މައްސަލަތައް ލަސްވުމުން، އިޖްތިމާޢީ ޢަދާލަތަށް ހުރަސް އެޅުން

ޤައުމެއްގައި ޢަދްލު އިންސާފު ޤާއިމްކުރެވިފައި ނެތަމަ، އެތަނެއްގައި ސުލްޙަ މަސްލަޙަތެއް ނޯންނާނެއެވެ. އިންސާފު ޤާއިމްކުރުން ލަސްވުމަކީވެސް، އިންސާފު ޤާއިމްކުރެވިފައި ނެތުމުގެ ހެއްކެކެވެ. ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުހިނގައި، ތާވަލުނުކޮށް ލަސްވެދިއުމަކީވެސް އިންސާފު ލިބުމަށް ހުރަސްއެޅޭ ކަމެކެވެ. ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް، ވީއެންމެ އަވަސް ފުރުޞަތެއްގައި ހިންގައި ނިންމައި އިންސާފު ޤާއިމްކޮށްދިނުމަކީ، ޝަރުޢީ ނިޒާމުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެކެވެ. މައްސަލަތައް ނިންމުމަށް ދިމާވާ ގޮންޖެހުންތަކަކީ، ޝާރުޢީ ނިޒާމުގެ ތެރެއިން ޙައްލުކުރަންޖެހޭ ކަމެކެވެ. ޝަރީޢަތަށް ހުށަހެޅޭ ބައެއް މައްސަލަ ނިމުން އަވަސްވެ، ބައެއް މައްސަލަ ނިމުން ލަސްވުމަކީ، ރައްޔިތުންގެ މެދުގައި ޝަރުޢީ ނިޒާމުގެ އިތުބާރު ގެއްލިގެން ދާނެ ކަމެކެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމުން މަދުން ނަމަވެސް އިޞްލާޙީ ބަދަލުތަކެއް ފެންނަމުންދިޔަނަމަވެސް، ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ނުފެނެއެވެ. އަބަދުވެސް އަޑުއިވެނީ، އެތައް އަހަރެއްވީ މައްސަލަތައް ތާވަލުނުކުރެވި ހުންނަ ވާހަކައެވެ. ނިންމާ ބައެއް މައްސަލަތަކުގައި އިޖުރާޢަތާ ގުޅުންހުރި ކަންކަމާއި ތަޙުޤީޤީ މައްސަލަތައް ހުރުމާ އަދި ދަޢުވާ އުފުލާފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަމުގައި ހުންނަ އުނިކަންކަމުގެ ތެރެއިން، އިންސާފުގެ މަގުގައި ޢާންމު ބުއްދިޔަށް ޤަބޫލުނުކުރެވޭފަދަ ޙުކުމްތައް އިއްވޭ ވާހަކައެވެ. ކޯޓަކުން ނިޔާ އިއްވާނީ ދެފަރާތުގެ ވާހަކަޔާއި ބަޔާންތަކާއި ހެކީގެ މައްޗަށް ބަލާފައެވެ. އެކަންކަމުގައި ދެކޮޅުނުޖެހޭ ކަންކަން ހުރެއްޖެނަމަ، ކޯޓުގެ މައްސަލައެއް ނެތެވެ. އެހެންނަމަވެސް، އެކަމުގައި ޝަރުޢީ ނިޒާމުގައި މައްސަލަ އެބަހުއްޓެވެ. ކޮންމެ ސަބަބަކާ ހުރެނަމަވެސް، ޢާންމު ބުއްދިޔަށް ޤަބޫލުކުރަން އުނދަގޫ ނިޔާއަކީ، ބަލައިގަންނަން އެހައި ފަސޭހަ އެއްޗަކަށް ނުވެހިނގައިދާނެއެވެ. ކޯޓުގައި ގިނަދުވަހު ބާއްވާފައި އިއްވާ ނިޔާއަކީވެސް އެފަދަ އެއްޗެކެވެ. އެފަދަ ނިޔާއަކީ، ދަޢުވާ ކުރާ ފަރާތާއި ދަޢުވާލިބޭފަރާތާ ދެފަރާތުންކުރެ އެއްފަރާތަކަށް ލިބޭ ބޭއިންސާފެކެވެ. އެއަކަށް، ހަމަހަމަ، ޝަރުޢީ އިންސާފެކޭ ނުކިޔާނެއެވެ.

