އެތައް އަހަރަކަށް ފަހު އަހަންނަށް މިހާރު މި ޖެހެނީ އަލުންބަލުން ދިރިއުޅުމަށްޓަކައި މަސައްކަތެއް ފަށަން. އަހަރެންގެ މައިންބަފައިން މި ކަހަލަ ގޮތަކަށް އަހަރެން ދޫކޮށްލާނޭ ދުވަހެއް އަންނާނޭ ކަމަކަށް އަހަރެންގެ ހިތަކަށް ދުވަހަކުވެސް ނާރާ. މައިންބަފައިންނާއި އަހަންނާ އޮތީ ވަރަށް ރަނގަޅު ގުޅުމެއް. އަހަރެން ހީކޮށްގެން ހުރި ގޮތަކީ އެއީ. އެހެންވީމާ އަހަންނަށް ހީވެފައި އޮތީ އެ މީހުން ރުޅި އައުމަކީ އަހަންނަށް ކެތް ކުރެވޭނޭ ކަމެއް ނޫން ކަމަށް. އެކަމަކު އަހަރެން އެ ރުޅިއަކަށް މާ ބޮޑު ފަރުވާލެއް ނުބެހެއްޓިން. އެޔާއެކު އަނެއްކާވެސް އަހަންނަށް ޖެހުނީ ދެ މަގަކުން އެއް މަގު ޚިޔާރު ކުރަން. އަހަރެން ޚިޔާރު ކުރީ ދީން. މިހާރު އަހަރެން މިހިރީ އުއްމީދުގެ ކުރިމަތީގައި އިމްތިހާނަކާ ކުރިމަތި ލާން ޖެހިފައި. ބޭޔަގީނީއާއި އިތުބާރު ނެތުމުގެ އިންތިހާއަށް ގޮސްފައިވާ ހާލަތެއްގައި. ޑެނިއަލް އެޑްގަރ ވަނީ އަހަރެންގެ ވުޖޫދުގެ ހިޔަންޏަކަށް ވެފައި. އެ ހިޔަނި މުޅި އުމުރު ދުވަހު އަހަންނާއެކު ހުންނާނެ. ކޮންމެ މީހަކަށްވެސް އެ މީހެއްގެ މިއަދާއި މާދަމާ ބަދަލު ކުރެވިދާނެ. އެކަމަކު އިއްޔެ ބަދަލު ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫން. އަހަންނަކަށްވެސް އެ ކަމެއް ނުކުރެވޭނެ. އަހަރެންގެ މަންމައަކީ ކްރިސްޓިއަނެއް. އަހަރެން މިއީ ޔަހޫދީ ބަފައެއްގެ ދަރިއެއް. އެއީ އަހަންނަށް ބަދަލު ކުރެވޭނޭ ހަގީގަތެއް ނޫން. އުއްމީދު ގަސްތުކޮށްގެން ތިޔަހަރީ އެ ވާހަކަ މުޅި އުމުރު ދުވަހު އަހަންނާ ދިމާއަށް ގޮވައި ޝައްކު ކުރަން ކަމަށްތަ؟ އަހަންނާ އިނުމުގެ ކުރިންވެސް އަހަރެން މިއީ ޔަހޫދީއެއްކަން އުއްމީދަށް އޮތީ އެނގިފައި. އަހަރެންގެ ނަސްލު ދެމިގެން އައި ގޮތް ކުރިން އޮޅުން ފިލުވަން ނޫޅުނީ ކީއްވެގެން؟"
އީމާންގެ ސުވާލަށް ދޭނޭ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ އަތުގައި އެއްވެސް ސުވާލެއްގެ ޖަވާބެއް ނެތް ކަހަލައެވެ.
