އަމީރާ ސުލްޠާނާގެ ނާރެސް - 65 (އެންމެ ފަހު ބައި)

(31 އޯގަސްޓް 2022 ގެ ބަޔާ ގުޅޭ)

ސުލްޠާނާގެ ނާރެސްގެ ތަޞައްވުރު

މިއީ މިފޮތުގެ ނިމޭ ބާބެވެ. "އަމީރާ ސުލްޠާނާގެ ނާރެސް" ގެ މާނައާއި މަފްޙޫމުގެ މައްޗަށް ނިންމައިލެވޭ ފަހުބަހެވެ.

އެރޭ، އަޅުގަނޑާއި އަޅުގަނޑުގެ ހުރިހާ ދައްތައިން، ވީނާގެ މައްސަލައިގާ އެއްގަލަކަށް އަރައި، ނާރެސްއެއް އުފެއްދުމުގެފަހުން، އަޅުގަނޑުމެންގެ ފިރިންވެސް އެންމެފަހުން އަޅުގަނޑުމެންނާ އެއްބައިވިއެވެ. ހަމައެރޭ، ވީނާގޮވައިގެން ރިޔާޛަށްދާން އަޅުގަނޑު ފުރީމެވެ. އަދި، ވީނާގެ އެތެރެހަށްޓަށް ލިބިފައިވާ ގެއްލުންތަކަށް، ރިޔާޛުގެ ކްލިނިކަކުން ފަރުވާ ދެވުނެވެ. އެ ވަޙުޝީ އަނިޔާގައި ވީނާގެ ހަށިގަނޑުން ވަރަށްގިނަ ލޭ ފައިބައިފާ ވެއެވެ. އެތައް ލިޓަރެއްގެ ލޭ އޭނާގެ ގަޔަށް އަޅަން ޖެހުނެވެ. އެންމެފަހުން އެނގުނުގޮތުގައި އެކުއްޖާފުޅުގެ ޢުމުރަކީ އެންމެ ސާދަ އަހަރެވެ. ވީނާއަށް ފަރުވާދީ ކްލިނިކުން ދޫކޮށްލާވަރަށް ރަނގަޅުވުމުން، އޭނާގެ ހިތާމަވެރި ވާހަކަތަކުގެ ތަފްޞީލް އަޅުގަނޑުމެންނަށް ކިޔައިދިނެވެ.

ވީނާ އުފަންވީ ޕާކިސްތާނުގެ ލާހޯރުގެ ފަޤީރު އަވަށަކަށެވެ. ވީނާގެ ޢާއިލާ ދިރިއުޅެމުންގެންދިޔައީ، މަށިން ހަދާފައި، ކުނިގޮނޑުތަކުން ހޮވައިގެން  ބާޓިނުކޮޅުކޮޅުން ހިޔާކޮށްފައިވާ ޖިފުޓިގަނޑެއްގައެވެ. އޭނާގެ ބައްޕަގެ މަސައްކަތަކީ މަގުމަތީ އިނދެގެން، މީހުންގެ ހަލާކުވެފައިހުންނަ ފައިވާން ހަދައިދިނުމެވެ. މަންމަ އުޅެނީ މަގުމަތީ ސަލާން ޖަހާށެވެ. ވިއެނާގެ ތުއްތު ޢުމުރު ހޭދަކޮށްފައިވަނީ އެންމެ ނިކަމެތި ފަޤީރު ޙާލުގައެވެ. ސްކޫލަކަށް ދާނެ ފުރުޞަތެއް ނުލިބެއެވެ. މަންމަފަދައިން، ވީނާއަށް ހިނގެން ފެށީއްސުރެ އޭނާއަކީ އޭނާގެ މަންމަފަދައިން، މަގުމަތީ ސަލާންޖަހަން އުޅޭ ފަޤީރު ކުއްޖެކެވެ.

