އުއްމީދު - 14

(11 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މިއީ އާ ކަމެއް ނޫން. ދެ މީހަކު ތިޔަހެން ވަކިވުމަކީ މިތާގައި ވަރަށް ގިނައިން ވާ ކަމެއް. ކަންބޮޑުވާ ކަހަލަ ކަމެއް ނޫން." އެ ކުއްޖާއަށް އުއްމީދުގެ ކުލަ އޮއްސިފައިވާ މޫނު ފެނުނީމާ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ބުނެލިއެވެ.

އުއްމީދު އަނގައިން ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. މި ތަނަށް އައިސްގެން, ގެއްލޭ މީހުން ހޯދާކަން އޭނާއަށް އެނގެއެވެ. އެކަމަކު ގަސްތުގައި ފިލައިގެން ދިޔަ މީހަކު ހޯދާނީ ކިހިނެއް ހެއްޔެވެ؟

އަންހެންކުއްޖާ އީމާން ޢަލީގެ ނަން އަޑުގަދަކުރާއިން ގޮވައިފިއެވެ. "އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިތަނުން ރަށަށް ފޯނު ކުރަންވީ ހެއްޔެވެ؟ އަހަންނަށް މެދުވެރިވީ ހާލަތު މަންމައަށް ކިޔައިދޭންވީ ހެއްޔެވެ؟ ކިޔައި ދިނީމާ އޭނާގެ އާއިލާގެ މީހުން އީމާން ހޯދަން މަސައްކަތް ކުރާނެއެވެ. ފެނުނީމާ ވާނީ ކިހިނެއް ހެއްޔެވެ؟ އަހަންނާ އެކީގައި އުޅެން ދެކޮޅު ހަދައިފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަގު ވެއްޓިގެން ރަށަށް އެނބުރި ދިއުމަކުން ކުރާނޭ ފައިދާއެއް ނޯންނާނެއެވެ."

އޭނާއަށް މި ވަގުތު އިހުސާސް ކުރެވެނީ ބޯވައެއްގެ ދަށުވެފައިވާ މީހެއް ކަމުގައެވެ. "ފުރަތަމަ ޖަހާންޒޭބެވެ. މިހާރު އީމާނެވެ. އަހަންނަށް މި ލިބެނީ ކޮން ކުށެއްގެ އަދަބެއް ހެއްޔެވެ؟ އަހަރެން އީމާނާ އިނީ ކީއްކުރަން ހެއްޔެވެ؟ އިންނަން ދެކޮޅު ހެދުނު ނަމަ މާ ރަނގަޅު ވީހެވެ. ޑޮކްޓަރ ޚޫރްޝީދު ހެދީ ދޮގެކެވެ. އީމާން ޚޫރްޝީދަށްވެސް އޮޅުވައިލީއެވެ."

އޭނާއަށް ވަރަށް ބޮޑަށް ލޮޑުކަން އިހުސާސް ކުރެވޭން ފަށައިފިއެވެ.

ނަން ގޮވާތާ ފަސް މިނިޓު ވެއްޖެއެވެ. އީމާނެއް ނައެެވެ. އެހެންވީމާ އެ ކުއްޖާ ނަން ގޮވުން ހުއްޓާލައިފިއެވެ.

"ދެން ގެއަށް ވަޑައިގަނޭ. ފަހަރެއްގައި ފިރިކަލުން ގެއަށް ވަޑައިގަތީ ކަމަށް ވެދާނެ." އެ ކުއްޖާ ބުނެލިއެވެ.

އުއްމީދު އެ ކުއްޖާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. އޭނާ ބޭނުންވީ އޭނާއަށް މެދުވެރިވީ ހާލަތު ތަފުސީލުކޮށް ކިޔައިދޭށެވެ. އެކަމަކު ރަނގަޅަށް ފަށައިނުގަނެވެނީސް ފެނުނީ އީމާން ޢަލީ އައިސް އެތަނަށް ވަން ތަނެވެ. އުއްމީދުގެ ސިކުނޑި ބާރު އަޑަކާއެކު ފަޅައިގެން ދިޔަ ކަހަލައެވެ. އީމާންގެ ގައިގައި ތަޅައިގަތްގަތީނުން ބިމާ ހަމަކޮށްލައިފާނަމޭ އޭނާގެ ހިތަށް އެރިއެވެ.

