(20 ޖުލައި 2022 ގެ ބަޔާ ގުޅޭ)
އަލްޖާފީ ވާދީ
ސަހަރާގެ ސާފުވައިންނާއި ދިމާއަށް ހުޅުވިފައި އޮތް އުޑުން އަޅުގަނޑުގެ ހިތަށާއި ނަފުސަށް އިތުރު ދިރުމެއް ލިބިގެން ދިޔައެވެ. ކުޑަކުއްޖެއްފަދައިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިޙްސާސްތަކެއް ލިބިގެންދިޔައެވެ. ތަހާނީގެ ތުއްތު ކުދިންނާ މައްލަވަކުރަމުން ސާރާގެ ކުދިން އުޅޭތަން ފެނުމުން ވަރަށް އުފާވިއެވެ. އަދި ޅައިރުގެ ހަނދާންތައް އައުވެގެންދިޔައެވެ. އެކުދިންގެ ފައިތިލައިގެ ދަށުން ވަޔާއެކު ، ސަހަރާގެ ހިމުން ރަތްފަސްތައް ދަތުރުކުރެއެވެ. އަދި އެކުދިންވެސް ، ސަހަރާގެ މިނިވަން މާޙައުލުން އުފާވެފައިތިބިކަން އެނގެއެވެ.
ފިރިހެނުން ، ޓެންޓްތައް ޖަހަމުންދިޔައިރު ، އަޅުގަނޑުމެން ހުރިހާ ބޮޑެތި އަންހެނުންނާއި އަޅުގަނޑުމެންގެ ކުދިން އެއްތާކަށް އެއްވެ ތިބީމެވެ. ކުރިޔަށް އޮތް ދެހަފުތާގައި އަޅުގަނޑުމެން ދިރިއުޅޭނީ އެޓެންޓް ތަކުގައެވެ. ޓެންޓޭ ދެންނެވިޔަސް އެއީ މޯބައިލް ގަނޑޫވަރުތަކެއްފަދަ ފުރިހަމަ ތަންތަނެވެ. އަޅުގަނޑުމެން މަޑުކޮށްލައިގެން ތިބިއިރު ، ކޮންމެ މީހަކުވެސް ހޫނު ސައިތަށްޓެއް ބޮމުން ގެންދިޔައެވެ. އޭރު ސަހަރާގެ ތެރެއިން ފުރޭނިގެން އަންނަ ސާފުވައިގެ ހިތްގައިމުކަން ލިބިފައި އޮތެވެ.
ޓެންޓްތައް ޖަހަންވާގޮތަށް ޖެހުމަކީ ، އެކަން ދަސްކޮށްގެން ތިބޭ މީހުންނަށްވެސް އެހައި ފަސޭހަކަމެއްނޫނެވެ. ތަނބުތައް ޖެހުމާއި އެތަނބުތައް ހަރުކުރުންފަދަ ކޮންމެ ކޮންމެ މީހަކަށް ނުކުރެވޭ ކިތަންމެކަމެއް ހުރެއެވެ. އެމީހުން ޓެންޓްމަތީ ބާއްވާ ސަތަރިގަނޑު އަރުވަން އުޅުނުއިރު ، ރޫޅިގެން ޓެންޓް ވެއްޓޭތަންވެސް ފެނެއެވެ. އަޅުގަނޑުމެން ހީހީފާ އެތަން ބަލަން ތިބީމެވެ.
"ކަޅު ބަދަވީންގެ ޓެންޓް" ގެ ނަމުން މަޝްހޫރުވެފައިވާ އެޓެންޓަކީ ކަޅު ޓެންޓެއްނޫނެވެ. އެކިކުލައިގެ ޓެންޓް ހުރެއެވެ. އެކުލަތަކަކީ ، ބަކަރީގެ ހަމުގައި ހުންނަ ހުރިހާ ކުލައެކެވެ. ޓެންޓްގެ ބޮޑުކުޑަމިން ނިސްބަތްވާނީ ޓެންޓްގ ވެރިފަރާތުގެ މުއްސަނދިކަމާއު މުހިންމުކަމުގެ މައްޗަށެވެ. އަޅުގަނޑުމެންގެ ޓެންޓްތަކަކީ ، ޢާންމުކޮށް ހުންނަ ބަދަވީންގެ ޓެންޓަށްވުރެ ބޮޑެތި އަދި ތަނަވަސްކޮށް އަޅުގަނޑުމެންނަށް ޚާއްޞަކޮށް ތައްޔާރު ކުރެވިފައިވާ ޓެންޓް ތަކެކެވެ. ޓެންޓެއްގެ ދިގުމަނަކީ 75 ފޫޓެވެ.
