ބަރުލަމާނީ ނިޒާމުގެ ކެހި، ވެރިކަން

ހެޔޮވެރިކަމަކީ، ވަކިނިޒާމަކުން ހެޔޮގޮތުގައި ކުރަން ބަށްޓަން ކުރެވޭ އެއްޗެއްނޫނެވެ. ކޮންމެ ނިޒާމެއްގައިވެސް ހެޔޮގޮތުގައި ވެރިކަންކުރުމަށް ފުރުޞަތު ލިބިގެން ވެއެވެ. ހެޔޮވެރިކަމެއްކުރަން ހުރަސްއެޅެނީ ނިޒާމުގެ މައްސަލަޔަކުންނޫނެވެ. ނިޒާމް ހިންގަން އިސްވެތިބޭ ބައެއްގެ އަމިއްލަ އެދުމާއި ވިސްނުމުގެ ދޯހަޅިކަމުންނެވެ. ފެށުނީއްސުރެ، ބާރާއި ވެރިކަމަށް ހިތުގައި އޮންނަ ދަހިވެތިކަމެއްގެ ސަބަބުން، ނަފުސުގެ އަޅުންނަށްވެ، ރައްޔިތުންގެ ޙައްޤާއި ފަރުދީ ޒިންމާ ހަނދާން ނެތެނީއެވެ. ވެރިކަން ލިބޭނެ ހުރިހާ ދޮރެއްބަންދުވާ ހިނދު، ހުރިހާކަމެއް ހަނދާން ނައްތާލައި، ބާރާއި ތާއީދު އޮތްކަމަށްބަލައި، ތިމާއަށް ވެރިކަން ލިބެންއޮތް ގޮތަކަށް ޤައުމު ބަދަލުކޮށް، ނިޒާމް މަސްހުނިކުރުމަށް އުޅުމަކީ، އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމެކެވެ.

ދުނިޔޭގައި ޤައުމުތައް އުފެދި، ވެރިކަމުގެ ނިޒާމުތައް ތަޢާރުފް ކުރެވެމުން އައިސްފައިވަނީ، ސިޔާސީ މީހުންގެ ފޮރުވިފައިވާ ސިޔާސީ އެޖެންޑާއަށް ފައްތައިގެންނެވެ. ރައްޔިތުންގެ ލޮލުގައި އެޅުވޭ އަނދުނެއް ގިނަމީހުންނަކަށް ނުފެނެއެވެ. ފޮރުވިފައި އޮންނަ ސިޔާސީ އެޖެންޑާގެ ހިލަމެއްވެސް ނުވެއެވެ. ދީނާއި ޤައުމިއްޔަތުގެ ރޫޙުން ދަޅަދައްކައިގެން، ރައްޔިތުންގެ ސިކުނޑިއާ ކުޅެލައެވެ. އެ ހުރިހާކަމެއްގެ ޙަޤީޤަތް އެނގި ސާފުވަމުންދަނީ ވެރިކަމަށް އައުމަށްފަހު ބަހާއި ޢަމަލު ސީދާނުވެ، ރައްޔިތުން މާޔޫސްވާ ހިސާބުންނެވެ. ވެރިކަން ހިންގަން ނުކުޅެދި، ދައުރު ހަމަނުވަނިސް ވެރިކަމުން  ފައިބަންޖެހޭ ހިސާބުންނެވެ. އިންޤިލާބާއި ބަޣާވާތުން ވެރިކަން ބަދަލުވަނީ، ވެރިކަމުގެ އަސާސްތައް ހެޔޮގޮތުގައި ނުހިފެހެއްޓި، ބޮއްސުންލައި، ވެރިކަން ދަމަހައްޓަން ނޭނގިގެންނެވެ. އިންޤިލާބާއި ބަޣާވާތް ގެންނަ ބަޔެއްގެ މައްޗަށް ބަސްވިކޭފަދަ ހަރުދަނާވެރިކަމެއްކުރަން ނޭނގޭތީއެވެ. ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކަށް އެކަށޭނަ ސިޔާސަތުތައް ނުއުފެއްދި، ޙައްލުތައް ނުހޯދި، އެހެންމީހުން ދައްކާވާހަކަ ޤަބޫލުކުރަން ރައްޔިތުންނަށް މަޖުބޫރުވާ ހިސާބުން، ވެރިން ވެރިކަމުންދުރުވާން މަޖުބޫރު ވެއެވެ.