"އަހަރެން ރަށުގައި ނެތި މި ދިޔަ ހައެއްކަ ހަފުތާގެ ތެރޭގައި އުއްމީދު އަހަންނާ ދެކޮޅަށް ވަރަށް ގިނަ ހެކި ޖަމާކޮށްފި. މިހާރު އަހަރެން މިހިރީ ވަރަށް ނުރައްކާތެރި ކުށްވެރިއަކަށް ވެފައި. އަހަރެންގެ ފުށުން ވީހައިވެސް އަވަހަކަށް މިންޖު ވެގަންނަން ލާޒިމުވާ ވަރުގެ ބޮޑު ކުށްވެރިއަކަށް ވެފައި. ވައްކަން ކުރަނިކޮށް ހައްޔަރުކުރާ މީހާއަށްވެސް ދިފާއުގައި ވާހަކަ ދައްކާނޭ ފުރުސަތެއް ލިބޭ. އުއްމީދު ދެކޭ ގޮތުގައި އެ ފުރުސަތުވެސް އަހަންނަކަށް ދޭކަށް ނުޖެހޭ. ސީދާ މަރުގެ ހުކުމް އިއްވައިލީ. މަރައިލާން ރާވައި ނިންމައިލީ."
އުއްމީދު އިސް ދަށަށް ޖަހައިލިއެވެ.
"މި ހުރިހައި ކަމެއް ކުރުމުގެ ކުރިން އަހަންނާ ދެތިން ސުވާލެއް ކޮށްލި ނަމަ ކިހައި ރަނގަޅު. ޝައްކު ކުރެވުނަސް އަހަންނާ ވާހަކަ ދެއްކޭނެތާ. އުއްމީދު އަހަރެން ދެކެ ލޯބި ނުވާކަން ދެނަހުރިން. އެކަމަކު އަހަރެން ހީކުރީ ފުރަތަމަ ލޯބި ނުވިޔަސް މަޑުމަޑުން ގޮސް ލޯބިވެސް ވެދާނެ ކަމަށް."
އުއްމީދުގެ ފައިތިލައިގެ މައްޗަށް ފެން ތިތްކެއް ޖެހިތަން ފެނުނެވެ.
"އަހަރެން ހީކޮށްގެން ހުރީ ފަހުން ލޯބި ވާނެ ކަމަށް. އަހަރެންގެ ލޯތްބާއި އަޅައިލުމާއި ގުރުބާނީގެ ސަބަބުން އުއްމީދުގެ ހިތް ބަދަލު ވެގެން ހިނގައިދާނޭ ކަމަށް އަހަރެން ހީކުރިން. އަހަންނާ އަޅައިލައި އޯގާތެރިވެ ހަދާނޭ ކަމަށް ހީކުރިން. ފިލްމަކަށް ވިޔަސް ޑްރާމާއަކަށް ވިޔަސް ހަގީގީ ދިރިއުޅުން ކަމަށް ވިޔަސް ކަންތައް ހިނގާނީ އެއް ގޮތަކަށް ކަމަށް ހީކުރިން. އެކަމަކު އަހަންނާ މެދު ކަންތައް ހިނގީއަކީ އެހެންނެއް ނޫން. އަހަރެން ހީކޮށްގެން ހުރީ ޖަހާންޒޭބަކީ އުއްމީދުގެ މާޒީއަށް ވާތީ އެކަން ހަނދާން ނައްތައިލާނޭ ކަމަށް. އަހަރެމެން ދެމީހުންގެ މެދުގައި އޭނާ ބަހައްޓައިގެން އުއްމީދު އުޅޭ ކަމަކަށް އަހަރެން ކުރިއަކުން ހިއެއް ނުކުރަން. އުއްމީދު އެންމެ ސިކުންތަކަށްވެސް އޭނާ ދޫކޮށެއް ނުލާ."
އުއްމީދު މުށްކަވައިލިއެވެ. އަތުގައި ހުރި ތުރުތުރު ފޮރުވޭނޭ އެހެން ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އީމާންގެ ރާގުގައި ހުރި މަލާމާތުގެ އަސަރުގެ ސަބަބުން އޭނާގެ މުޅި ވުޖޫދު ޒަޚަމް ކުރަމުން ދަނީއެވެ.