އެތައްބަޔެއްގެ މަސައްކަތުން އެތައްގަޑިއިރެއްވީއިރު ތައްޔާރުކުރެވުނީ އެންމެ 5 ޓެންޓެވެ. އަދި ރާވަންވެފައި އެތައް ޓެންޓެއް އެބަހުއްޓެވެ. އިރުއޮއްސެންވާއިރަށް ހުރިހާ ޓެންޓެއް ރޭވޭނެކަމެއްވެސް ނޭނގެއެވެ. ވަރުބަލިވެފައިތިބުމާއެކު ، އަޅުގަނޑުމެންނާއެކު އެހިސާބުގައި ހިނގާލަންދާން އަސަދުގެ ކިބައިން އަޅުގަނޑު އެދުނީމެވެ. ހުރިހާ އަންހެނުންނާއި ކުދިންތައް އަސަދާއެކު އެހިސާބުގައި ހިނގަމުން ގެންދިޔައިމެވެ. ދުވާލުގެ އިރު އަދިވެސް އަލިކަންމަތީ ހުއްޓެވެ. އިރަށް މޫނުލައިގެން ހުރިހާމީހުން ހިނގަމުން ގެންދިޔައެވެ. އަމާނީގެ ލޮލުންވެސް އުފާވެރިކަން ފާޅުވާން ހުއްޓެވެ. ހިނގަމުން ދަނިކޮށް ފެނުނު ޅަ ޖަމަލެއްކައިރީ އަމާނީ އުޅުނެވެ. އޭގެފަހުން ، އެ ޅަޖަމަލު އަމާނީ ފަހަތުން ހިނގާފައި އައެވެ. އަމާނީގެ އިތުރުން ހުރިހާ ކުޑަކުދިންވެސް އެޖަމަލުގެ ޙަރަކާތްތަކާ ވަރަށް ގަޔާވިއެވެ. އޭރު އަޅުގަނޑުމެން ގެންދިޔަ ޖަނަވާރުތައް ބޭލުމުގެ މަސައްކަތް އެއްބަޔަކު ކުރަމުން ގެންދިޔައެވެ. ނަޞީބަކުން އެތަން އަމާނީއަކަށް ނުފެނެއެވެ. އެކުޑަ ޖަމަލު އަޅުގަނޑުމެންގެ ޓެންޓަށް ގެންދަން އަމާނީ އުޅެފާނެތީ އަޅުގަނޑު ހުރީ ވަރަށް ކަންބޮޑުވެފައެވެ.
ސާރާ އަޅުގަނޑުގެ ކޮނޑުގައި އަތްބާއްވައިލިއެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ޝުޢޫރުތައް ، ސާރާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ކުދިންތައްވެސް އެކި ގްރޫޕްތަކަށް ބެހި އެހިސާބުގައި ބުރުޖަހަން ފެށިއެވެ. ހިނގަމުންގޮސް އަސަދު ކުޑަހިލަކޮޅެއްމަތީ އިނށީދެލިއެވެ. އަދި އަޅުގަނޑުމެން ކުރިޔަށް ހިނގަމުން ދާތަން ބަލަން އެތާނގައި މަޑުކޮށްލާނެކަމަށް ބުންޏެވެ. އަދި އޭނާގެ ބާރުގަދަ ދުރުމި ނަގާ އަޅުގަނޑުމެންނާ ދިމާއަށް ހީލިއެވެ. އަޅުގަނޑާއި ދައްތަމެން އަތުގުޅާލައިގެން ތިބެ ވެލިގަނޑުން އުހަށް އަރަންއޮތް ދިމާލަކަށް ދިޔައިމެވެ. ސަހަރާގެ ހިތްގައިމުކަމުން އެލިބޭ އުފާވެރިކަން އަޅުގަނޑަށް އިޙްސާސް ކުރެވެމުން ދިޔައެވެ.
"ނިކަން ވިސްނާލަ ބަލާށެވެ! މިއޮއްބޮޑު ސަހަރާ ހުހަށް އޮތްއިރު ކުރިން އަދި ކިހާބޮޑުވާނެ ހެއްޔެވެ؟” އަޅުގަނޑު ބުނީމެވެ.