ހެޔޮވެރިކަމެއްގެ އަސާސަކީ، ވެރިކަމުގެ ބާރުތައް މިނިވަންކަމާއެކު މަސައްކަތްކޮށް، ދީނާއި ޤައުމަށް ޙުރުމަތްތެރިކޮށްހިތޭ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދޭ، ފަސާދައާއި ޚިޔާނާތުން ރައްކާތެރިކުރެވިގެންވާ، ޢަދްލު އިންސާފު ޤާއިމްކުރެވިފައި އޮންނަ މާޙައުލެއް ޤައުމުގައި ޤާއިމްވެފައި އޮތުމެވެ.  ވެރިކަމުގެ ނިޒާމުތަކުގެތެރެއިން، ބަރުލަމާނީ ނިޒާމަކީ އޭގެ ޒާތުގައި މިދެންނެވި އަސާސްތަކަށް ހުރަސްއެޅޭ ނިޒާމެއްކަން ތާރީޚުންވަނީ ސާބިތުކޮށްދީފައެވެ. ޚާއްޞަކޮށް ހެޔޮވެރިކަމެއްގެ ނިޒާމުގައި ވަކިކުރެވި މިނިވަންކަމާއެކު އޮންނަންޖެހޭ ޤާނޫނު ހަދާމަޖިލީހުގެ ބާރާއި ވެރިކަމުގެ ބާރު މަސްހުނިވެ، ޢަދްލު އިންސާފަށް ހުރަސްއެޅިދާނެ ސިފަތަކެއް އެނިޒާމުގައިހުރިކަން އެންމެންނަށްވެސް އެނގެއެވެ. ވެރިކަން ދަމަހައްޓަން ކުރަންޖެހޭ ޚަރަދު ބޮޑުވެފައި، އިރުއިރުކޮޅުން ސަރުކާރުތައް ބަދަލުވުމާއި މިނިސްޓަރުން ވަކިކޮށް ބަދަލުކޮށް ނުވަތަ ވަކިވެ، ވެރިކަމުގެ ކޯޅުންތަކަށް މަގުފަހިވާނެ ސިފަތައް ބަރުލަމާނީ ނިޒާމުގައިހުރިކަން، އިނގިރޭސިވިލާތާއި އަވަށްޓެރި ޝްރީލަންކާގެ ފަހުގެ ތާރީޚުންވަނީ ކަށަވަރުކޮށްދީފައެވެ. މިއީ، ވެރިކަމަށް ދަހިވެތިވެތިބި ބަޔަކު ފިޔަވައި، އެހެންދިވެއްސަކު، މިފަސްގަނޑުން ފެންނަން އެދޭނެ މަންޒަރެއްނޫނެވެ.

