މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި ފާހަގަނުވާނެ: މިނިސްޓަރ

މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި ފާހަގަނުވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ބިނާކޮށްފައިވާ ”މަސްޖިދު ރަޝީދު” ހުޅުވަން، ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއް ނިޔާވުމަށްފަހު ދެމިގެންދާނެ ގޮތަކަށް ދަރުމަޔާއި ސަވާބު ލިބޭނެކަމެއްވުން އެއީ ކޮންމެ ބޭފުޅެއްގެވެސް އުންމީދެއްކަމަށް ވިދާޅުވިއެވެ. އަދި މައްޔިތާ މަރުވުމަށްފަހު ކޮށްދެވޭ ހެޔޮކަންތައްތަކަށް ބައްލަވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި އެތަނެއް ފާހަގަނުވާނެކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު އަލަށް މި ހުޅުވުނު މިސްކިތުގައި ނަމާދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރގެ ވާހަކައިގައި ވަނީ މި މިސްކިތަށް ހިނގާ ހުރިހާ ޚަރަދެއް އާރު.ސީ.ސީން ކުރަން ނިންމާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.

1200 މީހުންނަށް ނަމާދުކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށްވެސް ވަކިން ނަމާދުކުރެވޭނެއެވެ.

3 ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތް ފަރުމާކޮށްފައިވަނީ ޕާކިންގ އޭރިއާއަކާވެސް އެކީގައެވެ. މިސްކިތަށް ބޭނުންވާ ކަރަންޓް އިޔާދަކުރަނިވި ހަކަތައިން ލިބޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތް ރޭ އިޝާނަމާދުން ފެށިގެން ވަނީ އާންމުންނަށް ނަމާދުކުރުމަށް ހުޅުވާލެވިފައެވެ.

މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މިސްކިތް ހުޅުވުމާއިއެކު އެ އެސަރަހައްދުގައިހުރި ވަގުތީ މިސްކިތް ” މަސްޖިދުލް ފިތުޔަ” ވަނީ ބަންދުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.