ވީނާގެ ބައްޕައާއި މަންމައަށް ބާރަކުދިން ލިބެންދެން މަންމަ ވިހަމުން ގެންދިޔައެވެ. އޭގެފަހުން މަންމަ ބަނޑުބޮޑެއް ނުވެއެވެ. ބާރަކުދިންނަށް ކާންދޭނެ ކާތަކެތި ހޯދުމަކީ، މުޅި ޢާއިލާގެ އެންމެން ދުވާލު ހަތަރުދަމު ސަލާންޖަހައިގެންވެސް ހޯދޭ އެއްޗެއްނޫނެވެ. ވީނާ ބުނިގޮތުގައި، އޭނާ ބަނޑުފުރެންދެން، ކާއެތިކޮޅެއް އޭނާގެ ބަނޑަށްލީ ހަނދާނެއް ނުވެއެވެ.

ޕާކިސްތާނަކީވެސް، ސުޢޫދީ ޢަރަބިއްޔާފަދައިން، އަންހެނުންނަކީ މުޖުތަމަޢުގައި އެއްވެސް ޙައިޞިއްޔަތެއް އޮންނަ ބައެއްނޫނެވެ. އެމީހުންގެ ކަމަކީ، ފިރިހެނުންނަށް އަޅުދާސްވެފައި ވިހެއުމެވެ. ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި، ޢާއިލާގެ އަންހެންކުދިން ވަރަށްގިނަފަހަރަށް ޤުރުބާން ކުރެވިފައި ވެއެވެ. ވަޙުޝީ ފިރިހެނުންގެ ޝިކާރައަށް ވުމަކީ، އެކުދިންނަށް އާދަކޮށް ކުރިމަތިވާ ކަމެކެވެ. ވީނާއަށްވެސް ކުރިމަތިލާންޖެހުނީ އެހިތާމަވެރި ޙާލަތާއެވެ.

ފުރާވަރަށް އަރައިގެން އައިއިރު ވީނާއަކީ، ޢާއިލާގެ އެހެންކުދިންނާ ތަފާތަށް، ހަޑިކޮށް ހުއްޓަސް ރީތި އަދި އަޅައިގަންނަފަދަ  ކުއްޖަކަށްވިއެވެ. އަންހެންވަންތަ ގުނަވަންތަކުގެ ފާޅުވުންތަކުން ފަޤީރު އެއަވަށްގަނޑުގެ އެންމެންގެ ލޯހުއްޓެއެވެ. ވީނާ ފަދަ ބިކުރުވެރި ޅަ އަންހެންކުދިން ޤުރުބާންކޮށްފައި، ވަޙުޝީ މުއްސަނދިންގެ ފަރާތުން ލިބޭ ފައިސާގެ ވާހަކަ މީހުންދައްކާ އަޑު ވީނާއަށްވެސް އިވެއެވެ. ވީނާގެ ބޮޑު ޢާއިލާ ދިރިއުޅޭ ޖިފުޓީގައި ކޮޓަރިއެއް އަދި އެއްވެސް މީހަކަށް ނިވާކަމެއް ނޯވެއެވެ. ބައްޕަ އާއި މަންމަ އަނބިފިރިކަމުގެ ގުޅުން ހިންގަނީ ދަރިން ނިދާފައި ތިއްބަސް އެކުދިން ކުރިމަތީގައެވެ. އެހެންކަމުން، އަންހެނުންނަށް ދިރިއުޅުމުގައި އޮންނަ ކަމަކީ ކޮބައިކަން ނުބައިގޮތެއްގައި ނަމަވެސް ވީނާއަށް ދަސްވެފައި އޮތީ އެގޮތަށެވެ. އޭނާގެ މުސްތަޤްބަލް އޮތީ ހަނުހިމޭންކަންމަތީ ހުރުންކަމުގައި ބަލަމުން ގެންދިޔައެވެ.

