ނިއުކުލިޔާ ހަނގުރާމައެއް ދުވަހަކުވެސް ކުރެވިގެން ނުވާނެ: ޕުޓިން

ނިއުކުލިޔާ ހަނގުރާމައެއްގައި އެއްވެސް ބަޔަކު މޮޅުނުވާނެކަމަށާއި، އެފަދަ ހަނގުރާމައެއް ދުވހަކުވެސް ކުރެވިގެން ނުވާނެކަމަށް ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ނިއުކުލިޔާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ އެއްބަސްވުން، ނިއުކްލިޔަރ ނޮން ޕްލޮރިފަރޭޝަން ޓްރީޓީ (އެންޕީޓީ) މުރާޖައާކުރަން ބާއްވާ ދިހަވަނަ ބައްދަލުވުގެ ބައިވެރިންނަށް ފޮނުއްވި ސިޓީފުޅެއްގައެވެ. އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ މައި މަރުކަޒުގައި ކުރިއަށް ދާ މި ބައްދަލުވުމަށް ފޮނުއްވި ސިޓީފުޅުގައި ރައީސު ޕުޓިން ވަނި ރަޝިޔާ އިން އެ އެއްބަސްވުމަށް ފުރިހަމައަށް އިހުތިރާމުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އަހަރުމެން ކުރިއަށް ދަނީ ނިއުކުލިޔާ ހަނގުރާމައެއްގައި މޮޅުވާ ފަރާތެއް ނުވާނެކަމަށާއި، އެފަދަ ހަނގުރާމައެއް ހިނގައިގެން ނުވާނެކަމަށް ގަބޫލުކޮށްގެން. އަހަރުމެނ ތާއީދުކުރާ އުސޫލަކީ ބައިބައިނުވެވޭނޭ ހަމަހަމަ ރައްކާތެރިކަން ބައިނަލް އަގުވާމީ މުޖުތަމައުގެ އެންމެންނަށް ލިބުން." ޕުޓިން ވިދާޅުވެފައި ވެއެވެ.

ނިއުކުލިޔާ ހަނގުރާމައެއް ފެށިދާނެ ކަމާމެދު ދުނިޔޭގައި އުފެދިފައިވާ ކަންބޮޑުވުން ވަނީ ފާއިތުވި ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަފެށިހުން އިތުރުގެން ގޮސްފައެވެ. އޭރު ދެއްކެވި ވާހަކަފުޅެއްގައި ރައީސު ޕުޓިން ވަނީ ނިއުކުލިޔާ ހަތިޔާރަށް އިޝާރާތްކުރައްވާފައެވެ. އަދި ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ބޭރުގެ ބާރުތަކަށް އިންޒާރުދެއްވާފައެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ރައީސު ޕުޓިން ވަނީ ރަޝިޔާގެ ނިއުކުލިޔާ ހަތިޔާރު ތައްޔާރީ ހާލަތަށް ގެންނަވާފައެވެ.

ރައީސު ޕުޓިން މި މޭރުމުން ވާހަކުފުޅު ދައްކަވައި، އަމަލުކުރެއްވުމާ ގުޅިގެން އެމެރިކާއާއި، އިނގިރޭސިވިލާތާއި، ފްރާންސުން ވަނީ ނިއުކުލާ ހަތިޔާރު ހަނގުރާމައިގެ ހާލަތަށް ގެނައުމާ ބެހޭގޮތުން "ޒިންމާދާރުކަމެއް ނެތް ނުރައްކާތެރި" ވާހަކަފުދައްކަވާތީ ޕުޓިންއާމެދު ނުރުހުން ފާޅުކޮށްފައެވެ.

ގައުމުގެ ދެމިއޮތުމަށް ނުރައްކާވާ ހާލަތެއްގައި ނިއުކުލިޔާ ހަތިޔާރު ބޭނުންކުރުން، ރަޝިޔާގެ އަސްކަރިއްޔާގެ އުސޫލުތަކުން ހުއްދަކުރާއިރު، އެ ގައުމުން ވަނީ ހުޅަނގުގެ ގައުމުތަކުން ނުސީދާކޮށް އެ ގައުމާ ހަނގުރާމަކުރަމުން ދާކަމުގެ ތުހުމަތުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.