އެމްއެމްޕީއާރްސީގެ ޚިޔާނާތް އުފަންވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ދަރަނި ދެއްކުމުގެ ތެރެއިން: ނާޒިމް

އެމްއެމްޕީއާރްސީގެ ޚިޔާނާތް އުފަންވީ ވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ދަރަނި ދެއްކުމުގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވ. އާރަށް ތަރައްޤީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައެވެ.

މިއަދުގެ އަޑު އެހުމުގައި ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ މުޅި މައްސަލައަކީ ރޭވިގެން ހިންގާފައިވާ ބޮޑު ސްކޭމެއް ކަމަށެވެ. އަދި އޭނާގެ ހާޒިރުގައި ރައީސް ޔާމީން އޭރު ދިރިއުޅުއްވި ގެކޮޅު ގ. ދޫވެއްސަށް އަދީބު، 15 މިލިއަން ރުފިޔާ ގެނެސްދިން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އާންމުކޮށް ފައިސާ ހޯދަނީ ޗެކުން. އެއީވެސް މަގްބޫލު ވިޔަފާރިވެރިއެއްގެ އަތުން ހޯދި ޗެކެއް." ނާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެއީކޮން ވިޔަފާރިވެރިއެއް ކަމެއް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ހިއްސާކުރައްވާފައެއް ނުވެއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ފައިސާގެ ކަންކަމުގައި އުޅުނީ ވަކިބައެއް ކަމަށެވެ. އޭގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވީ އަހުމަދު އަދީބާއި މޫސާ ޒަމީރާއި މަރުހޫމް މުހައްމަދު މަނިކު ކަމަށް ނާޒިމު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.