މަގުމަތީ ސަލާންޖަހަމުންގެންދިޔަ ވީނާގެ ރީތިކަން، އެހިސާބަށް އައިސްއުޅުނުމީހެއްގެ ލޮލުގައި އަޅައިގަތެވެ. އަދި އޭނާ، ވީނާގެ މަންމަ ހޯދިއެވެ. ވީނާގެ ބިކުރުވެރިކަމުގެ ބަދަލުގައި އެތައްހާސް ރުފިޔާއެއް ލިބޭނެމަގު، ވީނާގެ މަންމައަށް ތަނަވަސްކޮށްދީފާނެކަމުގައި ބުންޏެވެ. އެއިޑްސްގެ ބަލީގެ ބިރުވެރިކަމާއެކުގައި، މުއްސަނދި ވަޙުޝީމީހުން އެމީހުންގެ އެދުން ފުއްދުމަށްޓަކައި ހޯދަމުންގެންދަނީ، އެހެން ފިރިހެނުން ބޭނުންނުކުރާ ބިކުރުވެރި އަންހެން ކުދިންނެވެ. ކުރިން ދެންނެވިމީހާ، ވީނާގެ މަންމައަށް، ޑަވްން ޕޭމަންޓްގެގޮތުގައި ކުޑަފައިސާކޮޅެއް ދިނެވެ. އަދި ވީނާ މުއްސަންޖަކަށް ވިއްކައިލެވުނީމާ އިތުރު ފައިސާ ދޭނެކަމަށްވެސް ވަޢުދުވިއެވެ. ވީނާގެ މަންމަ، ވީނާގެ ބައްޕަ ފައިވާން ހަދައިދޭން އިންނަތަން ހޯދައިގެންގޮސް، އޭނާދެއްކި ހުވަފެނުގެ ވާހަކަ ކިޔައިދިނެވެ. އަދި އެއަށްފަހު، އެމީހާއާއި ވީނާގެ މަންމައާއި ބައްޕަ ބައްދަލުކޮށް މަޝްވަރާކޮށް ވީނާ ވިއްކައިލާނެ އަގާމެދު އެއްބަސްވުމަކަށް އައެވެ.

ވީނާ ބުނިގޮތުގައި، އޭނާ ޢާއިލާއާ ވަކިވިދުވަހު ބައްޕަމެންތިބީ ވަރަށްދެރަވެފައެވެ. އެހެންނަމަވެސް އޭނާގެ ފުރާނަ ޤުރުބާންކުރީ ޢާއިލާގެ އަނެއް އެގާރަމީހުންގެ ޙައްޤުގައެވެ. އޭނާ ވިއްކައިލެވުނު ފައިސާއަކީ، އެނިކަމެތި ޢާއިލާ ރަނގަޅަށް ކައިގެން ބޮއެގެން އަހަރެއްހައިދުވަހު އުޅެވޭނެ ފައިސާއެކެވެ. ވީނާގެ އަންހެން އަދި ފިރިހެން ކޮއްކޮމެންނަށް އަލްވަދާޢު ކިއުމަށްޓަކައި ވަގުތުކޮޅެއް ބޭނުންވާކަމުގައި، އެމީހާގާތު ވީނާ ބުންޏެވެ. އެހެންނަމަވެސް، އޭނާބުނިގޮތުގައި އޭނާކުރަންޖެހޭ އެހެން މަސައްކަތްތަކެއް ހުރީމަ ލަސްކުރެވޭކަށެއް ނެތެވެ. ވަގުތުން އޭނާއާއެކީ ވީނާ ނުގޮސްފިނަމަ، އެ މުޢާމަލާތު ޖެހޭނީ ކެންސަލްކުރާށެވެ.

ނުދަންނަ މީހަކާއެކީ ވީނާ އޭނާގެ ދަތުރު ފެށިއެވެ. ވީނާގެ ހިތްވަނީ ބިރުވެރިކަމާއި ހާސްކަމުން ފުރިފައެވެ. ހިތްތެޅޭވަރުން، އޭނާގެ ރީތި މޭމަތިން އެކަން ފާޅުވާން ހުއްޓެވެ. ދިހަވަރަކަށް ދުވަސްވަންދެން، ވީނާ ބެހެއްޓިފައިހުރީ، އިތުރު ދިހަކުދިންނާއެކު، ލާހޯރުގެ ކުޑަ ގެއެއްގައެވެ. ފުރަތަމަ ފަހަރަށް ވީނާއަށް ބަނޑުފުރާ ކާލެވޭނެ ފުރުޞަތު ލިބުނެވެ. ވީނާ ވިސްނިގޮތުގައި ތާއަބަދަށްވެސް އޭނާއަށް އެގޭގައި އުޅެވިދާނެއެވެ. ވީނާގެ އެ ޤުރުބާނީގެ ފަހަތުގައި ފޮރުވިފައިވަނީ ކިހާވަރެއްގެ އަނިޔާވެރި ބިރުވެރިކަމެއްކަން ވީނާއަކަށް އިޙްސާސެއް ނުކުރެވެއެވެ. އެގެޔަށް ގޮސްއައިސްވާ މީހުން ވީނާއަށް ފެނެއެވެ. އެމީހުންގެ ބޭނުމާއި މަޤްޞަދު ވީނާއަކަށް ނޭނގެއެވެ. ޢާންމުގޮތެއްގައި، ބިދޭސީން އެގެޔަށްގޮސް އައިސްވަނީ، ކަމުދާ ކުއްޖެއްހޯދުމުގެ މަޤްޞަދުގައެވެ.