"އަދި އެހާ ދުވަހެއް ނުވެއެވެ." ސަހަރާގައި ހެދޭ ގަހަކުން ރީނދޫކުލައިގެ މަލެއް ބިނދެލަމުން ސާރާ ބުންޏެވެ. ދުނިޔާ މިދަތުރުގައި ބައިވެރިވާނެވާހަކަ ބުނުމުން ސާރާއާއި އަޅުގަނޑަށް ޙައިރާންކަމެއް ލިބުނެވެ. ދުނިޔާ އޭނާގެ ގަނޑުވަރުން ބޭރަށް ނުކުންނަނީ ވަރަށް މަދު ފަހަރެއްގައެވެ. ދުނިޔާ މިދަތުރާ ގުޅުނީ ، އޭނާގެ މިޞްރު މަސާޖު ތެރަޕިސްޓާ އަދި ލުބުނާނުގެ ފޭޝަލް ސްޕެޝަލިސްޓަށް ޚާއްޞަ ކޮޓަރިއެއް ޓެންޓްގައި ހުންނާނެކަމުގެ ޔަޤީންކަން ލިބުމުން ކަމަށް ވެއެވެ. ސާރާވެސް އަދި އަޅުގަނޑުވެސް ދުނިޔާގެ ދިރިއުޅުމުގެ ވަށްޓަފާޅިއާ އެހާ ގަޔާވާގޮތެއް ނުވެއެވެ. އޭނާގެ ދިރިއުޅުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ވަރަށް ތަފާތު އުޅުމެކެވެ. އޭނާގެ އުޅުމަކީ ސުޢޫދީ ޕްރިންސަސް އެއްގެ ޢާންމު ދިރިއުޅުމާ ވައްތަރުކުރަން ގެންގުޅޭ ދިރިއުޅުމެކެވެ. އަޅުގަނޑުގެ މަންމަޔަށް ލިބުނު 10 އަންހެންކުދިންގެ ތެރެއިން ދުނިޔާ ނޫނީ ޝާހީ ޕްރިންސަސް އެއްގެ ފަޚުރާއި ލައްޒަތުގައި ދިރިއުޅޭ އެހެން ކުއްޖެއް ނެތެވެ. ހުސްކޮށްލިބޭ ވަޤުތުތަކުގައި ދުނިޔާގެކަމަކީ ، މޫނުރީތިކުރުމާއި ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި މަސްޣޫލުވެގެން އުޅުމެވެ. އޭނާގެ މުޅިދިރިއުޅުން ބިނާވެފައި އޮންނަނީ ، މީރުހެންހީވާ ތަކެތި ކެއުމާއި ނިދުމާ އަދި ބިއުޓީ ޓްރީޓްމަންޓްތައް ނެގުމާއެކު އޭނާގެ ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމުގެ މައްޗަށެވެ. ދުނިޔާ ، އެއްވެސް ވަރަކަށް ނޫސް މަޖައްލާއާއި ފޮތެއް ނުކިޔާނެއެވެ. ހަށީގަނޑު ރީތިކޮށް ބަހައްޓަން ބޭނުންވާއިރުވެސް ، އެއްވެސް ކަސްރަތެއްވެސް ނުކުރާނެއެވެ. އޭނާދިރިއުޅޭ ގަނޑުވަރުން ބޭރުން ، ދުނިޔެއާއި ޤައުމުގެ އެއްވެސް ހިލަމެއް އޭނާއަކަށް ނުވާނެއެވެ.