އޭނާ މަޑުމަޑުން އީމާނާ ކައިރިއަށް ޖެހިލިއެވެ. އެޔާއެކު ވީ ގޮތެއް ނޭނގުނެވެ. އީމާނާ ދިމާއަށް ހަޅޭއް ލަވަން ފަށައިފިއެވެ. ހަޅޭއް ލަވަލަވައިފައި ބާރަށް ރޯން ފަށައިފިއެވެ. އީމާން ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އެހެން ހުރެފައި އުއްމީދު ގާތުން މައާފަށް އެދިފިއެވެ. އެތައް ފަހަރަކު މައާފަށް އެދުނީމާވެސް އީމާނާއެކު ގެއަށް ދާކަށް އެއްބަހެއް ނުވިއެވެ.

"އަހަރެން އީމާނާއެކު ނުދާނަން. ބޭނުމީ ރަށަށް ދާން. އަހަރެންގެ ޕާސްޕޯޓު ގެނެސްދީ."

އޭނާ ރޮއިރޮއިފައި މި ނޫން އެހެން ވާހަކައެއް ނުދެއްކިއެވެ. އީމާން ވަރަށް ގިނަ އިރުވާންދެން އޭނާގެ ވާހަކަ އަޑުއަހަން ހުއްޓެވެ. އެހެން ހުރެފައި ކުއްލިއަކަށް ވަރަށް ބާރަށް ބުނެފިއެވެ. "އަހަރެން މިއީ އުއްމީދު ހިތާވެގެން އުޅޭ މީހެއް ނޫން. ދޫކޮށްލާފައި ދާނީ އެހެންނަމަތާ. އަހަރެން މިއީ އުއްމީދުގެ ފިރިމީހާ."

އެހެން އެ ބުނީ އީމާން ކަމާމެދު އޭނާއަށް ޝައްކުވެސް ވިއެވެ. ނުސީދާކޮށް ޖަހާންޒޭބްގެ ނަމުގައި އޭނާއަށް މަލާމާތް ކޮށްފާނެއެކޭ ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ.

ރުއިމުގެ މަތީންވެސް އޭނާ ހަނދާން ނެތިއްޖެއެވެ.

"ހިނގާ ގެއަށް." އީމާން އަނެއްކާވެސް ވަރަށް ބާރަށް ބުނެލިއެވެ.

މިހެން ބުނެފައި އަނގައިންވެސް ނުބުނެ ނުކުމެގެން ހިނގައިގެންފިއެވެ.

"އަހަރެން ފިހާރައިން ނުކުތީ ދެބެއިންގެ ދެދަރި މީހަކު ދިޔަތަން ފެނިގެން. މާ ގިނަ އިރެެއް ނުވެ އެނބުރި އަތުވެއްޖައިން. އޭރު އުއްމީދު ފިހާރަޔަކު ނެތް. އުއްމީދު ގާތު ނުބުނެ ކުއްލިއަކަށް ނުކުމެގެން ދިއުމަކީ ކުރެވުނު ރަނގަޅު ކަމެއް ނޫން ކަމަށް އަހަރެން ގަބޫލުކުރަން. އެކަމަކު އުއްމީދުވެސް ފިހާރައިގައި އަހަރެން އަންނަންދެން އިންތިޒާރުކުރި ނަމަ ރަނގަޅު ވީސް. އުއްމީދު ނުފެނުނީމާ އަހަރެން ކަންބޮޑުވީ ވަރު ހިތަކަށްވެސް ނުގެނެވޭނެ. ފެނުމާއެކީ ތިޔަ ފެށީ ކުޑަކުއްޖެއްހެން ޝަކުވާ ކުރަން. އަހަރެން އުއްމީދު ދޫކޮށްލާފައި ދާންވީ ކީއްވެގެން؟ އަމުދުން މި ކަހަލަ ގޮތަކަށް..."