"އޭނާ އުއްމީދާ މެދު ކަންތައް ކުރީ ކިހިނެއްކަން އެނގޭތަ؟ އޭނާ ދިޔައީ އުއްމީދުގެ ސިކުނޑީގައި ބޭޔަގީނީގެ އޮށް އިންދާފައި. މިހާރު އެ އޮށުން ފެޅި ގަސް ތިޔަ ވަނީ ހެދި ބޮޑު ވެފައި. މިހާރު އުއްމީދު އެ ގަސް ކަނޑައިލާން ބޭނުން ވިޔަސް އެކަމެއް ނުކުރެވޭނެ. ގަސް ތިޔަ ވަނީ އެއަށްވުރެ މާ ވަރުގަދަ ވެފައި."
އުއްމީދު ލޯ މަރައިލިއެވެ. އީމާން އޭނާޔާ ދިމާއަށް އެކަހަލަ އެއްޗެކޭ ބުނެފާނޭ ކަމަކަށް އެއްގޮތަކަށްވެސް ހިތަކަށް ނާރައެވެ.
"މީހަކު އައިސް އުއްމީދުގެ މޫނަށް ވެލި ޖެހީމާ އޭގެ މާނައަކީ ދިމާވާ ކޮންމެ މީހަކު ވެލި މުށްވަރެއް ހިފައިގެން އުޅުމެއް ނޫން. މީހަކާ ދިމާވުމާއެކު ވެލިން ސަލާމަތް ވާންވެގެން ލޯ މަރައިލާފައި މޫނު އަނބުރައިލާން ޖެހޭނީ އެހެންނަމަތާ. އަހަރެންގެ މުށަކު ހަމަ ޔަގީނުންވެސް ވެެއްޔެއް ނެތް." އީމާން އަތްތިލަ ދައްކައިލިއެވެ. "އަހަރެން މިއީ ލޯތްބަކީ ހައްދަވައިފައިވާ އެއްޗެއް ކަމަށް ގަބޫލު ކުރި މީހަކީމެއް ނޫން. ލޯބި ވެވުނީ އެހެން ވެގެން ކަމަށް ވެދާނެ. ލޯބީގެ ސަބަބުން އަހަންނަށް ލިބުނީ ޔަގީންކަމާއި އީމާންކަން. އުއްމީދަކީ އަބަދުވެސް ލޯތްބަކީ އޮންނަ އެއްޗެއް ކަމަށް ގަބޫލުކުރި މީހެއް. އުއްމީދުވެސް ލޯބިވި. އެކަމަކު އެ ލޯބީގެ ސަބަބުން އަހަރެން މި ބުނި ދެ ކަމުން ކުރެ ކަމެއް އުއްމީދަކަށް ނުލިބުނު."
އޭނާ އެއްވެސް ހަރަކާތެއް ނެތިފައި އަޑުއަހަން ހުރީއެވެ.
"އަހަރެމެން ދެ މީހުންގެ ލޯބީގެ ފެންވަރަކުވެސް އަދި މިންވަރަކުވެސް އެއްވެސް ތަފާތެއް ނެތް. ތަފާތީ އަހަރެމެން ލޯބިވީ މީހުން. އަލިފާނަކީ ކައްކަން ބޭނުންކުރާ އެއްޗެއް. ރަން އަލިފާނަށް ލީމާ ވިރިގެން ގޮސް ކުލަ ރީތި ވަނީ. ފެން އެއްޗެއް އުދީމާ އާތްވަށް ވެގެން ދަނީ."
ދިރިއުޅުމުގެ ހުރިހައި ކަމެއް މުޅީން ނިމިގެން ދަނީ ކަމުގައި އޭނާއަށް އިހުސާސް ކުރެވޭން ފަށައިފިއެވެ.