އަހަރުތައް ވޭތުވަމުންގޮސް ، މިހިސާބަށް އައިއިރު ދުނިޔާގެ ދިރިއުޅުމުން އަޅުގަނޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ، ޢުމުރާ ބަލާފައި އޭނާ މާއަވަހަށް ބަލިކަށިވެ ވަރުބަލި ވުމެވެ. ދުވާލުވެސް މާއަވަހަށް ވަރުބަލިވަނީއެވެ. އެހެންކަމުން އޭނާ އަރާމުކުރަން ހޭދަވާ ވަޤުތު އެއްދުވަހުން އަނެއް ދުވަހަށް ދިގުވަމުން ދެއެވެ. ދުނިޔާއަކީ ނަފުސާނީ ބަލިމަޑުކަމެއް ހުރިމީހެއްކަމަށް އެއްފަހަރަކު އަޅުގަނޑަށް ހީވިއެވެ. އެހެންނަމަވެސް ، ނަޞީބަކުން އެކަހަލަ ކަމެއް ނެތެވެ. ދުނިޔާގެ ކަންނެތް ސިކުނޑި އެއްވެސް ކަމަކަށް ނުގުޑާނެއެވެ. ދުނިޔާއަކީ ގޯސް މީހެއްނޫނެވެ. އަދި އޭނާގެ މުޅި ޙަޔާތުގައިވެސް އެއްވެސް އިންސާނަކަށް ދެރައެއް ދީފައެއް ނުވެއެވެ. ހަމަ އެގޮތަށް ، އެއްވެސް މީހަކަށް އެހީތެރިވުމަށް ކަމެއް ކޮށްދީފައެއްވެސް ނުވެއެވެ. އެހެންކަމަށްވިޔަސް ، އެއްބަނޑު އެއްބަފާ މީހުންކަމަށްވާތީ ، އަޅުގަނޑުމެން އެންމެންވެސް އޭނާދެކެ ލޯބިވަމުއެވެ. އެއީ ހަމައެކަނި ، މަންމަގެ ބަނޑުން ވިހޭ ކުއްޖެއްކަމަށްވާތީއެވެ. މަންމަގެ ރިވެތި އުޅުމުގެ އެއްވެސް ކަންފުޅެއް އޭނާއަށް ލިބިފައިނެތަސް އެއީ ހަމަ ، އަޅުގަނޑުމެންގެ އަމިއްލަ ލޭހިނގާ މީހެކެވެ. އޭނާދެކެ ލޯބިވުން ފިޔަވައި އެހެން ގޮތެއް އަޅުގަނޑުމެންނަކަށް ނެތެވެ.
ނޫރާ ، ހިނގަމުންގޮސް ހުއްޓިލިއެވެ. އަދި މުށްފުރާ ސަހަރާގެ ވެލި ނެގިއެވެ.
"އަހަރެމެންނަށް އަހަރެމެންގެ ބުރަ ދިރިއުޅުމުގައި މިކަހަލަ ފުރުޞަތެއްލިބޭނީ މަދުފަހަރަކުއެވެ." ނޫރާ ބުނެލިއެވެ.
"ނޫރާއެވެ! ތިކަހަލަ ވާހަކަ ދައްކައިގެން ދައްތަޔަށް ކުރިޔެއް ނުލިބޭނެއެވެ." މިހެން އުޅެން ހަދައިގެން އަހަރެންގެ މޫނުމަތީ ބިހި ނަގާފާނެއެވެ. މޫނުމަތި ދެއަތުން ފޮރުވައިލަމުން ދުނިޔާ ބުންޏެވެ. އަޅުގަނޑުމެން އެންމެން ބާރަށް ހީގަތީމެވެ. މޫނުގައި ފާޑު ފާޑުގެ ކްރީމް ހާކައި ، ފޭޝަލް ހެދުމާއި މަސާޖުކުރުން ފިޔަވައި ، ދުނިޔޭގެ އެހެން އެއްވެސް ކަމަކަށް ދުނިޔާގެ ވިސްނުމެއް ނުފޯރާނެއެވެ. އޭނާ ހުންނަނީ އެކަމަށްގޮސް ހުސް ވެފައެވެ. އެންމެ ބިއްސެއްވެސް ދުނިޔާގެ މޫނުގައި ނެގިޔަކަ ނުދޭނެއެވެ.
މީގެ އަހަރުތަކެއްކުރިން ، ކަރީމުވަނީ ދުނިޔާއަށް ވަނަމެއްދީފައެވެ. އެއީ "މަމީ" ގެނަމެވެ. އަދި ބުނާނެއެވެ. ދުނިޔޭގައިހުރެ ދުނިޔާކުރާނެ އެއްވެސްކަމެއްގެ ވާހަކަ އޭނާގެ މޫނުގައި ލިޔެވިފައެއް ނުވާނެއެވެ.
