ނޫސްވެރިކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަބަދުވެސް ކުރާނެ

ނޫސްވެރިކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަބަދުވެސް ކުރާނެ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ހެއްކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ދިފާއުކޮށް ނެރުނު ބަޔާނެއްގައި ސަރުކާރުން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

އެ ގާނޫނަށް ގެނައި އިސްލާހުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނިކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ހެއްކާ ބެހޭ ބިލް މަޖިލީހުން ފާސްކުރީ ގިނަ ދުވަސްތަކެއް ވަންދެން ދިރާސާކޮށްފައި ކަމަށެވެ. އަދި ގިނަ ބައެއްގެ ޚިޔާލު ހޯދުމަށް ފަހު ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ އެ ގާނޫނު އޮތްގޮތުން މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވޭނީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި އަދި ވަކި ޚާއްސަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށެވެ. އަދި މަސްދަރު ހާމަކުރަން އެންގިޔަސް، އެ ނިންމުން އިސްތިއުނާފް ކުރެވިދާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.