19 ވަނަ ޤަރުނުގައި، ޕާލަމެންޓަރީ ސަރުކާރެއް އުފެއްދި އިނގިރޭސިވިލާތުގައި، މިހާތަނަށް އައިއިރުވެސް ޕާލަމެންޓަރީ ޑިމޮކްރަސީއެއް ނެތެވެ. އެނިޒާމުގެ މަސްހުނިކަމުން، ޑިމޮކްރަސީއޮތީ ނަމަކަށެވެ. ރައްޔިތުންނަކަށް އޭގެ ފޮނިމީރުކަމެއް ނުލިބެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޑިމޮކްރަސީކަމަށް ބެލެވޭ އިންޑިއާގައި، ޕާލަމެންޓަރީ ނިޒާމް ތަޢާރުފް ކުރެވުނީ، އިނގިރޭސީންގެ ނުފޫޒު، އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މައްޗަށް އޮތުމުގެ ސަބަބުންނެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަނީ، އެބަދަލަކާގުޅިގެން، ޤައުމަށް ހެޔޮކަމެއް އޮވެގެންނެވެ. ޤައުމުގައި ހަމަޖެހުން އިތުރުވެފައި ހެޔޮވެރިކަމަކަށް މަގުފަހިވެ، ބަދަލުކުރާ ވެރިކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވުން ބޮޑުވަންޏާއެވެ. ވަކިމީހަކު ބޭނުންވެގެން އެމީހެއްގެ ބަސް ރައްޔިތުންގެ މައްޗަށް ވިއްކައިގެންނެއް ނޫނެވެ. ސަރުކާރުތައް ހިންގާގޮތާމެދު ވަކިމީހަކު ހިތްހަމަނުޖެހި، އެމީހަކު ބޭނުންވާމިންވަރަކަށް ބާރު ނުލިބިގެންނެއްނޫނެވެ. ސަރުކާރު ބަދަލުކުރަން ބޭނުންވާ ބަޔަކު ބޭނުންވާގޮތަށް ސަރުކާރު ނުހިންގައިގެންނެއް ނޫނެވެ. ހެޔޮވެރިކަމެއްގައި، ވަކިކުރެވިފައި އޮންނަ ތިންބާރު، އަމިއްލަ އެދުމުން ދުރުހެލިވެ އެއް މަޤްޞަދެއްގައި އެއްމިޞްރާބަކަށް ދަތުރުކުރާނަމަ، އިރުއިރުކޮޅުން ވެރިކަން ބަދަލުކޮށް ރައްޔިތުންނަށް ތަކުލީފު އުފުއްލާކަށް ނުޖެހޭނެއެވެ.  އިންޑިއާގައި ޕާލަމެންޓަރީ ނިޒާމް ތަޢާރުފް ކުރެވުނީ، އިނގިރޭސީންގެ ނުފޫޒު އޮތުމާއެކުވެސް، އިންޑިއާގެ ބައިބައިވެފައިވާ ބިޔަ އާބާދީގެ ވެރިކަން، ގިނަ ރައްޔިތުން ބައިވެރިކޮށްގެން ހިންގޭނީ ޕާލަމެންޓަރީ ނިޒާމުންކަމުގައި، އިންޑިއާ އުފެއްދި އެޤައުމުގެ ބާނީންނަށް ފެނިގެންނެވެ. ޕާލަމެންޓަރީ ނިޒާމް އެންމެ ފުރަތަމަ އުފެދިގެންއައިއިރު، ޑިމޮކްރަސީ އޭގެތެރެޔަކު ނުހިމެނެއެވެ. ޑިމޮކްރަސީ އޭގެތެރެޔަށް އިތުރުކުރެވުނީ ފަހުންނެވެ. އެއީވެސް އެނިޒާމު ރަނގަޅުކަމަށް ދައްކަން ވެގެންނެވެ.

މިހިސާބުން، އަވަށްޓެރި ޝްރީލަންކާގެ ޕާލަމެންޓަރީ ޑިމޮކްރަސީގެ ތާރީޚާބެހޭގޮތުން، ޕްރޮފެސަރ ޖަޔަދޭވާ އުޔޭންގޮޑަ، 30 ޖޫން 2021 ގައި ލިޔުއްވާފައިވާ ލިޔުމެއް ޚުލާޞާ ކޮށްލާނަމެވެ. ޕާލަމެންޓަރީ ޑިމޮކްރަސީން އެންމެ ކައިރިން ފެންނަން އޮތް ހިތިނަތީޖާއާމެދު ވިސްނައިލުމަށްޓަކައެވެ. ދާދި މިދާކަށްދުވަހު، ޤައުމެއް ހަލާކުވެ ބަނގުރޫޓުވެގެންދިޔަ ރީތި މިސާލެކެވެ. ބަރުލަމާނީ ނިޒާމަކީ، ކެހި، ވެރިކަމެއްކުރުމަށް ހުޅުވޭދޮރެއްކަން ތާރީޚީ ހެކިތަކާއެކު، ވިސްނާ ފިކުރުކުރާމީހަކަށް، އެލިޔުމުން ސާފުވާން އެބައޮތެވެ.