"ދުނިޔާއެވެ ކޮއްކޮ ތިކަންބޮޑުވަނީ މޫނުގައި ބިއްސެއް ނަގާފާނެތީ ހެއްޔެވެ؟" ދުނިޔާގެ ގައިގާ ބައްދާލައި ދެކޮލުގައި ބޮސްދެމުން ނޫރާ ބުންޏެވެ. ދުނިޔާ ތުންފިއްތާލައި ގަދަކަމުން ކަހަލަގޮތަކަށް ހީލިއެވެ. އާންމުގޮތެއްގައި އެކަހަލަ ސަމާސާ ވާހަކަތަކަށް ދުނިޔާ ޖަވާބެއް ނުދޭނެއެވެ. އެހިސާބުން އަޅުގަނޑުމެން ހިނގީ ވަރަށް މަޑުމައިތިރިކަމާއެކުގައެވެ. އަދި ދަމުން ދަމުންގޮސް ، ފަސްގަނޑުގެ އެންމެ އުހަށް އެރުނެވެ. އެތަނުން ދަހުނާ ސަހަރާގެ ހުރިހާދިމާލެއް ފެންނަން އޮތެވެ. ރީތި ، ވަރަށް ރީތި މަންޒަރެކެވެ. ރާޅުބާނިޔަކަށްފަހު ، ރާޅުބާނިޔެއް ފަދައިން ހަނަފަސް ފަސްގަނޑު އުފެދި ލޮލުކޮޅަށް ނުފެންނަ ހިސާބަށް ގޮސްފައި އޮތެވެ. ބައެއްދިމާލުން އުސްވެގެންގޮސް ނޫކުލައިގެ އުޑުގައި ޖެހެނީއޭ ހީވާ ހިސާބަށް ފަސްގަނޑު އުފުލިގެންގޮސްފައި ހުއްޓެވެ. އަޅުގަނޑުގެ ނޭވާ ހިފަހައްޓާލައިގެންހުރެ ހަފަރާތަށް ބަލައިލާ ނޭވާދޫކޮށްލީމެވެ. ހިތަށް އެލިބިގެންދިޔަ ހިތްހަމަޖެހުން ސިފަކުރަންވެސް ނޭނގެއެވެ.
އަޅުގަނޑުގެ ދައްތައިން ، އޮއްސެންދާއިރުގެ ދޮންއަލިއެޅިފައިވާ ރަތް ފަސްގަނޑުގެ ރީތި މަންޒަރަށް ގެއްލިފައި ތިއްބެވެ. މިއަދު އަޅުގަނޑުމެންގެ ލޮލަށް ސޫރަވެގެން އެދަނީ ، މީގެ އެތައް ހާސް އަހަރެއްގެކުރިން ، އަޅުގަނޑުމެންގެ ކާބަފައިން ބަލައި ފޫހިނުވެ ދޫކޮށްލާފައިވާ ނަލަރީތި މަންޒަރުތަކެވެ. އަޅުގަނޑު ތަންކޮޅެއް ދުރު ބަލައިލީމެވެ. ކޮންމެވެސް އެއްޗެއް ޙަރަކާތްކުރާހެން އަޅުގަނޑަށް ހީވިއެވެ. އިންސާނެއްގެ ހިލަމެއް އަދި އަޑެއް ބަޑެއްނީވިއޮތްއިރު ، މާދުރުން އެއިވޭ ނޭނގޭ އަޑަށް އަޅުގަނޑަށް ސަމާލުކަން ދެވުނެވެ. އަދި ދެލޯއުނގުޅާލައިފާ އަލުން ބަލައިލީމެވެ.