އެކީގައި ހިނގައިފައި ދަމުން އީމާން ގެންދިޔައީ ވާހަކަދައްކަމުންނެވެ. އެކަމަކު އުއްމީދަކަށް އެ ވާހަކަ ރަނގަޅަކަށް ނީވެއެވެ. މިހާރުވެސް އޭނާގެ ސިކުނޑީގައި އޮތީ ދާދި ދެންމެއަކު އީމާން ބުނެލީ ހަރުކަށި ޖުމުލައެވެ.

"އަހަރެން ހިތާވެގެން އުޅުނުމީހާ އަހަރެން ދޫކޮށްލައިފައި ދިޔަ ވާހަކަ ބުނަން މިއީ ކާކު ހެއްޔެވެ؟ މީނާއަށް އެ ހައްގު ލިބުނީ ކިހިނެއް ހެއްޔެވެ؟"

ގެއަށް އައިސްވެސް އީމާން އެ ވާހަކަ ކުރިއަށްގެންދިޔައެވެ. އުއްމީދު ހިމޭނުން ހުންނާތީ ކަންބޮޑުވަނީ ކަމުގައިވެސް ވެދާނެއެވެ. އެހެންވީމާ ހުއްޓައިނުލައި މައާފަށް އެދެނީއެވެ. މީގެ ކުރިން އުއްމީދަކަށް އީމާން މިހައި ނުބައެެއް ނުވެއެވެ.

އެތައް ދުވަހަކަށް ފަހު އެ ރޭ އަނެއްކާވެސް އޭނާ ޖަހާންޒޭބްގެ ޚިޔާލުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. އެ ރޭ ހަނދާން ވާން ފެށްޓީ މާ ބޮޑަކަށެވެ.

މެންދަމުން އަލިވެ ތިނެއް ޖެހި ފަހުން އޭނާ ލޯ ފޮހެލައިފައި ނިދަން ތައްޔާރު ވަމުން އީމާން ޢަލީގެ މޫނަށް ބަލައިލިއެވެ.އޭނާ އޮތީ އަރާމުކޮށް ނިދައިފައެވެ. އެ ވަގުތު ހިތަށް އެރިއެވެ. "އީމާން ޢަލީއަކަށް ދުވަހަކުވެސް ޖަހާންޒޭބަކަށް ނުވެވޭނެއެވެ."

* * *

ޖަރުމަނުން އެނބުރި އައިސް ހަފުތާއެއްހައި ދުވަސް އުއްމީދު ހޭދަކުރީ ރާވަލްޕިންޑީގައެވެ. އީމާން ކޮންމެ ދުވަހަކު އޭނާއަށް ފޯނު ކުރެއެވެ. ކޮންމެ ގޮތަކަށް ބެލި ކަމުގައި ވިޔަސް އޭނާގެ ދިރިއުޅުމާއި ކުރިމަގު މިހާރު ގުޅިފައި އޮތީ އީމާން ޢަލީއާ ކަމުގައްޔާއި އީމާނާ ވަކި ވުމަކީ ވާނޭ ކަމެއް ނޫންކަމުގެ އިހުސާސް ކުރެވުނީ ރާވަލްޕިންޑީގައި ހޭދަ ކުރެވުނު ދުވަސްކޮޅުއެވެ. ގޭގެ އެންމެންގެ ދުލުކޮޅުގައި އޮންނަނީ އެންމެ ނަމެކެވެ. އެއީ އީމާން ޢަލީގެ ނަމެވެ. އުއްމީދާ ގުޅޭ ވާހަކައެއްވެސް އީމާންގެ ނަމާ ނުލައި ދެކެވޭ ކަމަކަށް ނުވެއެވެ. އެ ގޭގައި އީމާންގެ އޮތް ހައިސިއްޔަތާއި އަހުމިއްޔަތުކަން ވިސްނުނީ މަންމައާއި ކޮއްކޮމެންގެ ވާހަކަ އަހައިފައެވެ.

އޭނާގެ ހިތަށް އެރިއެވެ. "އޭނާ ދެކެ ރުޅިއައިސްފައި އަހަންނަށް ހުރެވޭނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟"

އެއް ހަފުތާ ފަހުން އީމާނާ އޭނާ ބަލައި އަތުވެއްޖެއެވެ. އޭނާ އެއްވެސް ދެކޮޅުހެދުމެއް ރުޅިވެރިކަމެއް ނެތި އީމާނާއެކު އަތުވެއްޖެއެވެ.