އެގޭގައި އުޅޭ ކޮންމެ ކުއްޖެއްގެވެސް އުއްމީދަކީ، ކޮންމެވެސް މުސްކުޅި ފިރިހެނަކު އެކުއްޖާ ގަތުމެވެ. އެކުދިންނަށް ވިސްނިފައި އޮތްގޮތުގައި ޒުވާނުންނަށްވުރެ، މުސްކުޅިންގެ ވަޙުޝީކަން ކުޑަވާނެއެވެ. ދުވަސްތައް ފާއިތުވަމުންދިއުމުގައި، އެއްކުއްޖަކަށްފަހު އަނެއް ކުއްޖަކު ވިއްކައިލެވި އެގެއިން ނުކުމެގެންދާން ފަށައިފިއެވެ. މީހުން ނުނަގާތިބޭ ހަޑިކުދިން ސިޓީގެ ކަސްބީޚާނާއަކަށް ގެންދެވެއެވެ. އެކަމާ ވީނާހުރީ ވަރަށް ދެރަވެފައެވެ.

ވީނާގެ ނަޞީބު ވަރަށް ރަނގަޅެވެ. ވީނާއަށް ލިބުނު ޚަބަރަކީ، މެދުއިރުމަތީގެ މުއްސަންޖަކު، ހަމައެކަނި އޭނާބޭނުންކުރުމަށް ވީނާ ގަތްޚަބަރެވެ. އޭނާގެ ނަމަކީ ޝާދީއެވެ. ވީނާއަށް ޝާދީއާ ބައްދަލުވެފައެއް ނުވެއެވެ. ވީނާ ވިއްކައިލެވުނީ ފޮތެއްގައިހުރި ފޮޓޯތަކެއްގެ ތެރެއިން ޚިޔާރުކުރެވިގެންނެވެ. ޝާދީ ހުންނަކަމަށްވަނީ ޕާކިސްތާނުގައި ހުންނަ އޭނާގެ ވިޔަފާރި ބައިވެރިޔާގެ ގޭގައެވެ. ވިޔަފާރި ބައިވެރިޔާއަށްވެސް އަދި ޝާދީގެ ޢާއިލާގެ މީހަކަށްވެސް ވީނާގެ ޚަބަރު އެނގޭކަށް ޝާދީ ބޭނުމެއް ނުވެއެވެ. ބިކުރުވެރި ޅައަންހެންކުއްޖަކު ގަނެވުނީތީ ޝާދީވެސް ހުރީ ވަރަށް އުފަލުންނެވެ.