"ބަލައިލަ ބަލާށެވެ!" އަޅުގަނޑަށް ހަޅޭއްލަވައި ގަނެވުނެވެ. "ރާޅުބާނިއެއްފަދައިން ، ފަސްގަނޑު އެއޮއް ޙަރަކާތްތެރިވަނީއެވެ." ސާރާ ކުއްލިޔަކަށް ފަހަތަށް ޖެހިލިއެވެ. އެވަޤުތު އަޅުގަނޑަށްވެސް ސިހުމެއް ލިބުނެވެ. އަދި އެފެނުނު ޙަރަކާތަކަށް ރަނގަޅަށް ބަލައިލީމެވެ. އެއީ ފަހެއްނޫނެވެ. އެއީ އަޅުގަނޑުމެންނާ ދިމާއަށް އަންނަ މީހުން ތަކެކެވެ. އެއީ ގިނަ ޢަދަދެއްގެ މީހުންނެވެ. ތިބީ ޖަމަލުމަތީގައެވެ. އެއީ ކޮންމެފަދަ ބަޔަކަށްވެސް ވެދާނެއެވެ. އަޅުގަނޑުމެން މިވަނީ ނުރައްކަލެއްގެ ތެރޭގައެވެ. އަސަދުވެސް ފެންނަ ހިސާބެއްގައެއް ނެތެވެ. އަޅުގަނޑުމެން މިތިބީ ބުރުގާޔާ އަބާޔާވެސް ނަގައިގެންނެވެ. އެމީހުންތިބީ ރަތްފަގުޑިން ބޯނިވާކޮށްގެންނެވެ. އެއީ ބަދަވީންގެ ޖަމާޢަތެކެވެ. އެމީހުން އަޅުގަނޑުމެންނާ ދިމާއަށް އަތްހޫރަންވެސް ފަށައިފިއެވެ. އެމީހުންނަށް އަޅުގަނޑުމެން ފެނުމާއެކު ރޭސްޖަހާފައި ޖަމަލުގައި ދުއްވަމުން އެއަންނަނީ ސީދާ އަޅުގަނޑުމެންނާ ދިމާއަށެވެ. މިނުރައްކާތެރި ވަޤުތުގައި ، ސާރާއާއި އަޅުގަނޑާ ދެމީހުން އިސްވެތިބެ ، އެންމެން އެއްކޮށްތިބެ ، އަސަދު މަޑުކުރި ދިމާއަށް ދުވަންފެށީމެވެ.
ތަހާނީ ބިރުންގޮސް ހަޅޭއްލަވައިގަތެވެ. އަދި އޭނާގެ ދިގު ހެދުން ފައިގާއެޅި ބިންމައްޗަށް ވެއްޓުނެވެ. ތަހާނީއަށް އެހީވާކަށް ދުނިޔާއެއް ނޫޅެއެވެ. ގުންފައިޖަހާފައި ވަރަށްބާރަށް ދުއްވައިގަތެވެ. އަދި އިސާހިތަކު އަޅުގަނޑުމެންނަށް ގެއްލުނެވެ. އަސަދަށް އަޅުގަނޑުމެން ދުވަމުން އަންނަތަން ފެނުމާއެކު ދުރުމި އެއްލައިލާފައި އަޅުގަނޑުމެންނާ ދިމާއަށް ދުއްވައިގަތެވެ. އަދި އަޅުގަނޑުމެން ހިމޭންވުމަށް އަންގައި އަޅުގަނޑުމެންގާތަށް އައެވެ. އަޅުގަނޑުމެން ދުވަމުން އައިސް ޓެންޓަށް ވަދެވުނުއިރުވެސް ދުވުމެއް ނުހުއްޓެއެވެ. އެ ބަދަވީންނާ ބައްދަލުކުރުމަށްޓަކައި ބޭރުގައި ޓެންޓްތަކާ ތަންކޮޅެއްދުރުގައި މަޑުކޮށްލިއެވެ.
އަޅުގަނޑުމެންނަށް ހަމަނޭވާލެވުނީ ގަޑިއެއްހާއިރު ފަހުންނެވެ. އަދި އެހިނގި ކަންތަކާ މަޖާވެގެން އެންމެންނަށް ހޭން ފެށުނެވެ. އެވެސް ދުނިޔާ ފިޔަވައި އެހެންމީހުންނެވެ. ދުނިޔާއަކަށް ވާކަމެއްވެސް ނޫނެވެ. އަޅުގަނޑުމެން އެންމެން ޓެންޓްގައި އަޅުގަނޑުމެންގެ ފިރިންގެ ފުރިހަމަ ރައްކައުތެރިކަމުގެ ތެރޭގައި ތިބިއިރުވެސް ، ދުނިޔާ އަދިވެސް އިނީ ރޯށެވެ. ދުނިޔާގެ ޚާދިމާއަކު ، ފިނިކޮށްގެން ފޮތިގަނޑަކަށްފަހު ފޮތިގަނޑެއް ގެނެސް ދުނިޔާގެ ނިތްކުރީގައި ކާއްތަމުން ގެންދިޔައެވެ. އެކަމުން އޭނާއަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ދުނިޔާ ޤަބޫލުކޮށްގެން އެއިނީ ، ބަދަވީންގެ އަތްދަށުން އޭނާ ސަލާމަތްއެވީ ހަމަކިރިޔާ ކަމުގައެވެ. އަދި އެޙާދިސާއަކީ ، ބަދަތްވެއްގެ އަނތްބަކަށްވެގެން ދުނިޔާގެ މުޅި ޙަޔާތް ބަރުބާދުވެގެން ހިނގައިދާނެ ފަދަ ޙާދިސާއެއްކަމުގައެވެ.
