(6 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މޯތީ އަތުން ދުލެއްނުކުރިއެވެ. އަދި ގަދަކަމުން ގެންގޮސް އޮޓޯ ރެކްޝާއަށް އަރުވަން ފަށައިފިއެވެ. ކޮރުމީހާ ވަރަށް ބޮޑަށް ކަންބޮޑުވެއްޖެއެވެ.
"އޭ..އޭ.. ތިޔައުޅެނީ ކިހިނެއް ހަދަން..."
"މިއުޅެނީ ކަލޭ ދުބާއީ އަށް ގެންދަން...ކަލޭގެ ބޮޑުބޭބެގެ ދަރިފުޅުކައިރިއަށް..."
"އޭ..ސާރުދާރުޖީ. އަހަރެން ސަލާމަތްކޮށްދީ އަހަރެން ސަލާމަތްކޮށްދީ... " ކޮރުމީހާ އަޑުގެ ނެތްކޮޅަށް ހަޅޭއްލަވަން ފަށައިފިއެވެ.
"އޭ.. މަޑުން އިނދޭ" މޯތީ އޭނާގެ އަނގަމަތީގައި އަތް އަޅާފައި ބުންޏެވެ. ތިޔަ އުޅެނީ ހަލޭއްލަވައިގެން މީހުން އެއްކުރަން ކަމަށްތަ؟ ހަލޭއްލަވަންޏާ މިހާރު ސަލާމަތުން ހުރި ފައިވެސް ކޮރުކޮށްލަފާނަން..."
މޯތީ އަވަސް އަވަހަށް އޮޓޯ ރެކްޝާ ސްޓާޓްކޮށްލިއެވެ. އަދި މީހުންތައް އެއްނުވަނީސް ކޮރުމީޙާގެ އަތުގައި އޮތް ދަނޑިގަނޑު އޭނާގެ ކަރަށް ވައްޓާލައިގެން ރެކްޝާގެ ފަހަތުގައި ބައިންދައިގެން ދުއްވާލައިފިއެވެ. ކޮރުމީހާއަށް ގަދަ ދެއްކޭނެ ގޮތެއް ނުވިއެވެ.
"ނުލަފާ ކަލޭގެ އަތުވީ.. އެގަޑި މިވަގަށް ނަގާފައި އޮތް ގަޑިއެއްކަން ޔަޤީން..." ސާރުދާރުޖީ އަމިއްލަ އަމިއްލައަށް ބުނެލިއެވެ.
މޯތީ އޭނާގެ ރެކްޝާ ދިޔައީ ސީދާ ފުލުސް ސްޓޭޝަނަށެވެ. އެސަލާންޖަހާ ކޮރު މީހާ ގޮވައިގެން އިނިސްޕެކްޓަރު ދިލިޕްގެ ކުރިމައްޗަށް ދިއުމުން އިނިސްޕެކްޓަރް ޙައިރާންވެފައި އޭނާއާ ދިމާއަށް ބަލަން އިނެވެ.
"މާސްޓަރްޖީގެ ގަޑި ފެނިއްޖެ. އިނިސްޕެކްޓަރް ސާހަބް" މޯތީ އެހެން ބުނަމުން ކޮރުމީހާގެ އަތުގައި އޮތް ގަޑި އަތުލާފައި އިނިސްޕެކްޓަރް އަތަށް ދިއްކޮށްލިއެވެ.
ކޮރުމީހާ ދެއަތް ކައިރިކޮށްލާފައި އޭނާ ސަލާމަތަށްޓަކައި ކޮންމެވެސް އެއްޗެއް ބުނަން އުޅެން ފެށުމުން އިނިސްޕެކްޓަރް ދިޕލް ވަރަށް ބާރަށް ޝަޓަޕް އޭ ކިޔާފައި އޭނާ އާ ދިމާއަށް އެއްޗެތި ގޮވައިގަތެވެ.
"ބައްޕަގެ މުދަލޭ ހީކޮށް މިގަޑި ވަގަށް ގެންދިޔައީ ކީއްވެގެންތަ!"
"ބައްޕަގެ ފަރާތުން އަޅުގަނޑަށޑް އެއްވެސް އެއްޗެއް ނުލިބޭ ސާހިބާ..ތިޔަގަޑި އަޅުގަނޑަށް ލިބުނީ މަގުމަތީން" ކޮރުމީހާ ތުރުތުރު އަޅަމުން ބުންޏެވެ.