ޝާދީއާ ވީނާއާ ދިމާވަނީ ލާހޯރުން ފުރުމުގެ ދުވަސްކޮޅެއް ކުރިންނެވެ. ވީނާވިއްކިމީހާ ވީނާގޮވައިގެން ދިޔައީ ކެފޭއަކަށެވެ. އެކެފޭގައި ކޮފީބޯން ޝާދީ އިނެވެ. އަދި ވީނާ ގަތުމުގެ އެންމެ ފަހުނިންމުން ޝާދީ ނިންމީ އެބައްދަލުވުމުގައެވެ. ބައްދަލުވުމުގައި ވީނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް އޭނާ އިނީ ދެރަވެ ކަންބޮޑުވެފައެވެ. އެއީ އޭނާ ގަތް ފިރިހެނަކީ ޅަ އަދި ބިޔަ ފިރިހެނަކަށްވީތީއެވެ. އޭނާއާއެކު، ކުރިންހުރި ގޭގައިތިބި ކުދިންގެ ފަރާތުން އެނގުނުގޮތުގައި ޒުވާން ފިރިހެނުން ޖިންސީގުޅުން ހިންގުމުގައި ވަރަށް އަނިޔާވެރި ގޮތްގޮތް ހަދައެވެ. އެކަން ހަނދާންވެފައި ވީނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެހެނަސް، އޭނާއަށް އިތުރު ގޮތެއް ނެތެވެ. އޭނާގެ މުސްތަޤްބަލްގެ އަނދިރިކަން އޮތީ ކިހާމިންވަރަކަށްކަން، ވީނާއަކަށް އިޙްސާސެއް ނުވެއެވެ. މާގިނަދުވަހެއްނުވެ، ދަތުރުކުރުމުގެ ލިޔުންތައް ތައްޔާރުކުރެވި ވީނާ ޕާކިސްތާނުން އަބަދަށްޓަކާ ފުރުމުގެ ދުވަސް އަތުވެއްޖެއެވެ.

ޕާކިސްތާނުން ސުޢޫދީއަށް ވީނާކުރި ދަތުރުގައި، ޝާދީއިނީ ފަސްޓް ކްލާހުގައެވެ. ވީނާއިނީ ޝާދީގެ ފިރިހެން ޚާދިމުންނާއެކީ އިކޮނޮމީ ކްލާހުގައެވެ. ޝާދީގެ ފްލައިޓް ސުޢޫދީއަށް ޖެއްސިތާ ދެގަޑިއެއްހާ އިރުގެ ތެރޭގައި، ޝާދީ އޭނާގެ މައިންބަފައިންނާއި ތިމާގެ މީހުންނާ ބައްދަލުކުރުމަށްޓަކައި ސަހަރާއަށްދާން ނައްޓާލިއެވެ. ޝާދީއާއެކު، ވީނާއާއި އެހެން ނޯކަރުންވެސް ދަތުރުކުރިއެވެ. ވީނާބުނިގޮތުގައި، ޝާދީ އެއްވެސް ވަރަކަށް އޭނާއާ ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް ކަޅިޖަހާނުލައި ވަރަށްގިނައިން ވީނާގެ ހަށިގަނޑަށް ބަލަން ހުރެއެވެ.

ސަހަރާއަށް އާދެވި ޝާދީގެ ޢާއިލާގެމީހުންނާ ބައްދަލުވުމަށްފަހު، ވީނާ ދެންގެންދެވުނީ އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ފޭލިގެޔަށެވެ. ވީނާގެންދިޔައީ ޝާދީގެ ތިމާގެ ދެކުދިންނެވެ. އެއީ ރާޝިދާއި ޠާހިރެވެ.

"މިއީ އަހަރެން ތިކުދިންނަށް ޕާކިސްތާނުންގެނައި ހަދިޔާ އެވެ." ރާޝިދާއި ޠާހިރަށް އަމާޒުކޮށް ޝާދީ ބުނިކަމަށް ވެއެވެ.

އޭނާ ނުދަންނަމީހަކާއެކު ޖިންސީގުޅުން ހިންގަން ވީނާ ތައްޔާރުވަމުންދިޔައިރު، ފުރަތަމަ ފަހަރަށް ހިންގޭ ޖިންސީގުޅުމުގެ ވޭނާއި ކެކުޅުން ވީނާއަށް އިޙްސާސް ކުރެވިފައެއް ނުވެއެވެ. މީގެކުރިން އެފަދަކަމަކާ އޭނާ ކުރިމަތިލާފައެއް ނުވެއެވެ. އަމްދުން، ވަޙުޝީ ތިން ޒުވާނުން އެތިންމީހުންގެ ބިޔަ ފިރިހެންވަންތަ ހަށިގަނޑުން ފަހަރަކުމީހަކު ވީނާ ބޭނުންކުރުމުން އެފަކީރަށް ލިބޭނެ އަނިޔާ ޚިޔާލަށްވެސް ގެނެވިފައެއް ނުވެއެވެ.

