(13 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޖަޔަންތުގެ ވިސްނުމަށް ވަރަށް ބޮޑު ޠޫފާނެއް، އަތުވެއްޖެއެވެ. އޭނާއަށް ވެރިވެފައިވާ ހުރިހާ މަސްތެއް އެންމެ ސިކުންތެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ. އަދި އަންހެންކުއްޖާއާ ދިމާއަށް ވަރަށް ސީރިއަސް ގޮތަކަށް ބުންޏެވެ.
"ކަލޭ ތިޔަ ބުނަނީ ހަމަތެދުތަ!"
"ލައްބަ..ބާބޫޖީ...އަޅުގަނޑު ދުވަހަކު ވެސް ދޮގެއް ނުހަދަން" އަންހެންކުއްޖާ އޭނާގެ ބްލައުޒްގެ ތެރެއިން، ބޭސް ލިޔެފައިވާ ޕްރިސްކްރިޕްޝަން ނަގާފައި ޖަޔަންތާ ދިމާއަށް ދިއްކޮށްލިއެވެ.
ޑަކްޓަރު ލިޔެފައިވާ ބޭސް ސިޓީއަށް ބަލާލުމަށްފަހު، ޖަޔަންތުގެ ހިތުގައި އަންހެންކުއްޖާގެ މައްޗަށް ވަރަށް ބޮޑަށް ހަމްދަރްދީ އުފެދިއްޖެއެވެ. އަދި އޭނާގެ ޖީބުން ސަތޭކަ ރުފިޔާގެ ތިން ނޫޓް ނަގާފައި އަންހެން ކުއްޖާގެ އަތަށް ދީފައި ބުންޏެވެ.
"އަވަހަށްދޭ...ގޮސް މަންމައަށް ބޭސްކޮށްދީ"
އަންހެންކުއްޖާ ތުރުތުރު އަޅައަޅާއޮތް އަތަކުން އެތިން ސަތޭކަ ރުފިޔާގައި ހިފާފައި ޝުކުރުވެރިވުމުގެ ނަޒަރަކުން ޖަޔަންތާ ދިމާއަށް ބަލަމުން އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
"މޯތީ...މޯތީ.. " އެއަންހެންކުއްޖާ ނުކުމެގެން ދިޔަ ދޮރާދިމާއަށް ބަލަންހުރެގެން ޖަޔަންތު ވަރަށް ބާރަށް ގޮވާލިއެވެ. އޭނާ އެވަގުތު ހުރީ ވަރަށް ބޮޑަށް ރުޅިވެސް އައިސްފައެވެ.
ޖަޔަންތު ގޮވާލިއަޑު އިވިގެން މޯތީ ދުވަމުން ކަހަލަ ގޮތަކަށް އެކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ އައިއިރު އެ އަންހެންކުއްޖާ ކޮޓަރިން ނުކުމެގެން ދާތަން ފެނިގެން ޖަޔަންތާ ދިމާއަށް ބުންޏެވެ.
"ސާހިބާ ކީއްވެތޯ … އެ އަންހެންކުއްޖާ ކަލާއާމެދު އެކަށީގެންނުވާ ކަމެއް ކުރީތޯ... ނާ..އޭނާ އަނެއްކާ ކުރީ ކޮން ކުށެއްތޯ!"
"ކީކޭތޯ...އަޅުގަނޑޭ.... އަޅުގަނޑު ކީއްކުރީޔޯ..!" މޯތީ ހައިރާންވެފައި ސުވާލުކުރިއެވެ.
"ކަލޭ އެކުއްޖާ ގެނައީ ހޮސްޕިޓަލުންނެއްނު!"
"ލައްބަ.... އެކަމަކު އެކުއްޖާ އެއީ އެއްވެސް ބައްޔެއް ހުރި ކުއްޖެއް ނޫން.... ބަލިވެ އުޅެނީ އޭނާގެ މަންމަ..."
"ޝަޓަޕް.... ވިޔާނުދާ ވާހަކަތައް ނުދައްކާ ...މިހާރު އަވަހަށް ދާން އުޅޭ އަވަހަށް އެކުއްޖާ ހޮސްޕިޓަލަށް އޭނާގެ މަންމަ ކައިރިއަށް ގެންގޮސްދީ ...އަދި ބުނަން..މަގުމަތިން އެކުއްޖާ އަތުން ކަމިޝަން އަތުލަން އުޅެގެން ނުވާނެ. އެކުއްޖާއަތުން އެންމެ ފައިސާއެއް އަތުލިޔަސް އަހަރެންނަށް ވުރެ ނުބައި މީހަކު ނުހުންނާނެކަން ދަންނާތި!"