"ކަލޭވެސް ވާނީ މަގުމައްޗަށް ވެއްޓިފައި އޮއްވާ ކޮންމެވެސް މީހަކަށް ފެނުނު މީހަކަށް"
"ލައްބަ ސާހިބާ..ތިޔަ ބުނުއްވީ ހަމަރަނގަޅަށް..މިއީ ވަރަށް ނުލަފާ މީހެއް... ދުނިޔެއަށް އައީ އެއްފަޔާއެކު..." މޯތީ އިނިސްޕެކްޓަރަށް ތާއިދުކޮށްފައި ވާހަކަ ދައްކަން ފެއްޓިއެވެ.
"ޝަޓަޕް" އިނިސްޕެކްޓަރް މޯތީއާ ދިމާއަށް ވެސް ހަޅޭއްލަވައިގަތެވެ. އަދި އަނެއްކާވެސް ކޮރުމީހާއާ ދިމާއަށް ބުންޏެވެ. "ރަނގަޅަށް ބުނޭ ގަޑިވަގަށް ނެގި ކޮންތާކުން؟" އަޅުގަނޑަކީ ވަގެއްނޫން ސާހިބާ...އަޅުގަނޑާ ދިމާއަށް ވަގެކޭ ބުނުއްވާއިރު ކަލާ....."
ކޮރުމީހާގެ ވާހަކަ ފުރިހަމަ ނުވެގެން އުޅެނިކޮށް އޭނާގެ ކޮނޑުގައި އޮތް ކޮތަޅުގެ ތެރެއިން ސޯނާގަޑިއެއް ސޯނާވާން ފެށިއަޑު އިވިއްޖެއެވެ. ކޮރުމީހާ ހާސްވެފައި އަވަސް އަވަހަށް ކޮތަޅުތެރެއަށް އަތް ކޮށްޕާލައިގެން، އެގަޑީގެ ސޯނާވުން ހުއްޓާލެވޭތޯ އުޅުނެވެ. ނަމަވެސް އެވަގުތު އިނިސްޕެކްޓަރް ދިލިޕް ކޮންސްޓެބްލް ދާމޯދަރްއަށް ގޮވާލާފައި ބުންޏެވެ.
"ކޮންސްޓެބްލް..އެ ކޮތަޅު އޭނާއަތުން އަތުލާފާއި އޭގައި ހުރީ ކޮންއެއްޗިއްސެއްތޯ ބަލާބަލަ..."
"އަޅުގަނޑު އަމިއްލައަށް އެއްޗެހިތައް ނަގާދީފާނަން.. އަޅުގަނޑު އަމިއްލައަށްވެސް ނަގާދީފާނަން..ސާހަބް..." ކޮރުމީހާ ވަރަށް ކަންބޮޑުވާގޮތް ވެއްޖެއެވެ.
ކޮންސްޓެބްލް ކުރިޔަށް ޖެހިލާފައި ކޮރުމީހާގެ ކޮނޑުގައި، އަޅުވާފައި އޮތް ކޮތަޅު ނައްޓާލުމަށްފަހު އޭގެތެރޭގައި މޭޒުމަތީގައި ބަހައްޓާ ގަޑި،ޕޮކެޓް ރޭޑިއޯ، ޓޯޗް،ދަބަސް، ސިގިރޭޓް ލައިޓަރް، ސިނގިރޭޓްލާ ފޮށި ކަހަލަ އެތައް އެއްޗެއް ހިމެނެއެވެ. ކޮންސްޓެބްލް އެހުރިހާ އެއްޗެއް ނަގައި މޭޒުމަތީގައި އަތުރާލުމުން އިނިސްޕެކްޓަރް ދިލިޕް އެއެއްޗެތިތައް ބަލާފައި ކޮރުމީހާއާ ދިމާއަށް، ވަރަށް ބާރަށް ބުންޏެވެ.