ޢަދްލު އިންސާފެއްނެތް އިޖްތިމާޢީ ޢަދާލަތަކީ، ގަޑިކަނޑައެޅިފައި ނެތް ބޮމެއްފަދަ އެއްޗެކެވެ. އެއާ ކުޅެނިކޮށް، ކޮންމެ އިރެއްގައިވެސް ގޮވާފާނެއެވެ. އަދި ޖަމާޢަތުގެ އެތައްބަޔަކަށް އޭގެ ގެއްލުން ލިބިގެން ހިނގައިދާނެއެވެ.

ކޯޓެއްގައި ޝަރުޢީ ޙުކުމަކާހަމަޔަށް މައްސަލައެއް ގެންދިއުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖްރާޢަތްތަކުގެ މަސްހުނިކަން ފައުޅުވެގެންދިޔަ އެއްމައްސަލަޔަކީ، ކްރިމިނަލް ކޯޓުން، ޖެނުއަރީމަހުގެ 19 ވަނަދުވަހު، އިއްވާފައިވާ ޙުކުމާގުޅިފައިވާ ކަންކަމެވެ. ޙުކުމް އިއްވެވުމަށް ފަނޑިޔާރު ގެންގުޅުއްވީ 120 ޞަފުޙާގެ ފޮތެކެވެ. އެމައްސަލަޔަކީ، މީގެ 4 އަހަރާއި 8 މަސްދުވަސްކުރިން ހިނގާފައިވާ މަރުގެ މައްސަލަޔެކެވެ. 2017 ވަނައަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ހިނގާފައިވާ،  ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ. 5 މަސްދުވަހުގެ ތަޙުޤީޤަކަށްފަހު، އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވަނީ، އެއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. 2017 ގައި ކޯޓަށް ހުށަހެޅުނު މައްސަލައެއް، 2022 ގައި، 4 އަހަރާއި 8 މަސްދުވަސްފަހުން ނިމިގެންދިޔައީ، ޝަރުޢީ ނިޒާމާއި ތަޙުޤީޤީ ނިޒާމާމެދު އެތައް ސުއާލުތަކެއް އުފައްދާފައެވެ. މިސުއާލުތައް އުފައްދާ ކަންކަން ފާހަގަކުރީ ޢާންމު ރައްޔިތުންނެއްނޫނެވެ. ޚުދު، ކޯޓުގެ ޙުކުމުގެ ތެރޭގައެވެ. މައްސަލައިގެ ތަޙުޤީޤު ކުރިޔަށް ގެންދިއުމުގައި ހުރި ދެކޮޅުނުޖެހޭ އަދި ފުރިހަމަނޫން ކަންކަމާއި ދައުލަތަށް އަމާޒުވެފައިހުރި އެތައް ނުކުތާއެއް، 10 ވަރަކަށް ގަޑިއިރުގެ މަސައްކަތުން އިއްވުނު 120 ޞަފުޙާގެ ޙުކުމުގައި، ޝަރީޢަތުންވެސް ފާހަގަކޮށްފައި ވެއެވެ. ތަޙުޤީޤާއި ޝަރުޢީ ނިޒާމަށް، ރައްޔިތުންގެ މާލިއްޔާއިން، އެތައްބިލިއަން ރުފިޔާއެއް ޚަރަދުކުރެވޭއިރު، ރައްޔިތުން ސުއާލުނުއުފައްދާ ވަރުގެ އިޖްތިމާޢީ ޢަދްލުގެ ނިޒާމެއް ޤާއިމް ކުރެވެން ޖެހެއެވެ. އެކަން ނުކުރެވޭނަމަ، ރައްޔިތުން ކަންބޮޑުވާނެއެވެ. ސުއާލު އުފައްދާނެއެވެ. އެއީ ދައުލަތްކަމަށްވިޔަސް، ޤާޒީންކަމަށް ވިޔަސް އަދި ފުލުހުންކަމަށްވިޔަސް، ޤާނޫނީ ދިފާޢީ ވަކީލުންކަމަށްވިޔަސް، މައްސަލަތަކުގައި އަދި ޙުކުމްތަކުގައި ހުންނަ އުނިކަންކަމުން ރައްޔިތުންނަށް ލިބޭ ހާސްކަމަކީ، އިޖްތިމާޢީ ޢަދާލަތަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމެކެވެ.