"ބަރުލަމާނީ" މިމަވްޟޫޢަކީ، ޝްރީލަންކާގައި 1947 ގައި އުފެއްދި ފުރަތަމަ ޒަމާނީ ޕާލަމެންޓް އުފެދުމާއެކު، އެޤައުމުގެ ސިޔާސީ މަޝްރަޙުގައި އެންމެ ގަދަޔަށް ބަޙުސްކުރެވެމުން އައި މަވްޟޫޢެވެ. މިބަޙުސްތަކުގައި އެންމެ ހޫނުވެގެންދިޔަ އެއް ވާހަކަޔަކީ، އަދި އެވާހަކަތަކަށް ކުރިމަތިވި ގޮންޖެހުމަކީ " ޒަމާނީ ޑިމޮކްރަސީ " އެވެ. ޤާނޫނު އަސާސީ ބަދަލުކޮށް، އެކިއެކި ޤަބީލާތަކާއި،  ގުޅިފައިވާ ވަކިވަކި ޖަމާޢަތްތަކުން، އެބައިމީހުންގެ ސިޔާސީ އެޖެންޑާ އަމާޒުކުރެވިފައިއޮތީ، ވެރިކަމުގެ ބާރު އަތްދަށުލުމުގެ މައްޗަށެވެ. އެއީ ވަކިބަޔެއްގެ އަމިއްލަ އެދުމަށް ބަށްޓަންކުރެވިފައި އޮތް އެއްޗެކެވެ. ޢާންމު ރައްޔިތުންނާ ވާ ބެހޭކަމެއްނޫނެވެ.

ޝްރީލަންކާގެ ޕާލަމެންޓްގެ ތާރީޚަކީ، އެޤައުމަށް މިނިވަންކަން ލިބުމުގެކުރީގެ، ސިޔާސީ މިނިވަންކަމުގެ އަޑިގުޑަންތަކާވެސް ގުޅިފައިއޮތް އެއްޗެކެވެ. 1910 ގައި އިންތިޚާބީ އަސާސްތަކުގެ މިނިވަންކަން އޮތީ ވަކިމިންވަރެއްގައި ހިފެހެއްޓިފައެވެ. އޭގެފަހުން 1931 ގައިވެސް، އިންތިޚާބީ އަސާސްތަކާއި ޙައްޤުތައް އޮތީ، ހިފެހެއްޓިފައެވެ. އެހެންނަމަވެސް އެއީ، އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައިއޮތް ޝްރީލަންކާގެ ޕާލަމެންޓަރީ ނިޒާމުގެ ފެށުމެވެ. އެއީ، އަޅުވެތިކަމުގެ ހިޔަނި އެޅިފައި އޮތްނަމަވެސް، ޕާލަމެންޓަރީ ނިޒާމަށް ކުރި ދަތުރުގެ ފެށުމެވެ. 1910 އާއި 1931 އާ ދެމެދު އުފެދިގެން އައިސްފައިވަނީ ޕާލަމެންޓަރީ ނިޒާމުގެ ފުރަތަމަ ފިޔަވައްސެވެ. ޤާނޫނުހަދާމީހުން ނިސްބަތްވީ، އަޅުވެތިކަމުގެ ދަށުގައިއޮތް ޤައުމެއްގެ މުއައްސަސާއަކަށެވެ. ވޯޓުދޭންތިބި ރައްޔިތުންނަކީ ސިޔާސީ މިނިވަންކަން އޮތްބައެއްނޫނެވެ. ސިޔާސީ މިނިވަންކަން ލިބިގެންވާ ސިޔާސީ ޖަމާޢަތެއް ނެތެވެ. "ޔުނިވަރސަލް އެޑަލްޓް ފްރެންޗައިޒް" އަސާސަކަށް ބަލައިގެން، 1931 ގައި ޤާއިމްކުރެވުނު ސްޓޭޓް ކައުންސިލް ވެގެންދިޔައީ، 1947 ގައި ރަސްމީކޮށް ޤާއިމްކުރެވުނު ޕާލަމެންޓްގެ އަޞްލުކަމުގައެވެ. މިނިވަންކަން ލިބުމުގެކުރިން އުފެއްދި ޕާލަމެންޓް، އޭގެ ޒާތުގައި މާބޮޑު ހަމަނުޖެހުންތަކެއްނެތި 1972 އާހަމަޔަށް ދެމިއޮތެވެ. އެހެންނަމަވެސް، އަޅުވެތިކަމުން މިންޖުވުން އެޖެންޑާއަކަށްބަލައިގެން، ޤައުމީ މިނިވަންކަން ރަމްޒުކޮށްދޭގޮތަށް ޕާލަމެންޓް އަލުން އެކުލަވައިލުމުގެ ބަޙުސް ކުރިޔަށް ދިޔައެވެ.

