ޢީދު ފާހަގަކުރަން ދެ ރައީސުން ވިދާޅުވަނީ ދެގޮތަށް

މީހުންގެ ތެރެއަށް ނިކުމެ އުޅުން މަދުކުރޭ: ރައީސް އިބްރާހީމް - ރައީސް ނަޝީދު އެދިވަޑަގަންނަވަނީ އާއިލާއާއި ރަހުމަތްތެރިންނާއި އެކު މަޖާކުރެއްވުމަށް

މި އީދު ހުރިހާ ބޭފުޅުންވެސް އުފަލާއެކު ހޭދަ ކުރައްވައި، މަޖާ ކުރައްވައި އާއިލާއާއި ރަހުމަތްތެރިންނާއެކު އުޅުއްވުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވަނިކޮށް އިޖުތިމާޢީ ގައިދުރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމާއެކު، ޢާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރެއްވުމަކީ، ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވި ގޮތުގައި މިކަމުގައި (ކޮވިޑް19 އިން) އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، ކޮންމެ ބޭފުޅަކުންވެސް ޒިންމާދާރުކަމާއެކު ފަރުދީ ޒިންމާ އަދާކުރައްވައިގެންނެވެ.

"ކިތަންމެ ދުރުގައި ތިބެން ޖެހުނަސް، ގޭގެއަށް ޒިޔާރަތް ނުކުރެވުނަސް، އަދި ބޮޑެތި އެއްވުންތަކާއި ޙަފްލާތައް ނުބޭއްވުނަސް، ޢާއިލާގެ މީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، މިފަދަ މުނާސަބަތެއްގައި ނުހަނު ބޭނުންތެރި ކަމެއް."1441 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހީމް ވިދާޅުވީ، ޢާއިލާގައި ހިމެނޭ، ޢުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީޢާއިންވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެމީހުންގެ ޝުޢޫރުތަކާއި އިޙްސާސްތައް އަޑުއަހައިލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.

ރައީސް ނަޝީދު: އުފަލާއެކު މަޖަލާއެކު ޢީދު ފާހަގަކުރަން ގޮވާލެއްވި

ރާއްޖޭގައި އިންތިހާއަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ދަނޑިވަޅެއްގައި ބުރާސްފަތި ދުވަހުގެރޭ އާއްމު ކުރެއްވި ވީޑިއޯ މެސެޖުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު  ހުރިހާ ބޭފުޅުންވެސް (ރާއްޖޭގެ) އުފަލާއެކު ޢީދު ހޭދަ ކުރައްވައި، މަޖާ ކުރައްވައި އާއިލާއާއި ރަހުމަތްތެރިންނާއެކު އުޅުއްވުމަށް އެދިވަޑައިގެންފައިވާތީ ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔަމުން އެބަގެންދެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.