ކޯޓުތަކުން އަވަސް ޙުކުމްތައްވެސް ކުރެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް އެމައްސަލަތަކާއި ޙުކުމްތަކަކީ، ސުއާލުތައް ގިނަ މަސްހުނި މައްސަލަތަކެކެވެ. ރޭގަނޑު ދަންވަރު ކޯޓު ހުޅުވައިގެންނާއި، އިރުއިރުކޮޅުން ޝަރީޢަތުގެ މަޖިލިސް ބާއްވައިގެން ނިންމި މައްސަލަތަކެއްގެ ހަނދާންތައް ދިވެހިންގެ ހިތުން ފިލައިގެން ހިނގައިދާނެކަމަކަށް ނުފެނެއެވެ. ސިޔާސީ ޙުކުމްތަކެއްގެ ގޮތުގައި ބެލެވި، ޙުކުމްތައް ކުރި ޤާޒީން ވަކިކުރެވިގެންދިޔަ ދުވަސްވަރެއްވެސް ތާރީޚުން ފެންނަން އެބައޮތެވެ.

ކީރިތި ޤުރުއާނުގެ އައްނިސާ ސޫރަތުގެ 135 ވަނަ އާޔަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޢަދްލު އިންސާފު ޤާއިމްކުރުމުގައި ދެމިތިބޭ ބަޔަކުކަމުގައި ވާށެވެ! (އަދި) ﷲ އަށްޓަކައި، ހެކިބަސްއަދާކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށްކަމުގައި ވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެމީހުންގެ މައްޗަށްކަމުގައިވިޔަސް މެއެވެ. އެމީހަކީ، (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭމީހަކީ) މުއްސަންޖަކުކަމުގައި، ނުވަތަ ފަޤީރަކުކަމުގައި ވިޔަސް، ފަހެ އެދެމީހުންނަށްމެ، ﷲ އަވްލާކަން ބޮޑެވެ. ތިޔަބައިމީހުން ޢަދްލުވެރިވުންދޫކޮށް، އަމިއްލަ އެދުމަށް ތަބާނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ޢަމަލުތައް، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”

ކުށުގެވެށިން ހައްޔަރުވެ ކޯޓުތަކަށްވެއްދޭ މީހުންކުރެ، އަނެއްދޮރުން ނުކުމެގެންދާ މީހުންގެ ތެރޭގައި،  މަރާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝައްކުވެ ހައްޔަރުކުރެވޭ މީހުންގިނައެވެ. އެފަދަމީހުންގެ ފަރާތުން ޖަމާޢަތަށް އޮންނަ ނުރައްކަލަކީ، ވަކިން ކުޑަ ނުރައްކަލެއްނޫނެވެ. ހަމައެފަދައިން، މީހުންގެ މަރާގުޅިގެން ހައްޔަރުކުރެވޭ މީހުންކުރެ، ޝާރީޢަތުން ސަލާމަތްވެގެން ނުކުމެގެންދާ މީހުންނަކީވެސް ވަކި ސަހަލުބައެއްނޫނެވެ. ކުށުގެ ވެށިން ހައްޔަރުކުރެވޭ ކޮންމެ މީހަކީ ކުށްވެރިޔަކަށްނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް، ކުށުގެ ވެށީގައި އުޅޭ ގިނަމީހުންނަކީ އެބަޔެއްގެ ފަރާތުން، ޖަމާޢަތުގެ މަޞްލަޙަތާއި ސަލާމަތަށް ނުރައްކާނެތް ބަޔެކޭ ނުދެންނެވޭނެއެވެ. އެހެނީ، އެފަދަ ގިނަމީހުންނަކީ، ކުށުގެ ރިކޯޑު އޮންނަ އަދި ގިނަގިނައިން ކުށްކޮށްއުޅޭމީހުންކަން ފާހަގަ ކުރެވިފައި އޮވެއެވެ. އެފަދަމީސްމީހުންގެ މައްސަލަތަކުގައި، ބޮޑުއަގުކިޔައި، ދިފާޢީވަކީލުން ވަކާލާތުކޮށް، ފަނޑިޔާރުގެއިން އެމީހުން ނެރެ އަނެއްކާވެސް، ޖަމާޢަތުގެ ތެރެޔަށް ދޫވެގެންދާގޮތް މެދުވަރިވަނީކީ މަދެއްކޮށެއްނޫނެވެ. މިއީވެސް އިޖްތިމާޢީ ޢަދާލަތު ދެމެހެއްޓުމަށް ހުރަސްއެޅިގެންދާ ކަމެކެވެ. ތަޙުޤީޤުގެ ދޯހަޅިކަމުން، ދިފާޢީ ވަކީލުންގެ މޮޅުކަމުން، ޝަރީޢަތުން ސަލާމަތްވެގެންދާ މީހުންވެސް މަދެއްނޫނެވެ.