"އަހަރެމެން ދެ މީހުންގެ ދިރިއުޅުމުގައި ރެނދު ލައިފި. އެކަމަކު އަދި މުޅިއަކުން ހަލާކެއް ނުވޭ. އުއްމީދު. މިއީ ވަކި ގޮތެއް ނިންމާންވީ ދަނޑިވަޅު. ލާފައިވާ ރެނދު ބޮޑުކޮށް ފުނޑުފުނޑު ކޮށްލާނީތޯ ނޫނީ ބެދޭތޯ މަސައްކަތް ކުރާނީތޯ ކަނޑައަޅަން އެބަޖެހޭ. މީހަކު ގަސްތުގައި އަހަންނާ ދިމާއަށް ޑެނިއަލް އެޑްގަރޭ ކީމާ އަހަންނަށް ވަރަށް ބޮޑަށް އުނދަގޫވޭ. ޑެނިއަލް އެޑްގަރަކުން އީމާން ޢަލީއަކަށް ވާން އަހަރެން ކުރީ ވަރަށް ދަތި ދިގު ދަތުރެއް. ވަރަށް ގިނަ ކަންތައްތަކެއް ދޫކޮށްލިން. އަހަރެންގެ ނަމާ މެދުވެސް ޔަގީން ކަމެއް ނެތް މީހަކާ އެކު ދިރިއުޅުމަކީ އަހަރެން ކުރަން ބޭނުން ކަމެއް ނޫން."
އީމާންގެ އަޑުގައި ވަރުގަދަ ޔަގީން ކަމެއް ހުއްޓެވެ.
"އުއްމީދު ދޫކޮށްލުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ. އަހަރެންގެ މައިންބަފައިން ދޫކޮށްލަން ޖެހުނީމާ ކުރި އަސަރަށް ވުރެ މާ ހިތި އަސަރެއް ކުރާނެ. އެކަމަކު މިހާރު އަނެއްކާވެސް އިމްތިހާނަކާ ކުރިމަތި ލާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން މިއީ އިސްލާމެއް ކަމަށް ސާބިތުކޮށް ދޭން މީސްމީހުންގެ ކުރިމަތީގައި އިރުއިރުކޮޅާ ހެކި ދެއްކުމާއި ވާހަކަ ދެއްކުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫން. އެއްވެސް މީހަކަށް އެ ޔަގީންކަން ދިނުމަކީ ލާޒިމު ކަމެއް ކަމަކަށްވެސް އަހަރެން ނުދެކެން. އަހަރެން އިސްލާމް ދީން ގަބޫލުކުރީ މީހަކަށް ދައްކާކަށް ނޫން. އެއީ ﷲ އަށްޓަކައި ކުރި ކަމެއް. އަހަރެންގެ ނިޔަތް ކަނޑައެޅުއްވުމަކީ ހަމައެކަނި ﷲ އަށް އޮތް ހައްގެއް. އެއީ އެހެން މީހަކު ކަނޑައަޅަން ޖެހޭ ކަމެއްވެސް ނޫން."
އީމާން އޭނާޔާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ.