1970 އާހަމަޔަށް އައިއިރު، ޕާލަމެންޓްގެ ބާރުތަކާއި  އެކުލަވައިލެވިފައި އޮތްގޮތާ، ޕާލަމެންޓްގެ ޒިންމާއާއި ވާޖިބާ އަދި މަސްއޫލިއްޔަތަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. އެބަދަލުތައް ބިނާވެފައި އޮތީ، ސިޔާސީ އެކި ޖަމާޢަތްތަކާއި ސިޔާސީ ލީޑަރުންނާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭނުންތަކަށް ބަށްޓަންވެފައި އޮތް އެއްޗަކަށެވެ. ބަދަލުތަކުގެ މުޅި އަމާޒު ހިފާފައިއޮތީ ހެޔޮވެރިކަމެއް ކުރުމުގެ ނަމުގައި، ބާރުތަކުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް ވެރިވެގަތުމުގެ ވިސްނުމާއި ފިކުރެވެ.

ޝްރީލަންކާގެ ޕާލަމެންޓަރީ ނިޒާމްގެ އަސްލު ޑިޒައިނަކީ، ވެސްޓްމިނިސްޓަރ މޮޑެލްއަށް ސޯލްބަރީ ޤާނޫނުއަސާސީއަށް ކުދި ބަދަލުތަކެއްގެނެސް އެކުލަވައިލެވުނު ނިޒާމެކެވެ. އިނގިރޭސީންގެ ނުފޫޒު އޮތީ ވަރަށްބޮޑަށް އޭގެތެރެޔަށް ވަދެފައެވެ. އިނގިރޭސީންގެ ޕާލަމެންޓަރީ މޮޑެލްގައި މުހިންމު ތިންބަހާއެއް ހިމެނެއެވެ. ފުރަތަމަ ބަހާއަކީ، އިނގިރޭސީންގެ ނަސްލީ އިމްތިޔާޒަށް ނިސްބަތްވާ، ޤާނޫނުހަދާ ދެމަޖިލީހެއް އޮތުމެވެ. ޢާންމު އާދައިގެ ރައްޔިތުންނަށް ނިސްބަތްވާ އެއްމަޖިލީހާއި ގެދޮރުވެރި މުއްސަނދިންނަށް ނިސްބަތްވާ ވަކި މަޖިލީހެކެވެ. ފުރަތަމަ މަޖިލީހަށް ކިޔަނީ ހައުސް އޮފް ކޮމަންސް އެވެ. އެއީ ނަސްލީ އިމްތިޔާޒުން އާދައިގެ ރައްޔިތުންނަށް ނިސްބަތްވާ މަޖިލީހެވެ. މިމަޖިލީހަށް މެންބަރުން ހޮވަނީ ޢާންމުން ވޯޓުލައިގެންނެވެ. ދެވަނަ މަޖިލީހަކީ އަޕަރ ހައުސް ނުވަތަ ހައުސް އޮފް ލޯރޑްސް އެވެ. އެއީ ރައްޔިތުން ވޯޓުލައިގެން ހޮވާ މަޖިލީހެއްނޫނެވެ. އެއީ މޮޅު މުއްސަނދިންގެ މަޖިލީހެވެ. ދެން އޮންނަނީ ސިޔާސީ ވެރިންނެވެ. ނުވަތަ ކެބިނެޓް މިނިސްޓަރުންނެވެ. އެއީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނެވެ. އަދި ޕާލަމެންޓްގެވެސް މެންބަރުންނެވެ.

