މުޖުތަމަޢުގައި ތިބި ނިކަމެތިންނާއި ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމީހެއްގެ ފެންވަރުން ކުރެވޭނެކަމެއް: ރައީސް

މުޖްތަމަޢުގައި ތިބި ނިކަމެތިންނާއި ފަޤީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދާ ބައްދަލުކުރާއިރު، އިޖްތިމާޢީ ގުޅުންތަކާއި ޢާއިލީ ގުޅުންތައް އާލާކޮށް ބަދަހިކުރުމަށް، އިސްލާމް ދީނުގައި ދީފައިވާ ޚާއްޞަ ސަމާލުކަން ހަނދާން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ޢީދުގެ އުފާ ފާޅުކުރުމުގެ ތެރޭގައި އިޖްތިމާޢީ ހަމަހަމަކަން ޤާއިމުކޮށް، މުޖްތަމަޢުގައި ތިބި ފަޤީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހިތްތަކަށް ވެސް އުފާވެރިކަން ގެނެސްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވާގޮތުން ޢީދުގެ އުފާ ފާޅުކުރުން، ޢާއިލާގެ ތެރެއިން ފެއްޓުމަށާ، މައިންބަފައިންނާއި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް، ޙާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އަގުބޮޑު ހަދިޔާއެއް ދިނުމަށްވުރެ މާ ބޮޑަށް، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަނބިދަރިންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ޚިޔާލު ބަދަލުކޮށްލައި ވާހަކަދައްކައިލުމަށް ވަގުތުކޮޅެއް ޚާއްޞަކޮށްލުމަކީ ވެސް، ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށާއި، ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް، ޢީދުގެ އުފާ ފާޅުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އިސްލާމް ދީނުގައި ޢީދުގެ އުފާ ފާޅުކުރުން އޮތީ، އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ގޮތެއްގައިކަމަށް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަވަށްޓެރިންނާ ރައްޓެހިންނާއި އެކުވެރިންނާއެކު ޢީދުގެ ތަހުނިޔާއާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާނެ ކަމެއްކަމުގައި ވިދާޅުވެފައެވެ.

ފިޠުރު ޢީދާއި ގުޅިގެން ފޮނުއްވި މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.