ފެނަކައިން މިސާލު ނަންގަވާ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ އިތުބާރުބޮޑުވީމަ: އެމްޑީ ސައީދު

ޕާޓީތެރޭގައި އޮތް ސިޔާސީ އޮއިވަރަކާއި ގުޅިގެންވިޔަސް ރައީސް ނަޝީދު، ފެނަކައިން މިސާލު ނެންގެވީ އިތުބާރުބޮޑުވީމާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގެ މަންދޫބުންނާއި މުޚާތަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ސައީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ސިޔާސީ އޮއިވަރުގައި ފެނަކައިގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅެއްގައި އެ ކުންފުނި މިސާލެއްގެ ގޮތުގައި ނެންގެވުން އެ ވާހަކަފުޅަށް ޢިޝާރާތް ކުރައްވައެވެ.

ސައީދު ވިދާޅުވީ ރައީސް ނަޝީދު އެހެން ވިދާޅުވީ ވަކި މައްސަލައެއް އޮވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ފެނަކައިގެ އެއްވެސް މުވައްޒަފަކަށް ވަކި ކަމަކަށް ވޯޓު ދޭން ނުވަތަ ނުދޭން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

ކޮންގްރެސްގައި ނިންމާ ނިންމުންތަކަށް މިނިވަންކަމާއެކު ވޯޓު ދެވޭނެކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ "އަޅުގަނޑުމެންގެ ވެރިކަމެއް އައީ އެފަދަ ކަންކަން ނުކުރަން." ކަމަށެވެ. އަދި ފެނަކައިގެ އެއްވެސް މުވައްޒަފަކަށް އެފަދަ އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަންނަ އަހަރުން އިތުރު ފަސް އަހަރަށް އެމްޑީޕީ އަށް އަދި ދިވެހިންނަށް އެ މަނިކުފާނަށް ޚިދުމަތް ކޮށްދެއްވޭނެ ގޮތެއް ހޯއްދެވުމަކީ ވިސްނަން ޖެހިވަޑައިގަންނަވާ ކަމެއް." ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ނަޝީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކޮންމެ ތަނެއްގައި ވަޒީފާ އަދާކުރިޔަސް އެމްޑީޕީގެ މެންބަރުން ކަމުގައި ބަލައިގަންނަވާ ކަމަށާއި ކޮންގްރެސްގައި ވަކި ގޮތަކަށް ވޯޓު ދިނުމުގެ ސަބަބުން ވަޒީފާ ގެއްލި ދިއުމުގެ އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މިސާލެއް ވެސް ދައްކަވާފައެވެ. އެގޮތުން "ފެނަކައިގެ ސީއީއޯ ސައީދު ވިދާޅުވެދާނެ އަޅުގަނޑާ ވާހަކަދައްކައިފިއްޔާ ވަޒީފާއިން ކަނޑާލާނަމޭ. އެކަމަކު އެހެންނެށް ނުވާނެ. އަޅުގަނޑުމެން ވެސް މި ތިބީ މި ޕާޓީގައި ދެމިތިބެން. އަޅުގަނޑުމެން ވެސް މި ތިބީ މި ރާއްޖޭގެ މަސްލަހަތު ހޯދައިދޭން،" ނަޝީދު ވިދާޅުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.