އިމްރާން ޚާނަށް ތާއީދުކުރާ ގިނަ ބަޔަކު ހައްޔަރުކޮށް، އިސްލާމްއާބާދުގައި ބާއްވަން އުޅުނު ބޮޑު އެއްވުމަށް ހުރަސްއަޅައިފި

އިސްލާމްއާބާދަށް ވަންނަ މަގެއް ކޮންޓޭނާ ބަހައްޓައިގެން ބަންދުކޮށްފައި

މަގާމުން ދުރުކުރެވިފައިވާ ބޮޑުވަޒީރު އިމްރާން ޚާން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބާއްވަވަން އުޅުއްވި ބޮޑު އެއްވުމަށް ޕާކިސްތާނު ސަރުކާރުން ހުރަސް އަޅައިފިއެވެ. ޕާކިސްތާނު ފުލުހުން ވަނީ ގައުމުގެ އެކި ކަންކޮޅުތަކުގައި އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކެ އިންސާފް (ޕީޓީއައި) އަށް ތާއީދުކުރާ މީހުންގެ ގޭގެއަށް ވަދެ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

ޕީޓީއައިގެ ތަރުޖަމާނު ފަވާދް ޗައުދަރީ ވިދާޅުވިގޮތުގައި ފުލުހުން ވަނީ ރޭ މެންދަމު 12 އަށް އެ ޕާޓީއަށް ތާއީދުކުރާ ގިނަ ބައެއްގެ ގެތަކަށް ވަދެފައެވެ. އަދި މިއަދު ހެނދުނުވެސް އެކަން ކުރިއަށް ދިޔައެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ވަނީ މި 'ރެއިޑް'ތަކުގައި މަދުވެގެން 400 މީހުން ހައްޔަރުކޮށްފައެވެ. އިމްރާން ޚާން ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ފުލުހުންގެ މި އަމަލު ކުށްވެރިކުރައްވާފައެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިންޓީރިޔާ މިނިސްޓަރު ރާނާ ސަނާއުﷲ ވިދާޅުވީ ޕީޓީއައިއިން އިސްލާމްއާބާދަށް މާދަމާ (25 މޭ) ބާއްވަން ތައްޔާރު ވަމުން އަންނަ 'ލޯންގް މާޗް' އަށް ސަރުކާރުން ފުރުސަތު ނުދޭނެކަމުގަައެވެ. މިއާއެކު، އިސްލާމްއާބާދުގައި ބާއްވަން ޕީޓީއައިއިން ރޭވި ބޮޑު އެއްވުން ބޭއްވުމުގެ ފުރުސަތު ބަންދުވީއެވެ.

"އެމީހުން ހުއްޓުވާނަން. އޭރުން އެމީހުން ފަތުރަން އުޅޭ ހަގީގަތާ ޚިލާފު ޕްރޮޕެގެންޑާ އެމީހުންނަށް ނުފެތުރޭނެ." ސަނާއުﷲ ވިދާޅުވިއެވެ.

"މި މީހުން މިހާރު ވަަނީ ލިބިފައިވާ މިނިވަންކަމުގެ ފައިދާ ނުބައި ގޮތުގައި ހިފުމަށް ފަހު، ބަޑީގެ ވަޒަން ބޭނުންކުރަން ފަށާފައި. ލާހޯރުގައި ފުލުހުންގެ ކޮންސްޓެބްލްއަކު މަރާލައިފި." އޭނާ އިތުރަށް ވިދާޅުވިއެވެ.

މިނިސްޓަރު ސަނާއުﷲ އެ އިޝާރާތްކުރައްވަނީ ރޭ ހިނގާފައިވާ ބަޑިޖެހުމުގެ ހާދިސާއަކަށެވެ. ލާހޯރުގެ މޮޑެލް ޓައުންގައި އިމްރާން ޚާންއަށް ތާއީދުކުރާ ގެއަށް ވަނުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި ހިނގި ކުރިމަތިލުމެއްގައި ބަޑިޖެހުމުގެ ސަބަބުން ޕްލިސް ކޮންސްޓެބްލް ކަމާލް އަޙްމަދު ވަނީ މަރުވެފައެވެ.

އިސްލާމްއާބާދުގައި ބާއްވަން ރާވާފައިވާ ބޮޑު އެއްވުމަށް ސަރުކާރުން ހުރަސްއެޅިނަމަވެސް، ރާވާފައިވާ ގޮތަށް އެކަން ކުރިއަށް  ދާނެކަމަށް އިމްރާން ޚާން ވަނީ ވިދާޅުވެފައެެވެ. އޭނާ މިހެން ވިދާޅުވީ އުތުރުގެ ޚައިބަރް ޕަޚްތޫންޚާ ޕްރޮވިންސުގެ ވެރިރަށް ޕެޝާވަރްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

"އަހަރެންނަށް ތާއީދުކުރާ މީހުން އިސްލާމްއާބާދަށް ދިއުމަށް އަހަރެން ގޮވާލަން. އަހަރެން އެތާ ހުންނާނަން." އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ "ގުރްބާނީތަކެއް ވުމަށް ތައްޔާރަށް ތިބުމަށް" އޭނާއަށް ތާއީދުކުރާ މީހުންނަށް ގޮވައިލާފައެވެ.

އިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކުރުމަށް ފަހު، ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި ޝެހެބާޒް ޝަރީފު ސިފަކުރެއްވި ގޮތުގައި، ގޮތް ދޫނުކުރައްވައި އިމްރާން ޚާން އުޅުއްވަނީ ގައުމު ދާޚިލީ ހަނގުރާއެއްގެ ތެރެއަށް ގެންދަވާށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.