ވީނާގެ ހެދުން ބޭލުމަށްފަހު، އެންމެ ފުރަތަމަ ވީނާ ރޭޕްކުރީ ޝާދީއެވެ. ވީނާ ބުނިގޮތުގައި ޝާދީ އޭނާ ރޭޕްކުރަމުން ގެންދިޔައިރު، އެއެޅިވޭން އެއީ ދުވަހަކުވެސް އޭނާ ތަޖުރިބާކޮށްފައިވާ ކަމެއްނޫނެވެ. އޭނާ އެމަރުވަނީއޭ ހިތަށްއެރި ކިތަންމެ ފަހަރެއްދިޔަކަމަށް ވެއެވެ. ބައްޕަ، މަންމައާއެކު ޖިންސީގުޅުން ހިންގާއިރު ކުކުރާލާ އަޑުވެސް ވީނާއަށް އިވިފައެއް ނުވެއެވެ. އޭނާ ރޭޕްކޮށް އަނިޔާދެމުންގެންދިޔަ ޒުވާންފިރިހެނުންގެ ފިރިހެން ގުނަވަނަކީ އެހާބޮޑެތިވެފައި، އެހާ އަނިޔާއާއި ވޭންދެނިވި އެއްޗަކަށްވެދާނެކަން ވީނާއަށް ޚިޔާލުކޮށްލެވިފައެއް ނުވެއެވެ.

ވީނާއަށް ލިބެމުންދިޔަ އަނިޔާއަށް ކެތްނުވެގެން، އެކަން ހުއްޓާލުންއެދި އަޑުންއަޑުނަގާ ރޮމުން އާދޭސްކުރަން ފެށިއެވެ. ވީނާގެ ރުއިމުގެ އަޑު ކަނޑުވައިލުމަށްޓަކައި އެމީހުން ވީނާގެ އަނގަޔަށް ފޮތި ގެންނެވިއެވެ. ތިންވަނަ މީހާ އޭނާގެ ގައިމައްޗަށް އެރިވަގުތު، އޭނާދެން އެމަރުވަނީއޭ ވީނާގެ ހިތަށް އެރިއެވެ. ނަޞީބަކުން އޭނާއަށް ތިންވަނަ މީހާގެ ފަރާތުން މާގިނައިރު އަނިޔާނުލިބި، އަޅުގަނޑުމެންނަށް އެތަނަށްދެވި، ވީނާ ސަލާމަތްވާގޮތްވީއެވެ. ޢަލީގެ ދަރިފުޅު، ރާޝިދު، ރޭޕްކުރަން އޮވެފައި ވިނާގެ ގައިމަތިން ތެދުވީ އަޅުގަނޑުމެންނަށް އެތަނަށް ދެވުނީމައެވެ. އެހެންނޫންނަމަ، ވީނާ އެއަނިޔާގައި މަރުވެދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަޅުގަނޑާއި އަޅުގަނޑުގެ ދައްތަމެން ބޭނުމީ، ވީނާ އަނބުރާ އޭނާގެ ޢާއިލާއާ ހަމަޔަށް ފޮނުވައިދިނުމެވެ. އެހެންނަމަވެސް، ޢާއިލާގެ ފަޤީރުކަމާހުރެ، އަލުން ވީނާ ވިއްކައިލެވިދާނެކަމުގެ ބިރުވެސް އެބައޮތެވެ. ވީނާ އުޅޭނީ އަޅުގަނޑުގެ ދައްތަ ސާރާގެ ގޭގައި، ސާރާގެ ކުޑަކުދިން ބެލެހެއްޓުމުގެ މަސައްކަތުގައިކަމުގައި ބުނީ އަޅުގަނޑެވެ. އެންމެންވެސް ލޯބިވާ ދައްތައެއްކަމަށްވާތީ، ދައްތައާއެކަމާ ދެބަސްވާނެ އެއްވެސްމީހަކު ޢާއިލާގައި ނޫޅޭނެކަން އަޅުގަނޑަށް އެނގެއެވެ. އެވާހަކައާ ގުޅިގެން ވީނާގެ މޫނުމައްޗަށް ވެރިވި އުފާވެރިކަމުން އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދިޔައެވެ.