"އަހަރެން މިއީ އިސްލާމެއް ކަމަށް ޝައްކު ކުރެވޭ ކަމަށް ވަންޏާ... އަހަންނަށް އިތުބާރު ނުކުރެވޭ ކަމަށް ވަންޏާ އަހަރެން ދޫކޮށްލުމަކީ އުއްމީދަށް އޮތް އެންމެ ރަނގަޅު ގޮތް. އަހަންނާ ވަކިވޭ." އީމާންގެ އަޑުގައި ހުރީ ބަލިވުމުގެ އަސަރެވެ. "އަހަންނާ އެކީގައި އުފަލުގައި ނޫޅެވޭ ކަމަށް ވަންޏާ ވަކިވެގަތުމަކީ އުއްމީދަށް އޮތް ހަގެއް. އެކަމަކު އަހަރެން އުއްމީދު ދޫކޮށްލައިފައި ފިލީ ކަމަށް ގަބޫލުކުރާ ކުރުން ބަދަލު ކޮށްލާ. އަދި ފަހުންވެސް އެހެން ހަދައިފާނޭ ކަމަށް ގަބޫލު ނުކުރާތި. އަހަރެން މި ހުންނަނީ އުއްމީދާއި އަހަރެމެންގެ ދަރިފުޅު ހެޔޮހިތުން ފުރިހަމައަށް ބަލައިގަނެގެން. އުއްމީދު ބޭނުމިއްޔާ ދަރިފުޅު އޮންނާނީ އުއްމީދުގެ އަތުގައި. ހުރިހައި ޒިންމާއެއް އުފުލާނީ އަހަރެން. ބޭނުންވާހައި ދުވަހަކަށް ދަރިފުޅު ގެންގުޅޭ. އެހެން މީހަކާ އިނދެގެން ދާން ބޭނުން ވެގެން ދަރިފުޅު ދޫކޮށްލަން ޚިޔާލު ކޮށްފިއްޔާ އަހަންނާ ހަވާލުކޮށްލާ. އަހަރެން އުފަލާއެކު ބަލައިގަންނާނަން. އަހަރެން އަދި އުޅޭނީ މި ރަށުގައި މި ގައުމުގައި. ގައުމު ދޫކޮށްފައި ދާންދެން އަހަންނާ ބަރާބަރަށް ގުޅުން އޮންނާނެ. އެހެން ގައުމަކަށް ދިޔަޔަސް ދެމައިންގެ ޚަރަދު ބަރާބަރަށް ބަލަހައްޓާނަން. ބަދަލުގައި އަހަރެން އެދޭނީ އެންމެ ކަމަކަށް. އެއީ އަހަރެންގެ ދަރިފުޅާ ބައްދަލުކޮށް އުޅުމުގެ ހުއްދައަށް."
ބޮލުން ފައިބާ ލޭގެ އިހުސާސް އީމާނަށް ކުރެވުނީ އަދި ކިރިޔާ ކަހަލައެވެ. އޭނާ ބޮލުގައި އަތް ޖައްސައިލުމަށް ފަހު އަތުގައި ހޭކުނު ލެޔަށް ބަލައިލިއެވެ. އެޔަށް ފަހު އިސް އުފުލައި އުއްމީދާ ދިމާއަށް ބަލައިލިއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުން ވަނީ ކަހަލައެކެވެ. އެހެން ނަމަވެސް އަނގައިން ނުބުނެ މޭޒާ ދިމާއަށް ހިނގައިގެންފިއެވެ. މޭޒުގެ ވަތްގަނޑު ހުޅުވައިލުމަށް ފަހު ނެގި އެއްޗެއް އުއްމީދާ ދިމާއަށް އުކައިލިއެވެ. އުއްމީދު ބަލައިލިއެވެ. އެއީ ފިސްތޯލައިގައި ހުރި އުންޑައެވެ.
"އުއްމީދު ފިސްތޯލަ ރައްކާކޮށްފައި އޮތީ އަހަރެންގެ ގަޔަށް ޖަހަންކަން އެނގުނު ނަމަ... އެހެން ހީވެސް ކުރެވުނު ނަމަ އަހަރެން މި އުންޑަތަކެއް ނުނެގީމުސް. އުއްމީދު ކީ އެއްޗިހިން ލިބުނު ތުރާތަކެއް މަރުވުމަކުންވެސް ނުލިބޭނެ."
އުއްމީދަށް އިހުސާސް ކުރެވުނީ ހަރު ބިމަށް އޭނާ ގެނބެމުންދާ ކަމުގައެވެ.
