ޕަރްވޭޒް އިލާހީ ޕަންޖާބުގެ ޗީފް މިނިސްޓަރުކަމުގެ ހުވައިކުރައްވައިފި

ޗައުދަރީ ޕަރްވޭޒް އިލާހީ ޕަންޖާބް ޕްރޮވިންސުގެ ޗީފް މިނިސްޓަރުކަމުގެ ހުވައިކުރައްވަނީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓިން ތާއީދުކުރި ޗައުދަރީ ޕަރްވޭޒް އިލާހީ އެގައުމުގެ ޕަންޖާބް ޕްރޮވިންސުގެ ޗީފް މިނިސްޓަރުކަމުގެ ހުވައިކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފިއެވެ. ޕަރްވޭޒް އިލާހީއަކީ ޕާކިސްތާން މުސްލިމް ލީގް-ޤާއިދް (ޕީއެމްއެލް-ކިޔު) ގެ ލީޑަރެކެވެ.

އުމުރުފުޅުން 76 އަހަރުގެ އިލާހީ މަގާމުގެ ހުވައިކުރެއްވީ ޕާކިސްތާނު ސުޕްރީމް ކޯޓުގެ އަމުރަކަށް ފަހުގައެވެ. އިލާހީ މަގާމާ ހަވާލުވެވަޑައިގަތުން ވެގެން ގޮސްފައިވަނީ ޢިމްރާން ޚާނަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއަކަށެވެ. އަދި ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ގެ ކޯލިޝަނަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަކަށެވެ.

ސުްޕްރީމް ކޯޓުގެ އަމުރަށް ފަހު، ބޮޑުވަޒީރުކަމުގައި ހުންނެވި ޝެހެބާޒް ޝަރީފު ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުން އަމަލުކުރަނީ އެކި ޕާޓީތަކާމެދު އެކި ގޮތަށެވެ.

މި ޖުލައި މަހުގެ 17 ވަނަ ދުވަހު ޕަންޖާބް ޕްރޮވިންސުގައި ބޭއްވި ބައިއިލެކްޝަން ޕީޓީއައިއިން ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޕަންޖާބުގެ ގާނޫނުހަދާ މަޖިލިސް، ޕަންޖާބް ޕްރޮވިންޝަލް އެސެންްބްލީގެ އަޣުލަބިއްުޔަތު ހޯދިއެވެ. އަދި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕީއެމްއެލް-ކިޔުގެ ޗައުދަރީ ޕަރްވޭޒް އިލާހީގެ ނަންފުޅު އެ ޕްރޮވިންސުގެ ޗީފް މިިނިސްޓަރުކަމަށް ހުށަހެޅިއެވެ.

ޕަންޖާބުގެ ޗީފްމިނިސްޓަރަަކު ހޮވަން ފާއިތުވި ހުކުރު ދުވަހު އެ ޕްރޮވިންސުގެ ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގައި ޕަރްވޭޒް އިލާހީ ދެކޮޅަށް ޕާކިސްތާނުގައި ވެރިކަންކުރާ ކޯލިޝަނުން ހުށަހަޅާފައި އޮތީ ބޮޑުވަޒީރުކަމުގައި ހުންނެވި ޝެހެބާޒް ޝަރީފުގެ ދަރިކަލުން ޙަމްޒާ ޝެހެބާޒްގެ ނަންފުޅެވެ. އެސެންބްލީގައި ނެގި ވޯޓު 186 ވޯޓުން އިލާހީ ކާމިޔާބުކުރެއްވި އިރު ޙަމްޒާއަށް ލިބިވަޑައިގަތީ 179 ވޯޓެވެ. އެެެހެންނަމަވެސް، އެސެންބްލީގެ ޑެޕިއުޓީ ސްޕީކަރ ދޯސްތު މުޙައްމަދު މަޒާރީ ވަނީ އިލާހީއަށް ލިބުނު އަށް ލިބިވަޑައިގަތް 10 ވޯޓު ބާޠިލުކުރައްވައި، ހަމްޒާ ޗީފް މިނިސްޓަރުކަމަށް ހޮވިވަޑައިގެންފިކަމަށް ނިންމަވާފައެވެ.

ޕީޓީއައިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ ޑެޕިއުޓީ ސްޕީކަރުގެ ނިންމުން ބާޠިލުކޮށް ޕަރްވޭޒް އިލާހީއަށް ޗީފްމިނިސްޓަރުކަން ދިނުމަށް އަމުރުކޮށްފައެވެ.

ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު، ސިޔާސީ ގޮތުން އެންމެ ބާރުގަދަ ޕްރޮވިންސުގެ ވެރިކަން ޕީޓީއައިގެ ކޯލިޝަނަށް ލިބުމަކީ ޢިމްރާން ޚާންގެ މަގުބޫލުކަން އާއްމުގެ މެދުގައި ދަށްވެގެން ނުދާކަމުގެ ހެއްކެކެވެ. އަދި ދެން އޮންނަ އާއްމު އިންތިޚާބެއްގައި އޭނާ އަލުން ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު އޮތްކަން ދޭހަވާ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.