ޔާމީން ރަޝީދު އެމްޓީޑީއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު އެމްޓީޑީއަށް ސޮއި ކުރައްވައިފިއެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަކީ ފިޔަވާރިވެރިންގެ ޖަމްޢިއްޔާގެ ނާއިބު ރައީސް އިސްމާޢީލް ޢާސިމް އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެކެވެ.

އެޕާޓީއަށް ޔާމީން ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ އެމްޓީޑީގެ އޮފީހުގައެވެ. ޔާމީނަކީ އެމްޑީޕީގެ ޓިކެޓުގައި ވެލިދޫދާއިރާއަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ. ފަހުން ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

އޭނާ ޕީޕީއެމް ދޫކުރައްވައި އެމްޑީޓީއާ ގުޅިވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުތާ މާދުވަހެއް ނުވަނީސްއެވެ. އެމްޑީޓީއަށް ސޮއި ކުރެއްވުމަށްފަހު އޭނާ ވިދާޅުވީ ޕީޕީއެމް ދޫކޮށްލެއްވީ އެޕާޓީގެ މުސްތަޤުބަލެއް މިހާރުނެތުމުން ކަމަށެވެ.

މެމްބަރު ޔާމީން ޕީޕީއެމްގައި އުޅުއްވިއިރު ރައީސް ޔާމީންގެ ސަރުކާރު ދިފާޢުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ. އޭގެ ސަބަބުން އޭނާވަނީ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅަކަށް ވެފައެވެ. އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވެލިދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް ޕީޕީއެމްއިން ވަނީ ޕްރައިމަރީއަކާ ނުލައި އޭނާއަށް ޓިކެޓް ވެސް ދެއްވައިފައެވެ. އެހެންނަމަވެސް އޭނާ މިހާރު ވިދާޅުވެފައިވަނީ ވެލިދޫދާއިރާއަށް ކުރިމަތި ނުލައްވާނެ ކަމަށެވެ. ކުރިމަތި ލައްވާނެ ދާއިރާ ފަހުން އިޢުލާން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.