ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އަންގައިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަނިކޮށް ސިފައިން ވެސް ހަތިޔާރާ އެކު އޮޕަރޭޝަނެއް މިރޭ ފަށައިފި އެވެ.
އެމްއެންޑީއެފުން މިފަދަ އޮޕަރޭޝަނެއް ފަށައިފައިވަނީ ގެއްލުވާލައިފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެދިގެން ފުލުހުން މާލެއާއި އައްޑޫގައި އޮޕަރޭޝަނެއް މިރޭ ކުރިއަށް ގެންދަނިކޮށްނެވެ. މި އޮޕަރޭޝަނާ ބެހޭގޮތުން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމަށް ސުވާލު ދެންނެވުމުން އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ނުދެއްވައެވެ. އެހެންމަވެސް އެހެން މަސްދަތރުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންގެ މި އޮޕަރޭޝަނަކީ ފުލުހުން ހިންގާ އޮޕަރޭޝަނަށް އެހީވުމުގެ ގޮތުނަށް ފެށި އޮޕަރޭޝަނެކެވެ.
ފުލުހުން ހިންގާ އޮޕަރޭޝަނުގައި ވަނީ މާލެއާއި އައްޑޫ ސިޓީގެ ބައެއް ގެތަކާއި ކެފޭތައް ބަލައި ފާސްކޮށްފައެވެ. މިހާރު ހުޅުމާލޭގައި ވެސް ފުލުހުންވަނީ އޮޕަރޭޝަން ފަށައިފިއެވެ.