އދ. ދިއްދޫ ޢަބްދުލްއަޒީޒު ލިޔުއްވި ދެ ފޮތެއް ރައީސް ސާލިހަށް ހަދިޔާ ކުރައްވައިފި

އދ. ދިއްދޫ، ބާދުޞަބާ / ޢަބްދުލްޢަޒީޒް އިބްރާހީމް ލިޔުއްވި ދެ ފޮތެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ކުޑަ ހަފުލާއެއްގައި ހަދިޔާ ކުރައްވާފައިވަނީ ކުރީގެ ބައެއް އާދަކާދަ 1"، އަދި "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" ގެ ނަމުގައި ލިޔެފައިވާ ފޮތެވެ.

ކުރީގެ ބައެއް އާދަކާދަ 1" މިފޮތުގައި އދ. ދިއްދޫގައި މީހުން އާބާދުވިގޮތާއި، އެ ހިސާބުގަނޑުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ސަތޭކައެއްހާ އަހަރުކުރިން ހުރި ގޮތް ބަޔާންކޮށްދީފައިވެއެވެ.

"ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" މި ފޮތަކީ އދ. ދިއްދޫއާ ބެހޭގޮތުން ޢާންމު މަޢުލޫމާތު ހޯދުމަށް ކުރަން ބޭނުންވާ ސުވާލުތަކާއި، ރަށުގެ ވަނަވަރު ލިޔެފައިވެއެވެ. އަދި އެރަށުގެ އިސް މަޤާމުތައް ފުރުއްވި ބައެއް ބޭފުޅުންގެ ފަރާތުން ސާފުކޮށްލަން ބޭނުންވާ މަޢުލޫމާތު ވެސް މި ފޮތުގައި ހިމެނެއެވެ.

މި ދެ ފޮތް ހަދިޔާކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ފޮތުގެ މުޞައްނިފު ޢަބްދުލްއަޒީޒް އިބްރާހީމަށް ޝުކުރުދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިފޮތްތައް ލިޔުމުގެ ޚިޔާލު އުފެދުނުގޮތާއި މި ދެ ފޮތުގައި ހިމެނިފައިވާ އެކިއެކި ބައިތަކުގެ މައްޗަށް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތްތަކަކީ ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ހިމެނޭ ފޮތްތަކެއްކަމަށް އުންމީދުކުރައްވާ ކަމަށާއި މިފަދަ މަސައްކަތްތަކަކީ އެމަނިކުފާނު ވަރަށް ބޮޑަށް ތަރުޙީބުދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޢަބްދުލްޢަޒީޒް އިބްރާހީމް ވަނީ މި ފޮތުގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.