ރައީސް ނަޝީދުގެ ބަރުލަމާނީ ނިޒާމުގެ ގަރާރު އަނބުރާ ގެންދިއުމަށް ރައީސް ސާލިހު އެދިވަޑައިގެންފި

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަރުލަމާނީ ނިޒާމުގެ ގަރާރު އަންބުރާ ގެނެދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަދައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ 'ރާއްޖެ ޓިވީ' ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައިސް ސާލިހު ވިދާޅުވެފައިވަނީ މިހާރު މި އޮތްގޮތް، ރިޔާސީ ނިޒާމް އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަޣުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުން ކަމަށާއި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެ ގަރާރު ޕާޓީގެ ތެރެއިން ފާސްވެއްޖެނަމަ އެކަމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހަށް އެ މައްސަލަ ވައްދާ ބަހުސް ކުރަންޖެހޭނެކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

" މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން. މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތެއް ނޫން. ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގަ. ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް ފަހު، ދެން އެކަމަށް (ބަރުލަމާނީ ނިޒާމު ގެނައުމަށް) މަސައްކަތް ކުރެއްވިދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވެފައިވާއިރު، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމު ކަމަށެވެ.

"އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތުގެ އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔާ ހޮވުމަށް. ޤާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުގެ ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް. އަދުލު އިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި ޤާނޫނަށް ބޯލެނބުމުގެ މަތިވެރި ސިފަ ވެރިންގެ ކިބައިގައި ހުރުމަށް." ޝާހިދު ވިދާޅުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.