އިމްރާން ޚާންގެ ޕާޓީން ޕަންޖާބުގެ އިންތިޚާބު ބޮޑު ތަފާތަކުުން ކާމިޔާބުކޮށްފި

ޕަންޖާބުގެ އިންތިޚާބުގައި ހޯދި ކާމިޔާބީއަށް ފަހު ޕީޓީއައިގެ މެންބަރުން އުފާފާޅުކުރަނީ

ޕާކިސްތާނުގެ ވެރިކަމުން ދުރުކުރެވިފައިވާ ބޮޑުވަޒީރު ޢިމްރާން ޚާންގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި އޮތް މިންވަރު އެނގޭނެ އިންތިޚާބުކަަމަށް ބެލެވިފައި އޮތް ޕަންޖާބު ޕްރޮވިންސުގައި އިއްޔެ ބޭއްވި ބައިއިލެކްޝަން އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޓީއައިއިން ވަނީ، ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ 13 ޕާޓީގެ ކޯލިޝަން ސިއްސުވާލައި، އިންތިޚާބު ބޭއްވި 20 ދާއިރާގެ ތެރޭން 16 ދާއިރާ ކާމިޔާބުކޮށްފައެވެ. ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕާކިސްތާން މުސްލިމް ލީގް- ނަވާޒް (ޕީއެމްއެލް-އެން) އަށް ކާމިޔާބުކުރެވުނީ 3 ގޮނޑިއެވެ. އަނެއް ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެެވެ. މި ނަތީޖާއަކީ ޕަންޖާބުގެ އެންމެ ބޮޑު ސިޔާސީ ބާރު ކަމުގައި ބެލެވޭ ޕީއެމްއެލް-އެން ލަދުގަންނަން ޖެހޭ ވަރުގެ ނަތީޖާއެކެވެ.

މި ނަތީިޖާއާއެކު ޕީޓީއައިއަށް ވަނީ ޕަންޖާބު އެސެންބްލީގެ އަޣުލަބިއްޔަތު ލިބި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ތަނަވަސްވެފައެެވެ. ޕަންޖާބު ޕްރޮވިންޝަލް އެސެންބްލީގައި 371 ގޮނޑި ހުންނައިރު، އަޣުލަބިއްތަކީ 186 ގޮނޑިއެވެ. އިއްޔެ އިންތިޚާބުގެ ރަސްމީ ނަތީޖާ ވަގުތީ ނަތީޖާއާ ތަފާތުނުވާނަމަ، ގާނޫނުހަދާ މަޖިލީހުގައި ޕީޓީއައިގެ ގޮނޑީގެ އަދަދު 187 އަށް އަރާނެއެވެ.

އިއްޔެގެ އިންތިޚާބު ވެފައި ވަަނީ، ޕަންޖާބުގައި ބޭއްވި ބައިއިލެކްޝަނެއްގައި އެންމެ ގިނަ މީހުން ވޯޓުލީ އިންތިޚާބަށެވެ. އާންމު ގޮތެއްގައި ބައިއިލެކްޝަންތަކުގައި ވޯޓުލާން މީހުން ނުކުންނަކީ %25 އާ %39 އާ ދެމެދުގެ އަދަދަކަށް ނަަމަވެސް، އިއްޔެ ވޯޓުލުމަށް %40 މީހުން ނުކުމެފައި ވެއެވެ. މިއީ ސަރުކާރާ ދެކޮޅަށް ވޯޓުލާން ގިނަ ބަޔަކު ބޭނުންވެފައި ތިބި ކަމުގެ ނިޝާނެކެވެ.

ބައިއިލެކްޝަންގެ ނަތީޖާއިން ރައްޔިތުން ތިބި ގޮތް އަންދާޒާވެފައި ވާތީ، ޕީޓީއައިގެ ލީޑަރު އަދި ގާނޫނުހަދާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކޮށްފައިވާ ޢިމްރާން ވަނީ އާއްމު އިންތިޚާބު އަވަސްކުރުމަށް ގޮަވައިލައްވާފައެވެ. އޭނާ މި ބައިއިލެކްޝަންގައި ކެމްޕޭން ކުރެއްވީވެސް އާއްުމު އިންތިޚާބު އަވަސްކުރުން އެންމެ މުހިއްމު މައްސަލައެއްގެ ގޮތުގައި ހައްދަވައިގެންނެެވެ.

"ކުރިއަށް ދާން އޮތް ހަމައެކަނި ގޮތަކީ މިނިވަން، ދެފުށްފެންނަ އިންތިޚާބެއް ބޭއްވުން. އެެނޫން ގޮތަކަށް ކުރިއަށް ދާނަމަ ނަތީޖާއަކަށް ވާނީ ސިޔާސީ ހަލަބޮލިކަމާއި، އިގްތިސާދީ އޮޅުންބޮޅުން." ޕަންޖާބުގެ ބައިއިލެކްޝަންގައި ހޯއްދެވި ކާމިޔާބީއަށް ފަހު މިއަދު (ހޯމަ ދުވަހު) ހެނދުނު ކެރެއްވި ޓުވީޓެއްގައި ޢިމްރާން ޚާން ވިދާޅުވިއެވެ.

ބައިނަލް އަގުވާމީ ޓީވީ ޗެނެލެއްގެ ރިޕޯޓަރަކު ޕަންޖާބުގެ ވެރިރަށް ލާހޯރުން ވާހަކަދައްކަމުން ބުނިގޮތުގައި، ދެން ބާއްވާ އާއްމު އިންތިޚާބެއް އިންސާފުވެރިވެފައި، އެ އިންތިޚާބުގައި ޕީޓީއައިއިން އިއްޔެ ހޯދި ކާމިޔާބީ ތަކުރާރުކޮށްފިނަމަ، އިމްރާން ޚާން ބޮޑުވަޒީރުގެ މަގާމަށް އަލުން ވަޑައިގަތުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.