47 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

މާލެއިން ފުރައިގެން 47 މީހުންނާއެކު އއ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ލޯންޗަކަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

"އެރުވީނާ އަލޯހާ" ނަމަކަށް ކިޔާ އެ ލޯންޗު، އަލިހުރަސް ކަނޑުން ލަކުޑި ގަނޑެއްގައި ޖެހި ލޯންޗުގެ ހަލްގަނޑު ތިރިން ފަޅައިގެން ގޮސް ދިޔަވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބުނީ މިއަދު 15:59 ހާއިރުއެވެ.

މި މަޢުލޫމާތު ލިބުމާއެކު ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާއެކު ކޯސްޓްގާޑުގެ އުޅަނދެއް ވަނީ އެ ލޯންޗު އޮތް ސަރަހައްދަށް ގޮސްފައެވެ. އަދި ދިޔަވަމުންދިޔަ ލޯންޗު، ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއިއެކު މިއަދު 16:37 ހާއިރު ގިރާވަރު ފަޅަށް ވައްދާފައިވެއެވެ.

އެ ލޯންޗުން ދަތުރުކުރި 45 މީހުން މެރީން ޕޮލިހާއި "ހަލްޔާޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އެހީތެރިކަމާއެކު، ވަނީ މާލެއަށް ގެންގޮސްދީފައެވެ.

ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއިއެކު މިހާރު އެ ލޯންޗު ވަނީ މަރާމާތުކުރުމަށް ގިރާވަރުން ތިލަފުށްޓަށް ގެންގޮސްދީފައެވެ.

މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.