"އެކަމަކު ސާހިބާ...." މޯތީ ކޮންމެވެސް އެއްޗެއް ބުނަން އުޅެފައި ނުކެރިގެން ހުއްޓާލިއެވެ.
"ރަޖްނީގެ ކޮއްކޮ ދީޕަކް އުޅެނީ ވަރަށް ބަލިވެ އަޅުގަޑަށް ކަމިޝަނަށް އެއްޗެއް ނުލިބުނިއްޔާ ބޮޑު ޑޮކްޓަރުގެނެވޭކަށް ނޯންނާނެ!"
"ތިޔަ ބުނަނީ ހަމަ ރަނގަޅު ވާހަކައެއް؟"
"ލައްބަ ސާހިބާ!"
ޖަޔަންތު އޭނާއަށްވެސް ދުއިސައްތަ ރުފިޔާ ދީފިއެވެ. މޯތީ ޖަޔަންތަށް ހެޔޮ ދުޢާކުރަމުން ބޭރަށް ހިނގައްޖެއެވެ. މޯތީ ބޭރަށް ދިޔުމާއެކު ޖަޔަންތު ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަދި އެނބުރިލާފައި މޭޒު މަތީގައިހުރި ރާފުޅިއާ ދިމާއަށް ބަލާލިއެވެ. އެއާއެކު ބާރަށް ހިނގާފައިގޮސް އެ ފުޅި ނަގާފައި އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. އަދި އެއްނޭވާއިން ކަހަލަ ގޮތަކަށް އެފުޅީގައި ހުރި ހުރިހާ އެއްޗެއް ބޯލުމަށްފަހު ހުސްފުޅި ތަޅުންގަނޑުމައްޗަށް އެއްލާލިއެވެ.
ރަޖްނީ ދީޕަކް ކައިރީގައި އިށީންދެލައިގެން އިނެވެ. އޭނާ ނުހަނު ބޭޤަރާރުކަމާއެކު އިންތިޒާރު ކުރަމުންދަނީ ޑަކްޓަރަކަށެވެ. ޑަކްޓަރެއް ގޮވައިގެން އައުމަށްޓަކައި މޯތީ ފޮނުވައިގެން އިންނަތާ މިހާރު ވަރަށް ގިނަ އިރުވެއްޖެއެވެ. އޭރުވެސް ދީޕަކް އޮތީ ހޭނެތިފައެވެ. އަދި އިރުއިރުކޮޅަކުން ގޮވަމުންދަނީ "އަހަރެންނަކީ ވަގެއްނޫނޭ... އަހަރެންނަކީ ވަގެއް ނޫނޭ" އެވެ އަދި އަހަރެންގައިގައި ނުތަޅާށޭ" އެވެ.
ރަޖްނީ ދީޕަކްގެ ހިތް ހަމަޖައްސާ ދެވޭތޯ ފަށްފަށުން މަސައްކަތް ކުރަމުންދެއެވެ.
"އަހަރެންގެ ލޯބިވާ ކޮއްކޯ..ކޮއްކޮ ގައިގާ އެއްވެސް މީހަކު ނުތަޅާނެ ދައްތަ މިހާރު މީނީ ކޮއްކޮ ކައިރީގައި ދެން އެއްވެސް މީހަކަށް ކޮއްކޮ ގައިގާ ޖަހާކަށް ނުކެރޭނެ...." "އޭނާގެ ހިތުގައި ވަނީ ބިރުވެރިކަން ހިނގާފައި" މާރިޔާ އެތެރެއަށް ވަންނަމުން ބުނެލިއެވެ. އަދި އައިގޮތަށް އައިސް ރަޖްނީ ކައިރިއަށް ހުއްޓިފައި ބުންޏެވެ.
"މަސްޓަރްޖީ ދުރުވެ އެބަހުންނެވި!"
"ކީއްކުރަން؟" ނިތްކުރީގައި އަތްޖައްސާލާފައި ރަޖްނީ ބުންޏެވެ.
"ކަލެއާ ބައްދަލުކުރައްވަން"
ރަޖްނީ އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ މާރިޔާއާ ދިމާއަށް ބަލަން އިނެވެ. އޭނާ ހިތާހިތާ ކޮންމެވެސް އެއްޗެއް ވިސްނަނީއެވެ. އޭނާ ހިތުގައި ކޮންމެވެސް ގޮތެއް ކަނޑައެޅުމަށްފަހު ދީޕަކް ކައިރިން ތެދުވަމުން ބޭރަށް ނުކުމެއްޖެއެވެ.
"ކީއްވީތަ!" ކަމަލްގެ ކުރިމައްޗަށް ދިޔުމާއެކު ވަރަށް އަދަބު ކުޑަގޮތަކަށް ސުވާލުކުރިއެވެ.