"އަހަރެން އުއްމީދު ދެކެ ލޯބިވާ މިންވަރު ބުނަންތަ؟ ތިޔަ ރޭވިހައި ދިގު ރޭވުމެއް ރާވާކަށް އުއްމީދަކަށް ނުވެސް ޖެހޭނެ. ދޮރުވާނު ފޮނުވައިލުމާއި ފިސްތޯލަ ރައްކާ ކުރުމާއި ނޯކަރުން ފޮނުވައިލުން..." އީމާން އަޖައިބެއް ކަހަލަ ގޮތަކަށް ހީނގެންފިއެވެ. "އުއްމީދު ބޭނުންވީމާ ބޭނުންވާ ވަގުތަކު އަހަރެންގެ ކުރިމައްޗަށް ހުއްޓިހުރެ އަހަރެންގެ ގަޔަށް ބަޑި ޖެހިދާނެ. ހުއްޓުވާކަށް އަހަރެން މަސައްކަތެއް ނުކުރާނަން. އުއްމީދަކަށް އެއްވެސް ގެއްލުމެއް ނުކުރާނަން. ބޭނުމިއްޔާ މި ވަގުތުވެސް އަޖުމަ ބަލައިލާ."
އީމާން އޭނާގެ ކުރިމަތީގައި އިރުކޮޅެއް ވާންދެން ކޮޅަށް ހުއްޓެވެ. ހީވަނީ ފުރުސަތު ދީގެން އިންތިޒާރުގައި ހުރީ ހެންނެވެ. އުއްމީދަކަށް ހަރަކާތެއްވެސް ނުކުރެވުނެވެ.
އީމާން އިރުކޮޅަކު ހުރުމަށް ފަހު ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ. ދޮރު ހުޅުވުނު އަޑު އުއްމީދަށް އިވުނެވެ. އެކަމަކު އީމާން ނުނުކުމެ ދޮރުމަތީގައި މަޑުކޮށްލިއެވެ.
"ކުރެވުނު ކަމަކާ ހެދި ދެރަވަނީ ކަމަށް ވަންޏާ އެކަން ހުއްޓައިލާ. ދެރަ ނުވޭ. ލަދުވެސް ގަންނާނެ ކަމެއް ނެތް. އަހަރެން އުއްމީދަށް މައާފު ކޮށްފިން. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް."
ކޮޓަރީގެ ދޮރު ލެއްޕިއްޖެއެވެ.
* * *
އީމާން ދިރާސީ ކޮޓަރިން ނުކުމެގެން އައިސް ވަނީ ބަދިގެއަށެވެ. އައިސް ލަމާރިން ފެންފުޅިއެއް ނަގައިގެން އައިސް ކާމޭޒު ދޮށުގައި އިށީނދެއްޖެއެވެ. ތަށްޓަކަށް ފެން އަޅައިގެން ދެތިން ކޯވަރު ބޮއިލައިފިއެވެ. ބޮލުގައި ހުރި ޒަޚަމުގެ ރިހުން އިހުސާސް ކުރެވުނީ އަދި ކިރިޔާއެވެ. އެކަމަކު ތެދުވެގެން ގޮސް ސާމާނު ހިފައިގެން އައިސް ޒަޚަމް ސާފުކޮށް ބޭސް އަޅާނޭ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އޭނާ ކުރިމަތީގައި ހުރި ބިއްލޫރި ތަށްޓަށް ނަޒަރު ހުއްޓައިލައިގެން އިނީއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގި ކަންތައްތައް އޭނާއަށް ފެންނަނީ ހުވަފެނެއްގެ ސިފައިގައެވެ. އެކަމަކު އެއީ ހުވަފެނެއް ނޫންކަންވެސް އޭނާއަށް ޔަގީނެވެ.
(ނުނިމޭ)
ނޯޓު: ދިމާވީ ސިއްހީ އުޒުރަކާ ހުރެ ވާހަކަ ނުލިޔެވި ދެތިން ހަފުތާ ދިޔަކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މައާފަށް އެދެމެވެ.
ލިޔުންތެރިޔާ އަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދެން އަދި އާބަޔެއް ގެނެސްދެއްވީތީ ޝުކުރު
މިވާހަކައަށް ވ އިންތިޒާރު ކުރެވިއްޖެ މިވާހަކަ އަންނލެއްވެސް ކުރުމެ