އީމާން އޮފީހަށް ނުކުންނާން ފަށައިފިއެވެ. އޮފީހުން ނިމިގެން އައިސް ދެން ދަނީ ޑޮކްޓަރ ޚޫރްޝީދު ގާތަށެވެ. ގަވާއިދުން ޚޫރްޝީދާ ބައްދަލުކުރަން ދާތީ އުއްމީދު ހުންނަނީ ހައިރާން ވެފައެވެ. އެ ދުވަސްވަރު ދެމަފިރިންގެ ގުޅުންވެސް ކޮންމެވެސް ވަރަކަށް ރަނގަޅު ވެއްޖެއެވެ. އެކަމަކުވެސް ޖަހާންޒޭބްގެ ހަނދާނެއް ނުފިލިއެވެ. ޖަހާންޒޭބްގެ ހަނދާންވާ ވަގުތު އެހެން މީހަކުގެ ހަނދާނެއް ނުހުރެއެވެ.

ހައެއްކަ މަސް ދުވަސް ފަހުން އޭނާގެ ދިރިއުޅުން މުޅީން އައު ގޯޅިއެއް އަޅައިފިއެވެ.

* * *

"އަހަރެންގެ ދަރިފުޅު..؟" ޑަކްޓަރުގެ ވާހަކަ އިވިފައި ޔަގީންކަމެއް ނެތް ކަހަލަ ގޮތަކަށް އޭނާއަށް ބުނެލެވުނެވެ.

ގެއަށް އައިސްވެސް އުޅުނީ މުޅީން ޔަގީން ނުވެގެން ކަހަލަ ގޮތަކަށެވެ. އޭނާގެ ހާލަތު އެ ގޮތުގައި އެތައް ދުވަހަކަށް ދެމިގެން ދިޔައެވެ.

އީމާންގެ ހާލަތު މުޅީން ތަފާތެވެ. އޭނާ ހުންނަނީ ވަރަށް އުފަލުންނެވެ. ޖަރުމަނަށް ފޯނު ކޮށްފައި މައިންބަފައިން ގާތުވެސް އެ ވާހަކަ ބުނެފިއެވެ. މުޅީން އިޚްތިޔާރުގައި ނޫން ނަމަވެސް ދެމަފިންގެ މެދުގައި ދެކެވޭ ވާހަކައިގެ މައުޟޫއު ބަދަލު ވެއްޖެއެވެ. ވާހަކަަދައްކަން މިހާރު އޮންނަނީ އެންމެ މައުޟޫއެކެވެ. އެހެން ހުރިހައި ކަމެއް ކުއްލިއަކަށް ފަސްމަންޒަރަށް ވަދެގެން ހިނގައްޖެއެވެ. އުއްމީދަށް އުފާވެރިކަމުގެ އިހުސާސް ކުރެވޭ ގޮތްވީ ފަސް އަހަރު ފަހުންނެވެ. ކުލަ މަންޒަރެއްގެ ގޮތުގައި ދުނިޔެ ފެންނާން ފެށީ އަލަށެވެ.

"އީމާނާއި އަހަރެންގެ ދަރިފުޅާ އެކީ އުފަލުގައި އުޅުމަކީ އަހަންނަށް ކުރެވިދާނޭ ކަމެކެވެ. ފަހަރެއްގައި އެހެން ހުރިހައި ކަމެއް ހަނދާން ނައްތައިލުމަކީވެސް ކުރެވިދާނޭ ކަމެކެވެ. އަހަރެންގެ މާޒީ ގަދަފަދަ މާރިދެއްހެން އަހަރެންގެ ފަހަތުން ނުނެއްޓި އެބަ އުޅެއެވެ. އެ މާޒީވެސް ހަނދާނުން ފޮހެލެވުމަކީ އެކަށީގެންވާ ކަމެކެވެ."

މި ޚިޔާލު ކުރެވުނީމާ ބައެއް ފަހަރު އޭނާގެ ގާތަށް ހިނިވެސް އާދެއެވެ.