"ބޭނުންވާނޭ ހުރިހާ އެއްޗެއް އެބަހުރިދޯ..... މިކޮންތާކުން ހޯދާފައިވާހުރި އެއްޗެއްސެއްތަ...؟" އިނިސްޕެކްޓަރް މިހެން ބުނުމާއެކު އޭނާ އެތެރޭގައި ހައްޔަރުކުރުމަށް ކޮންސްޓެބްލްއަށް އަންގައިފިއެވެ. އަދި މޯތީއާ ދިމާއަށް ބަލާލާފައި ބުންޏެވެ.
"ކަލޭ މިތާ ކޮޅަށް ޖެހިފައި ތިޔަހުރީ ކީއްވެފާތަ؟"
"އިށީންނަންވީތޯ..." މޯތީ މޭޒުކައިރީގައި ހުރި އަދަރާދަ ގޮނޑިއާ ދިމާއަށް އިނގިލި ދިއްކޮށްލާފައި ބުންޏެވެ.
"ކަލޭވެސް އެތެރޭގައި ބަންދުވާން ބޭނުންވަނީތަ؟"
"އަޅުގަނޑު ކުރީ ކީއްތޯ! ވަގުން ހިފާ މީޙުންނަށް ފުލުހުންގެ ފަރާތުން ހަދިޔާ ނުވަތަ އިނާމު ލިބޭވާހަކަ އަޅުގަނޑު އަޑުއަހަން..."
"އަންހެން ކުދިންގެ ވިޔަފާރި ރަނގަޅަށް ހިނގައެއްނު. މައްސަލަ ނިމޭނީ ކޯޓަށް ފޮނުވައިގެން... ހަދިޔާ ލިބޭނީ ކޯޓްގެ މައްސަލަ ނިމިގެން..."
އިނިސްޕެކްޓަރް ރުޅިއައިސްފައި އިންތަން ފެނިފައި މޯތީ އަވަސް އަވަހަށް އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
ކަމަލް ސްކޫލުން ނިމިގެން ކްރިޝްނާ ލޮޖަށް އެނބުރި އައިސް އޭނާގެ ކޮޓަރީގައި ސައިބޯން އިންދާ އިނިސްޕެކްޓަރް ދިލިޕް އެތަނަށް އަތުވެއްޖެއެވެ. އޭނާ ކޮޓަރިއަށްވަނީ ދޮރުގައި ޓަކިވެސް ޖަހާ ނުލައެވެ. އިނިސްޕެކްޓަރް ވަންނަތަން ފެނުމާއެކު ކަމަލްއަށް ލިބިފައިވާ ވަރުބަލިކަންވެސް ފިލައިގެން ދިޔަކަހަލައެވެ. އަވަސް އަވަހަށް އޭނާގެ އިސްތިޤްބާލް ކުރަމުން ބުންޏެވެ.
"ދިލިޕް... އާދޭ.. އާދޭ..."
"ކަލޭގެ ގަޑި ލިބިއްޖެ... ކަމަލް!" ކޮރުމިހާ އަތުން ލިބުނުގަޑި އިނިސްޕެކްޓަރުގެ ޖީބުން ނަގާފައި ކަމަލްގެ އަތަށް ދިއްކޮށްލަމުން ދިލިޕް ބުންޏެވެ. ކަމަލް ގަޑި ލިބިގެން އުފަލުގައި އަވަސް އަވަހަށް ދިލިޕްއަތުން އެގަޑި އަތުލިއެވެ.
"މީހަމަ އެގަޑިދޯ!" ދިލިޕް އަހާލިއެވެ.
"އާނ..މީ ހަމައެގަޑި އަހަރެންގެ ގަޑި ކަމަލް ގަޑިއަށް ބަލާލާފައި ބުންޏެވެ. "އެކަމަކު މިގަޑި ލިބުނީ ކޮންތާކުން...؟"
"އެއްކަލަ ސަލާންޖަހާ ކޮރުމީހާގެ އަތުން .. މިގަޑި ވަގަށްނެގީ އޭނާ"
"އޭނާ މިވީ ފައްކާ ވަގަކަށްތާ؟
ކަމަލް ޙައިރާން ވެލާފައި ބުންޏެވެ. ނަމަވެސް ހަމަ ވަގުތުން އެނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި ހިތްދަތިވާކަހަލަ ގޮތެއް ވެގެން އޭނާގެ ގަޑި މޭޒުމަތީގައި ބާއްވާފައި ބުންޏެވެ.
(ނުނިމޭ)