"ދީޕަކް ކޮން ޙާލެއްތަ؟" ކަމަލް ވަރަށް ބިރުންހުރެ އެއްސެވެ.
"އޭނާއަށް ކޮންމެގޮތެއްވިޔަސް މިހާރު ކަލެއަށް ކީއް؟" އޭނާގައިގައި ރަނގަޅަށް ތަޅުވާފައި އަދި ޙާލުބަލަން އަތުވެއްޖެއެއްނު!"
"އަހަރެން މިހިރީ ވަރަށް ލަދުގަނެ ދެރަވެފައި ރަޖްނީ.... އެމީހުން ދީޕަކް ގައިގައި އެގޮތަށް ތަޅާނޭކަން އަހަރެންނަށް އެއްގޮތަކަށްވެސް އެނގިފައެއް ނެތް...މިހާރު އަހަރެންގެ ގަޑިވެސް އަހަރެންނަށް ލިބިއްޖެ"
"ނުލިބޭނީ ކީއްވެ. އިނިސްޕެކްޓަރަކީ ކަލޭގެ ރަޙްމަތް ތެރިއެއްވިއްޔަ..."
"އަހަރެންނަށް މާފުކުރޭ. އަހަރެން މިއައީ ކަލޭމެންގެ ފަރާތުން މާފަށް އެދެން.."
"މާފުކުރާށޭ...؟ ހަކުރުލާފައި ދިނަސް ވިހައެއް ވާނީ ވިހައަކަށް.... އަނގައަށްލާއިރު ފޮނިރަހައެއް ލާފާނެ... ނަމަވެސް ވިހައިން ކުރަންވީ އަސަރު ހަމަވަގުތުން ކުރާނެ. އެ ހުރިހާ އަނިޔާތައް ލިބިގެން ދެން ކަމެއް ނުވާކަމަށް ހަދާނީ ކިހިނެއްތަ މާސްޓަރްޖީ!"
"ކެނޑޭ ތަންތަންވެސް ފަސޭހަވޭ! ރަޖްނީ!" މިހެން ބުނުމުން އޭނާގެ ޖީބުން ނޫޓްތަކެއް ނަގާފައި ރަޖްނީގެ އަތަށްލާފައި ބުންޏެވެ. "ދީޕަކަށް ބޭސް ކޮށްދީ.... އެންމެ މޮޅު ޑަކްޓަރުންނަށް ދައްކާ … ކިތަންމެ ޚަރަދެއް ހިނގިނަމަވެސް އަހަރެންމިހިރީ އެޚަރަދުގައި ހިފަން..."
"އޯ... ތިޔަހެން ވިއްޔާ ތިއައީ އަގުދޭންތާ!" އެކަމަކު ދީޕަކްގެ ދިރިއުޅުމަކީ ވަރަށް އަގުބޮޑުއެއްޗެއް މާސްޓަރް ދީޕަކް ބަލައި ބޮޑުކުރަމުން މިގެންދަނީ އަހަރެން އަމިއްލަ ފަސްބައި އަންދައިގެން... ކަލޭ ކަހަލަ ކަރުދާހުގެ ނޫޓުކޮޅަކަށް އޭނާގެ އަގުދޭންކަމަށް ތިޔަ އުޅެނީ! އެއީ ވެވޭނެކަމެއްނޫން".
ރަޖްނީ ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ކަމަލްއާ ދިމާއަށް އޭނ ބަލަމުން ދިޔައީ ނަފްރަތުގެ ބެލުމަކުންނެވެ. އިރުކޮޅަކު އެހެންހުރެފައި އޭނާގެ އަތުތެރެއަށް ދެންމެ ކަމަލް ލީ ނޫޓްތައް ކަމަލްގެ މޫނުމައްޗަށް އުކާލިއެވެ. އަދި ރުޅިއައިސްފައިވާ އަޑަކުން ހަޅޭއްލަވައިގަތެވެ.
"މިތަނުން ދާންއުޅޭ.... މިބުނަނީނު...ހަމަމިހާރު މިތަނުންދޭ...."
ރަޖްނީ އެހާބޮޑަށް ރުޅިއައިސްފައި ހުއްޓާ ފެނުމުން ކަމަލް ބިރުގަންނަގޮތް ވެއްޖެއެވެ. އެހެން ކަމުން ބިންމައްޗަށް ވެއްޓިފައިވާ ނޫޓްތައް ހޮވާލައިގެން މަޑުމަޑުން ބޭރަށް ހިނގައްޖެއެވެ.
(ނުނިމޭ)
vvv.reethi