"އެއީ ތެދެކެވެ. އަހަރެން ދޫކޮށްލައިފައި އީމާން ދާނީ ކޮން ތަނަކަށް ހެއްޔެވެ؟ ދެން އަމުދުން ދުލެއް ނުކުރެވޭނެއެވެ. އަހަންނަށް އަބަދު ހުރެވެނީ ޔަގީންކަމެއް ނެތް ހާލަތެއްގައެވެ. އަހަރެން ދޫކޮށްލައިފައި އޭނާ ހިނގައިދާނެތީ ގަންނާކުރައްވާ ބިރުން ރޫރުއަޅައަޅައެވެ. އަހަރެންގެ ބިރުވެރިކަން ވެގެން މި ދިޔައީ އަވާމެންދުރަކަށެވެ. ވަހުމަކަށެވެ."

އޭނާ މާޒީގެ ޚިޔާލުތައް ބޮލުން ނެރެ އެއްލައިލެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ.

"އާނއެކެވެ. އަހަންނަށް ޖެހޭނީ ހުރިހައި ކަމެއް ހަނދާން ނައްތައިލައިފައި އައު ދިރިއުޅުމަކާއިގެން ކުރިއަށް ދާށެވެ. އަހަރެންގެ ވަހުމުތައް އަބަދަށްޓަކައި ކަފުންކޮށްފައި ވަޅުލާށެވެ."

އޭނާއަށް ހުރިހައި ކަމެއް ރަނގަޅުވާން ފަށައިފިއެވެ. އަމިއްލަ ގެއާއި އީމާނާއި އީމާނަށްޓަކައި މަސައްކަތްކުރުމާއި އީމާން އޮފީހަށް ދިޔައީމާ ދެތިން ހަތަރު ފަހަރު ފޯނު ކޮށްފައި ވާހަކަދެއްކުމަކީވެސް މިހާރު އޭނާގެ އާދައަކަށް ވެއްޖެއެވެ. ރޭގަނޑު އީމާނާއެކު ދުއްވައިލާން ނުކުމެ ކުރިމަގުގެ ވާހަކަދެއްކުމާއި ކަންތައް ކުރަންވާ ގޮތާއި އުއްމީދުތަކުގެ ވާހަކަ ދެއްކުމަކީވެސް އާދައަކަށް ވެއްޖެއެވެ. ދިރިއުޅުން އައު ފެށުމަކުން ފަށައިގަނެވިއްޖެއެވެ. މިހާރު ޖަހާންޒޭބް ޢާދިލްގެ ހިޔަންޏެއް އޭނާގެ ދިރިއުޅުމަކުން ނުފެނެއެވެ. އެއީ އޭނާއަށް އެޅުނު ކަތި ފިޔަވަޅެކެވެ.

* * *

އެރޭ އުއްމީދު އީމާނާއެކު ދިޔައީ ހޮޓަލަކަށް ކާށެވެ. ކައި ނިމިގެން ނުކުންނާން ވެގެން ސިޑިން ފައިބާން ހިނގައިގަތް ވަގުތު ހޮޓަލުގެ ދޮރުމަތީން އޭނާއަށް ފެނުނު މީހެއްގެ ސަބަބުން އޭނާގެ މުޅި ވުޖޫދު ހެލިގަތް ކަހަލައެވެ. މޫނެއް ހަނދާން ނައްތައިލުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އެ މޫނު ހަނދާނުން ފޮހެއެއް ނުލެވޭނެއެވެ. އަނެއްކާވެސް ހުވަފެނެއްގެ ތެރެއަށް ވަދެވުނީ ނޫން ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ނޫނެކެވެ. މި ފަހަރު މިއީ ހުވަފެނެއް ނޫނެވެ. އަންހެން ކުއްޖަކާއެކު ސިޑިން އަރައިގެން ހެމުން އޭނާޔާ ދިމާއަށް އެ އަންނަނީ ޖަހާންޒޭބެވެ. ޖަހާންޒޭބަށްވެސް އޭނާ ފެނިއްޖެއެވެ. ހިނދުކޮޅަކަށް ހުއްޓުނުވެސް މެއެވެ. އެކަމަކު މަޑުމަޑުން ހިނގައިފައި އޭނާ ފަސްދީ ހިނގައްޖެއެވެ. އޭނާގެ ފަހަތުން ދުވެފައި ހިނގައިދާނަމޭ އުއްމީދުގެ ހިތަށް އެރިއެވެ. އެ އަންހެން ކުއްޖާގެ އަތުގައި ހިފައި ދުރަށް ހޫރައިލުމަށް ފަހު ޖަހާންޒޭބްގެ އަތުގައި ހިފައިގެން ހިނގައިގެންފާނަމޭ ހިތަށް އެރިއެވެ.