އިނގިރޭސީންގެ މިމޮޑެލްއާ އެއްގޮތަށް، ޝްރީލަންކާގައިވެސް ޤާނޫނުހަދާ ދެމަޖިލީހެއް އޮވެއެވެ. އެއްމަޖިލީހަށް ކިޔަނީ ސެނެޓެވެ. އަނެއް މަޖިލީހަށް ކިޔަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އެވެ. ސޯލްބަރީ ޤާނޫނުއަސާސީން، ޝްރީލަންކާގެ ޕާލަމެންޓްގެ ޤާނޫނީ މިނިވަންކަމަށް ހުރަސްތަކެއް އެޅިފައި ވެއެވެ. އަދި ސިޔާސީ މަޝްރަޙުގައި މިކަމުގެ ބަޙުސްތައް ފެށުނެވެ. އެމޮޑެލްއަކުން ޕާލަމެންޓްގެ ޤާނޫނީ މިނިވަންކަމަށް ހުރަސްއެޅިފައި އޮއްވާ ޝްރީލަންކާއަކީ ފުރިހަމަ މިނިވަން ޤައުމަކަށް ވާނެ ހެއްޔެވެ؟ ޝްރީލަންކާއަށް ސިޔާސީ މިނިވަންކަން ލިބުމާއެކު، ސިންގަޅައިން ޕާލަމެންޓްގެ އަޣުލަބިއްޔަތު ހޯދައި ހުރިހާބާރެއް އެމީހުންގެ އަތްދަށަށް ގެންދިޔައެވެ. ޤައުމު ހިންގުމުގައި ސިންގަޅަނޫން އެހެން ނަސްލުތަކަށް އޮތް ޙައްޤުތައް ހަނިވެގެންދިޔައެވެ.