ޙައްޤަށް ނަޞްރުދީ، ޢަދްލު އިންޞާފު ޤާއިމްކުރުމަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ، ކީރިތި ޤުރުއާނުގައި އަންގަވައި، އިންސާނުންނަށް މަގުދައްކަވައި އިންޒާރުދެއްވާފައެވެ. އެއީ އިންސާނާ ޚަލްޤުކުރެއްވި، ﷲ ސުންޙާނަހޫ ވަތަޢާލާގެ އަމުރުފުޅެވެ. ކީރިތި ޤުރުއާނުގެ އައްނިސާ ސޫރަތުގެ 58 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

“ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ތިޔަބައިމީހުންނަށް، ﷲ އަމުރުކުރައްވައެވެ. އަދި، މީސްތަކުނެގެ މެދުގައި ތިޔަބައިމީހުން، ޙުކުމްކުރާނަމަ، ޢަދްލަށް ޙުކުމްކުރުމަށްވެސް، އަމުރު ކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެކަމާމެދު، ތިޔަބައިމީހުންނަށް އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާ ވޮޑިގެންވާ، ކަލަކުކަމުގައި ވެއެވެ.”

ޢަދްލުވެރި ޙާކިމުންނަކީ، ﷲ ގެ ޙަޟުރަތުން އެކަލާނގެ ރަޙުމަތާއި ލޯބި ޙައްޤުވެގެންވާ ބަޔެކެވެ. ޢަދްލުވެރިންދެކެ އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. އެކަން ކީރިތި ޤުރުއާނުގެ އަލްޙުޖްރާތު ސޫރަތުގެ  9 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި އެބައޮތެވެ.

އަދިހަމައެފަދައިން، ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 8 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށްޓަކައި އެކަލާނގެ ޙައްޤުފުޅުތައް ފުރިހަމަޔަށް ޤާއިމްކުރާ، އަދި ޢަދްލަށް ހެކިދޭބަޔަކުކަމުގައި ވާށެވެ! އަދި، ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދްލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއްކަމުގައި ނަހަދާށެވެ! އެގޮތް، ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި، ތިޔަބައިމީހުން، ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބއިމީހުންކުރާ ޢަމަލުތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“