މިކަހަލަ އެތައްވާހަކައެއް އެތައް ޙާދިސާއެއް ހިނގާފައި އޮންނާނެއެވެ. ވީނާގެ ވާހަކަ އަޑުއަހާފައި، އަންހެނުންނަށްވީތީ އަޅުގަނޑުމެން އެންމެންވެސްތިބީ ވަރަށް ހިތްދަތިވެފައެވެ. ކުށެއްނެތް ނިކަމެތި އަންހެންކުދިންނަށް މިކުރިމަތިވާ ޙާލަތު ބަދަލުކޮށް އެކުދިން އެއަނިޔާއިން ސަލާމަތްކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާމެދު ވާހަކަ ދައްކައިލުމަށްޓަކައި އަޅުގަނޑުމެން އިރުކޮޅަކު ތިބީމުއެވެ.

ހިތްދަތި، ހިތަށްއުނދަގޫ ލިބެމުންދިޔަ މިދުވަސްކޮޅު ދެން އިވިގެންދިޔަ ހިތާމަވެރި ޚަބަރަކީ، ޕްރިންސެސް އޮފް ވޭލްސް، ޕްރިންސެސް ޑަޔާނާ، ހިތާމަވެރިގޮތަކަށް އަވަހާރަވި ޚަބަރެވެ. ޝާހީ އަމިރާއެއްގެ ގޮތުގައި ދުނިޔޭގެ އެތައްމިތަނަށް ދަތުރުކުރެއްވުމުގައި، އަޅުގަނޑުމެންނާ ޑަޔާނާއާ ވަނީ ވަރަށް ގިނައިން ބައްދަލުވެފައެވެ. އަޅުގަނޑުމެން އެކަކީވެސް ޑަޔާނާއާ ގާތް ރަޙުމަތްތެރިންނެއްނޫނެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެންމެންވެސް ޑަޔާނާއަށް ނުހަނުބޮޑަށް އިޙްތިރާމް ކުރަމުއެވެ.

ޑަޔާނާ ވަޅުފުޅުލެވުމުގެކުރިން ދައްކަމުންއައި ޓީވީ ޕްރޮގްރާމްތައް ބަލައި ހެދުމުން، ކުރިން އެނގިފައިނުވާ އެތައްކަމެއް އަޅުގަނޑަށް ދަސްވިއެވެ. އިންސާނިއްޔަތަށްޓަކައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދެވުމަށް އަދި ހަނގުރާމައިގެ ގެއްލުންތަކުގައި އަނިޔާވެފައިވާ މީހުންނާ އެހީވުމަށް ނުވަތަ ބަނޑުހައިހޫނުކަމާ ހަނގުރާމަ ކުރުމަށް، ޑަޔާނާ އިސްނަންގަވާފައިވާ އެތައްކަމެއްގެ މަޢުލުމާތުން އަޅުގަނޑުގެ އާ ޙަޔާތަށް ދިރުން ލިބިގެންދިޔައެވެ. އެންމެ އިންސާނަކަށްވެސް ޙާލަތު ބަދަލުކުރެވިދާނެކަން، ޑަޔާނާވަނީ ދުނިޔެއަށް ސާބިތުކޮށްދެއްވާފައެވެ.

އެހެން މީހުންނަށް އެހީތެރިވުމަށްޓަކައި އިންސާނިއްޔަތަށްޓަކައި ކުރެވިދާނެ ކަންކަމުގެ ވިސްނުމާއި ޚިޔާލުން އަޅުގަނޑުގެ ފިކުރަށް މުއްސަނދިކަމެއް ލިއްބައިދިނީ ޑަޔާނާގެ ޙަޔާތްޕުޅުގެ ތާރީޚުންނެވެ.

އަޅުގަނޑުގެ ނާރެސްގައި ހިމެނޭ ދައްތަމެންގެ ބައްދަލުވުމެއް އަޅުގަނޑާއެކު ބޭއްވީމެވެ. އެހެން މީހުންނަށް އެހީތެރިވުމަށްޓަކައި އިންސާނިއްޔަތަށްޓަކައި ކަމެއް ކުރެވޭނީ، ވީނާއަށް އެހީތެރިވުމަށްޓަކައި އަޅުގަނޑުމެން ސާބިތުވެތިބިގޮތަށް އެފަދަ ޢަމަލު ތަކުރާރުކޮށްގެންކަމުގައި އަޅުގަނޑުމެން ނިންމީމުއެވެ.