އެހިސާބުން، ޕާލަމެންޓްގައި ރައްޔިތުން ތަމްސީލުކުރުމުގައްޔާއި، ޤާނޫނީ ޙައްޤުތަކެއް ހަނިވެފައި އޮއްވާ، 1948 ގައި ލިބުނު މިނިވަންކަމަކީ، ފުރިހަމަ ސިޔާސީ މިނިވަންކަމެއްނޫންކަމަށް ނިންމައި، ޤާނޫނީ ޙައްޤުތައް އުނިކުރުވާ މާއްދާ ޤާނޫނު އަސާސީން އުވާލިއެވެ. އަދި ޝްރީލަންކާ ވާނީ، ބްރިޓިޝް ކޮމަންވެލްތުގައި ހިމެނޭ ޖުމްހޫރިއްޔާއެއްކަމަށް ނިންމިއެވެ. ކަންމިހެން ވެފައި އޮއްވާ، ނެޝަނަލިސްޓް އެސްއެލްއެފްޕީ އަދި ސޯޝަލިސްޓް އެލްއެސްއެސްޕީ އާއި ސީޕީ ޕާޓީން، ފުރިހަމަ މިވަން ޕާލަމެންޓަކާއެކު ވެރިކަންކުރާ ޖުމްހޫރިއްޔާއަކަށް ޝްރީލަންކާ ހެދުމަށް ކުރަމުން އައި އުއްމީދު ޙަޤީޤަތަކަށް ވިއެވެ. އެއީ 1970 ގައި އެތިންޕާޓީއަށް ޕާލަމެންޓްގެ ފުރިހަމަ އަޣުލަބިއްޔަތު ލިބުމާގުޅިގެންނެވެ. އެހެންނަމަވެސް، ވެރިކަންކުރާ ބަޔަކަށް ޕާލަމެންޓްގެ ފުރިހަމަ އަޣުލަބިއްޔަތު ލިބުމަކީ، ޝްރީލަންކާގެ ޕާލަމެންޓަރީ ޑިމޮކްރަސީއަށް ކިހާވަރެއްގެ ނުރައްކަލަކާއި ގެއްލުމެއްލިބިގެންދިޔަ ކަމެއްކަން، ޝްރީލަންކާގެ ފަހުގެ ސިޔާސީ ތާރީޚުން އެއޮތީ ސާފުކޮށް ފެންނާށެވެ. މައިނޯރިޓީ ރައްޔިތުންގެ އަޑު ކަނޑުވާލައި މެޖޯރިޓީން ބާރުބޭނުންކޮށްގެން، ޤައުމުގެ ކަންކަންނިންމުމުގެ ހިތި ނަތީޖާ ޝްރީލަންކާގެ ފަހުގެ ތާރީޚުން މިސާލާއި ހެއްކާއެކު އެއޮތީ ފެންނާށެވެ. ދާދިމިދާކަށްދުވަހު، ޝްރީލަންކާގެ ސިޔާސީ މަޝްރަޙުން ފެނިގެންއެދިޔައީ، ބަރުލަމާނީ ނިޒާމުގެ ނާޖާއިޒް ފައިދާ ނަގައިގެން، ޤައުމު ހިންގުމުގައި، މުޅިނިޒާމް ދިރިހުރެ ކަށްވަޅަށް ދަތުރުކުރި މަންޒަރެވެ. އެއީ އެއްވެސް ޤައުމެއްގެ އެއްވެސް ރައްޔިތަކު، ވަތަނީ ވިސްނުމެއްގައިހުރެ، އޭނާ ނިސްބަތްވާ ޤައުމަކަށްވާން އެދޭނެ ޙާލަތެއްނޫނެވެ.

އަވަށްޓެރި ޝްރީލަންކާގެ ތާރީޚަށް ބަލާއިރު، ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ސަރުކާރަށް އޮތުމަކީ، ޕާލަމެންޓަރީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެކެވެ. އަދި ޤައުމުގެ ޤާނޫނީ ޙުކޫމަތާއި ޢަދްލުއިންސާފު، މަގުން ކައްސާލައިގެންދާން މަގުފަހިވެގެންދާނެ ކަމެކެވެ. ރާއްޖޭގެ ޙާލަތަށްބަލާއިރު، ވަކިމީހަކު ބޭނުންވާގޮތަށް ވެރިކަން ބަށްޓަންކުރަން ކަންކަން ނިންމުމުގައި މަޖިލީހުގެ އަޣުލަބިއްޔަތު ދެކަފިވެފައިއޮތުމަކީ، ދިވެހި ރައްޔިތުންގެ ނަޞީބުކަމަށްވުމަކީ އެކަށީގެން ނުވާކަމެއްނޫނެވެ.

އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން، ގަދަބާރުން ހޯދައިގެން ކުރާވެރިކަމަކީ، އޭގެފައިދާ އާއި ލާބައާއި މަންފާ ރައްޔިތުންނަށް ހެޔޮގޮތުގައި ލިބިގެންދާނެކަމެއްނޫނެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ނަގާކިޔާ ސިޔާސީ މީހުންނަކީ، ދިވެހި ރައްޔިތުންނަށް، އެއީ ކާކުކަން ނޭނގޭ ބައެއްނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.