ޗައިނާއިން ޕާކިސްތާނަށް 2.3 ބިލިއަން ޑޮލަރުގެ ލޯނެއް

އިގްތިސާދީ ދަތިތަކެއް ކުރިމަތިވެފައިވާ ޕާކިސްތާނުގެ ބޭރުގެ ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ދޭ އެހީއެއްގެ ގޮތުގައި ޗައިނާއިން އެ ގައުމަށް 2.3 ބިލިއަން އެމެރިިކާ ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ.

މި ލޯނުގެ ވާހަކަ ހާމަކޮށްފައި މިވަނީ ފްރާންސުން ޕާކިސްތާނަށް ދީފައިވާ 107 މިލިއަން ޑޮލަރުގެ ލޯނު ޖީ-7 ގެ ލޯނު މާފުކުރުމުގެ ޕްރޮގްރާމުގެ ދަށުން މާފުކުުރުމާ ބެހޭ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިިކޮށްފައި ވަނިކޮށެވެ. ޕާކިސްތާނުގެ އިކޮނޮމިކް އެފެެއާޒް ޑިވިޝަނުން ބުނެފައި ވާގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް އެފެއާޒްގެ ސެކްރެޓަރީ މިޔާނ އަސަދު ޙަޔާއުއްދީނާއި ޕާކިސްތާނުގައި ހުންނަވާ ފްރާންސުގެ ސަފީރު ނިކޮލަސް ގެލީއެވެ.

"ޕާކިސްތާނާއި ޗައިނާއަކީ ހުރިހާ ހާލެއްގައިވެސް ސްޓްރެޓީޖިކް ބައިވެރިން. ޕާކިސްތާނުގެ އިގުތިސާދު ކުރިއަރުވައި، އާއްމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، މާލީ ހަމަޖެހުން ދެމެހެއްޓުމުގައި ޗައިނާއިން އަބަދުވެސް ޕާކިސްތާނަށް އެހީތެރިވޭ." ޗައިނާއިން ޕާކިސްތާނަށް 2.5 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމުމާ ބެހޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޝާއު ލީޖިއާން ވިދާޅުވިއެވެ.

ޗައިނާއިން ލޯނުގެ މި އެހީ ދޭން ނިންމާފައި ވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 2 ބިލިއަން ޑޮލަރުގެ ލޯނެއް ލިބުމުގެ އުއްމީދު ބޮޑުކަމުގައި ބޮޑުވަޒީރުކަމުގައި ހުންނެވި ޝެހެބާޒް ޝަރީފު މިއަދު އަންގާރަ ދުވަހު ވިދާޅުވެފައި ވެއެވެ.

"އުއްމީދުކުރެވޭ ގޮތުގައި އައިއެމްއެފުން އަހަރުމެންނަށް 1 ބިލިއަން ޑޮލަރުގެ ބަދަލުގައި ދެ ބިލިއަން ޑޮލަރުގެ ލިބޭނެ ކަމުގައި، (ފިނޭންސް މިނިސްޓަރ) މިފްތާޙު އިސްމާއީލު މެސެޖަކުން އަންގަވާފައިވޭ." ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ.

ޗައިނާއިން ޕާކިސްތާނަށް އެހީވާން ނިންމާފައި މިވަނީ ޕާކިސްތާނު ސިފައިންގެ ވެރިޔާ ޖެނެރަލް ޤަމަރް ޖާވޭދް ބާޖްވާ ދާދިފަހުން ޗައިނާއަށް ވަޑައިގެންފައި ވަނިކޮށެވެ. އަދި ޕާކިސްތާނުގެ އައު ޚާރިޖީ ވަޒީރު ބިލާވަލް ބުުއްޓޫވެސް ވަނީ އޭނާ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އެގައުމުގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ މަޝްވަރާކުރައްވާފައެެވެ.

އިންފްލޭޝަން މަތިވުމާއި، ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި، ކަރަންޓް އެކައުންޓުގެ ޑެފިސިޓް ބޮޑުވުމާއި، ފައިސާގެ އަގުދަށްވުމުގެ ސަބަބުން ޕާކިސްތާނަށް ވަނީ އިގުތިސާދީ ދަތިތަކާ ކުރިމަތިވެފައެވެ.

މި ދަތިތަކުން އަރައިގަތުމުގައި ޗައިނާގެ އިތުރަށް ސައޫދީ އަރަބިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ގައުމުން ވަނީ ޕާކިސްތާނަށް 8 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އެއްބަސްވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.