ހއ. އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ހުރިހާ ރަށަކަށް ވައިޓް އެލަރޓް ނެރެފި

ހއ. އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ހުރިހާ ރަށަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން މިއަދު އިރުއޮއްސުމާއި ހަމައަށް ލަފާކޮށް މެޓް އޮފީހުން ނެރެފައިވާ މޫސުމީ ބުލެޓިންގައި ބުނެފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކަނޑުތައް އުތުރާއި މެދުރާއްޖޭގައި އާދައިގެވަރަކަށް ގަދަވެފައި ދެކުނުގައި އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެކަމަށް މެޓުން ލަފާކުރެއެވެ. އަދި ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.