އެ ވަގުތު އީމާން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު ހިތުގައި އޮތީ ކީކޭ ކަމެެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް އިހުސާސް ކުރެވުނީ މީގެ ފަސް އަހަރާ ބައިގެ ކުރިން އުޅުނު ޖަންގައްޔަށް އަނެއްކާވެސް ވެދުވުނީ ކަމުގައެވެ. މިހާރުވެސް ޖަހާންޒޭބް ފިޔަވައި އެހެން މީހަކު މި ދުނިޔެއަކު ނެތެވެ. އެކަމަކު އޭނާ އަދިވެސް ހުރީ ހުސްއަތާއެވެ. ދިރިއުޅުން ވެފައި ވަނީ ކަށިކުނބުރު ވަލަކަށެވެ. އެ ވަލުގެ ތެރެއަށް ވަދެގެން ގޮސް ދިރިއުޅުން އޮބައިލައިފިއެވެ.

އޭނާ ސިއްސައިގެން ދިޔައީ ކޮނޑުމަތީގައި މީހަކު އަތް ބާއްވައިލީމައެވެ. އެނބުރި ބަލައިލީއިރު ކައިރީގައި ހުރީ އީމާނެވެ.

"ޖަހާންޒޭބް؟" އީމާންގެ އަނގައިން ނުކުތީ ހަމައެކަނި މި ލަފުޒެވެ. އެނބުރި ބަލައިލުމަށް ފަހު އުއްމީދު ބޯ ޖަހައިލިއެވެ.

އީމާން އަނގައިންވެސް ނުބުނެ ސިޑީން ފައިބާން ފަށައިފިއެވެ. ދިޔަ ބާރުމިނާއި މޫނުމަތީގެ އަސަރުތަކަށް ބަލައިލީމާ އީމާނަށް ވީ ގޮތް އޭނާއަށް ސާފު ވެއްޖެއެވެ. ދެވަނަ ފަހަރަށް އެނބުރި ޖަހާންޒޭބް ދިޔަ ދިމާއަށް ބަލައިލުމަށް ފަހު އޭނާވެސް ނުކުންނާން ހިނގައިގެންފިއެވެ.

އޭނާގެ އިންތިޒާރުގައި ކާރުގައި އީމާން އިނެވެ. އުއްމީދު އަރައި އިށީނުމާއެކު ކާރު ދުއްވައިލައިފިއެވެ. އީމާނަކީ ބަލައިގެން ވަރަށް ފަރުވާތެރިކަމާއެކު ކާރު ދުއްވާ މީހެކެވެ. އެކަމަކު މިއަދު ދުއްވަނީ ވަރަށް ބާރަށެވެ. ފަރުވާކުޑަ ގޮތަކަށެވެ. ތިން ތަނަކުން ރަތް ބައްތި ދިއްލިފައި ހުއްޓައި ދުއްވައިލިއެވެ. އެއްކޮޅަށް ދުއްވާ މަގަކަށް ނުބައިކޮޅަކުން ވަދެވެސްފިއެވެ. އެކަމަކުވެސް އޭނާގެ މޫނުމަތީން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ނުތަނަވަސްކަން ފެންނަނީ ހަމައެކަނި ހަރަކާތުންނެވެ. މި އެޅުނީ ކިހައި ވަރެއްގެ ކަތި ފިޔަވަޅެއްކަމުގެ އިހުސާސް އުއްމީދަށް ކުރެވުނީ އެ ވަގުތުއެވެ. ހިތަށް އެރިއެވެ. "ގެއަށް ގޮސް މައާފަށް އެދޭނީއެވެ. ވާހަކަ ދައްކައި ތަސައްލީ ދީގެން ހަމަޖައްސައިލާނީއެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.