އަދިވެސް ، ކުރީގެ މުސްކުޅި އާދަތައް ދޫނުކޮށް ދިރިއުޅެމުންގެންދާ ބަދަވީން ސުޢޫދީގައި އެބަ ، ދިރިއުޅެއެވެ. އެމީހުން ބޭނުންވާ އަންހެނަކު ނުލިބިއްޖެނަމަ ، އެއަންހެނަކު ޙާޞިލްކުރުމަށްޓަކައި އަނިޔާވެރިވެގެން ، ކޮންމެފަދަކަމެއްވެސް ކޮށްފާނެއެވެ. އެހެންކަމުން ދުނިޔާއަށް އެހީވާ އެއްޗަކީ މުޅިޔަކުން ކުށްހީއެއްނޫނެވެ. ފަހަރެއްގައި އެމީހުން އައިގޮތަށް އައިސް ، އަޅުގަނޑުމެންގެ ތެރެއިން އެމީހުންބޭނުންވާ އަންހެނަކު ނުވަތަ އަޅުގަނޑުމެންގެ ދަރިންކުރެ ޅަ އަންހެން ކުއްޖަކު ، ގަދަކަމުން ޖަހައިގަނެގެން ގެންދިއުމަކީވެސް ވެދާނެ ކަމެކެވެ.
1979 ވަނައަހަރު ހިނގި އެފަދަ ޙާދިސާއެއްގައި ، ސާރާ ދަންނަ އަދި ސާރާއާ ގާތްގުޅުމެއް އޮންނަ ، އެމެރިކާގެ އަންހެނަކު ބަދަތްވެއްގެ އަތްދަށުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެއީ އަސަދުގެ ވިޔަފާރި ބެލެހެއްޓުމަށް އެމެރިކާގައި ހުންނަ ޖެނެޓާ އަދި އޭނާ ރައްޓެހިވެގެން އުޅުނު ބިލް އަށް ދިމާވި ހާދިސާއެކެވެ. އެމީހުން ސަހަރާއަށް އައީ އެއްދުވަހުގެ ދަތުރެއްގައެވެ. ނަޞީބަކުން ޖެނެޓު ގިނަދުވަސްތަކެއްގައި ސުޢޫދީ ޢަރަބިއްޔާގައި އުޅެފައިވާތީ ޢަރަބި ބަސް އެނގެއެވެ. އެމީހުންނާ ކުރިމަތިލީ ބަދަތްވެކެވެ. އެމީހުން މަޑުކުރި ސަރަޙައްދުގެ އަހުލުވެރިން ، ބަދަވީންގެ ސައި ބުއިމަށް އެދެމީހުންނަށް ދަޢުވަތު ދިނުމުން އެތަނަށް ދިޔައީއެވެ. ޖެނެޓްވެސް ބޭނުންވީ ބިލްއަށް ބަދަވީންގެ ޓެންޓްވެސް ހުންނަގޮތް ދައްކާލައި ، އެމީހުންގެ ޚާއްޞަ ސައިގެ ރަހަވެސް ދައްކާލާށެވެ. އެންމެ ފުރަތަމަ ބަދަވީންގެ ފަރާތުން އެއްވެސް އެކަހަލަކަމެއް ނުފެނެއެވެ. ޖެނެޓަކީ ވަރަށް ރީތި ލޫޅާފަތި އަންހެން ކުއްޖެކެވެ. ވަރަށްރީތި ދޮނެއް ލިބިގެންވާ ހެދިހުރި ހަށިގަނޑެކެވެ. ބުޑު ބޮޑުވެފައި ހެޔޮވަރެއްގެ އިސްކޮޅެކެވެ. އަދި ރަތް އިސްތަށި ގަނޑެކެވެ. އެ ސަރަޙައްދުގެ ބަދަވީންނަކީ ، އެފަދަ ރީތިކަމެއްލިބިގެންވާ އަންހެނަކު ދުވަހަކުވެސް ފެނިފައިވާނެ ބައެއްނޫނެވެ.
(ނުނިމޭ)
aabayehfge inthizaarugai