ރަޝިޔާގެ ނިއުކުލިޔާ ބާރުތަކުން އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

ރަޝިޔާގެ އަސްކަރިއްޔާގެ އިސްތިރާތީޖީ ނިއުކުލިޔާ ބާރުތަކުން، އެބާރުތަކުގެ ކުޅަދާނަކަން ބަލައިލުމުގެ ތަމްރީނުތަކެއް އިއްޔެ ބާއްވައިފިއެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި ރައީސު އަދި އަސްކަރީ ބާރުތަކުގެ ސުޕްރީމް ކޮމާންޑާ އިން ޗީފް ވްލާޑިމީރް ޕުޓިންގެ އެންގެވުމަށް ބޭއްވި މި ތަމްރީނުތަކުގައި، ބްރެންޓް ކަނޑާއި އޮޚޯސްޓް ކަނޑުގައި މަރުކަޒުކުރެވިވިފައިވާ ނިއުކުލިޔާ ސަބްމެރީންތަކުން ބެލިސްޓިކް މިސައިލް ފޮނުވާފައި ވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ހުރިހާ މިސަލެއްވެސް ވަނީ ތަމްރީނުތަކުގައި އެއަށް ކަނޑައެޅުނު އަމާޒަށް ވާސިލުވެފައެވެ. އަދިވެސް އެ މިނިސްޓްރީން ބުނި ގޮތުގައި ރަޝިޔާގެ ކުރިއަށް އިންޒާރުދޭ ސިސްޓަމްތަކުން ވަނީ ހުރިހާ މިސައިލްތަކެެއް ދެނެގެންފައެވެ.

ރަޝިޔާ ދުރު ރާސްތާގެ އަސްކަރީ މަތިންދާބޯޓުތައްވެސް ވަނީ މި ތަމްރީނުތަކުގައި ބައިވެރިވެ، ކަނޑައެޅިފައިވާ އަމާޒުތަކަށް ޖައްވުން ބިމަށް ފޮނުވޭ މިސައިލް ފޮނުވާފައެވެ.

"ސަބްމެރީންތަކުން ބެލިސްޓިކް މިސައިލް ފޮނުވާފައިވެއެވެ. އަދި ބެރެންޓް ކަނޑާއި އޮޚޮސްޓް ކަނޑުމަތީގައި މަތިންދާބޯޓުތަކުން ވައިގެ ތެރެއިން ހަމަލާދެވޭ ކްރޫޒް މިސައިލްވެސް ފޮނުވާފައި ވެއެވެ. މި މަތިންދާބޯޓުތަކުގެ ތެރޭގައި އެންގެލްސް، ޔުކްރައިންކާ އަދި ޝައިކޮވްކާ ވައިގެ މަރުކަޒުތަކުން އުދުއްސާލި ދުރު ރާސްތާގެ މަތިންދާބޯޓުތައްވެސް ހިމެނެއެވެ." ރަޝިޔާގެ ޑިފްންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެެއެވެ.

މި ތަމްރީނުތައް ބާއްވާފައި މިވަނީ ފާއިތުވި ސެޕްޓެންބަރު  12 އިން 17 އަށް 'ވޮސްޓޮކް 2018 (އިރުމަތި 2018) ގެ ނަމުގައި 3 ލައްކައަށްވުރެ ގިނަ ސިފައިނާ، އެތައް ހާސް އަސްކަރީ އުޅަނދަކާ، އެތައެް ސަތޭކަ މަތިންދާބޯޓާއެކު ބިޔަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައި ވަނިކޮށެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީން އެ ތަމްރީނުތައް ސިފަކުރީ ދެވަނަ ބޮޑު ހަނގުުރާމައަށް ފަހު ބޭއެްެވެ އެންމެ ބޮޑު އަސްކަރީ ތަމްރީނުގެ ގޮތުގައެވެ. އެ ތަމްރީނުތަކުގައި ޗައިނާއާއި މޮންގޯލިޔާގެ ސިފައިންވެސް ބައިވެރިވިއެވެ.

ނޭޓޯ އިން ރަޝިޔާ ފަހަކަށް އައިސް ބާއްވާމުންދާ އަސްކަރީ ތަމްރީނުތައް ސިފަކޮށްފައި ވަނީ "ފުޅާ ދާއިރާއެއްގައި ހަނގުރާމަކުރުމަށް ކުރެވޭ ރިހާސަލެއެްގެ ގޮތުގައެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.