މާތްވެގެންވާ އިސްލާމްދީނަކީ، އިންސާނާ ދިރިއުޅުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވައި ބަޔާންކުރައްވާފައި އޮތް އެންމެ މާތް ގޮތެވެ. އޭގެ ތެރޭގައި އިންސާނާ ކުރާ ކޮންމެ މުޢާމަލާތެއްގައިވެސް، އެކަލާނގެއަށް ތަޤްވާވެރިވެ، ޙައްޤަށް ނަޞްރުދީ ޢަދްލުވެރިވުމަށް ބާރުއަޅުއްވާފައި ވެއެވެ. ބާރާ، މުދަލާ އަދި ފައިސާއަށް ހެއްލި ދުނިޔޭގެ މާއްދީ ފައިދާތަކުގެ އަޅަކަށްވެ، ﷲ އަންގަވާފައިވާ މަގުން ކައްސާލައިގެން ދިއުމީ ދެދުނިޔެއިން ގެއްލިދިއުމެވެ. އިންސާނާ މިދުނިޔެމައްޗަށް ފޮނުއްވުމުގެ މަޤްޞަދު އެހިސާބުން އެގެއްލެނީއެވެ. އެހެނީ، އިންސާނާ ދުނިޔޭގައި ދެމިހުންނަނީ، ޢާޚިރަތަށް ކުރާ ދަތުރުގައި އެކަމަށް މަގުފަހިކޮށް، އާޚިރަތަށް ދިއުމުގެކުރިން، ހެޔޮ ޢަމަލުކޮށް، ހެޔޮޢަމަލުގެ ތިލަފަތް ބަރުކޮށް، ހެޔޮޢަމަލުގެ ފަތް ހިފައިގެން ދިއުމަށެވެ. ހިތުހުރިގޮތަކަށް ދުނިޔޭގައި އުޅެ، ﷲ ގެ ޙަޟުރަތަށް ދިއުމަކަށް ނޫނެވެ. ޤާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެކަމުގައި، އަދި ވަކިބަޔަކަށް އިޝާރާތްކޮށް، އެބަޔަކާ ޤާނޫނު އަރާހަމަކުރާނެކަމުގައި، ސިޔާސީ މީހުން ވެރިކަމަށް އަންނަންކުރާ ދަޢުވާގައި އަޑު އުފުލައެވެ. އެހެނަސް، ވެރިކަން ލިބުމަށްފަހު، އެކަން ހަނދާނުން ފުހެލައެވެ. ވެރިކަމަށް އަންނަނީ ބާރާއި ފައިސާ ހޯދުމަށެވެ. އޭގައި އަތްލަން ފުރުޞަތު ލިބޭހިނދު، ދުނިޔެ ރަންވެ ހޭބުއްދިފިލައި ދެއެވެ. އަނިޔާވެރިކަން އިސްކޮށް، ރައްޔިތުންގެ ފައިސާއިން ޖީބުފުރާލައެވެ. އެފައިސާއާއި މުދަލަކީ، މަރުވީމަ ސަންދޯކަށްލައިގެން ގެންދެވޭނެ އެއްޗެއްނޫންކަން ހަނދާނެއް ނުހުރެއެވެ.

އެއްވެސް އިންސާނަކަށް، އަނެއް އިންސާނާއަށް ދެރަގޮތެއް ހަދާކަށް އަމުރެއް ނުކުރެވޭނެއެވެ. އެއްވެސް ވަކީލަކަށް، ކިތަންމެ ފައިސާއެއް ލިބުނަސް، އަނެއްމީހާއަށް ބޭއިންސާފު ނިޔާއެއް އިއްވަން ވަކާލާތެއް ނުކުރެވޭނެއެވެ. އެއްވެސް ޤާޒީއަކަށް، އޭނާގެ އަމިއްލަ ނަފްސު ޤަބޫލުކުރާ ޢަދްލުވެރި ޙުކުމެއްނޫނީ ކުރެވިގެން ނުވާނެއެވެ. އެއްވެސް ތަޙުޤީޤެއްގައި، ވަކިފަރާތަކަށް ބުރަވާގޮތަށް އެތަޙުޤީޤެއްގެ އަޞްލު އޮޅުވާލެވިގެން ނުވާނެއެވެ. އެއްވެސް އިންސާނަކަށް ޙައްޤުނޫން ދަޢުވާއެއް ކުރެވިގެން ނުވާނެއެވެ. އެއްވެސް ދަޢުވާއެއް ލަސްކޮށް، ދަޢުވާގައި ޝާމިލްވާ ބައެއްގެ ޙައްޤުތައް ގެއްލި، ޢަދްލުވެރި ޙުކުމެއްކުރަން އޮންނަ ފުރުޞަތު ގެއްލިގެން ގޮސްގެން ނުވާނެއެވެ. ވެރިކަމާއި ދައުލަތާ އަދި ޝަރީޢަތަކީ، އިޖްތިމާޢީ ޢަދާލަތު ޤާއިމްކުރުމަށް އުފަންކުރެވޭ ތިން ނިޒާމެކެވެ. މިތިންބާރުގައިހުރި އުނިކަންކަމުގެ ތެރެއިން އެއްކުރެވޭ މަޖިލީހަކުން ބަހުސްކޮށް، ޢަދްލުވެރި ނިޔާއެއް ނީއްވޭނަމަ، އިޖްތިމާޢީ ޢަދާލަތެއްގެ ކަށަވަރުކަމެއް ނޯންނާނެއެވެ. ޤަބޫލުކުރަން ފަސޭހަނޫންކަމަށްވިޔަސް، ފުންކޮށްވިސްނައި ފިކުރުކޮށްފިނަމަ، ރާއްޖޭގެ ޢަދްލުގެ ނިޒާމުގައި މިއަދުގެ ޙާލަތަކީ މިއީކަމަށް ވެދާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.