"އަނިޔާއެއްލިބިގެން އެހީތެރިކަމަކަށް އެދިއްޖެ ކޮންމެ އަންހެނެއްގެ ޙައްޤުގައި އަހަރެމެން ހުރިހާމީހުން އެކީގައި ތެދުވާނެއެވެ. އަހަރެމެންނަށް ކުރެވުނު ކޮންމެކަމެއް އެމީހަކަށް ކޮށްދޭނެއެވެ. އެހީތެރިކަމުގެ ނާރެސްއެއް އަހަރެމެން އުފައްދާނެއެވެ." އަޅުގަނޑު އިޢުލާންކުރީމެވެ.

"އާނއެކެވެ! އަހަރެމެން މަޝްހޫރުވެގެންދާނީ، "އަމީރާ ސުލްޠާނާގެ ނާރެސް" ގެގޮތުގައެވެ." ތަހާނީ ހިނިތުންވެލަމުން ބުންޏެވެ.

"އެކުގައި އަހަރެމެންނަކީ، ބާރުގަދަ އިއްތިޙާދަކަށް ވާނެއެވެ." ޙައިފާ އޭނާގެ އުއްމީދު ހާމަކުރިއެވެ.

"އަހަރެންނަށް އިތުބާރުކުރެވޭ، އަންހެން ރަޙުމަތްތެރިންތަކެއް އެބަތިއްބެވެ. އެމީހުން މެދުވެރިކޮށްގެންވެސް، އަނިޔާލިބެމުންދާ އަންހެނުން ހޯދުމަކީ ފަސޭހަ ކަމަކަށްވާނެއެވެ." ސާރާ އިތުރަށް ބުންޏެވެ.

"ސުލްޠާނާއެވެ! އަނިޔާއިން ސަލާމަތްވާން ބޭނުންވާ އެތައް އަންހެނުންނަކަށް ސުލްޠާނާގެ ނާރެހުން، ފައިދާ ކުރާނެއެވެ." ނޫރާ، އަޅުގަނޑުގެ އަތަށް ފިތާލަމުން ބުންޏެވެ.

މިވަގުތަކީ، އަޅުގަނޑުގެ ޙަޔާތުގައި ދުވަހަކުވެސް ނުލިބޭފަދަ ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބުނު ވަގުތެކެވެ. ދުނިޔޭގެ އެތައްމިލިއަން ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިގެންވީ، ޕްރިންސެސް ޑަޔާނާގެ ޙަޔާތްޕުޅުގެ ދިރިހުރި މިސާލުތަކުން، އަޅުގަނޑުގެ މި ނާރެސްގެ ހެޔޮއަސަރު، މައިންގެ ފަރާތުން ދަރިންނަށް އަދި މުޅިޢާއިލާއަށް އަދި ޚާއްޞަކޮށް، ދުނިޔޭގެ އެކިޤައުމުތަކަށް ކުރިޔަށްއޮތް ތާނގައި ފެތުރި އެމުނި އެތުރިގެން، ދެމިގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.

އަޅުގަނޑުގެ އުއްމީދަކީ، ކޮންމެ އަންހެނަކުވެސް އަޅުގަނޑުގެ ނާރެސްގައި ހިމެނިގެން ދިއުމެވެ. އަދި އެހީއަށް ބޭނުންވެފައި ދުނިޔޭގެ ކޮންމެ އަންހެނަކަށްވެސް އަނެއް އަންހެނާއާ ހަމަޔަށް ވާޞިލްވުމުގެ މަގު ހުޅުވިފައި އޮތުމެވެ.

އަޅުގަނޑުމެންގެ މިމަސައްކަތުގައި މާތް ﷲ، ބަރަކާތް ލައްވައި، މިމަސައްކަތަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ދެމިގެންދާނެ އަގުހުރި މަސައްކަތަކަށް "އަމީރާ ސުލްޠާނާގެ ނާރެސް" ވެގެން ދިއުމެވެ.

(ނިމުނީ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.