މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް ރިސަރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުގެ (އިރްތީ) ގެ ވަފްދުގެ ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޒަކާތް ބެހުމާއި ބަލައިގަތުމާއި އަދި އިސްލާމިކް ފައިނޭންސްގެ ކަންކަމާއި ގުޅޭގޮތުންނެވެ. އިރްތީއިން ވަނީ މިނިސްޓްރީއާއި ގުޅިގެން 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ޒަކާތާއި ބެހޭ ޤާނޫނު އެކުލަވާލާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިރްތީ ވަފްދުގެ ބޭފުޅުން ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ގުޅިގެން އިސްލާމިކް ފައިނޭންސްގެ ކުރު ޓްރެއިނިން ކޯހެއް ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ވާހަކަ ވަނީ މިނިސްޓަރާ ހިއްސާކުރައްވާފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޒަކާތު ޕޯޓަލްއެއް ހެދުމަށް ތައްޔާރުވަމުން އަންނަ ވާހަކަ މި ވަފްދުގެ ބޭފުޅުންނާއި ހިއްސާކުރެއްވިއެވެ. ވަފުދުގެ ފަރާތުން މި ޕޯޓަލް ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ، މާލީ އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގައި ވަޤްފް ޤާނޫނެއް އެކުލަވާލަން މަސައްކަތްކުރައްވަމުން ގެންދަވާ ވާހަކަ ވަފުދުގެ މެމްބަރުންނާ ހިއްސާކުރެއްވުމުން އެބޭފުޅުންގެ ފަރާތުން މި ޤާނޫނު ޑްރާފްޓުކުރުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންދެއްވިއެވެ. ހަމައެހެންމެ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ މުހިއްމުކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މިގޮތުން އިސްލާމިކް ޓުއަރިޒަމް އަދި މި ނޫނަސް އިސްލާމިކް ފައިނޭންޝިއަލް ޕްރޮޑަކްޓްސް ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓަރ އަށް އިންވެސްޓް ކުރުމަށް ފުރުސަތު ހުޅުވާލުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވަފްދުގެ ބޭފުޅުން ހާމަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން އިސްލާމިކް މިނސްޓަރ ޑރ.އަހްމަދު ޒާހިރު ޢަލީ އިރްތީ ވަފުދުގެ ބޭފުޅުންނާއި ހަދިޔާ ބަދަލުކުރެއްވިއެވެ. އަދި މިނިސްޓަރ އަށް ބައްދަލުކުރެއްވުމުން އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުދެންނެވުމަށްފަހު މެހެމާނުން ސޮއިކުރައްވާ ފޮތުގައި ވަފުދުގެ ފަރާތުންވަނީ ސޮއިކުރައްވާފައެވެ.